بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ކޮނޑޭގެ ލޮބުވެތި އަޚުންނާއި އުޚުތުން، ކޮނޑޭގެ ކައުންސިލްގެ ރައީސް އަދި އަތޮޅު ކައުންސިލްގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ސަރުކާރުގެ މިނިސްޓަރުން، ދައުލަތުގެ ބަންޑާރަ ނައިބު، އަދި މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރަށަށް މިއަދު އައިސް ފޭބުމުން، އަޅުގަނޑަށް ހީވަނީ އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށްވެސް، ޚާއްޞަކޮށް، އަޅުގަނޑަށް، އަޅުގަނޑުމެންގެ ހިތަށް ވަރަށްބޮޑު ފިނިކަމެއް ލިބިގެންދިޔަ. މިރަށް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ވަރަށް ހިތްފަސޭހަ ރަށެއްގެ ގޮތުގައި. މި ގަސްތަކުގެ ވައިޖެހިލީމާ، އެ ޖެހިލި ފިނި ވައިރޯޅިއަކުން އަޅުގަނޑު ހިތަށްއަރާ، އަޅުގަނޑު މިރަށުގައި އުޅޭނަމައޭވެސް. އެހެންވީމާ، އަޅުގަނޑަށް ހަމަ ރަނގަޅަށް އިޙްސާސް ކުރެވޭ، ކީއްވެގެންކަން ތިޔަބޭފުޅުން އެހެން ރަށަކަށް ގެންދިޔައީމަވެސް އަނބުރާ މިރަށަށް ތިވަޑައިގަތީ. އަނެއްކާ އަޅުގަނޑު މިއީ ދުވަސްވީ މީހެއް ކަމުގައިވާނަމަ، އަޅުގަނޑުވެސް ބޭނުމެއް ނުވާނެ، މިރަށް ދޫކޮށްފައި ގޮސް އެހެން ރަށެއްގައި، ޢުމުރުގެ އެންމެފަހު ދުވަސްކޮޅު ހޭދަކުރަން އުޅޭކަށްވެސް.

އިޖުތިމާޢީގޮތުން އަޅުގަނޑުމެން އެބަޖެހޭ، ތަރައްޤީގެ މަސައްކަތުގައި ވަރަށްބޮޑަށް ވިސްނަން. ތަރައްޤީވުމަކީ ހަމައެކަނި އާބާދީ ބޮޑުވުމެއްވެސް ނޫން. އަދި ޒަމާނީ ބޮޑެތި ވަސީލަތްތައް ލިބުމެއްވެސް ނޫން. ތަރައްޤީވުމަކީ، ހިތްފަސޭހަކަމާއެކީ، އުފަލުގައި ދިރިއުޅެވޭނެ ގޮތްތައް މެދުވެރިވުން. އެހެންވީމާ، އަޅުގަނޑުމެން ތަރައްޤީއަށްޓަކައި މިކުރާ މަސައްކަތުގައި އެބަޖެހޭ، ދެކަމާ ދޭތެރޭގައި ވިސްނަން. މިޒަމާނުގެ ފަސޭހަ ގޮތްތަކާއި، ލުއިފަސޭހަ ކަންކަމާއި އަދި ތަރައްޤީއަށް ޢާންމު ގޮތެއްގައި މި ބޭނުންވާ ކަންކަން ލިބުމުގެ އިތުރުން، ހިތްފަސޭހަކަމާއި އުފަލުގައި އަޅުގަނޑުމެންނަށް އުޅެވޭނެ މާޙައުލެއް އުފެއްދުމަކީވެސް އެއީ، ތަރައްޤީގެ މަސައްކަތުގައި ކުރަންޖެހޭ ކަމެއް. އެހެންވީމާ، މިރަށަށް މިއަދު އައިސް އަދި ޚާއްޞަކޮށް، ކައުންސިލްގެ ރައީސް ޝުޖާޢު، އެދެއްކެވި ވާހަކަތައް އިވުމުން، އަޅުގަނޑުމެންގެވެސް ވިސްނުން އެބަޖެހޭ ތަންކޮޅެއް ފުންކޮށް ކަންކަމާ ދޭތެރޭގައި ގެންގުޅެން. ޝުޖާޢު އެ ދެއްކެވި ވާހަކަ އަޅުގަނޑު އެހީ، ވަރަށް ކަނުލާ، ވަރަށް ފަރުވާތެރިކަމާއެކީގައި. ތިޔަ ދެއްކެވި ވާހަކައިގެ ސަބަބުން އަޅުގަނޑުމެންނަށްވެސް އެބަޖެހޭ މިހާރަށްވުރެ ބޮޑަށް ކަންކަމާ ދޭތެރޭގައި ޚިޔާލުކުރަން.

