بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! މިއަދަކީ ވަރަށް ޚާއްޞަ ދުވަހެއް. ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހަކީ، ވަޒީރުންގެ މަޖިލީހަށް އަހަރުފުރޭ ދުވަސް. އާދެ! ތީގެތެރެއިން ބައެއް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ފުރަތަމަ ދިވެހިރާއްޖޭގައި ވަޒީރުންގެ މަޖިލީހެއް އުފެދުނީ، 1932 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު. އެހެންވީމާ، އޭގެފަހުން މިއަދަކީ މިއީ 80 އަހަރު ފުރޭ ދުވަސް. އެހެންވީމާ، ދިވެހިރާއްޖޭގައި ވަޒީރުންގެ މަޖިލީހަކަށް އަހަރު ފުރޭ ދުވަސް މިއަދު މިއީ. 80 އަހަރު ފުރުނު ދުވަސް. މިވޭތުވެދިޔަ ދިގު ރާސްތާގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވާ ގިނަގުނަ ބޭފުޅުން ރާއްޖެއަށްޓަކައި ވަނީ ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައި.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގައި ތަފާތު ދުވަސްވަރު، ކެބިނެޓުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން މިއަދު ދުނިޔޭގައިވެސް އަދިވެސް އެބަ ތިއްބެވި ކިތަންމެ ބޭފުޅުންނެއް. އެހެންކަމުން، މިއަދުގެ ތަހުނިޔާއާއި މުބާރަކްބާދީ، އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ރައްދުކުރަން. އަދި ހަމައެއާއެކީގައި، މިހާރުގެ ކެބިނެޓްގެ ޢިއްޒަތްތެރި ވަޒީރުންނަށް އަޅުގަނޑު ވަރަށް ހޫނު މަރްޙަބާއަކާއި ތަހުނިޔާއެއް ދަންނަވަން.

އާދެ! ރާއްޖޭގެ ކެބިނެޓުގެ ތާރީޚުގައި ވަރަށްގިނަ ދުވަހު ޚިދްމަތް ކުރެއްވި ބޭފުޅުންވެސް އެބަ ތިއްބެވި. އަދި މި ދިގު ތާރީޚުގެ ތެރޭގައި، ކެބިނެޓުގައި އަންހެން ބޭކަނބަލުންވެސް ވަނީ ތަފާތު ދުވަސްވަރު ޚިދުމަތްކޮށްދެއްވާފައި. މިހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު މިއަދުގެ ކެބިނެޓުގެ ނަމުގަޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކީގައި، އެބޭފުޅުން ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ ޚިދްމަތަށް ޝުކުރު ދަންނަވަން.

ހަމަ މިހިނދުގައި، އަޅުގަނޑުމެން ހަނދާންކުރަންޖެހޭ، މިދުވަހަކީ އަދި ދައުލަތުގެ އެހެން މުއައްސަސާއަކަށްވެސް އަހަރު ފުރޭ ދުވަސް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ވަޒީރުންގެ މަޖިލިސް އުފެދުނީވެސް ރައްޔިތުންގެ މަޖިލީސްވެސް އެކުލަވައިލެވުނު ދުވަހު. އެހެންވީމާ، މިއަދަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށްވެސް 80 އަހަރު ފުރޭ ދުވަސް. އެހެންވީމާ، މަޖިލީހުގެ ރައީސަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑުގެ މިއަދުގެ ތަހުނިޔާއާއި މުބާރަކްބާދީއާއި ހެޔޮއެދުންތައް ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގައި ކެބިނެޓުގެ ޚިދުމަތަކީ، އަބަދުވެސް ޤައުމަށް ފައިދާހުރި އަދި ޤައުމުގެ ތަރައްޤީއަށްޓަކައި ބޮޑެތި މަސްއޫލިއްޔަތުތަކެއް އަދާކުރައްވާ، އަގުހުރި ޚިދްމަތްތަކެއް ކުރައްވާ މަޖިލީހެއް ކަމުގައި އޮތުން. އަދި ރާއްޖޭގެ ޑިމޮކްރެޓިކް ތަރައްޤީގައި ކެބިނެޓަށް ވަރަށްވެސް މުހިންމު ފުރިހަމަ ރޯލެއް އަދާކުރަމުންދާނެ ކަމުގެ އުންމީދު.

ހުރިހާ ބޭފުޅުންވެސް މިއަދު ވަޑައިގެންދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.