بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

ޢިއްޒަތްތެރި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އަދި ދައުލަތުގެ އިސްވެރިން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ސްޓާފުން އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު މިއީ ވަރަށް ތާރީޚީ ދުވަހެއް. ދިވެހިރާއްޖޭގައި މަސްވެރިކަން ކުރަމުންދާތާ ލައްކަ ޒަމާންވެއްޖެ. ރާއްޖޭގައި މީހުން ދިރިއުޅޭހާ ދުވަހެއްވެއްޖެ. އެހެން ނަމަވެސް، ރާއްޖޭގެ މަސްވެރިކަން ރާވައިގެން ބެލެހެއްޓޭ ގޮތަކަށް، އެކަން ފަރުމާކޮށް، އެކަން މެނެޖް ކުރުމަށްޓަކައި ޕްލޭނެއް ތައްޔާރުކުރެވި، އެ ޕްލޭން އިފްތިތާޙު ކުރެވޭ ދުވަސް މިއަދަކީ. އެހެންވީމާ، އެގޮތުން މިއީ ރާއްޖޭގެ ތާރީޚުގައި، އަޅުގަނޑު ދަންނަވާނީ ވަރަށްވެސް ކުލަގަދަގޮތެއްގައި ފާހަގަކުރަންޖެހޭ ތާރީޚީ ދުވަހެކޭ.

އާދެ! މި ޕްލޭން އިފްތިތާޙުކޮށްދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުގެ ދުޢާއަކީ، މި ޕްލޭންގެ ދަށުން ދިވެހިރާއްޖޭގައި ފާނަމަސްވެރިކަން ކުރުމުގެ މަސައްކަތް، ދެމެހެއްޓެނިވި ގޮތެއްގައި އަބަދަށް ދެމިއޮވެގެންދާނެ ކަމަށް.

އާދެ! އަޅުގަނޑުގެ ކުރިން މިތާ ވާހަކަ ދެއްކެވި ބޭފުޅުން، މި މައުޟޫޢާ ބެހޭގޮތުން ވަރަށްގިނަ ވާހަކަފުޅު ދައްކަވައިފި. އެހެން ނަމަވެސް، އަޅުގަނޑުވެސް ދެތިން އެއްޗެއް ދަންނަވާލާނަން.

އަޅުގަނޑުމެން މިއަދު މި ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މަސްވެރިކަމަކީވެސް ޙައްދެއްނެތި، އަޅުގަނޑުމެން ކުރާނެ ގޮތަކަށް ކުރަން އޮތް މަސައްކަތެއް ނޫންކަން. ކަނޑުތަކަކީ އަޅުގަނޑުމެން ކުރިން ދެކޭގޮތުގައި، ވަރަށްބިޔަ ބޮޑެތި ތަންތަން. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް، ޔުނިވަރސްގައި ހިމެނޭ އެކިއެކި ޕްލެނެޓްތަކާ އަޅާބަލާއިރުގައި، މި ކުޑަކުޑަ ބިމުގެ ސައިޒް، މިހާރު ކުރިއަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށް އިޙްސާސް ކުރެވިގެން އެބަދޭ. އަދި އަޅުގަނޑުމެން ދިރިއުޅެން ﷲ މިންވަރު ކުރައްވާފައި މިވާ ޕްލެނެޓަކީ، މާބޮޑު އެއްޗެއް ނޫންކަން އިޙްސާސް ކުރެވިގެންދޭ. އަދި މި ޕްލެނެޓްގެ ބޮޑު ބަޔަކީ ކަނޑު. އެ ކަނޑުތަކުގައި ހިމެނޭ ދިރުންތައް، އަޅުގަނޑުމެންގެ ދިރިއުޅުން ބިނާވެފައި މިއޮތީ އޭގެ މައްޗަށް. ޚާއްޞަކޮށް، ކުދި ޖަޒީރާތަކުގައި ދިރިއުޅޭ ދިވެހިންނަށް މިއޮތީ ކަނޑުތަކަށް ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ދިރިއުޅުން ލާމެހިފައި. އެހެންވީމާ، މިކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާ ވިސްނުން މިއަދު އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަސައްކަތް ކުރަން. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ތެރޭގައި، މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސައްކަތެއްގެ ގޮތުގައި ދެކެން.

