بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދާންދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، ސަރުކާރުގެ ޢިއްޒަތްތެރި ވަޒީރުން، ދައުލަތުގެ ބަންޑާރަ ނައިބު، ރަށު ކައުންސިލްގެ މެންބަރުން، އަތޮޅު ކައުންސިލްގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ދާންދުއަކީ މީގެކުރިންވެސް އަޅުގަނޑަށް ދެފަހަރަކު އާދެވިފައިވާ ރަށެއް. ނަމަވެސް، ދުވަސްކޮޅަކު ނާދެވުމަށްފަހުގައި، މިއަދު މިއާދެވުނީ. ކުރިން އަޅުގަނޑަށް މިރަށަށް އާދެވިފައިވަނީ، ކޮންމެވެސް އިންތިޚާބެއްގެ ތެރޭގައި، އިންތިޚާބެއްގެ ކެމްޕެއިނެއްގެ ތެރޭގައި. ނަމަވެސް، މިއަދު މިރަށަށް އައުމުގެ ނަޞީބު އަޅުގަނޑަށް މި ލިބުނީ، އިންތިޚާބަކާ ގުޅިގެނެއް ނޫން. ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މިއަދު ތިޔަ ވިދާޅުވި މަރްޙަބާއާއި ތަރުޙީބަށްޓަކައި އަޅުގަނޑު، މިރަށުގެ މިރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ! މިރަށް ފަދައިން، ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރަންޖެހޭ ތަރައްޤީގެ މަސައްކަތް، ކޮންމެވެސް ވަރަކަށް ހިފެހެއްޓިފައި އެބަހުރި. އެ ހިފެހެއްޓިފައި މި ހުރީކީ، އެއްގޮތަކަށްވެސް ސަރުކާރުން އެކަންކަން ކުރަން ބޭނުންނުވާތީކީ ނޫން. ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހިފައިމިވާ ސިޔާސީ ޙަޤީޤަތުގެ ތެރޭގައި، އެކިމީހުން އެކިކޮޅަށް މަސައްކަތް ކުރަމުން ގެންދާތީ. އަޅުގަނޑުމެންފަދަ ކުޑަކުޑަ ޤައުމެއްގައި، އަޅުގަނޑުމެންފަދަ ވަސީލަތްތައް މަދު ތަނެއްގައި، އެންމެން އެކުވެރިވެގެން، އެއްބައެއްގެގޮތުގައި، އެއްދިމާއަކަށް، އެއްމިޞްރާބަކަށް މަސައްކަތް ނުކުރާ ކަމަށްވާނަމަ، އަޅުގަނޑުމެންނަށް ލިބެންވާ ކުރިއެރުމެއް ނުލިބޭނެ. މިރަށުގައިވެސް އަޅުގަނޑުމެންނަށް މިފެންނަނީ، އެކި މީހުން އެކިދިމާއަށް މަސައްކަތް ކުރަމުން ގެންދާތަން. އެއީ ވަރަށްދެރަ ކަމެއް. ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވިފަދައިން، ރަށުގައި ވެރިކަމެއް ޤާއިމުކުރެވިފައި އޮންނަނީ، ރައްޔިތުންނަށް ޚިދްމަތްކޮށްދޭން. އެއަކީ އެ ވެރިންގެ އަމިއްލަ ބޭނުމަކަށް ކޮށްފައި ހުންނަ ކަމެއް ނޫން. ސަރުކާރުގެ ފަރާތުން މުސާރަދެނީ، ރައްޔިތުންގެ އަތުން ނެގޭ އެއްޗަކުން. ރައްޔިތުންގެ އަތުން ނެގޭ ޓެކްސް، ރައްޔިތުންގެ އަތުން ނެގޭ ޑިއުޓީ. މީގެތެރެއިން ފައިސާ ހޯދައިގެން، ރައްޔިތުންގެ ނަމުގައި، މި މުސާރަތަކާ އެއްޗެހި މި ދެވެނީ. އެހެންވީމާ، ރައްޔިތުންގެ މުސާރަ ލިބޭ މީހުންނަކީ، ރައްޔިތުންގެ ޚާދިމުން. ރައްޔިތުންނަށް ޚިދްމަތްކޮށްދޭ މީހުން. ރައްޔިތުންނަށް ކުރަންޖެހޭ ކަންކަމުގައި، އެކަންކަމަށް ފުރައްސާރަކޮށް، އެކަންކަމަށް ހުރަސްއަޅާ ބަޔަކަށް ވެގެން ނުވާނެ. މިއަދު މި ޖެހިގެން އުޅޭ ކަންތައްތަކަކީ، ވަރަށްވެސް ދެރަ ކަމެއް. މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބަދުނަޞީބު ކަންތައްތަކާ އަޅުގަނޑުމެންނަށް މި ކުރިމަތިލާން މިޖެހެނީ.