މިރަށުގެ އާބާދީއަށް ކުރިމަތިވެފައިވާ އެންމެ މުހިންމު ގޮންޖެހުންތަކާ ދޭތެރޭގައި، ޤައުމީ ފެންވަރެއްގައި އަޅުގަނޑުމެން ވިސްނުން ހަމަ މުހިންމު. އެއީ ހަމައެކަނި މިރަށަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫން. ކުދިކުދި އާބާދީތައް ދިރިއުޅޭ ކިތަންމެ ރަށެއް މިހާރު މިރާއްޖޭގައި އެބަހުރި. އެގޮތުން، 100 ކުދިންނަށްވުރެ މަދުން ސްކޫލްތަކުގައި އުޅޭ ރަށްރަށްވެސް އެބަހުރި، ގާތްގަނޑަކަށް ފަސްދޮޅަހަކަށް ރަށް. މިރަށުގެ ސްކޫލްގައިވެސް މިއުޅެނީ ގާތްގަނޑަކަށް ތިރީހަކާ ސާޅީހަކާ ދޭތެރޭގެ ޢަދަދަކަށް ކުދިން. ގާތްގަނޑަކަށް ތިރީސް ފަސްކުދިން، ތިރީސް ނުވަކުދިން، އެހާކަންހާވަރު މި އުޅެނީ. އެއީ، ޢާންމުކޮށް ބައެއް ތަންތާނގައި، ބައެއް ރަށްރަށުގައި އެންމެ ކްލާހެއްގައި ތިބޭނެ މިހާގިނަ ކުދިން. ނަމަވެސް، މި ރަށުގައި މުޅި ސްކޫލްގައި ތިބި އެހާކަންހާ ކުދިން.

އަޅުގަނޑުމެން އެބަޖެހޭ، މިދެންނެވި 60 ރަށުގައި ތަޢުލީމީ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާ ދޭތެރޭ ވިސްނަން. ކޮންމެގޮތެއްވިޔަސް، އަޅުގަނޑުމެންގެ ޅަދަރިންނަށް ތަޢުލީމާއި ޞިއްޙަތު ފުރިހަމައަށް ލިބުމަކީ، އެއީ އެކުދިން ބޮޑެތިވަމުން އަންނައިރުގައި، އިތުރު އެހެން ފުރުޞަތުތައް ލިބުމަށްޓަކައި އަޅަންޖެހޭ ބިންގަލެއް. ފުރިހަމަ ދުޅަހެޔޮ ޞިއްޙަތެއްގައި، ޅަދަރިން ބޮޑުކުރުމަކީ ވަރަށް މުހިންމު ކަމެއް. ހަމައެހެން، ރަނގަޅު ތަޢުލީމެއްގެ ބިންގާ އެޅުމަކީވެސް އެއީ، ވަރަށް މުހިންމު ކަމެއް. ޅަފަތުގައި ދޭންޖެހޭ ޞިއްޙީ ފަރުވާ ރަނގަޅަށް ނުލިބުމުގެ ސަބަބުން ދުވަސްވީމާ، އެކުދިންނަށް އެހެން ބާވަތްބާވަތުގެ ބޮޑެތި ބަލިތައް ޖެހުމުގެ ޕްރޮބެބިލިޓީ، އެކަމެއް ވާނެކަމުގެ ފުރުޞަތު ބޮޑުވެގެން މިދަނީ. މިދެންނެވީ، އެންމެ ތުއްތުއިރުގައިވެސް ދޭންޖެހޭ ފަރުވާ ނުދެވުނީމާ، ޢުމުރުން ދުވަސްވީމާ ހަކުރުބަލި ޖެހުންކަހަލަ ކަންތައްތައް އިތުރުވެގެންދޭ. އެހެންވީމާ، ރަނގަޅު ޞިއްޙީ ބިންގަލެއް އެޅުމަކީ ވަރަށް މުހިންމު ކަމެއް.