އާދެ! ކަނޑުމަހުގެ މަސްވެރިކަން، އަޅުގަނޑުމެން އެންމެ ބޮޑަށް ކުރާ މަސައްކަތަކީ. ނަމަވެސް، ކަނޑުމަހުގެ މަސްވެރިކަމަކީވެސް އެއީ ޙައްދެއްނެތި ކުރެވެން އޮތް ކަމެއް ނޫން. އެހެންވީމާ، މިއަދު އަޅުގަނޑުމެން އެކަން ދެނެގެން، މި މަސްވެރިކަން މެނެޖްކޮށްގެން ރަނގަޅަށް ހިންގުމަށްޓަކައި، މި ޕްލޭން މި ތައްޔާރުކޮށްފައި މިވަނީ. އަޅުގަނޑުގެ ވާޖިބެއް، މިއަދު ޚާއްޞަކޮށް، މިނިސްޓްރީ އޮފް ފިޝަރީޒްގެ މިނިސްޓަރަށް އަދި ހުރިހާ ބޭފުޅުންނަށް އަދި ޚާއްޞަ ގޮތެއްގައި، މެރިން ރިސަރޗް ސެންޓަރުގެ ބޭފުޅުންނަށް، ޚާއްޞަކޮށް، އެ ސެންޓަރުގެ މިހާރު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ޑޮކްޓަރ މުޙަންމަދު ޝިހާމް އާދަމަށް އަޅުގަނޑު، އަޅުގަނޑުމެން އެންމެންގެ ނަމުގައި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުމެންގެ ރަށްތައް މިހިރީ ވަރަށް ނާޒުކު ކުދިކުދި ރަށްތަކެއްގެ ގޮތުގައި. ހުރިއިރުގައި މި ރަށްތައް، ވީހާވެސް ދިގު މުއްދަތަކަށް އަޅުގަނޑުމެނަށް ދިރިއުޅެވޭނެ ގޮތަކަށް އެބަ ވިސްނައި ފަރުމާކޮށް، އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް އެބަ ކުރަންޖެހޭ. އެގޮތުން، އަޅުގަނޑުމެންގެ ތަރައްޤީއާއި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަން ބައްޓަންކުރަން މިޖެހެނީ، މިކަންކަން ދެމެހެއްޓޭ ގޮތަކަށް. އަޅުގަނޑުމެންގެ ފަރުތައްވެސް ދެމެހެއްޓޭ ގޮތަކަށް. އަދި އެ ފަރުތައް ދެމެހެއްޓުމުގެ ސަބަބުން އަޅުގަނޑުމެންގެ ގޮނޑުދޮށްވެސް ޙިމާޔަތް ކުރެވޭނެ ގޮތަކަށް. އަދި ރަށްތައް ދިގު މުއްދަތަކަށް އޮންނާނެ ގޮތަކަށް.

