ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، "ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން"ގެ ނަމުގައި، މިއަދު މުއައްސަސާއެއް އުފައްދަވައި، އެ މުއައްސަސާއަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒާއި، ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން މިއަދު އުވާލައްވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތަށް މި ހަމަޖެއްސެވީ، ތަޢުލީމީ ދާއިރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށާއި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ މަސައްކަތްތަކާއި، ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަނުގެ މަސައްކަތްތަކަކީ ވަރަށް ގުޅުންހުރި މަސައްކަތްތަކެއްކަމަށްވާތީ،އެ ދެ މުއައްސަސާގެ މަސައްކަތްތައް އެއްކޮށްލައިގެން އެއް މުއައްސަސާއަކުން ކުރާގޮތަށް ހަމަޖެހުމުން، ސަރުކާރުގެ ވަސީލަތްތައް މިހާރަށްވުރެ ފައިދާހުރި ގޮތުގައި ބޭނުންކުރެއްވޭނެތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ސަރުކާރުގެ އޮފީސްތަކަށް ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ސަރުކާރުގެ އޮފީސްތަކަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 451 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގެ މަސައްކަތްތަކުގެ ލިސްޓްމި ދެންނެވުމާއެކުގައި މިވަނީއެވެ.

 

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ މަސައްކަތްތައް
1.             ދިވެހިރާއްޖޭގެ ތަރައްޤީއަށް އަންނަ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ބަދަލުތަކާ ގުޅިގެން ތަޢުލީމީ ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވުމުގެ ގޮތުން ބޭނުންވާ ދިރާސާކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
2.             ދިވެހިރާއްޖޭގެ ތަރައްޤީއަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، ޒަމާނާ އެއްގޮތަށް ޤައުމީ މަންހަޖު އެކަށައެޅުން.
3.             ޤައުމީ މަންހަޖު ތަންފީޒުކުރެވޭ މިންވަރު ވަޒަންކުރުމާއި، ޒަމާނާ އެއްގޮތަށް މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މަންހަޖު ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
4.             ޤައުމީ މަންހަޖުގައިވާގޮތުގެ މަތިން ސްކޫލުތަކުގައި ކިޔަވައިދޭނެ މުޤައްރަރު އެކަށައެޅުމާއި، ކިޔަވައިދޭ ފޮތް އެކުލަވާލުމާއި، މަންހަޖު ތަންފީޒުކުރުމަށް ބޭނުންވާ އެހީ އުފެއްދުން.
5.             ޤައުމީ މަންހަޖުގައި ކިޔަވައިދިނުމަށް ބޭނުންވާ ވޮކޭޝަނަލް އަދި ޓެކްނިކަލް އެޑިޔުކޭޝަނުގެ މުޤައްރަރު އެކުލަވާލުމާއި، އެ މުޤައްރަރު ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
6.             ސްކޫލްތަކުގެ ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭކަމަށް ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ތަރުބަވީ ސިފަތަކާއި ހުނަރުތަކާއި އަޚްލާޤު ދަރިވަރުންނަށް ފޯރުކޮށްދޭނެ ފަންނީ ޤާބިލުކަން ސްކޫލުތަކުގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
7.             ރަށްރަށުގެ ޙާލަތަށާއި ކުދިންގެ އާބާދީއަށް ރިޢާޔަތްކޮށްގެން ތަޢުލީމުދޭނެ ތަފާތު ގޮތްތައް (މަލްޓިގްރޭޑް ޓީޗިންގފަދަ) ތަޢާރުފުކުރުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލުމާއި، ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
8.             ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތާއި ތަރައްޤީއަށް ބޭނުންވާ ތަމްރީނުދިނުމާއި ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގާނެ ޤާބިލުކަން ސްކޫލުގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
9.             ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސްކޫލްތަކުގެ ލީޑަރޝިޕާއި ކިޔަވައިދިނުން ހަރުދަނާކުރުމަށް ބޭނުންވާ ޢިލްމީ ކޯސްތަކާއި ފަންނީ ކޯސްތައް ރާވައި ހިންގުން.
10.         ދާއިމީގޮތެއްގައި ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނުގެ ނިޒާމު އިންތިޒާމުކޮށް ހިންގުން.
11.         އުނގެނުމާއި އުނގަންނައިދިނުމުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ.) ބޭނުންކުރުމުގެ ޤާބިލުކަން ސްކޫލުތަކުގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
12.         ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ދެވޭ "އެކުވިތަޢުލީމު" ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަނުގެ ޕްރޮގްރާމުތައް ފަރުމާކޮށް އެ ޕްރޮގްރާމުތައް ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ސްކޫލްތަކަށް ފޯރުކޮށްދިނުން.
13.         މަދަރުސީ ތަޢުލީމުގެ މަރުޙަލާ ފުރިހަމަނުކޮށް ސްކޫލްތަކުން ވަކިވާ ކުދިންނަށް ތަޢުލީމުގެ ނުވަތަ ޢަމަލީ މަސައްކަތާ ގުޅުންހުރި ތަމްރީނުގެ އިތުރު ފުރުސަތު ހޯދުމަށް މަގުފަހިކޮށްދިނުން.
14.         މަތީ ތަޢުލީމާއި ތަމްރީނުގެ މަރުޙަލާތަކަށް ވަނުމުގެ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް އުނގެނުމުގެ ނުވަތަ ޢަމަލީ މަސައްކަތާ ގުޅުންހުރި ތަމްރީނުގެ އިތުރު ފުރުސަތު ފަހިކޮށްދިނުން.
15.         ކޮމިއުނިޓީ އެޑިޔުކޭޝަނާއި ކޮންޓިނިއުއިންގ އެޑިޔުކޭޝަނުގެ ފުރުސަތުތައް އާންމުކުރުން.
16.         ދިވެހިރާއްޖޭގެ ޤަދީމީ މަސައްކަތްތައް އާންމުކުރުމަށް ތަމްރީނު ދިނުމުގައި އެހީތެރިވެދިނުން.
17.         ބޮޑެތި މީހުންނަށް ލިޔަންކިޔަން ދަސްކޮށްދޭނެ ނިޒާމެއް ޤާއިމުކުރުމާއި، ފަންކްޝަނަލް ލިޓްރަސީ ހަރުދަނާކުރެވޭނެ ގޮތްތައް ރާވައި، ހިންގައި، ބެލެހެއްޓުން.
18.         މުޖުތަމަޢުގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ޢާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގުމުގައި އެހީތެރިވެދިނުން.
19.         ޢިލްމީ މަޢުލޫމާތު ލިޔެ ޝާއިޢުކުރުމާއި އާންމުކުރުން.
____________________