ހަމައެހެން، ރަނގަޅު ތަޢުލީމީ ބިންގަލެއް ނޭޅިއްޖެ ކަމަށްވާނަމަ، ފަހުން ތަޢުލީމް ޙާޞިލް ކުރުމަށްވެސް ވަރަށްބޮޑު އުނދަގޫތަކަކާ ކުރިމަތިލާންޖެހޭނެ. މިއަދު އަޅުގަނޑުމެން މިހާރު ވިސްނަމުން މިގެންދަނީ، ކުދި ޖަމާޢަތްތަކުގައި ދެވޭ ތަޢުލީމަކީ އެއީ، ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ކަމަށް ހެދުން. އެކަމަށްޓަކައި ތައުލީމުގެ ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތަކާ ދޭތެރޭގައި ވިސްނަމުން އަޅުގަނޑުމެން މިގެންދަނީ. މިސާލަކަށް، މިރަށުގެ ސްކޫލް، މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ކިޔަވައި ދެވޭނީ ކިހިނެއްތޯ؟ ފަސް ޓީޗަރުން ތިބީ. އެ ފަސް ޓީޗަރުންނަށްވެސް އެހެން އުޞޫލުތަކެއް ބޭނުންކޮށްގެން، މިހާރަށްވުރެ ރަނގަޅަށް ކުދިންނަށް ކިޔަވައިދެވި، ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ. އަދި ހަމައެހެން، ހަމަ ތިރީސް ފަސް ކުދިން ތިބިކަމުގައިވީ ނަމަވެސް، އޭރުން ގްރޭޑެއްގައި މިތިބެނީ ގާތްގަނޑަކަށް ތިންކުދިން، ހަތަރު ކުދިން، ގްރޭޑް 10 އަށް ކިޔަވައިދޭ ކަމަށްވާނަމަ. އެހެންވީމާ، ގްރޭޑެއްގައި ތިން ހަތަރު ކުދިން ތިބެގެން، ވަކި ޓީޗަރަކު ކިޔަވައިދިނުމުގެ ބަދަލުގައި، ދެކްލާސް ނޫނީ ތިންކްލާސް އެއްކޮށްލައިގެން، ތިބޭ ދިހަ ކުދިންނަށް ދެޓީޗަރުން ކިޔަވައިދޭ ގޮތަށްވެސް ހަމަޖެއްސިދާނެ.

މިދެންނެވި އުޞޫލުތައް އުފެއްދުމަށްޓަކައި އަޅުގަނޑުވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ދަންނަވާފައި. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޚާއްޞަ މަޝްރޫޢެއް މިކަމަށްޓަކައި އެކުލަވާލައި، މިހާރު އަލަށް އުފެދުނު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައި ހިންގާ ޚާއްޞަ މަޝްރޫޢެއްގެ ގޮތުގައި، މިކަން ކުރިއަށް ގެންދަން އަޅުގަނޑު ވާނީ ދަންނަވާފައި. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ދާދި އަވަހަށް މިފަދަ ސްކޫލްތަކަށް ލިބެންއޮތް އެހީތެރިކަން ލިބިގެން ގޮސް، މިތަންތާނގައި ކިޔަވައިދޭ ކުދިންނަށް، މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ކިޔަވައިދެވޭނެ ކަމަށް. އަދި އަޅުގަނޑުމެން މިހާރު ވިސްނާފައިވާ ގޮތުގައި، ގްރޭޑް 10 އާ ހަމައަށް ކިޔަވައިދިނުމަކީ އެއީ، ކޮންމެހެން ކުރަންޖެހޭ ކަމެއް. ގްރޭޑް 10 އާ ހަމައަށް ކިޔަވައިދިނުމަށްޓަކައި އޭގައި އެންމެ މިހާރަށް ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮންގޮތެއްތޯ ބަލައި، މިރަށަށްވެސް ދެވެންޖެހޭ އެހީތެރިކަމެއް ދިނުމަކީ އެއީ ކުރަންޖެހޭ ކަމެއް. އަދި ހަމަ ކުއްލިއަކަށް މިހާރު ފަހަރެއްގައި އަޅުގަނޑަށް ދަންނަވަން އެއީ، ރަނގަޅު ކަމަކަށް ނުވެވެސް ހިނގައިދާނެ، މިއަންނަ އަހަރު ގްރޭޑް 8 މި ސްކޫލްގައި ފަށައިދޭނަމޭ. އެހެން ނަމަވެސް، އަޅުގަނޑު ބަލާނަން، މިރަށުގައިވެސް ގްރޭޑް 8 އަށް މިއަންނަ އަހަރު ކިޔަވައިދެވޭނީ ކިހިނެއް ހަދައިގެންތޯ؟