ރާއްޖޭގެ ރައްޔިތުންނަކީ، އަބަދުވެސް ހިތްހެޔޮކަމަށް ލޯބިކުރާ ބައެއް. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އަބަދުވެސް އެއްބައިވަންތަ ބައެއް. ނަމަވެސް، ފަހަކަށްއައިސް އަޅުގަނޑުމެންގެތެރެ ބައިބައިވެގެން ގޮސްފައި މިވަނީ، ކުއްލިއަކަށް އަޅުގަނޑުމެންގެ ތެރެއަށް ދިމާވި ކަންތައްތަކެއްގެ ސަބަބުން. ސިޔާސީ ޕާޓީތަކުގެ ނަމުގައި، އެކިއެކި ޖަމާޢަތްތައް އުފެދި، ފިކުރީގޮތުން ޚިޔާލު ތަފާތުވެ، އެއްބަޔަކު އަނެއްބަޔަކާ ދިމާކުރުމުގެ ރޫޙެއް މިހާރު މިވަނީ ފެށިފައި. އޭގެ ސަބަބުން ޤައުމަށް ބޮޑެތި ގެއްލުންތަކެއް މިދަނީ ލިބެމުން. އަޅުގަނޑު ޤަބޫލުކުރާހިތްވަނީ، އަޅުގަނޑުމެން ދިވެހިންނަކީ، މިބާވަތުގެ ގެއްލުންތަކެއް ލިބޭވަރަށްވުރެން ރަނގަޅު ބައެއް ކަމަށް. އަޅުގަނޑުމެންނަކީ އެއަށްވުރެ ނަޞީބު ރަނގަޅު ބައެއް ކަމަށް އަޅުގަނޑު އުންމީދުކުރާހިތްވަނީ. އެހެން ނަމަވެސް، ޙަޤީޤަތަކީ، މިވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި، ޚާއްޞަކޮށް، މިވޭތުވެދިޔަ ދިހަވަރަކަށް މަސްދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ރައްޔިތުންނާއި ސަރުކާރަށް އުޅެން ޖެހިފައި މިވަނީ ވަރަށްވެސް އުނދަގޫ ކަންތައްތަކެއްގެ ތެރޭގައި. މިހެން މިކަން އޮވެގެން، ޤައުމާއިގެން ކުރިއަށްދިޔުން ވަރަށް އުނދަގޫވާނެ. އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު މިމަޤާމާ ޙަވާލުވީކީ، ގަދަބާރުން އަޅުގަނޑު މިކަން ބޭނުންވެގެނެއް ނޫން. އެހެން ނަމަވެސް، ޤާނޫނުއަސާސީގައި އެކަން ކަނޑައެޅިފައި އޮތްގޮތުން، އެވަގުތު އަޅުގަނޑު ހުރި މަޤާމަކީ އެއީ ނައިބު ރައީސްކަމުގެ މަޤާމު ކަމަށްވާތީ، އަޅުގަނޑަށް މިމަޤާމާ ޙަވާލުވާން ލާޒިމުވީ. އޭރުއްސުރެ އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، ވީހާވެސް އޮމާންކަމާއެކީގައި، ކަންތައްތައް ކުރިއަށް ގެންދެވޭތޯ. އަދި ކެތްތެރިކަމާއެކީގައި، ޤައުމުގެ ކަންކަން ކުރިއަށް ގެންދެވޭތޯ. ނަމަވެސް، އަޅުގަނޑުމެންނަށް ކުރިމަތިލާން މިޖެހޭ ގޮންޖެހުންތަކާ ދޭތެރޭގައި ވިސްނާލާއިރުގައި، މިކަންކަމަކީ މިހާ ފަސޭހައިން އަދި ނިމެންހުރި ކަންކަން ކަމަކަށް ނުފެނޭ.

