ދިވެހިރާއްޖޭގެ އަޑަށް 50 އަހަރު ފުރުނު ރަންޔޫބީލު މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، ރާއްޖޭގައި ރޭޑިޔޯގެ ޚިދުމަތް ވަރަށްކުޑަ ގޮތަކަށް ނަމަވެސް ފަށައި، މިއަދާ ހަމައަށް އެ ޚިދުމަތް ކުރިއަށް ގެންދިޔުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވިކަމަށްޓަކައި، اللّـه سبحـانـه وتعـالى ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދެންނެވުމެވެ. އެއަށްފަހު، މިވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑަށް އެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި، މިހާރު ދިވެހިރާއްޖޭގެ އަޑުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އެންމެހައި ވެރިންނަށާއި، ޕްރޮގްރާމްތައް ހުށަހަޅުއްވާ މުވައްޒަފުންނަށާއި، ޓެކްނީޝަނުންނަށާއި، ޚަބަރުގެ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށާއި، އިދާރީ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ.
އަޅުގަނޑަކީވެސް ވަރަށް ކުރިއްސުރެ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް އަޑުއަހަމުން ގެންދާ މީހެކެވެ. އަދި އަޑުގެ އެކި ޕްރޮގްރާމްތަކަށް އަޅުގަނޑުގެ ހިތުގައިވެސްވަނީ ޝައުޤުވެރިކަން އުފެދިފައެވެ. މިހާރުވެސް އަޅުގަނޑަށް ވަގުތުވީ ވަރަކުން ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް އަޑުއަހަމުން ގެންދަމެވެ. އެހެންކަމުން، މިއަދު ދިވެހިރާއްޖޭގެ އަޑަށް 50 އަހަރު ފުރޭއިރު، އެ އުފަލުގައި ބައިވެރިވުމަކީ، އަޅުގަނޑަށްވެސް ލިބޭ ވަރަށްބޮޑު ޝަރަފެކެވެ.
މިވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި، ތަފާތު އެކި ނަންނަމުގައި ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް، ރާއްޖޭގެ ރައްޔިތުންނަށްވަނީ ލިބިފައެވެ. 1962 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެންމެ ފުރަތަމަ [މާލޭ ރޭޑިޔޯ]ގެ ނަމުގައި މި ޚިދުމަތް ވަރަށް ކުޑަގޮތަކަށް ފެށިގެން އައިއިރު، އޭރު އެމަސައްކަތުގައި އުޅުއްވި ބޭފުޅުން އެކުރެއްވި ޤައުމީ ޚިދުމަތަކީ، މިއަދު އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ ޚިދުމަތެކެވެ. ޚާއްޞަކޮށް، ރޭޑިޔޯގެ ޚިދުމަތް ފެށްޓެވުމަށް އޭރުގެ ވަޒީރުލްއަޢުޘަމް ސުމުއްވުލްއަމީރު އަލްމަރުޙޫމް އިބްރާހީމް ނާޞިރު ކުރެއްވި މަސައްކަތްޕުޅުތަކުގެ ހަނދާންތައް އާކުރަމުން، އެ މަރުޙޫމުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި 1978 ވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އެމަނިކުފާނުގެ ޒަޢާމަތުގައި، ރާއްޖޭގައި ރޭޑިޔޯގެ ޚިދުމަތް ފުޅާ ކުރައްވައި ތަރައްޤީ ކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތައްވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށް، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ހަމައެއާއެކު، ރޭޑިޔޯގެ ޚިދުމަތް ފެށިގެން އައިސް އަދި އެ ޚިދުމަތް ތަރައްޤީ ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅުން ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރަމުން އެބޭފުޅުންނަށްވެސް ޙައްޤުވެގެންވާ ޝުކުރު ދަންނަވަމެވެ.
މިއަދު ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ބިނާވެގެން މިދަނީ، މި ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅުން އެޅުއްވި ހަރުދަނާ ބިންގަލުގެ މައްޗަށްކަމީ ދެބަސްނުވެވޭނޭ ޙަޤީޤަތެކެވެ. ރޭޑިޔޯގެ ޚިދުމަތް ދިވެހި ވުޖޫދަށް އުފަންވީ ހިސާބުން ފެށިގެން، މިއަދާ ހަމައަށް ރޭޑިޔޯ ގިރާކުރި ކޮންމެ ހަރުފަތެއްގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅުން، އެ ކުރެއްވި މަސައްކަތްޕުޅުތަކުގެ މަތިންވެސް އަޅުގަނޑުމެން މި މުނާސަބަތުގައި ހަނދާން އާކޮށްލަން ޖެހެއެވެ. އަދި ރޭޑިޔޯގެ ޚިދުމަތުގައި ވަރަށްގިނަ ދުވަހު އުޅުއްވައި، މިއަދު ދުނިޔެ ދޫކުރައްވާފައިވާ ބޭފުޅުންގެ މަތިންވެސް އަޅުގަނޑުމެން ހަނދާންކޮށް، އެބޭފުޅުންގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތަށް ދުޢާ ދަންނަވަމެވެ.
