ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިސްބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިބައްދަލުވުމަކީ ސަރުކާރު ޙިއްޞާވާ އަދި ސަރުކާރު ބައިވެރިވާ ކުންފުނިތައް ހިންގުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ބޭއްވެވި ބައްދަލުވުމެއް ކަމަށް ވިދާޅުވިއެވެ.

ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކަކީ، ސަރުކާރުގެ ވަރަށްބޮޑު ބައެއް ކަމަށާއި، ސަރުކާރުގެ ފަރާތުން ކުރައްވަންޖެހޭ މުހިންމު ކަންކަން ކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުހިންމު ޚިދްމަތްތައް ދިނުމަށްޓަކައި އުފެދިފައިވާ ކުންފުނިތަކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުންފުނިތަކުން ރައްޔިތުންނަށްދޭ ޚިދްމަތްތަކަކީ، ދައުލަތުގެ ވަރަށްބޮޑު ބައެއް ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައް ދިނުމުގައި ކުންފުނިތަކުން އަދާކުރާ ދައުރުގެ ބޮޑުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުންފުނިތަކުގެ ސިޔާސަތަށް އެކިދުވަސްވަރު އެކި ބަދަލު އަންނަމުން އައިސް، ޕްރައިވަޓައިޒް ކުރުމުގެ ސިޔާސަތެއްގެ ދަށުން، އާ ކުންފުނިތައް އުފެދި ޕްރައިވަޓައިޒް ކުރެވުނު ކަމަށާއި، މާބޮޑެތި މަސައްކަތްތަކެއް ނެތް ބައެއް ކުންފުނިތައްވެސް އުފެދިގެންދިޔަ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން މި ސިޔާސަތު އަލުން މުޠާލިޢާ ކުރައްވައި، ބަދަލުތަކެއް ގެންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުންފުނިތައް ހިންގުން ހަރުދަނާކުރަންޖެހޭ ކަމަށާއި، ސީ.އެމް.ޑީ.އޭ.ގެ ގަވާއިދުތަކާ އެއްގޮތަށް ކުންފުނިތައް ހިންގުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ބައެއް ކުންފުނިތަކުގެ އިސްބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އެކުންފުނިތައް ހިންގުމުގައި، އެބޭފުޅުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙިއްޞާ ކުރެއްވިއެވެ. އަދި ކުންފުނިތައް ހިންގުމާއި، ކުންފުނިތަކުގެ ވިޔަފާރީގެ ސިޔާސަތު ހަރުދަނާ ކުރެއްވުމަށް ކުރެއްވެންހުރި ކަންކަމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.