ޤާނޫނުއަސާސީއާއި ޚިލާފުވީމާ ލިބެންވާ އަދަބެއް ލިބެންޖެހޭނެ ކަމަށާއި، އެ އަދަބު ލިބެން ފެށީމާ ނުކުމެ، ޤައުމު ހަލާކުކޮށްލަން މަސައްކަތް ކުރުމަކީ، ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި، ދާންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަމިއްލަ މަޞްލަޙަތު އޮންނަ ކަމެއްގައި، ތިމާ ބޭނުންވާ ގޮތަށް ކަންތައް ނުވީމާ، ދެން ނުކުމެ ޤައުމު ހަލާކުކޮށްލަން ދިމާކުރުމަކީ، އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެތަން މިހާރު އަޅުގަނޑުމެންނަށް ފެންނަމުން އެބަދާކަން ބަޔާންކުރައްވަމުން، އެމީހަކު ބޭނުންވާ މަޝްރޫޢެއްގެ ކަންތައް ހަމަނުޖެހުނީމާ ނުވަތަ ބޭނުންވާ ފަޅުރަށެއް ނުލިބުނީމާ، ނުވަތަ ކޮންމެވެސް އެހެން ޢިނާޔަތެއްގެ ކަންތައް ހަމަނުޖެހުނީމާ، ދެން ނުކުމެ ރައީސުލްޖުމްހޫރިއްޔާއަށް އެއްޗެހި ކިޔައި، ފަނޑިޔާރުންނާ ދިމާއަށް އެއްޗެހި ކިޔައި، މުޅި ޤައުމު ހަލާކު ކޮށްލުމަށްޓަކައި މަސައްކަތް ކުރުމަކީ، ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެފަދަ ކަންކަމަށް އަޅުގަނޑުމެން ތަންދީގެން ނުވާނެ ކަމަށާއި، އެކަންކަމަށް ތަންދީ ބަލަހައްޓައިގެން ތިބުމަކީ، ހަމައެކަނި އެކަން ކުރާ މީހެއްގެ ޙައްޤުތައް ބެލެހެއްޓުން ނޫން ކަމަށާއި، އެއީ އެންމެންގެ ޙައްޤުތައް ނިގުޅައިގަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤާނޫނުގެ ބާރު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ހުރިހާ މުއައްސަސާތަކުން ބަރާބަރަށް ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. [ޤައުމުގައި ޢަދުލު އިންޞާފު ޤާއިމު ނުކުރެވުނީމާ، ޤާނޫނުގެ ބާރު ނުހިންގުނީމާ، ދެން ދޫވަމުން ދޫވަމުން ދޫވަމުން ގޮސް، އެންމެފަހުން ޖަންގަލީގެ އުޞޫލަށް ކަން ބަދަލުވެގެންދާނީ. ގަދަފަދަ މީހާ، ބަލިމީހާ ބަލިކޮށްލައިގެން، އަޑުގަދަމީހާ އަޑުއުފުލައިގެން، އެހެން މީހުންގެ މައްޗަށް ވެރިވެގަނެގެން އުޅޭ ނިޒާމަކަށް ތަން ބަދަލުވެގެންދާނީ. އެފުރްޞަތު އަޅުގަނޑުމެން ދީގެން ނުވާނެ.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެކަމަށްޓަކައި ކުރެވެންހުރި މަސައްކަތްތަކެއް ކުރުމަކީ، ޚާއްޞަކޮށް، ދައުލަތް ހިންގުމަށްޓަކައި، އެ މަސްއޫލިއްޔަތު ޙަވާލުވެފައިވާ ހުރިހާ މުއައްސަސާތަކުން ބަރާބަރަށް ކުރަންޖެހޭ ކަމެއް ކަމަށެވެ. މިހުރިހާ މުއައްސަސާތަކުން އެބަޔަކު ކުރަންޖެހޭ މަސައްކަތްތައް ބަރާބަރަށް ކުރަންޖެހޭ ކަމަށާއި، މިއަދު އަޅުގަނޑުމެންނަށް ދެން ދޫކުރެވެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މީހުންނާ ދިމާއަށް އެއްޗެތި ގޮވައި، އަޑުގަދަކޮށް ހެދުމަކީ، މާމޮޅު ކަމެއް ކަމަށް ބައެއް ޒުވާނުންނަށް ހީވެދާނެ ކަމަށާއި، އެހެން ނަމަވެސް، ޤައުމުގައި ތިބި އެންމެ ފުންނާބު އުސް މީސްމީހުން، ސިޔާސީ ސަބަބުތަކަށްޓަކައި މަރަން ފެށީމާ، ޒުވާނުންވެސް އެބަ ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ހުރި ފިކުރީ ތަފާތުތައް އެއްކިބާކޮށް، ޤައުމު އަޅުގަނޑުމެން ސަލާމަތްކުރަން އެބަޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. [މިޤައުމަށް ދެރަ ދުވަހެއް އައުމުން، އޭގެ އަސަރު ކުރާނީ ހަމައެކަނި ދުވަސްވީ މީހުންނަކަށް ނޫން. ކުޑަކުދިންނަކަށް ނޫން. ނޫނީ އަންހެނުންނަކަށްވެސް ނޫން. ހުރިހާ ޒުވާނުންނަށްވެސް ހަމަ އެ އަސަރު ކުރާނެ. ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓާލީމާ، ކާކަށްތޯ ދެރަވާނީ. ހަމަ ރިޒޯޓްތަކުގައި މަސައްކަތް ކުރަން އުޅޭ ޒުވާނުންގެ ވަޒީފާތައް ގެއްލިގެންދާނެ. ދިވެހިރާއްޖޭގެ މަސް އެކްސްޕޯޓް ނުކުރެވުނީމަ، ކާކަށްތޯ ދެރަވާނީ. ހަމަ ޒުވާނުންނަށް ދެރަވާނީ.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، ޒުވާނުންވެސް މިއަދު ޤައުމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނުމަށާއި، މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.