އާދެ! ޝުޖާޢު ތިޔަ ހުށަހެޅުއްވި ޚިޔާލު، މީހުން މަދު ރަށްރަށަށް އެހެން ތަންތަނުން މީހުން ގެނައުމުގެ ޚިޔާލަކީ އެއީ ހަމަ ރަނގަޅު ޚިޔާލެއް. އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާނަން. އެއީ ހަމަ ފުދޭވަރެއްގެ ބޮޑު ޚަރަދެއް ކޮށްގެން، އަޅުގަނޑުމެންނަށް ކުދި ރަށްރަށް ބޮޑުކުރުމަށްޓަކައި ބިން ހިއްކަން ޖެހެނީވެސް. އަދި ބިން ހިއްކުމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ބޮޑެތި ގެއްލުންތައްވެސް އެބަހުރޭ. އެހެންވީމާ، މިކަމާ ދޭތެރޭގައި އާ ވިސްނުމަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާނަން.

މިރަށަކީ ރީތި، ހިތްފަސޭހަ، ބިންބޮޑު ރަށެއް. މިރަށަކީ ވަރަށްގިނަ ޒަމާން ވަންދެން މީހުން އުޅެފައި އޮތް ރަށެއް. އެހެންވީމާ، އަދި ޚާއްޞަކޮށް، މިރަށަކީ ދަނޑުވެރިކަން ވަރަށް ރަނގަޅު، ބިންގަނޑު ރަނގަޅު ރަށެއް. އެހެންވީމާ، މިރަށް ތަރައްޤީ ކުރެވޭނެ ގޮތަކާ ދޭތެރޭގައި އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. އަޅުގަނޑު ވަރަށް އުފާވޭ، މިރަށުގެ ޢާއިލާތައް ޗުއްޓީގައި ކޮންމެ އަހަރަކުވެސް މިރަށަށް އަންނާތީ. އެއީ މިރަށްދެކެ އެބޭފުޅުންވާ ލޯތްބެއްގެ ބޮޑުކަން އަޅުގަނޑަށް އެނގޭ. މިރަށަކީ ހިތްފަސޭހަ ރަށަކަށްވާތީ، ހަމަ ޔަޤީނުންވެސް އެނބުރި ކޮންމެ އަހަރަކު ހުރިހާ ޢާއިލާތައް އެނބުރި އަންނަނީ. އެއީ ވަރަށް އުންމީދީ ކަމެއް. އެހެންވީމާ، އަދި ރަށުން ބޭރުގައި، މާލޭގައި ނޫނީ އެހެން ރަށްރަށުގައި ޢާއިލާތައް އުޅުނު ކަމުގައިވީނަމަވެސް، މިރަށް، ރަށުގައި ބަނދަރެއްވެސް އޮވެގެން އަދި މިރަށުގައި ޗުއްޓީގައި އައިސް އުޅޭއިރުގައި ހިތްފަސޭހަ އެހެން ކަންތައްތައްވެސް ހުރެގެން އެގޮތަށް ޢާއިލާތައް އައިސް އުޅެވޭނީ. އެހެންވީމާ، އަޅުގަނޑަށްވެސް ހަމަ ޔަޤީންކުރެވޭ، މިރަށުގައި ބަނދަރު ފުންކޮށް، ބަނދަރު ހެދުމަކީ މުހިންމު ކަމެއް ކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަމާއިގެން އަޅުގަނޑު ކުރިއަށްދާނަން.

