بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:

السّــلام عليــكم ورحـمــة اللّـه وبـركاتـه،
މިއަދަކީ ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް. މިއަދުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން. ދިވެހިރާއްޖޭގައި އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރަން ފެށިފައި މިވަނީ، ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ޤުދުރަތީ ކާރިސާއާ ގުޅިގެން ދިވެހިން ދައްކައިދިން އެކުވެރިކަމާއި އެއްބައިވަންތަކަން ފާހަގަކުރުމަށް. އެދުވަހު އަންހެނުންނާއި ފިރިހެނުން، ކުޑަކުދިންނާއި ޒުވާނުން، މެދު ޢުމުރުގެ މީހުންނާއި މުސްކުޅިން، އާދެ! ހުރިހާ ދިވެހި ރައްޔިތުން އެ ސާބިތުކޮށްދިން އެއްބައިވަންތަކަމަކީ، މި ޖީލުގެ ދަރިން ދައްކައިދިން ދީނީ އަދި ޤައުމީ އެއްބައިވަންތަކަމުގެ ވަރަށް ރީތި މިސާލެއް.

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި އަޅުގަނޑުމެންގެ ތެރެއިން 82 މީހުން މަރުވެ، 26 މީހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފައި. މި ހިތާމަވެރި ހާދިސާގައި އަޅުގަނޑުމެންނާ ވަކިވެދިޔަ އަޚުންނާއި އުޚުތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަން. އަދި އެފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަން.

ސުނާމީ ކާރިސާގައި ރާއްޖޭގެ ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔައިރު ގިނަ ބައެއްގެ ގެދޮރު ގެއްލި ހާލުގައިޖެހުނު. އޭގެތެރޭގައި ލިބުނު ގެއްލުންތައް ބޮޑުކަމުން ބައެއް ރަށްރަށުގައި މީހުންނަށް ދިރިނޫޅެވޭވަރުވެގެން މީހުން ބަދަލުކުރަންޖެހުނު. 9 ރަށަކަށް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ސުނާމީގެ އަސަރުކުރި. ސުނާމީގައި ހާލުގައި ޖެހުނު ބައެއް މީހުންނަކީ ހަމައެކަނި އަމިއްލަ ނަފްސު ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތި މުޅި ދިރިއުޅުން ގެއްލިގެންދިޔަ މީހުން. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އާރާސްތުކުރަމުންދިޔަ މުޅި ދިރިއުޅުން، ބިޔަ އުސް ރާޅުގެ ތެރޭގައި އޮޔާ ގޮސް ގެއްލުނު. މި ބޮޑު ޤުދުރަތީ ކާރިސާގައި މުޅި ރާއްޖެ، ކަނޑުގެ ތެރެއަށް ގެނބިގެންދިޔަ ހިތްދަތި އަދި އަސަރުގަދަ ދުވަހަކީ، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން އެންމެ ބޮޑަށް ފެނިގެންދިޔަ ދުވަސް.

އަމިއްލަ ފުރާނަ ނުރައްކަލާ ކުރިމަތިވީ ވަގުތުގައިވެސް ގިނަ ބަޔަކު ވަނީ އެހެން މީހުންގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި މަތިވެރި ޤުރުބާނީތަކެއް ވެފައި. އަނބިންނާއި ފިރިންނާއި ދަރިންނާއި މައިންބަފައިންގެ އިތުރުން، އަވަށްޓެރިންނާއި ދުރުހިލޭ މީހުންގެ ޙައްޤުގައިވެސް ގިނަބަޔަކު ވަނީ ހިތްވަރުގަދަ ޖިހާދުތަކެއް ކޮށްފައި. ގިނަ ބަޔަކު ހާލުގައި ޖެހިގެން ދިޔައިރު އެކަކު އަނެކަކަށް އެހީތެރިވެދިނުމުގައިވަނީ އިސްލާމީ އުސޫލުތަކާއި ދިވެހިންގެ ޒަމާންވީ އާދަކާދައިގެ ތެރެއިން ރީތި ނަމޫނާތަކެއް ދައްކާފައި. އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެގެންދިޔަ އަޚުންނާއި އުޚުތުންގެ ތެރޭގައި އެހެން މީހުންގެ ފުރާނަ ސަލާމަތްކޮށްދެވޭތޯ މަސައްކަތްކުރި ހިތްވަރުގަދަ ދަރިންވެސް ހިމެނޭ.