ވިސްނާވަޑައިގަންނަވާ، ފުރަތަމަ އަޅުގަނޑުމެންނަށް މި ދިމާވި ކަމަކީ، ސަރުކާރުގެ ކަންކަން ހިންގުމަށްޓަކައި އިސްކޮށްފައި ތިބި މީހުންގެ ތެރެއިން، އެންމެ އިސްކޮށްހުރި މީހާ، ކަންތައްތަކެއް ކުރިގޮތުން އޭނައަށް އަމިއްލައަށް އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަތީ. ވަރަށް ސާފުކޮށް، އެކަން ތަޙުޤީޤުކޮށް ބެލި މީހުން، އަޅުގަނޑުމެން ކައިރީގައި އެބަ ބުނޭ، އެ ޙާލަތު ކުރިމަތިވީ، އެވަގުތު ރައީސުލްޖުމްހޫރިއްޔާ ކަންތައް ކުރެއްވި ގޮތުންނޭ. އަނެއްކާ ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ދެއްވުމުގައި، އެއްވެސް މަޖުބޫރު ކަމެއްނެތޭ. އޭނާ އަމިއްލައަށް ކުރެއްވި ކަމެކޭ އެއީ. އެހެންނަމަވެސް، ދެން ކަންތައްވެގެން ދިޔައީ ކިހިނެއްތޯ؟ އޭގެ އަނެއް ދުވަހު ހަމަ އެނބުރިވަޑައިގެން، ރައްޔިތުންނާ ދިމާކުރައްވައި، ދެން ޖެހިގެން އައި ހުރިހާ ދުވަހެއް، އޭގެފަހުން މިދަނީ ރައްޔިތުންގެ ތެރޭގައި ހަލަބޮލިކަން އިތުރުކުރައްވައި، ހަމަނުޖެހުން އުފެއްދުމަށްޓަކައި. ވަރަށް ބޮޑެތި ހަމަނުޖެހުންތައް އުފެއްދުމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ އެހީތެރިކަމާއި، ރައްޔިތުން ކުރަންޖެހޭ ކަންކަމަށް މިދަނީ ހުރަސް އެޅިގެން.

ދެން އަޅުގަނޑުމެންނަށް މިކުރަންޖެހުނު އެންމެބޮޑު އެއްކަމަކީ، އެބަދަލު އައުމާ ގުޅިގެން އައި ހަލަބޮލިކަން މައިތިރި ކުރުމަށްޓަކައި މަސައްކަތް ކުރުން. އެކަން މައިތިރި ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ، އެކަމުގެ ޙަޤީޤަތް ހޯދުމަށް. އަޅުގަނޑުމެންގެ ބޮލުގައި، އަޅުގަނޑުމެންގެ ކޮނޑުގައި ވަރަށްބޮޑު އިލްޒާމްތަކެއް އެޅުއްވި. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް، އަޅުގަނޑުމެން ކަންތައް ކުރިކަމަށް އަޅުގަނޑުމެންގެ ބޮލުގައި، އިލްޒާމް އެޅުވި. އެހެންވީމާ، އެކަމުން އެބަޖެހޭ ސަލާމަތްވާން. އެކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ދަންނަ އެންމެ ރަނގަޅަށް އެކަން އަޅުގަނޑުމެން ކުރީ. އެކަމަށް ޚާއްޞަ ކޮމިޝަނެއް އެކުލަވާލައި އެކަމަށް ޤާބިލް ބޭފުޅުން އެއަށްލައިގެން، އެކޮމިޓީގައި ހިމަނައިގެން، އެކަން ތަޙުޤީޤުކުރީ. ތިން ހަތަރު މަސް ދުވަސްވަންދެން އެކަން ތަޙުޤީގު ކުރުމަށްފަހުގައި، އެކޮމިޓީގައި ދުނިޔެއަށް މަޝްހޫރު ފަނޑިޔާރުންވެސް ހިމަނައިގެން އަދި ބޭރު ޤައުމުތަކުގެ ބޭފުޅުންވެސް ހިމަނައިގެން، އެކޮމިޝަނުން ރިޕޯޓް ނުކުތްއިރުގައި، އެ ރިޕޯޓްގައި ވަރަށް ސާފުކޮށް އެބަބުނޭ، މިއީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ކޮށްގެން އުޅޭ ކަމެއް ނޫންކަން. މިކަމުގައި އަޅުގަނޑުމެން ކުށްވެރިއެއް ނުވާކަން ވަރަށް ރަނގަޅަށް ސާފުވެ އެނގިއްޖެ. ދުނިޔޭގެ ހުރިހާ ޤައުމުތަކުން މިކަން ބަލައިގެންފި. މިއަދަކު މިދުނިޔެއަކު ނެތް، ދިވެހިރާއްޖޭގެ ސަރުކާރު ގަބޫލުނުކުރާ ބައެއް. އެހެން ނަމަވެސް، އަދިވެސް މިޤައުމުގެ ތެރޭގައި ވަކި ސިޔާސީ ޕާޓީއަކުން މި ބުނަމުން މިގެންދަނީ ކީކޭތޯ؟ ތިމަންނަމެން ޤަބޫލެއްނުކުރަމޭ. ތިމަންނަމެން އެއްވެސް އެއްބާރުލުމެއް ނުދޭނަމޭ. ތިމަންނަމެން ޖެއްސުންކުރާނަމޭ. ތިމަންނަމެން މިވެނިކަމެއް ކުރާނަމޭ. މިހެން އެކަން މިއޮތީ.

ދެން އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހުނު އަނެއްކަމަކީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އެންމެން ވަރަށް ބޮޑަށް އަސަރުކުރާކަހަލަ ކަމެއް، އެއީ އަޅުގަނޑުމެންގެ އެއަރޕޯޓް ބޭރު ބަޔަކަށް ދިނުން. ދިވެހިރާއްޖޭގައި ހުޅުލޭ އެއަރޕޯޓަކީ އެއީ، ކޮންމެ ކޮންމެ އެއަރޕޯޓެއް ކަހަލަ އެއަރޕޯޓެއް ނޫން. މީގެތެރޭގައި، ޢުމުރުން ސާޅީހަކަށް އަހަރުގެ މަތީ ދުވަސްވެފައިވާ މީހުންނަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުއްޓަސް، އެ އެއަރޕޯޓް، ހުޅުލޭ އެއަރޕޯޓް ހެދުމަށްޓަކައި މަސައްކަތްކުރި މީހުން. އަޅުގަނޑަށް ޔަޤީން، މިތާ ތިއްބަވާނެ، ހުޅުލޭ އެއަރޕޯޓްގައި ގާގޮޅިޖަހަން ވަޑައިގެންނެވި ބޭފުޅުން. ހުޅުލޭ އެއަރޕޯޓް ކޮންނަން ވަޑައިގެންނެވި ބޭފުޅުން ތިއްބަވާނެ މިތާނގައި. ޚުދު އަޅުގަނޑުވެސް ގޮސް އެތަން ކޮނުނިން. އެހެންވީމާ، ހުޅުލޭ އެއަރޕޯޓަކީ އެއީ، އަޅުގަނޑުމެންގެ ލެޔާ ގުޅިފައި އޮތް އެއަރޕޯޓެއް. މީގެއިތުރުން، ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް ޤައުމެއް މިހާރު. ފަތުރުވެރިން އަންނަން އޮތް މައި ދޮރާށްޓަކީ ހުޅުލޭ އެއަރޕޯޓް. އެހެންވީމާ، އެތަން ބޭރުބައެއްގެ އަތަށް ދޫކޮށްލުމުން، ދެންވާނެ ގޮތްވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެކަން ކޮށްފައި އޮތީ، އެކަން ކުރެވޭނެ އެންމެ ގޯސްކޮށް. ދިވެހިރާއްޖެއަށް އެންމެ ކުޑަކޮށް އެތަނުން އެއްޗެއް ލިބޭނެ ގޮތަށް. ބޭރު ބަޔަކަށް އެންމެ ބޮޑު ފައިދާކުރާގޮތަށް. ވަރަށްދިގު މުއްދަތަކަށް ހުޅުލޭގެ ބިންވެސް ދޫކޮށްލާފައި އޮތީ. ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑު ހީނަރުކަމެއް ލިބޭގޮތަށް. މިވަރުގެ ބޮޑު ޖަރީމާއެއް ހިންގި ބަޔަކުވެސް، މިއަދުވެސް މަގުމައްޗަށް ނުކުމެފައި އެބަ ބުނޭ، ޖީ.އެމް.އާރު އަނބުރާ ގެންނާށޭ. އެކަމަކު އަޅުގަނޑުމެންގެ ތެރޭގެ ބައެއް ރައްޔިތުން، ހަމަ އެވާހަކަވެސް އަޑުއަހަން އެބަތިބޭ. އަދި އެމީހުންގެ ފަހަތުން ނުކުންނަ މަދު، ނަމަވެސް ބަޔަކު އެބަވޭ. ކަން އެހެން މިއޮތީ.