އެހެންވީމާ، މަސްވެރިކަމުގެ ވާހަކަ ދައްކާއިރުގައި ތިމާވެށީގެ ވާހަކަ ދައްކަން މިޖެހެނީ. އަދި ޚާއްޞަކޮށް، މިއަދުގެ މައުޟޫޢު، ފަރުމަހުގެ މަސްވެރިކަމާ ދޭތެރޭގައި ވިސްނާއިރުގައި، ކުރިން އިވިވަޑައިގަތް ފަދައިން، ފަރުމަހަކީ ވަރަށް ހަނި ދާއިރާއެއްގައި، އެތަކެތީގެ ދިރިއުޅުން ބިނާވެފައި ހުރި އަދި މަސްވެރިކަން އޮތް މަސައްކަތެއް. ވީމާ، އަޅުގަނޑުމެން އެބަ ބަލަންޖެހޭ، ކިހިނެއްތޯ އަޅުގަނޑުމެންގެ ފަރުތަކަށް، މި ފަރުމަސްވެރިކަމާވެސް ގުޅުންހުރީ. اللّـه سبحـانـه وتعـالى ހައްދަވާފައިވާ ހުރިހާ ތަކެއްޗެއް މިވަނީ އެކަތި އަނެކައްޗާ ލާމެހިގުޅިފައި. އިކޮލޮޖީ އަޅުގަނޑުމެން ދަސްކުރަނީ އެކަން ދެނެގަތުމަށްޓަކައި. އިކޯ ސިސްޓަމެއްގެ ތެރޭގައި ހުންނަ ހުރިހާ އެއްޗެއް މިހުންނަނީ ގުޅިފައި. ކޮންމެ އެއްޗެއްގެވެސް ކޮންމެވެސް ފަންކްޝަނެއް އެބަ އޮވޭ. އޭގެ ސަބަބުން، އެ ނެތިދިޔުމުން، އެހެން ތަކެއްޗަށް އޭގެ އަސަރުކުރޭ އެބަ. އެހެންވީމާ، މިސާލަކަށް، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، އަޅުގަނޑުމެންގެ ފަރުތަކުން ފާނަ މުޅިން ނެތިގެން ހިނގައްޖެއްޔާ، ދެން ލިބޭނީ ކޮން ގެއްލުމަކަށްތޯވެސް. މިއަދު އަޅުގަނޑުމެންނަކަށް އެކަން މުޅިއަކުން މާރަނގަޅަކަށް ސާފެއްނުވޭ. އެހެން ނަމަވެސް، ގިނަފަހަރަށް މިބާވަތުގެ ކަންތައްތައް ވެގެންދަނީ، އެކަން ރަނގަޅަށް ދިރާސާ ކުރެވި، އެނގިފައި ނެތީމާ. އެހެން ނަމަވެސް، އެ ނެތިގެން ދިޔުމުން، ދެން ލިބޭ ގެއްލުން، ހަމަ ވަރަށްބޮޑު ގެއްލުމަކަށްވެސް ހަމަ ވެދާނެ. އެހެންވެގެން އަޅުގަނޑުމެން މިޖެހެނީ މި ދަމަހައްޓަން. އަޅުގަނޑަކީ މަސްވެރިކަމުގެ އެކްސްޕަރޓެއް ނޫން. އެހެން ނަމަވެސް، ދާދިފަހުން އަޅުގަނޑަށް ލިބުނު މަޢުލޫމާތެއްގައި، އަޅުގަނޑުމެން މިހާރު ވަރަށް ގިނައިން އެކްސްޕޯޓްކުރާ ބާވަތެއް ހުއިފިލަނޑާ، ސީ ކިއުކަމްބާ. އަޅުގަނޑަށް ލިބުނު މަޢުލޫމާތަކީ، މީގެ ވަރަށް މުހިންމު ފަންކްޝަނެއް އޮންނަ ކަމަށް. ތަން ސާފުކުރުމާ. އެހެންވީމާ، ފަރުގެ ތެރޭގައި ނޫނީ ފަރު ކައިރީގައި ހުންނަ ތަންތަން ސާފުނުކުރެވޭ ކަމަށްވަންޏާ، ދެންވާނެ ގޮތް އެނގިވަޑައިގަންނަވާނެ. މާލެއަށް މިވާހެން ވާނީ. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން އެބަޖެހޭ، މިކަންކަމާ ދޭތެރޭގައި ވިސްނަން.
ފާނަ ޤުދްރަތީގޮތުން ފަރުގައި އަދާކުރަނީ ކޮން ވަޒީފާއެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭނެ. އެހެންވީމާ، އެބަޖެހޭ މި މެނެޖްކުރަން. ފާނަ ނެތް ދުވަހަކީ އެއީ ރަނގަޅު ދުވަހަކަށް ނުވާނެ ހަމަގައިމުވެސް. އެހެންވީމާ، އަޅުގަނޑުމެން މިޖެހެނީ މިކަމާ ދޭތެރޭގައި އަޅަންޖެހޭ މި ފިޔަވަޅުތައް އަޅަން. އަޅުގަނޑުމެންނަށް ފާނަމަސްވެރިކަމަކީ އެއީ، ފައިދާހުރި މަސްވެރިކަމެއް. އެކަން އަޅުގަނޑުމެންނަށް އޮތީ ކުރެވޭގޮތަށް. އެކަން ތަރައްޤީވެސް ކުރެވޭގޮތަށް. އެކަމަކު އެކަން ކުރެވޭނީ، މިހާރު މިހެދުނު މެނެޖްމަންޓް ޕްލޭންފަދަ ޕްލޭން ހެދިގެން. އެކަން މެނެޖް ކުރެވިގެން. އެއީ، އެތަކެއްޗަކީ ދެންމެ އިވިވަޑައިގަތް ފަދައިން، ކޮންމެކޮންމެ ތާކަށް ބިސްދޫކުރާ އެއްޗެއްވެސް ނޫން. ކަނޑައެޅިފައި ހުންނަ ވަކިތަންތަނަށް މި މިމަސްތައް މި ބިސް ދޫކުރަނީވެސް. އެހެންވީމާ، އެ އުފެދޭނީވެސް ވަކި ތަންތާނގައި. އެތަންތަން އެބަޖެހޭ ޙިމާޔަތް ކުރަން. އެ ޙިމާޔަތް ކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ މަސްވެރިކަން ޙިމާޔަތްވެގެން މިދަނީ.