ޝައްކެއްނެތް، އެއީ ހިތާމަވެރި ދުވަހެއް. އެއީ އަސަރުގަދަ ދުވަހެއް. އެދުވަހު ދިވެހިން ދައްކައިދިން އެއްބައިވަންތަކަން ހަނދާނަށް ގެނެސް، އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވާ އުޚުއްވަތްތެރިކަން ވަރުގަދަ ކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތްކުރުމަށް އަޅުގަނޑު މިއަދު އިލްތިމާސް ކުރަން. އެދުވަހުގެ ހާދިސާއިން ޢިބުރަތް ހާސިލުކޮށް، އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކުރުމަށް ގޮވާލަން. އަޅުގަނޑުމެން ދިވެހިންގެ މެދުގައި އޮންނަންވީ އިސްލާމީ އަދި ޤައުމީ އެއްބައިވަންތަކަން އެދުވަހު ވަނީ ވަރަށް ރީއްޗަށް ފެނިގެން ގޮސްފައި. އެބޮޑު ނުރައްކަލާ ކުރިމަތިލާންޖެހުނު ހިނދު، އެ އެއްބައިވަންތަކަން އަޅުގަނޑުމެންގެ ކިބައިން ނުފެނުނުނަމަ ލިބިގެންދިޔަ ބޮޑެތި ގެއްލުންތަކުން ސަލާމަތްވެ، ޤައުމު އާރާސްތުކުރަން އަޅުގަނޑުމެންނަށް މާގިނަ ދުވަސްތައް ހޭދަކުރަންޖެހުނީސްކަން ޔަޤީން.

ސުނާމީ ކާރިސާއަކީ ގިނަ ރައްޔިތުންތަކެއްގެ ދިރިއުޅުން މުޅިން އަލުން ފަށަން ޖެހުނު ދުވަހެއް. ގޯތިގެދޮރު ހަލާކުވެ، ދަނޑުތައް ހަލާކުވެ، އޮޑިދޯނިފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ދުވަހެއް. ނިޔާވެފައިވާ ފަރާތްތައް ވަޅުލެވޭނެ ގޮތެއްނެތިފައި ތިބެން ޖެހުނު ދުވަހެއް. ޖިސްމާނީ ގޮތުން ލިބުނު ބޮޑެތި އަނިޔާތަކުގެ އިތުރުން، ނަފްސާނީ ގޮތުން ވަރަށް ބޮޑެތި އަސަރުތަކެއް އަޅުގަނޑުމެންނަށް ކުރި ދުވަހެއް. އެދުވަހު ދިވެހި ހުރިހާ ރައްޔިތުން ގުޅިގެން ކުރި ބުރަ މަސައްކަތަކީ، މި ޤައުމު އަލުން އާރާސްތު ކުރުމަށް ލިބިގެންދިޔަ އެންމެ ބޮޑު ބާރު.

ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:

ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ސިފައިންނާއި ފުލުހުން އަދި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތް ފާހަގަކުރަންޖެހޭ. ދިވެހި ސިފައިން އިސްކޮށް ހަރަކާތްތެރިވެ، ހިންގި ދިގުދެމިގެންދިޔަ ބޮޑު އޮޕަރޭޝަނެއްގައި ރައްޔިތުންނަށް ބޭނުންވާ ބޯފެނާއި، ބޭހާއި، ކާބޯތަކެއްޗާއި، އަންނައުނު ފޯރުވައިދީފައިވޭ. އެންމެބޮޑަށް ހާލުގައި ޖެހިފައިވާ ރަށްރަށަށް، ޑޮކްޓަރުންނާއި ނަރުހުން ގޮވައިގެން ގޮސް، ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދިން. ކަފުނާއި ސަންދޯއް ހިފައިގެންގޮސް ކަށުކަމާކެމީގެ ކަންތައްތައް ހަމަޖައްސައިދިން. ހާލުގައި ޖެހިފައިތިބި މީހުން، ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްދީ، ގޯތިގެދޮރާއި މަގުތައް ސާފުކޮށްދީ، ބޭނުންވާ ވަގުތީ ބޯހިޔާވަހިކަން ފޯރުވައިދިނުމުގެ މަސައްކަތްތައް ވަގުތުން ފެށި. ރިލީފް ކޭމްޕްތައް ޤާއިމުކޮށް، ހާލުގައިޖެހިފައިވާ ފަރާތްތަކަށް އޯގާތެރިކަމާއެކު އަޅާލަމުންދިޔަ. އޭގެފަހުން ދާއިމީ ހިޔާވަހިކަން ފޯރުވައިދިނުމުގެ ޤައުމީ ބޮޑު އަދި ބުރަ މަސައްކަތް ސަރުކާރުން ފެށި. އެކަމުގައި އެހީވެދެއްވި ބޭރުގެ ފަރާތްތަކާއި އެމަސައްކަތް ކުރެއްވި ސަރުކާރުގެ އިދާރާތަކާއި ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، އެހުރިހާ ފަރާތްތަކަކަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު ޝުކުރު ދަންނަވަން.