މިހެން މިކަން އޮއްވައި، ދެން އަޅުގަނޑުމެންނަށް މި ފެނިގެންދިޔަ އަނެއް ކަމަކީ، މިއީ ވަރަށް އަސަރުގަދަ ވާހަކައެއް. މިއީ ދިވެހި ރައްޔިތުންނަށް ދުވަހަކުވެސް ކުރިމަތިނުވާވަރުގެ ބޮޑު ނުރައްކަލެއް. ކީއްތޯ ވެގެން އެ ދިޔައީ؟ ދިވެހިރާއްޖޭގައި ހުންނެވި އެންމެ ފުންނާބު އުސް އެއް ޢިލްމުވެރިޔަކު، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ސަބަބަކަށްޓަކައި ވަރަށް އަނިޔާވެރިކޮށް އަވަހާރަކޮށްލެވުނީ. އެކަންކުރީ ބަޔަކު ރާވައިގެން، އެކަމުގެ ފަހަތުގައި ބަޔަކު ތިބެގެން. ޒުވާން ކުދިބައެއްގެ އަތަށް ލާރިދީގެން، އެބޭފުޅާ ވަރަށް އަނިޔާވެރިކޮށް އަވަހާރަކޮށްލީ. އެހެންވީމާ، މިއީކީ ދިވެހިރާއްޖޭގައި ދުވަހަކުވެސް ހިނގާފައި އޮތް ކަމެއް ނޫން. އަދި މިހާތަނަށް ތުހުމަތުވެސް ވެފައި އޮތް ކަމެއް ނޫން މިއީކީ، ބަޔަކު ފަހަތުގައި ތިބެގެން، އެހެން ބަޔަކަށް ލާރިދީގެންގޮސް މީހަކު މަރާލުން. މިވަރުގެ ބޮޑު ޖަރީމާއެއް، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އަދި ބަޔަކު ހިންގާފައެއް ނެތް. މިކަން މިވަނީ ސިޔާސީ ކަމަކަށްވެފައި. މީގެ ޙަޤީޤަތް ތިޔަބޭފުޅުންނަށް ވަރަށް އަވަހަށް ސާފުވެވަޑައިގަންނަވާނެ. އަޅުގަނޑު ހިތަށްއަރާ، ދިވެހިރާއްޖޭގައި ފެށިގެން އުޅޭ ސިޔާސީ ފިކުރުގެ ސަބަބުން މިއީ ކުރަންވާވަރު ކަންތައްބާއޭ؟ މިވަރުގެ ކަމެއް ކުރީމާވެސް ހަމަ ރައްޔިތުން މަޑުމަޑުން ތިބެންވީބާއޭ؟ ރައްޔިތުންނަށް ޤަބޫލުކުރެވޭވަރުގެ ކަންތައްބާއޭ މިއީ. އަޅުގަނޑު ދެކޭގޮތުގައި މިއީކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން. ދިވެހިރާއްޖޭގެ ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، ވަރަށް ކެތްތެރިކަމާއެކީގައި. އަދި މިކަމުގެ ޙަޤީޤަތް ސާފުކުރުމަށްޓަކައި ދުނިޔޭގެ އެކިއެކި ދިމަދިމާލުން އެހީތެރިކަން ހޯދައިގެން. އެއްވެސް މީހެއްގެ ނަން އަޅުގަނޑުމެން ނުބުނެ، މިހާތަނަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އެހެން ނަމަވެސް، ވިސްނާވަޑައިގެން ތިއްބަވާ. މިކަން ގޮސްޖެހޭނެ، ގޮސް ޖެހޭނީ ސިޔާސީ ފަރާތެއްގައި.