އެހެންވީމާ، މިދެންނެވި ކަންކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވ، މަސްވެރިކަން ކިޔަވައިވިދާޅުވެގެން ތިއްބެވި ބޭފުޅުން ދިރާސާ ކުރެއްވުމަށްފަހުގައި އަދި މަސްވެރިކަން ކުރައްވާ ބޭފުޅުންނާއި، މަސް އެކްސްޕޯޓް ކުރައްވާ ބޭފުޅުންނާވެސް މިކަމުގައި ޝާމިލް ކުރައްވައިގެން، ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވުމަށްފަހުގައި، މި ޕްލޭން ތައްޔާރުވެފައި މިއޮތީ. އަދި އެއަށްފަހު، މި ޕްލޭން ކެބިނެޓަށް ގެންނަވައި، ކެބިނެޓްގައިވެސް މަޝްވަރާ ކުރެއްވުމަށްފަހު، ކެބިނެޓުން މިވަނީ މި ޕްލޭން ފާސްކޮށްފައި.

ވީމާ، އަޅުގަނޑު އުންމީދު ކުރަން، މީގެ ސަބަބުން ފާނައިގެ މަސްވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް. އަދި މި ޕްލޭން ތަންފީޛު ކުރުމަށްޓަކައި، މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަކުން ވަރަށް އިޚްލާޞްތެރިކަމާއެކީގައި މަސައްކަތް ކޮށްދެއްވަމުން ގެންދަވާނެ ކަމަށް. މީގައި އެބަހުރި، މަނާކުރެވޭ ކަންތައްތަކެއް. މަނާކުރެވޭ ކޮންމެ ކަމަކީ، އެކަން ތަންފީޛު ކުރުމަށްޓަކައި ބަޔަކު އެކަމަށް ޢަމަލީގޮތުން ބަދަލުތަކެއް ގެންނަންޖެހޭ ކަމެއް. މިއިން ކޮންމެ ކަމަކީ މިއީ ލޯ އެންފޯސްމަންޓް އެޖެންސީތަކުގެ ފަރާތުން އަބަދު ބަލަން ތިބެގެން ކުރެވޭނެ ކަންތައްތަކެއް ނޫން. އެހެންވީމާ، މީގައި ޚާއްޞަކޮށް، މަސްހިފާ ބޭފުޅުން، މަސްހިފާ ފަރާތްތަކުން އެބަޖެހޭ މިކަމަށް ސަމާލުވެވަޑައިގަންނަވައިގެން، މިކަމަކީ މިއީ ތިމަންނަމެންގެ އަމިއްލަ ދިރިއުޅުމަށްޓަކައި، ތިމަންމެންގެ އަމިއްލަ ކުރިއެރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ޤަބޫލު ކުރައްވައިގެން، ވަކި ސައިޒަކަށްވުރެ ކުދި މަސް ނުހިއްޕެވުމަށާއި، އަދި ބިސް ދޫކުރާ ސަރަޙައްދުތަކުގައި، ކަނޑައެޅިފައި އޮންނަ ދުވަސްވަރެއްގައި މަސްވެރިކަން ނުކުރުމަށާއި، މިހެން ހުންނަ ޕްލޭންތަކެއްގައި މިހިރަ ގައިޑްލައިންސްތަކުގެ ތެރެއިން ހުރިހާ ބޭފުޅުން މަސައްކަތް ކުރެއްވުން އެއީ ވަރަށް މުހިންމު ކަމެއް. އެކަމަކަށް އަޅުގަނޑުމެންނަކަށް ޤާނޫނީގޮތުން ފިޔަވަޅު އަޅައި، އެކަމުގެ ފަހަތުން ފުލުހުން ފޮނުވާ، މިކަހަލަ ކަންތައްތަކެއް ނުކުރެވޭނެ. އެހެންވީމާ، ޕްލޭން އިމްޕްލިމެންޓް ކޮށްދެއްވުމުގައި، ހުރިހާ ފަރާތެއްގެ އިޚްލާޞްތެރި އެހީތެރިކަން ލިބުމަކީ، މި ޕްލޭން ތަންފީޛު ކުރުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް.