ސުނާމީ ކާރިސާއަކީ އެ ހަނދާންތައް އަންނަ ކޮންމެ ފަހަރަކު އަޅުގަނޑުމެން ދިވެހިންގެ ހިތްތައް ރޮއްވާލާ ކާރިސާއެއް. އެ ކާރިސާއަކީ ދުވަހަކުވެސް އެފަދަ ދެވަނަ ކާރިސާއެއް އަޅުގަނޑުމެންނަށް ކުރިމަތި ނުކުރެއްވުމަށް އެދި ދުޢާ ކުރެވޭވަރުގެ އަސަރާއި ވޭން ތަހަންމަލު ކުރަންޖެހުނު ކާރިސާއެއް. އެ ކާރިސާއަށް 8 އަހަރު ފުރިގެންދާއިރު މިއަދު އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަން އޮތީ ކިހިނެއްތޯ މިއީ އުފެދޭ ސުވާލެއް. ފެންނަ މަންޒަރުތަކާއި އިވެމުންދާ އަޑުތަކުން، އަދި ދެކެވޭ ވާހަކަތަކާއި ލިޔެވޭ ލިޔުންތަކާއި ކުރެހޭ ކުރެހުންތަކުން ފެންނަމުންދަނީ އުޚުއްވަތްތެރިކަމުގެ ފޭރާން ވީދި ހަލާކުވެފައިވާ މިންވަރު. ސިޔާސީ އަމިއްލަ މަންފާއަށްޓަކައި މުޅި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލަން ކުރެވޭ މަސައްކަތްތައް. އަމިއްލަ މަސްލަހަތުގެ ކުރިމަތީގައި ޤައުމުގެ މަޞްލަޙަތުތައް ފަހަށް ޖައްސާލެވޭތަން. މިއީ، ހިތާމަހުރި ކަމެއް. ޝައްކެއްނެތް، މިއީ، އަޅުގަނޑުމެން ވިސްނާ ފިކުރުކޮށް، އިސްލާހުކޮށް، ރަނގަޅުކުރަންޖެހިފައިވާ ކަމެއް.

ހީނަރުވެފައިވާ ޤައުމީ އެއްބައިވަންތަކަން ދިރުވާ އާލާކުރުމަކީ، އަޅުގަނޑުމެން ކޮންމެ ދިވެހިރައްޔިތެއްގެ މަސްއޫލިއްޔަތެއް. ޤައުމެއް މިފަދަ ހާލަތަކަށް ވެއްޓިގެންދާ ހިނދު، އޭގެ ހަމައިސްކޮޅަށް ތެދުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް އެއްވެސް ޢުޒުރެއް އޮވެގެން ނުވާނެ. އެއީ، އެއަށްވުރެ މާ ބޮޑު މަސްއޫލިއްޔަތެއް. ފަރުދީ ޒިންމާއަށް ފަސްނުޖެހި، އެއްބައިވަންތަކަމަށްޓަކައި އަމިއްލަ މަސްލަހަތުގެ ކުރިއަށް، ޤައުމީ މަސްލަހަތު އިސްކުރަންއެބަޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދި، ފިތުނައިގެ އަލިފާންގަނޑުތައް ބޮޑުވެ އަނދަމުންދާނަމަ، އޭގެ ހޫނުގެ ނޭދެވޭ އަސަރު މި ޤައުމަށް ނުކޮށެއްނުދާނެ. އަޅުގަނޑުމެންގެ ޤައުމުގެ އެއްބައިވަންތަކަން ހީނަރުވާ ކޮންމެ ވަގުތަކީ ބޭރުގެ ނުފޫޒުތަކަށް ފުރުޞަތު ދެވޭ ވަގުތު.

