ރާއްޖޭގައި ވަޒީރުންގެ މަޖިލީހެއް އުފެދުނުތާ މިއަދު 80 އަހަރު ފުރިއްޖެއެވެ. ރާއްޖޭގެ ވުޒާރާގެ ތާރީޚު ފެށުނީ އަދި ވަޒީރުންގެ މަޖިލީސް އުފެދުނީ މީގެ 80 އަހަރު ކުރިން 1932 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެ ތާރީޚުގައި، އުފެދުނު ރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި ހިމެނެނީ، ވަޒީރުލްއަޢުޒަމްގެ މަޙުކަމާއާއެކު ޖުމްލަ 12 މަޙުކަމާއެވެ. އެއީ ވަޒީރުލްޢަސްކަރިއްޔާ (ޑިފެންސް) އާއި، ވަޒީރުލް ޙައްޤާނިއްޔާ (ޖަސްޓިސް) އާއި، ވަޒީރުލްމާލިއްޔާ (ފިނޭންސް)އާއި، ވަޒީރުއްދާޚިލިއްޔާ (ހޯމްއެފެއާޒް)އާއި، ވަޒީރުލްޚާރިޖިއްޔާ (ފޮރިންއެފެއާޒް)އާއި، ވަޒީރުލްމަޢާރިފް (އެޑިޔުކޭޝަން)އާއި، ވަޒީރުއްތިޖާރާ (ޓްރޭޑް)އާއި، ވަޒީރުއްޞިއްޙަތު (ހެލްތު)އާއި ވަޒީރުލްއަސްޣާލު (ޕަބްލިކްވާކްސް)އާއި، ވަޒީރުލްއަވްޤާފް (ޕަބްލިކް އެންޑަވްމަންޓް)އާއި، އަދި ވަޒީރުލްޒިރާޢާ(އެގްރިކަލްޗަރު) އެވެ.

ރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަތީ ވަޒީރުލްއަޢުޒަމް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ރައީސް (ބޮޑުވަޒީރު) އަދި ވަޒީރުލްޢަސްކަރިއްޔާ މުޙަންމަދު ފަރީދުދީދީ އާއި، ވަޒީރުލްޚާރިޖިއްޔާ އަދި ވަޒީރުލްމާލިއްޔާ ޙަސަން ފަރީދު ދީދީ އާއި، ވަޒީރުއްދާޚިލިއްޔާ އަދި ވަޒީރުލްމަޢާރިފް އަލްއުސްތާޛު އަޙްމަދު ކާމިލްދީދީއާއި، ވަޒީރުއްޞިއްޙާ އަދި ވަޒީރުލްއަސްޣާލު އެއްގަމުގޭ އިބްރާހީމްއަލިދީދީ (ފަހުން ފާމުލަދޭރިކިލެގެފާނު)އާއި، ވަޒީރުލްޒިރާޢާ ގަލޮޅުގޭ މުޙަންމަދުދީދީ އާއި، ވަޒީރުލްޙައްޤާނިއްޔާ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނާއި، ވަޒީރުއްތިޖާރާ މުޙަންމަދު އަމީނުދީދީއެވެ.

ރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި ދެވުޒާރާ 5 ބޭފުޅަކު ބެލެހެއްޓެވިއެވެ. ރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލީހަށް ނުވަތަ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި މުޙަންމަދު އަމީނަކީ، ރާއްޖޭގެ ކެބިނެޓްގައި މިހާތަނަށް ހިމެނިވަޑައިގެންނެވި އެންމެ ޒުވާން ވަޒީރެވެ. އޭރު މުޙަންމަދު އަމީނުގެ އުމުރުފުޅަކީ 22 އަހަރެވެ. އެއްފަހަރާ އެންމެ ގިނަ ވުޒާރާ ހިންގެވި ވަޒީރު ކަމުގެ ރެކޯޑުވެސް ވަނީ މުޙަންމަދު އަމީނަށެވެ. އެމަނިކުފާނު 1952 ޑިސެމްބަރ 22 ގައި އުފެދުނު ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގައި ބޮޑުވަޒީރުކަމުގެ އިތުރަށް، ދާޚިލިއްޔާ، ޚާރިޖިއްޔާ، މާލިއްޔާ، އަމަންއާންމު، އަދި ޞިއްޙަތުގެ ވަޒީރުކަން އެއްފަހަރާ ކުރެއްވިއެވެ. އަދި އެކިފަހަރުމަތިން އެހެނިހެން އެކިވުޒާރާތަކުގެ ވަޒީރުކަންވެސް ކުރައްވާފައިވެއެވެ.
ރާއްޖޭގެ ވަޒީރުންގެ މަޖިލީސް އުފެދުނު ދުވަސް ކަމަށްވާ 22 ޑިސެމްބަރ 1932 ން ފެށިގެން މިހާތަނަށް އެމަޖިލީހުގެ ރައީސްކަން ކުރައްވާފައިވަނީ، ބޮޑުވަޒީރު މުޙަންމަދު ފަރީދާއި، ޚާރިޖީވަޒީރު ޙަސަން ފަރީދާއި، ބޮޑުވަޒީރު މުޙަންމަދު އަމީނާއި، ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނާއި، ބޮޑުވަޒީރުގެ މަގާމުގައި ހުންނަވައިގެންނާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން އިބްރާހީމް ނާޞިރާއި، ބޮޑުވަޒީރު އަޙްމަދު ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމާއި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ވަޒީރުންގެ މަޖިލީހުގެ ތާރީޚުގައި އެންމެ ފުރަތަމަ ކެބިނެޓް މިނިސްޓަރުކަން ލިބިވަޑައިގެންނެވި އަންހެން ބޭފުޅަކީ، 1977 ޖެނުއަރީ 6 ގައި ހެލްތު މިނިސްޓަރުކަމަށް ޢައްޔަން ކުރެއްވި މުއުމިނާ ޙަލީމެވެ. އޭގެކުރިން، ދައުލަތުގެ ވަޒީރުކަން ފާޠިމަތު އިބްރާހީމްދީދީއާއި، އާމިނަތު ޙުސައިން، 22 ޑިސެމްބަރު 1952އިން 12 އޯގަސްޓް 1953އަށް ކުރައްވާފައިވެއެވެ.

ރާއްޖޭގެ ވަޒީރުންގެ މަޖިލީސް އުފެދުނުތާ މިވީ 80 އަހަރު ދުވަހުގެ ތެރޭގައި އެމަޖިލީހުގައި އެންމެގިނަދުވަސް ހޭދަކުރެއްވި ބޭފުޅެއްގެ ރެކޯޑު ލިބިވަޑައިގެންފައިވަނީ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށެވެ. އެމަނިކުފާނު ވަޒީރުންގެ މަޖިލީހަށް ވަޑައިގަތީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ ހައިސިއްޔަތުންނެވެ. އެމަނިކުފާނު ޓްރާންސްޕޯޓް މިނިސްޓަރުކަމަށް ޢައްޔަން ކުރެއްވީ 29 މާޗް 1977ގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ދޮޅުއަހަރަށްވުރެ ގިނަދުވަހު ހުންނެވުމަށްފަހު، 11 ނޮވެމްބަރު 1978އިން 11 ނޮވެމްބަރު 2008އަށް ރައީސް މައުމޫނުވަނީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވަޒީރުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައެވެ.
ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގައި، އެންމެގިނަދުވަސް ހޭދަކުރެއްވި ދެވަނަ ބޭފުޅެއްގެ ރެކޯޑު އޮތީ، އަލްއުސްތާޛު ފަޠުޙުﷲ ޖަމީލަށެވެ. އެމަނިކުފާނު ވަނީ 14 މާޗް 1978އިން 14 ޖުލައި 2005އަށް ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގައި 27 އަހަރާއި 4 މަސް ދުވަސް ވޭތުކުރައްވާފައެވެ. މި ހުރިހާ ދުވަސް ވޭތުކުރައްވާފައިވަނީ، އެއްވުޒާރާއެއްގެ ވަޒީރު ކަމުގެ މަގާމުގައި ކަމަށްވާތީ، ރާއްޖޭގެ ތާރީޚުގައި އެއްވުޒާރާއެއްގެ ވަޒީރުކަން އެންމެ ގިނަދުވަހު ކުރެއްވުމުގެ ރެކޯޑްވަނީވެސް ފަޠުޙުﷲޖަމީލަށެވެ.