ދެން އަދި ހަމަ އެހެން، މި ޕްލޭން މިހާރު އިމްޕްލިމެންޓް ކުރަން ފެށުމާ އެކީގައި، މަސްވެރިކަމަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި މެރިން ރިސަރޗް ސެންޓަރުގެ ފަރާތުން، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތް، އެ ރިސަރޗް މަސައްކަތް ހަމަ ކުރިއަށް ގެންދެވުން އެއީ، ވަރަށް މުހިންމު ކަމެއް. އެކަން ދޭތެރެ ދޭތެރެއިން މޮނިޓަރ ކުރައްވައި، ޙާލަތު ބަދަލުވާގޮތް ދެނެގަނެގެން، އެކަމާ ބެހޭގޮތުން ދޭންޖެހޭ ރިޕޯޓްތައް ދެއްވުމަކީ އެއީ ވަރަށް މުހިންމު ކަމެއް. މި ޕްލޭން ކާމިޔާބުވާނީ، ޕްލޭން މޮނިޓަރ ކުރެވިގެން. އަދި ކޮންމެވެސް ހިސާބަކުން އަލުން މުޠާލިޢާކޮށް، އެ އަންނަ ބަދަލުތައް، ކަމާބެހޭ ހުރިހާ ސްޓޭކް ހޯލްޑަރުންނަށް، މަސްހިފާ ފަރާތްތަކާއި، މަސް އެކްސްޕޯޓްކުރާ ފަރާތްތަކާއި އަދި ތިމާވެށްޓާބެހޭ އެކިއެކި އެޖެންސީތަކަށް އެ މަޢުލޫމާތު ދެއްވައިގެން.

އަޅުގަނޑުގެވެސް އެދުމަކީ، މިބާވަތުގެ މަސްވެރިކަންވެސް އަދި މަސްވެރިކަމުގެ ދާއިރާގެ އެހެނިހެން ދިމަދިމާލުންވެސް އަޅުގަނޑުމެންނަށް ކުރެވެންހުރި ކަންތައްތައް ފުޅާވެ، ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ، ރައްޔިތުންނަށާއި ސަރުކާރަށް އިތުރުވަމުންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ ކަނޑުތަކާއި ފަރުތަކުގެ ރިޒުޤު އިތުރުކުރައްވައި އަދި މިތަންތަން ޙިމާޔަތްކޮށް ބެލެހެއްޓުމުގެ ހެޔޮ ވިސްނުން އަޅުގަނޑުމެންނަށް ދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.