ސުނާމީ ކާރިސާއަށްފަހު ރާއްޖެއަށްވަނީ ވަރަށްބޮޑެތި ބަދަލުތަކެއް އައިސްފައި. މިފަދަ ހާދިސާތަކާމެދު އާންމު ރައްޔިތުންގެ މެދުގައިވަނީ ހޭލުންތެރިކަން އިތުރުވެފައި. ކުއްލި ނުރައްކަލުގެ ހާދިސާތަކުގައި ލީޑް އެޖެންސީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުވަނީ އުފެއްދިފައި. ކުރިއާ ޚިލާފަށް ސިފައިންގެ އޭރިއާ ކޮމާންޑްތަކާއި، ޕޯސްޓްތަކާއި، ޕޮލިސް ސްޓޭޝަންތައް ރާއްޖޭގެ ކަންކޮޅުތަކުގައިވަނީ ޤާއިމުކުރެވިފައި. ދިމާވާ ހާދިސާތަކުގައި ހަރަކާތްތެރިވުމަށް ބޭނުންވާނެ ވަސީލަތްތައް ހޯދައިދީ، މި ޚިދުމަތްތައް ހަރުދަނާކުރުމަކީ، އަޅުގަނޑުމެން ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅި ލާމެހިފައިވާ ކަމެއް. އެ މަސައްކަތް މިދަނީ ސަރުކާރުން ކުރަމުން. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން މިހާރުވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން. މިހެން މިކަންތައްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރެވުނުނަމަވެސް ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމަކީ، ވަރަށް މުހިންމުކަމެއް. ލިބިފައިވާ މަދު ވަސީލަތްތަކާއެކުވެސް އެއްބައިވަންތަކަމާއެކު މަސައްކަތްކޮށްފިނަމަ ހާސިލުކުރެވޭ ނަތީޖާ ބޮޑުވެގެންދާނެކަން ޔަޤީން.

ހަމައެއާއެކު، މާޒީން ޢިބުރަތް ލިބިގެން، ކުރިއަށް އޮތް ތަނުގައި މިފަދަ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އަޅުގަނޑުމެން ރޭވުންތައް ރާވަންޖެހޭ. އަޅުގަނޑުމެންގެ ރައްޔތުންނަކީ، ޑިޒާސްޓަރ ރެޒިލިއަންޓް ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަންއެބަޖެހޭ. އަދި ސޭފް އައިލަންޑް ކޮންސެޕްޓްގެ ދަށުން، ރާއްޖޭގައި މީހުން އުޅޭ ރަށްރަށަކީ، ރައްކާތެރި ރަށްރަށަށް ހެދުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން. ހަމައެއާއެކު، ރައްޔިތުންގެ ހޭލުންތެރިކަން މިހާރަށްވުރެވެސް ބޮޑަށް އިތުރުކުރުމަށް ސަރުކާރުން ސަމާލުކަންދޭނެ ވާހަކަ ދަންނަވަން. އަދި ކާރިސާތައް ދިމާވާ ވަގުތު، ލިބޭ ގެއްލުން ކުޑަކުރުމަށް، ފަރުދީ، އަދި ރަށްރަށުގެ ފެންވަރުގައި ކުރެވޭނެ ކަންތައްތައް އެބަހުރިކަން އަޅުގަނޑުމެން އެބަ ދެނެގަންނަންޖެހޭ. އަޅުގަނޑުމެންނަށް ދިމާވާ ބޮޑެތި އެހެން ކަންތައްތަކެކޭވެސް އެއްގޮތަށް ކާރިސާތަކާވެސް އެންމެ ފުރިހަމައަށް ކުރިމަތިލެވޭނީ، ސަރުކާރުގެ އެކި ދާއިރާތަކާ ރައްޔިތުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކޮށްގެން.

އަޅުގަނޑުމެންނަކީ އަބަދުވެސް އެއްބަޔަކު އަނެއް ބަޔެއްގެ އެހީތެރިކަމާއި އެއްބާރުލުމަށް ބޭނުންވާ ބައެއް. އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން އުޅެންޖެހިފައިވާ ބައެއް. އަޅުގަނޑުމެންނަށް ތަރައްޤީއާއި ކާމިޔާބުގެ އުސް ހަރުފަތްތައް ގިރާކުރެވޭނީ، އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ވާގިވެރިވެގެން. އަޅުގަނޑުމެންގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކާ މުޢާމަލާތު ކުރުމުގައި ރީތި އަދަބުތަކާއި އަޚްލާޤީ ރީތި ސިފަތައް ގެންގުޅެގެން. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާ ގުޅުންތަކަށް ބުރޫ އަރާފާނެ ހުރިހާ ކަމަކުން އަޅުގަނޑުމެން ދުރުހެލިވެގެން. ލޭގެ ގުޅުމާއި އަވަށްޓެރިކަމުގެ ގުޅުމާއި އިޖުތިމާޢީ ގުޅުންތައް ދަމަހައްޓައި އިޙްތިރާމް ކޮށްގެން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ސުނާމީ ކާރިސާގައި އަޅުގަނޑުމެންނާ ވަކިވެދިޔަ ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ރަޙުމަތް މާތް ﷲ މިންވަރުކުރެއްވުން. އެދުވަހުގެ އެ ކާރިސާއިން ޢިބުރަތް ހާސިލުކޮށް، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ މެދުގައިހުރި ޚިޔާލު ތަފާތުވުންތަކާއެކުވެސް އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއެކު މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.