ދިވެހިރާއްޖޭގެ އަޑުގެ ރަންޔޫބީލު މުނާސަބަތު މިއަދު ފާހަގަކުރަމުންދާއިރު، މިވޭތުވެދިޔަ ދިގު މުއްދަތުގައި ދިވެހިރާއްޖޭގެ އަޑަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ދެބޭފުޅެއްގެ ނަންފުޅު އަޅުގަނޑު ހަނދާން ކުރަމެވެ. އެދެބޭފުޅުންގެ ނަންފުޅު ފާހަގަކުރުމަކީ، ދިވެހިރާއްޖޭގެ އަޑަށް ޚިދުމަތް ކޮށްދެއްވި އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންސާފެއް ކަމަކަށް އަޅުގަނޑު ފަހަރެއްގައިވެސް ނުދެކެމެވެ. އާދެ! އެ ދެބޭފުޅުންނަކީ އަލްފާޟިލް ސަމަރުބްލޫ އިބްރާހީމް މަނިކާއި، އަލްފާޟިލް ބަދުރުއްނަޞީރެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާ މަޢުލޫމާތުގެ ތަފާތު ޕްރޮގްރާމްތައް އިތުރުކުރެއްވުމަށާއި، އެ ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅު ކުރައްވައި، ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށާއި، އަދި އަޑުގެ އެކިއެކި ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އަޑުގެ އެހުންތެރިންގެ ހިތްހަމަޖައްސަވައިދެއްވުމަށް، އެދެބޭފުޅުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީ، އަޅުގަނޑުމެންގެ ހަނދާނުން ފޮހެވިގެންދާނެ މަސައްކަތްޕުޅުތަކެއް ނޫނެވެ. އަޑުގެ ތަރައްޤީއާ އެދެބޭފުޅުން ގުޅިފައިވާ މިންވަރު މިކަންކަމުން ދޭހަވެއެވެ. އެހެންކަމުން، މިމުނާސަބަތުގައި އަލްފާޟިލް ސަމަރުބްލޫ އިބްރާހީމް މަނިކާއި، އަލްފާޟިލް ބަދުރުއްނަޞީރު، ދިވެހިރާއްޖޭގެ އަޑަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށް، އެދެބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވައި، މި މުނާސަބަތުގެ ތަހުނިޔާ އަރިސް ކުރަމެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތަކީ، ޤައުމު ދެމިއޮތްހާ ހިނދަކު ދެމިހުންނާނެ ޚިދުމަތެކެވެ. އެއީ، ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތެއް ކަމަށްވާއިރު، ޢާންމުން ޝައުޤުވެރިވާ ގޮތަށް އަދި ޢާންމުންގެ ބައިވެރިވުން އެކުލެވޭގޮތަށް، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް މިއަދު ބައްޓަން ކުރައްވައި، ކުރިއަށް ގެންދަވާކަމީ އަޅުގަނޑު ނުހަނު އުފާކުރާ ކަމެކެވެ. ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތަކާއެކު، އަޑު މިއަދު ހޯދަމުންދާ ކުރިއެރުންތަކަކީ، މިފަދަ މުނާސަބަތެއްގައި އެކަންކަން އަޅުގަނޑުމެން ވަޒަންކުރަންޖެހޭ ކުރިއެރުންތަކެކެވެ.
އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދިވެހިރާއްޖޭގެ އަޑު އިތުރު ހަރުފަތްތައް ގިރާކޮށް، އަޑުގެ އެހުންތެރިންގެ ގާތުގައި މަޤްބޫލު ޝަޚްޞިއްޔަތަކަށް އެ އަޑު ވެގެން ދިޔުމެވެ. މާތްވެގެންވާ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި، ދިވެހިވަންތަކަމުގެ މައިގަނޑު އުސޫލުތައް ދަމަހައްޓައި، މުޖުތަމަޢުގެ ރީތި އުސޫލުތަކާއި އާދަކާދަތަކަށް އިޙްތިރާމްކޮށް، އަޚްލާޤީ ރިވެތި މިންގަނޑުތައް އަޅުގަނޑުމެންގެ ޅަކުދިންނަށާއި ޒުވާން ޖީލަށް ދަސްކޮށްދޭ މުއައްސަސާއެއްގެ ގޮތުން ދިވެހިރާއްޖޭގެ އަޑު ހެދިބޮޑުވަމުން ދިޔުމެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ! އަދަށްވުރެ ފެހި ކުރިމަގެއް ދިވެހިރާއްޖޭގެ އަޑަށް ދައްކަވާށިއެވެ! އާމީން.