بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ކަނޑުހުޅުދޫ ލޮބުވެތި އަޚުންނާއި އުޚުތުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ކައުންސިލްގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑުމެން މިރަށަށްވެސް އައުމުން، މިރަށުގެ ހުރިހާ ކުދިބޮޑު ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު ތަރުޙީބަށްޓަކައި، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ! މިރަށަށް އައިއިރުގައި، އަޅުގަނޑުމެން ލޯންޗްގައި ތިބެފައި ފަޅުތެރެ ބަލައިލީމާ، ފަޅުތެރެއިން މިފެންނަނީ ވަރަށް ރީތިކޮށް ހެދިފައި ހުރި މުރަކަތަކާއި، ވަރަށް ސާފު މޫދެއް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ދެކުނުގެ ޚާއްޞަކޮށް، މިއަތޮޅުގެ ރަށްތަކަކީ ވަރަށް ރީތި ފަޅުތައް އެކުލެވިފައިވާ ވަރަށް ރީތި ރަށްތަކެއް. އެހެންވީމާ، ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުން ގެންދަނީ، މިއަތޮޅުގައި ފަތުރުވެރިކަމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް، މި ރަށްރަށުގެ ޒުވާނުންނަށް މަސައްކަތުގެ ފުރުޞަތު ލިބޭނެ ގޮތްތައް ތަނަވަސްކޮށްދިނުމަށްޓަކައި. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ދާދި އަވަހަށް އަނެއްކާވެސް މިއަތޮޅުގައި ފަތުރުވެރިކަމުގެ މަސައްކަތް ކުރުމަށް އިތުރު ރަށްތަކެއް ކަނޑައެޅިގެންދާނެކަމަށް. އަދި އެކަން ކުރިއެރުވުމަށްޓަކައި އެބަ ބޭނުންވޭ، ދަތުރުފަތުރު ކުރެވޭނެ ގޮތްތައްވެސް. އެހެންވީމާ، ތިޔަ ވިދާޅުވިހެން އެއަރޕޯޓްގެ ކަންތައްވެސް އަޅުގަނޑުމެން މިތިބީ، މިރަށްރަށުގެ ރައްޔިތުން އެންމެ އެދޭގޮތަކަށް، އެކަން ނިންމައިދިނުމަށް. އެހެންވީމާ، އެއަރޕޯޓް އެޅުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ، ފައިނަލައިޒްވެގެން، އަނެއްކާވެސް އެކަންވެސް ކުރިއަށްދާނެ ކަމުގެ އުންމީދު އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ! މިރަށަށް އައިސް ވަންއިރުގައި، މި ފެންނަނީ މިރަށުގެ ބޭރުތޮށި ވަރަށް ބޮޑަށް ހަލާކުވެފައި އޮއްވާ. އެހެންވީމާ، މިރަށުގެ ބޭރުތޮށި، ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި އަލުން ތޮށިލެވޭނެ. އެކަން މިހާރު ވަނީ ކުރާގޮތަށް ހަމަޖެހިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެކަން ކުރިއަށްދާނެ.

ދެން އަދި ހަމައެހެން، މި ސްކޫލްގެ މި އަލަށް ޢިމާރާތްކުރަން ފެށިފައި ހުރި ޢިމާރާތް މިހިރީ ހުއްޓިފައި. މިއީ ލީބިޔާ ސަރުކާރުގެ އެހީއެއްގެ ދަށުން ޢިމާރާތް ކުރެވޭ ހަތަރު ކްލާސްރޫމް. މިކަންވެސް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި، އަލުން މަސައްކަތް ފެށިގެން ގޮސް ނިމޭނެ.

މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް އަޅުގަނޑަށް ހީވަނީ މިހާރު ކުރިއަށް އެބަދޭހެން. އެހެންވީމާ، އަޅުގަނޑު ކުރަނީ ކުރިއަށް އޮތް އަހަރުގެ ކުރީކޮޅުގައި، މިސްކިތްވެސް ޢިމާރާތްކޮށް ނިމޭނެ ކަމަށް.