އަޅުގަނޑު ހީކުރަން، މިރަށުގެ ޢާއިލާތައް، ރަށުގެ ކަންކަން ރަނގަޅުވަމުން ދިޔަދިޔަހެން އެނބުރި އަންނާނެ ކަމަށް. އައިސް މިރަށުގައި މަސައްކަތް ކުރަމުން ގެންދާނެ ކަމަށް. ޚާއްޞަކޮށް، މިރަށުގައި ކުރެވެންހުރި މަސައްކަތްތައް ކުރާނެ ކަމަށް. މިރަށަކީ ދަނޑުވެރިކަން ކުރެވެން އޮތް ރަށެއް. ވަރަށް ރަނގަޅަށް ދަނޑުވެރިކަން ކުރެވިދާނެ މިރަށުގައި. އެހެންވީމާ، ދަނޑުވެރިކަމަކީ މުސްތަޤްބަލެއް އޮތް ކަމެއް. މިއަދު ރާއްޖޭގެ ރަށްތަކަށް ތަރުކާރީއާއި މޭވާއާ އަދިވެސް ހަމަ ރާއްޖެއިން ބޭރުވެސް އެބަ ގެނޭ. އެހެންވީމާ، މިތަކެތި ރާއްޖެއިން ބޭރުން ނުގެނެސް، އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ދަނޑުވެރިކަމުގެ ގޮތުން ތެދުވެވޭނެ ކަމުގެ އުންމީދު، މިފަދަ ރަށްރަށަށް އައުމުން، އަޅުގަނޑުމެންނަށް ލިބިގެން އެބަދޭ. އެހެންވީމާ، ދަނޑުވެރިކަންކުރާ ޢާއިލާއަކަށް ދަނޑުވެރިކަން ކުރަން ބޭނުންވާ، މިޒަމާނުގެ ގޮތަށް އެކަން ކުރަން ބޭނުންވާ ފަރާތްތަކަށް މިރަށުން ބިން ދޫކުރުން އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އުންމީދު ކުރަން، މިރަށަށް އިތުރު ދިރުން އަންނާނެ ކަމަށް.

އާދެ! ކުރިން ދެންނެވިހެން، މިރަށުގެ މުސްތަޤްބަލާއި، މިރަށުގެ ތަރައްޤީއާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނާނަން. އަދި ރަށުގެ ރައްޔިތުންނާއި ރަށުގެ ކައުންސިލާ ގުޅިގެން، އަޅުގަނޑުމެން ވާހަކަ ދައްކައިގެން، ރަނގަޅު ގޮތެއް ފެނޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އަޅުގަނޑަށް ހީވަނީ މިރަށަކީ ހަމަ ވަރަށް އާދަޔާ ޚިލާފު ރަށެއްހެން އިނގޭތޯ. އެއީ މިރަށަށް ފޭބުމާއެކީގައިވެސް އަޅުގަނޑަށް ފެނިގެންދިޔައީ، ވަރަށް ތާޒާކަމެއް. މީސްތަކުންގެ މޫނުމަތިންނާއި އަދި ބައްދަލުވި އެކިއެކި ޢާއިލާތަކާ ވާހަކަ ދައްކާލެވުމުން އަޅުގަނޑަށް ވިސްނިގެންދިޔައީ މިރަށަކީ ވަރަށް ދިރުންހުރި، ވަރަށް ތާޒާ، ވަރަށް ޒުވާން ބައެއްގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މިރަށަށް ހަމަ ރަނގަޅު ގޮތްތަކެއް ވެގެންދާނެ ކަމަށް. އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ، މިރަށަށް ދިރުން އައުން. ތިޔަ ހުރިހާ ބޭފުޅުންނަކީ ވަރަށް އުފާވެރި ބައެއްގެ ގޮތުގައި އަބަދުވެސް ދިރިއުޅުއްވުން.

އެހެންވީމާ، އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ، މާތްﷲ މިރަށަށް، މިރަށުގެ ރައްޔިތުންނަށް ރަޙްމަތް ލެއްވުން. އަދި މިރަށަށް ދުވަހަކަށްވުރެ ދުވަހެއް އިތުރު ފާގަތިކަމާއި ދިރުން ދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.