އާދެ! ތިޔަ ވިދާޅުވިހެން، ދަތުރުފަތުރުގެ މަސައްކަތް މިހާރު ހުރީ ހުއްޓިފައި. މިކަން މިހެން ވެގެން މިއުޅެނީ، ކިހިނެއްވެގެން ކަމެއް މުޅިއަކުން އަޅުގަނޑަކަށް އަދި ސާފެއްނުވޭ. އެހެން ނަމަވެސް، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެހުރި ދަތިތައް މިހާރު ފިލުވައި، މިއަތޮޅުގެ ދަތުރުފަތުރުގެ ނިޒާމް އަލުން އަނެއްކާވެސް މާލަހެއްނުވެ ފެށޭނެ. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، ހަމަ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި، މިދަތުރުފަތުރު އަނެއްކާވެސް ފެށިގެންދާނެ.

އާދެ! ދެންމެ ކައުންސިލްގެ ރައީސް އެ ވިދާޅުވި ފަދައިން، މިރަށުގައި ކުށްކުރުމުގެ ކަންތައް ތަންކޮޅެއް ގޯސްވަމުން މިދަނީ. އެކަމަށް އަޅުގަނޑުމެން އެބަ ސަމާލުކަންދޭންޖެހޭ. ކުށް ގިނަވާންޖެހޭ އެއް ސަބަބަކީ، ޒުވާނުންނަށް ކުރާނެ ކަންތައްތައްވެސް މަދުވުން. އެހެންވީމާ، އެބަޖެހޭ ބޯޅަދަނޑުވެސް ރަނގަޅުކުރަން. މިހާރު ރޭވިފައި އޮތީ، ބޯޅަދަނޑު ކޮނެފައި، ބޯޅަދަނޑު އެއްވަރުކުރަން. އެމަސައްކަތް ކުރުމަށްޓަކައި ދާނެ ޚަރަދެއްގެ އަގު އެބަޖެހޭ، މިރަށު ކައުންސިލްގެ ފަރާތުން ޔޫތު މިނިސްޓްރީއަށް އަންގަވައި ދެއްވަން. އޭރުން އިރާދަކުރެއްވިއްޔާ، އެކަން ކުރިއަށްދާނެ.

އާދެ! މިދެންނެވީ މިހާރު ރޭވިފައި ހުރި ކަންތައްތައް. އިރާދަކުރެއްވިއްޔާ، މިހުރިހާ ކަމެއްވެސް ކުރިއަށްދާނެ. މިކަންކަން ކުރިއަށްދާން ފެށުމުން، މިރަށުގައި ސަރުކާރުގެ ފަރާތުން ކުރާ މަސައްކަތްތައް ވަރަށް އަވަހަށް، ވަރަށް ފާޅުގޮތެއްގައި ފެނިގެންދާނެ ކަމުގެ އުންމީދު އަޅުގަނޑު ކުރަން. އޭގެ ސަބަބުން ތިޔަ ހުރިހާ ބޭފުޅުންގެވެސް ހިތްޕުޅުތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ.

އާދެ! މިރަށުގެ އާބާދީއާ ދޭތެރޭގައި ބަލައިލާއިރުގައި، އެހެން ރަށްރަށާ ތަފާތު ބައެއް ކަންކަން އެބަފެނޭ. އޭގެތެރެއިން އެއްކަމަކީ، މިރަށުގައި ގިނަ ރަށްރަށަށްވުރެން ދުވަސްވީ މީހުން ގިނަކޮށް މިފެންނަނީ. އަދި ހަމައެހެން، ހަމަ ވަރަށްގިނަ ޢަދަދެއްގެ ނުކުޅެދޭ މީހުންވެސް މިރަށުގައި އެބައުޅޭ. މިކަން މިހެން އޮތުމާއެކީގައި، މިރަށަށް އެބަޖެހޭ، އަޅުގަނޑުމެން ވަރަށްބޮޑު ހިތްވަރެއްލާފައި، މިރަށުގެ ޞިއްޙީ މަރުކަޒު މިހާރަށްވުރެ ރަނގަޅު ކުރަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިރަށުގެ ޞިއްޙީ މަރުކަޒު މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި، ޚާއްޞަކޮށް، ދުވަސްވީ ބޭފުޅުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، މި މަރުކަޒު ރަނގަޅު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެ ވާހަކަ ދަންނަވަން.

އާދެ! މިދެންނެވި ކަންކަން ﷲ އިރާދަކުރެއްވިއްޔާ ވާނެ. އަދި އެކަންކަން ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން. ދެންމެ ކައުންސިލްގެ ރައީސް އެ ވިދާޅުވިފަދައިން، މިރަށަކީ މީސްކޮޅު މަދު ރަށެއް. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅާއަށް ޔަޤީންކޮށް އަރުވަން، އަދި މިރަށުގެ ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކޮށް އަރުވަން، ރަށުގެ މީސްކޮޅު މަދުވިޔަކަސް، މިރަށުން ލިބޭ ވޯޓުކޮޅު މަދުވިޔަކަސް، އަޅުގަނޑުމެން މިރަށަކަށް އިހުމާލެއް ނުކުރާނަމޭ. ﷲ އިރާދަކުރެއްވިއްޔާ، ހަމަ މިރަށަށްވެސް ދައުލަތުގެ ބަޖެޓުން ވެވެންހުރި ހަމަ ހުރިހާ އެހީއެއްވެދީ، ދައުލަތުގެ ފަރާތުން ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ! މިދުވަސްވަރަކީ މިއީ މާފަސޭހަ ދުވަސްވަރެއް ނޫން. އެހެން ނަމަވެސް، ތިޔަބޭފުޅުންނަށް އަޅުގަނޑު ޔަޤީންކޮށް އަރުވަން، މިވޭތުވެދިޔަ ދިހަމަސް ދުވަހަށްވުރެ މިހާރު މާފަސޭހަ. ކުރިއަށްވުރެ މާބޮޑުތަން ފަސޭހަވެގެން ހިނގައްޖެ. އަޅުގަނޑުމެންނަށް އޭގެ ސަބަބުން މާބޮޑު ހިތްފަސޭހަކަންވެސް ލިބިގެން ހިނގައްޖެ. އެނގިވަޑައިގަންނަވާނެ، ފެބްރުއަރީ މަހުން ފެށިގެން ވަރަށް ހަލަބޮލި ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދިޔައީ. އޭގެ އަސަރު ކޮންމެވެސްވަރަކަށް މިރަށަށްވެސް ކޮށްފައި އޮތުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް، މިރަށަކުން އޭގެ މާބޮޑު އަސަރެއް ނުފެނޭ މިހާރަކުއެއް. އަދި ބައެއް އެހެން ރަށްރަށަކުންވެސް ނުފެނޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ރަނގަޅަށޭ ކަންކަން މިދަނީ. އިރާދަކުރެއްވިއްޔާ، ހަމަހިމޭންކަމާއެކީގައި، ވަރަށް އަމާންކަމާއެކީގައި، މި ޤައުމު ދާނީ ކުރިއަށޭ. އެކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން މިގެންދަނީ ކުރަމުން. އާދެ! އެހެން ނަމަވެސް، މިދުވަސްވަރު ރާއްޖެއަށް ކުރިމަތިވާ ބައެއްކަހަލަ އުނދަގޫ ކަންތައްތަކެއް އެބަހުރި. މި އުނދަގޫ ކަންކަމުގެ ސަބަބުންވެސް ﷲ އިރާދަކުރެއްވިއްޔާ ސަލާމަތްވެވޭނެ. އެކަމުގައި އަޅުގަނޑުމެންވެސް އެބަޖެހޭ ހިތްވަރެއް ކުރަން.

އާދެ! މި ޤައުމު އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނީ، އަޅުގަނޑުމެން އެންމެން އެކަމަށް އެއްބާރުލައިގެން. އެންމެން އެކީގައި މަސައްކަތް ކޮށްގެން. މި ޤައުމުގެ ރައްޔިތަކީ ވަރަށް ކުޑަކުޑަ ރައްޔިތެއް. މި ޤައުމުގެ ވަސީލަތްތަކަކީ ވަރަށްމަދު ވަސީލަތްތަކެއް. އަދި މި ޤައުމަކީ ވަރަށް އާ ކަންތައްތަކެއް ވަރަށްކުރު މުއްދަތެއްގެ ތެރޭގައި ކުރަން މަސައްކަތްކުރާ ޤައުމެއް. އެހެންވީމާ، ކުރިއަށް ދިޔުމުގައި ދިމާވާ ދަތިތައް ހުންނާނެ. އެހެން ނަމަވެސް، އެކަންކަން ޙައްލުކޮށްގެން ކުރިއަށް ދެވޭނެ އަޅުގަނޑުމެންނަށް. ދެވޭނީ އަޅުގަނޑުމެން އެންމެންވެސް އެކީގައި އަތުގުޅާލައިގެން މަސައްކަތް ކޮށްގެން. ވީމާ، އަޅުގަނޑުމެން އެބަޖެހޭ، އެކަން އެގޮތަށް ގެންދިޔުމަށްޓަކައި ބައެއް ކަންކަމަށް ސަމާލުކަންދޭން.

ދަންނަވަންތޯ! ބައެއް މީސްމީހުން ވަރަށް މަތިހަށިނަގާފައި، ވަރަށް ވަރުގަދަ މީހުން ކަމުގައި ހެދިގެން އެބައުޅޭ. އެހެން ނަމަވެސް، އިންސާނާއަކީ ވަރަށް ނިކަމެތި މީހެއް. އެންމެވަރުދައްކާފައި އުޅޭ އެންމެ ޖައްބާރު މީހުންވެސް ބުނެލާ އެންމެ ލަފްޒަކުން ހިތުގައިޖެހިގެން ހިނގައިދާނެ. ބުނެލާ ހަމަ އެންމެ ބަހަކުން އެބަ ރުޅިއާދޭ. އެހެންވާން މިޖެހެނީ، އަޅުގަނޑުމެންގެ ނަފްސުތަކަކީ ވަރަށް ބަލިކަށި، ޟަޢީފް އެއްޗަކަށްވާތީ. ބައެއް މީހުން އެ ބަލިކަށިކަން ފޮރުވުމަށްޓަކައި އެބައުޅޭ ވަރަށް ހިތްމަތި ގޮތްތަކަކަށް. ހިތްމަތިވުމޭ އަޅުގަނޑު މިދަންނަވަނީ، ހިތްތިރިވުމުގެ އިދިކޮޅު. ހިތް ވަރުގަދަވުމާއި، ހިތްމަތިވުމާ މިއީ ތަފާތު ދެކަމެއް. ކޮންމެ މީހަކީވެސް ހިތް ވަރުގަދަ މީހަކަށް އެބަވާންޖެހޭ. އެހެން ނަމަވެސް، ހިތްމަތިވުމަކީ އެއީ އެހާ ރަނގަޅު ސިފައެއް ކަމަކަށް އަޅުގަނޑު ނުދެކެން. އާދެ! ހިތްމަތި މީހުންނަކީ، ކަންކަމުގައި ތިމާގެ ގޮތް ހިފަހައްޓައި، ގޮތްދޫނުކުރާ މީހުން، ތިމާއަށްވުރެން ބޮޑަށް އެހެން މީހަކަށް އެއްޗެއް ނޭނގޭކަމަށް ދެކިގެން، ތިމާގެ ގޮތުގައި އަބަދުވެސް ހިފަހައްޓާ މީހުންނަކީ ހިތްމަތި މީހުން. މިއާ ޚިލާފަށް، ހިތްތިރި މީހުންނަކީ، އެހެން މީހުންގެ ޚިޔާލުތަކަށްވެސް ތަންދީ، ތިމާގެ ގޮތް ބައެއްފަހަރު ދޫކޮށް، އެހެން މީހުންގެ ބަސްއެހުން.

ހަމައެހެން، މިދެންނެވި ނަފްސުގެ ޟަޢީފްކަން ފޮރުވުމަށްޓަކައި ބައެއް މީހުން ކުރާ ކަމެއް ކަންދެއްކުން. ކަންދެއްކުމަކީ އެކަމެއް އޮންނަ ގޮތަށްވުރެ، އެކަމެއް ބޮޑުކޮށްލައިގެން އުޅުން. ކަންދެއްކުމުގެ އިދިކޮޅަކަށް ވެދާނެ ފުދިގެން އުޅުން. ފުދިގެން އުޅުމަކީ، ތިމާއަށް ތިމާގެ ހުރި ވަސީލަތްތަކާއި، ތިމާގެ ކެރިފޯރުންތެރިކަން ހުރިވަރަކުން ތިމާ އުޅުން. ހަމައެހެން، ހިތްމަތި މީހުންނަކީ ވަރަށް އަޑުގަދަ ބައެއް. އެހެން އެންމެންގެ އަޑަށްވުރެ، ތިމާގެ އަޑު ގަދަކޮށް، އެހެން މީހުންގެ އަޑުތައް ފަނޑުކޮށްލާ މީސްމީހުންނަކީވެސް ހިތްމަތި މީހުން. ހިތްތިރި މީހުންނަކީ، އެހެން މީހުންގެ އަޑުއަހާ މީހުން. އެހެން މީހުން ދައްކާ ވާހަކަވެސް ކަނުލާ އަޑުއަހަން ތިބޭ މީހުން، ހިތްތިރި މީހުންނަކީ.

އާދެ! މިވާހަކަ އަޅުގަނޑު މިދައްކަނީ ކީއްވެގެންތޯ؟ މިވާހަކަ އަޅުގަނޑު މިދައްކަނީ، މިއަދު މި ޤައުމު ކުރިއަށް ގެންދެވެން އަޅުގަނޑުމެންނަށް އޮތީ ހިތްތިރިވެގެން.

އާދެ! އަޅުގަނޑު އެބޭފުޅުންގެ ވާހަކައެއް ނޫން ދެއްކީކީ. ދެން ކަންދިމާވި ގޮތް. އެހެން ނަމަވެސް، އަޅުގަނޑު މިދަންނަވަން އުޅޭ ވާހަކައަކީ، އެކިއެކި ފެންވަރުގައި، އެއީ ހަމައެކަނި މުޖުތަމަޢުގެ ފެންވަރުގައި އެކަންޏެއް ނޫން. ދައުލަތުގެ އެކިއެކި މުއައްސަސާތަކުގައިވެސް މަސައްކަތްކުރާ މީހުން އެބަޖެހޭ، އެއްބަޔަކު އަނެއް ބަޔަކަށް ދޫކުރަން. އެއްބަޔަކު އަނެއް ބަޔަކު ދައްކާ ވާހަކަ އަހަން. މި ޤައުމަށްޓަކައި، އަޅުގަނޑުމެން އެންމެންގެ މަޞްލަޙަތަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ، އެކަކު އަނެކަކާ އެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން. މަސައްކަތް ކުރެވޭނީ، މިދެންނެވި ގޮތަށް، އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން. އިޙްތިރާމް ކުރުމަކީ ހިތްތިރިކުރުން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ކުޑަކޮށް އަޑުމަޑުކޮށްލާފައި، ކަންކަމާ ދޭތެރޭގައި ތަންކޮޅެއް ބޮޑަށް ވިސްނާލަން.

ކޮންމެ ރަށަކަށްދިޔަސް އިވެމުން މިދަނީ، ކުރަންހުރި ކަންތައްތަކުގެ ގިނަކަމުގެ ވާހަކަ. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ޤައުމުގެ ޙާލަތު އޮތްގޮތް. ކޮންމެ ރަށެއްގައިވެސް ނަރުދަމާވެސް ބޭނުންވޭ. ބޯފެންވެސް ސާފު ބޯފެންވެސް ބޭނުންވޭ. އަދި ހަމަ އެހެން ބަނދަރުވެސް ހަދަންޖެހޭ. މިހެންގޮސް ކުރަންހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި. މިކަންކަމަކީ ހުރިހާ ރައްޔިތަކަށްވެސް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް. އެހެން ނަމަވެސް، މިކަންކަން ކުރުމަށްޓަކައި އޮތް ވަސީލަތް، ލިބެންހުރި އާމްދަނީއާއި ދައުލަތުގެ ފައިސާ އެހާބޮޑެއްނޫން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މިކަންކަން ކުރުމަށްޓަކައި، އެހެން ކަންކަމުން ވަސީލަތްތައް ސަލާމަތްކުރަން. އެއީ، އަޅުގަނޑުމެންގެ ވަގުތު ކަމުގައިވީ ނަމަވެސް، ސަރުކާރުގެ ބަޖެޓް ކަމުގައިވީނަމަވެސް، އެކަމަށް އަޅުގަނޑުމެން އެބަޖެހޭ ޚާއްޞަވާން. މިކަމަށް އެބަ ފޯކަސް ވެގެން މަސައްކަތް ކުރަން އެބަޖެހޭ. އެހެން ނަމަވެސް، ފަހަކަށްއައިސް އަޅުގަނޑުމެންނަށް މިފެންނަނީ، މިދެންނެވި މުހިންމު ކަންކަން ހުރިގޮތަށް ހުއްޓާ، އަޅުގަނޑުމެންގެ ހުރިހާ ހަކަތައެއް، އަޅުގަނޑުމެންގެ ސަމާލުކަމާއި، އަޅުގަނޑުމެންގެ ފައިސާއާއި، އަޅުގަނޑުމެންގެ ވަގުތާ މި ހޭދަކުރަންޖެހެނީ މުޅިން ތަފާތު އެހެން ކަންތައްތަކަކަށް. އޭގެ ސަބަބުން، ކުރަންހުރި ކަންތައްތަކަށް އެކަށީގެންވާ ބާރުމިނެއް ނުލެވިގެން އަޅުގަނޑުމެން މިއުޅެނީ.

ކީއްވެގެންތޯ، މިއަތޮޅުގެ ނޫނީ މިދެއަތޮޅުގެ ދަތުރުފަތުރުގެ ނިޒާމް މަސައްކަތް ނުކުރާންވީ. ހަމަ އެގްރީމެންޓް ހަދައި ބަޔަކާ ޙަވާލުކުރެވިފައި އެއޮތީ. އެމީހުންނަށް ބޭނުންވާ ފަޅުރަށްވެސް އެމީހުންނަށް އެއޮތީ ދެވިފައި. އަދި އިތުރަށް ބޭނުންވާ ފަޅުރަށްވެސް ދޭން އަޅުގަނޑުމެން މިތިބީވެސް. ކީއްވެގެންތޯ އެކަން ހުއްޓެންވީ. އެއީ އެކަން ކުރުމަށްވުރެ، އެހެން ކަންކަމަށް ބޮޑަށް ސަމާލުކަންދެވޭތީ. ރައްޔިތުންނަށް އޮތް އަސާސީ ޚިދުމަތެއް، މި ދަތުރުފަތުރު ކުރުމަކީ. އެހެންވީމާ، އެކަން ފަހިކޮށްދިނުމުގެ ބަދަލުގައި، އެހެން ކަންތަކަށް ސަމާލުކަންދީގެން، އެހެން ކަންކަން މާބޮޑު ކަންތައް ކަމަށް ހަދައިގެން އުޅުމުގެ ސަބަބުން ދަތުރުފަތުރު އެއޮތީ ނުކުރެވި.

ހަމަ އެގޮތަށް، އަޅުގަނޑުމެންގެ ޤައުމު މިއަދު ހިންގަން ތިބި އިސްބޭފުޅުންވެސް އެބަޖެހޭ ވިސްނާވަޑައިގަންނަވަން. އަޅުގަނޑުމެން ކުރަންހުރި ކަންތައްތައް ބަހައްޓާފައި، އެއްބަޔަކު އަނެއް ބަޔަކަށް ކޯޅުމުގެ ބަދަލުގައި، އެއްބަޔަކު އަނެއް ބަޔަކަށް، ތިމަންނަމެންނަށްވުރެ ބޮޑު ބައެއް ނެތް ކަމަށް ދެއްކުމުގެ ގޮތުން މަސައްކަތް ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން އެބަޖެހޭ، މިޤައުމަށްޓަކައި، ރައްޔިތުންނަށްޓަކައި ވާހަކަ ދައްކައިގެން، ދޫކޮށްގެން، އެއްބަޔަކު ދައްކާ ވާހަކަ، އަނެއްބަޔަކު އަހައިގެން ކަންތައް ކުރަން ދަސްކުރަން. އަޅުގަނޑުމެން ކޮންމެ މީހަކީވެސް ކުޑަ ދުވަސްކޮޅަކަށްޓަކައި މިފަދަ މަޤާމުތަކުގައި ތިބޭ މީސްމީހުން. މިއީ ދުނިޔެ ޢުމުރަށް އަޅުގަނޑުމެންނަށް މާތްﷲ ދެއްވާފައި އޮންނަ ނިޢުމަތެއް ނޫން. މިއީ ހަމަ ކުޑަދުވަސްކޮޅަކަށް ޙަވާލުވެފައި އޮންނަ މަސައްކަތެއް. މި މަސައްކަތް ކުރުމުގެ ތެރޭގައިވެސް، ވަގުތުތައް އަޅުގަނޑުމެން އެހެން ގޮތްގޮތަށް ހޭދަކުރަން ޖެހުމުގެ ސަބަބުން އަޅުގަނޑުމެންނާ ޙަވާލުވެފައިވާ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރެވޭތަން އެބަ ފެނޭ.

އަޅުގަނޑު ވަކި މުއައްސަސާއެއްގެ ވާހަކަ މިއަދު ދަންނަވާކަށް ނެތިން. ނޫނީ ވަކި ބޭފުޅުންތަކެއްގެ ވާހަކަ ދައްކާކަށްވެސް އަޅުގަނޑު ނެތިން. އެހެން ނަމަވެސް، މިވާހަކަ މިގޮތަށް ދެއްކީމާ، އެބޭފުޅުންނަށްވެސް ހަމަ އެނގިވަޑައިގަންނަވާނެ، މިދައްކަނީ ތިމަންނަމެންގެ ވާހަކަކަން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، ތަންކޮޅެއް ބޮޑަށް ރައްޔިތުންނާ ދޭތެރޭގައި ވިސްނައި، ރައްޔިތުންގެ އަސާސީ ކަންކަން ފުއްދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެހެން ކަންކަން ދޫކޮށްލަން. ދޫކޮށްލައިގެން އެކީގައި މަސައްކަތް ކުރަން. އަޅުގަނޑު ހީކުރަން، ހަމަ ރަށުގެ ފެންވަރުން ފަށައިގެން، އަތޮޅުގެ ފެންވަރުން ފަށައިގެން ގޮސް ޤައުމީ ފެންވަރުގައިވެސް، ހަމަ ހުރިހާ ބޭފުޅުންވެސް މިގޮތަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް.

މިއަދު އަޅުގަނޑުމެންގެ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޤައުމު ހަލަބޮލި ކުރުމެއް ނޫން. ރަށް ހަލަބޮލި ކުރުމެއްވެސް ނޫން. ތެދެއް، ކޮންމެ ތަނެއްގައިވެސް ހިތްހަމަނުޖެހޭ ކަންކަންވެސް ހުންނާނެ. އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ހުންނާނެ ހިތްހަމަނުޖެހޭ ކަންކަން. އެހެން ނަމަވެސް، މުޖުތަމަޢެއްގައި އުޅެންޖެހޭނީ، އެ މުޖުތަމަޢެއްގައި އުޅެވޭގޮތަށް. އެންމެންނަށްވެސް އުޅެވޭނެ ގޮތަށް. އެހެން މީހުންނަށްވެސް ތަންދީގެން. އެހެން މީހުންނަކީވެސް އުޅޭ ބައެއްކަންވެސް ދެނެގެން.

އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެން ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރަމާ ހިންގަވާށޭ. އަޅުގަނޑުމެންނަކީ ހިތްތިރި، ކެތްތެރި ބައެއް ކަމުގައި ވަމާ ހިންގަވާށޭ. އަޅުގަނޑުމެންގެ ތެރޭގައި، ހިތްމަތިކޮށްގެން އުޅުއްވާ ބޭފުޅުން އަލުން ވިސްނުމަކަށް ވަޑައިގަންނަވާށޭ.

އާދެ! މިރަށުން މިހާތަނަށް އަޅުގަނޑަށް ފެނިގެން މިދިޔައީ، ވަރަށް އެކުވެރި ރައްޔިތެއް ހަމަ. ދެން ފަހަރެއްގައި އަޑުގަދަވެގެންދިޔަސް. އެކަހަލަ ކަންތައް ބައެއްފަހަރު ހުންނާނެ. އެހެން ނަމަވެސް، އަޅުގަނޑަށް ޔަޤީންކުރެވޭ، މިރަށުގެ ރައްޔިތުންނަކީ، އެކުވެރި، އެއްބައިވަންތަ ރައްޔިތެއްކަން. އަދި މިރަށުގައި ކުރަންހުރި ގިނަގުނަ ކަންތައްތައް، މި ކުރިއަށް އޮތް އަހަރު ތެރޭގައި ކުރަމުންދާއިރުގައި، ހުރިހާ ރައްޔިތުންގެވެސް އެއްބާރުލުމާއި އެކުވެރިކަން ލިބިގެންދާނެ ކަމަށް.

މި އުންމީދުގައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް ފަށްފަށުން ޝުކުރު ދަންނަވަން. ކުޑަކެރިކޮޅެއްގެ ތެރެއިން ނަމަވެސް ތެމިގެން އަޅުގަނޑާއި އަޅުގަނޑާއެކީގައި ވަޑައިގެންނެވި ބޭފުޅުންނަށް މަރްޙަބާ ވިދާޅުވާން ނުކުމެވަޑައިގެންނެވީތީ. އަދި އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް މާތްﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ، ހިތްފަސޭހަކަމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާ އެކީގައި ފާގަތި ދިރިއުޅުމެއް އުޅުއްވާ ބަޔަކު ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.