އާދެ! މިއީ ވަރަށް ހިތާމަހުރި ކަމެއް. ދިވެހިންނަށް ދިމާވެފައި އޮތް ވަރަށްބޮޑު ހިތާމައެއް. ވަރަށްބޮޑު މުޞީބާތެއް. މިކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން އެންމެން އެބަޖެހޭ މަސައްކަތް ކުރަން. މިކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުން އެބަޖެހޭ، މާތްﷲގެ ޙަޟުރަތަށް ދުޢާ ދަންނަވަން. މިއީކީ ކުޑަކުޑަ ކަމެއް ނޫން. މިމަގުގައި ދިވެހިރާއްޖެ އިތުރަށް ގޯސްވެގެން ގޮސް ކުރިއަށް ހިނގައްޖިއްޔާ، އަޅުގަނޑުމެންނަކަށް މާބޮޑު އުންމީދެއް ނޯންނާނެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިއުޅޭ ހިތްހަމަޖެހޭ، ހިތްފަސޭހަ މާޙައުލެއްގައި އަޅުގަނޑުމެންނަކަށް ނޫޅެވޭނެ. ދިވެހިރާއްޖެއަކީ ވަރަށްބޮޑު ހަމަނުޖެހޭ އަނދަވަޅެއްގެ ތެރޭގައި އޮތް ޤައުމަކަށްވެގެން ހިނގައިދާނެ.

އެހެންވީމާ، މިހާރުއްސުރެ އަޅުގަނޑުމެން އެބަޖެހޭ މިކަމަށް ސަމާލުވާން. ސަމާލުވެގެން އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް އެބަ އަޅަންޖެހޭ. އަޅުގަނޑު ސަރުކާރުގެ ފަރާތުން މިގެންދަނީ، މިކަންކަން ވަރަށް ގާތުން ބަލަމުން. އަދި އިރާދަކުރެއްވިއްޔާ، މި ސަރުކާރަކުންނެއް އަޅުގަނޑުމެން ތަނެއް ނުދޭނަން، ދިވެހިރާއްޖޭގައި މިބާވަތުގެ ބޮޑެތި ޖަރީމާތައް ދެން އިތުރަކަށް ހިންގާކަށް. އަދި މި ރާއްޖެ ދާޚިލީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް، ބޮޑު އަނދަވަޅެއްގެ ތެރެއަށް ވައްޓާލާކަށްވެސް، އަޅުގަނޑުމެން ތަނެއް ނުދޭނަން. ޤާނޫނީގޮތުންނާއި އެހެނިހެންވެސް ގޮތްގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަން. ދިވެހިރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

ބައެއް ޒުވާނުންނަށް ހީވެދާނެކަންނޭނގެ، ތިމަންނަމެން ދެން ވަކި ސިޔާސީ ޕާޓީއަކަށްވީމާ، އެ މާމޮޅު ކަމެކޭ ނުކުމެ، މީހުންނާ ދިމާއަށް އެއްޗެހި ގޮވާލާފައި، އަޑުގަދަކޮށްލައި، ލަވައެއްޖަހާލާ ހަދަން. ތެދެއް، އެހެން ޤައުމުތަކުގައިވެސް މީހުން ސިޔާސީ ލަވަވެސް ޖަހާއުޅޭ. އަދި ސިޔާސީ އެއްވުންވެސް ބާއްވާ. އެހެންނަމަވެސް، ޤައުމުގެ ކަންތައް މިދަރަޖައަށް ދިޔައިމާ، ޤައުމުގައި ތިބި އެންމެ ފުންނާބު އުސް މީސްމީހުން ސިޔާސީ ސަބަބުތަކަށްޓަކައި މަރަން ފެށީމާ، ދެން ޒުވާނުންވެސް އެބަޖެހޭ ވިސްނަން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެން އެންމެން އެބަޖެހޭ ވިސްނަން. ވިސްނައި އަޅުގަނޑުމެންގެ ހުރި ފިކުރީ ތަފާތުތައް އެއްކިބާކޮށް، މިޤައުމު އަޅުގަނޑުމެން އެބަޖެހޭ ސަލާމަތްކުރަން. މި ޤައުމަށް ދެރަ ދުވަހެއް އައުމުން، އޭގެ އަސަރު ކުރާނީ ހަމައެކަނި ދުވަސްވީ މީހުންނަކަށް ނޫން. ކުޑަކުދިންނަކަށް ނޫން. ނޫނީ އަންހެނުންނަކަށްވެސް ނޫން. ހުރިހާ ޒުވާނުންނަށްވެސް ހަމަ އެ އަސަރުކުރާނެ. ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓާލީމާ ކާކަށްތޯ ދެރަވާނީ. ހަމަ ރިޒޯޓްތަކުގައި މަސައްކަތް ކުރަން އުޅޭ ޒުވާނުންގެ ވަޒީފާތައް ގެއްލިގެންދާނެ. ދިވެހިރާއްޖޭގެ މަސް އެކްސްޕޯޓް ނުކުރެވުނީމާ، ކާކަށްތޯ ވަކި ދެރަވާނީ. ހަމަ ޒުވާނުންނަށް ދެރަވާނީ. އެހެންވީމާ، މިއަދު ޒުވާނުންވެސް އެބަޖެހޭ ވަރަށް ބޮޑަށް ޤައުމާ ދޭތެރޭގައި ވިސްނަން. މިޤައުމަކީ މިއީ ވަކި ބައެއްގެ އެއްޗެއް ނޫން. މި ޤައުމު މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމު. އަޅުގަނޑުގެވެސް ތިޔަބޭފުޅުންގެވެސް އަޅުގަނޑުމެން އެންމެންގެ ޤައުމު.

އަޅުގަނޑުމެން މިތަނަށް އައިސް މިތިބީކީ ބޭރުން އަންނަ ފަތުރުވެރިއެއް ގޮތަކަށް ނޫން. މިޤައުމުގެ މެހްމާނުންގެ ގޮތަކުން ނޫން. މި ޤައުމު މިއީ އަޅުގަނޑުމެންގެ ޤައުމު. މިނޫން ތަނެއް އަޅުގަނޑުމެންގެ ނެތް. އެހެންވީމާ، މިތަން އިޞްލާޙުކޮށް، މިތަން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތަކީ، އަޅުގަނޑުމެން އެންމެން ކުރަންޖެހޭ މަސައްކަތެއް. އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައިވެސް މިކަންކަމާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު އުޅޭ ކަމަށްވާނަމަ، އެބަޔަކަށް ނަޞޭޙަތްތެރިވެވަޑައިގެން ދެއްވުން އަޅުގަނޑު އެދެން. އަޅުގަނޑުމެންގެ ގޭގައި އެފަދަ މީހުން އުޅޭކަމަށްވާނަމަ، އެމީހުންނަށް ނަޞޭޙަތްތެރިވެވަޑައިގެން ދެއްވުން އަޅުގަނޑު އެބަ އެދެން. އަޅުގަނޑުމެން މިއަދު އެބަޖެހޭ، މިކަންކަން މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން. މިއީކީ ހަމައެކަނި ސިޔާސީ ލީޑަރުން ނޫނީ ސިޔާސީ މީހުން ސިޔާސީވެގެން އެކަކު އަނެކަކާ ދޭތެރޭ ކުރާ ކަމެއް ގޮތުގައި ނޯވެ، މުޅި ޤައުމު މިއީ ސަލާމަތް ކުރަންޖެހޭ އެއްޗެއްކަން ދެނެގެން، އަޅުގަނޑުމެންގެ އަމިއްލަ އެދުންތައް ދޫކޮށް، ޤައުމަށްޓަކައި މަސައްކަތް ކުރަން. އެގޮތަށް މަސައްކަތް ކޮށްގެން މެނުވީ، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް، ޞުލްޙަވެރި، އުފާވެރި މުޖުތަމަޢެއް ނުއުފެއްދޭނެ. ސަލާމަތީ ބަނދަރަކަށް އަޅުގަނޑުމެންނަކަށް ނުދެވޭނެ. އެއަކީ ރައީސުލްޖުމްހޫރިއަކަށް ހުންނަ މީހަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން. އަދި ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް ކުރެވޭނެ ކަމެއް ނޫން. އަދި ހަމައެކަނި ފަނޑިޔާރުންނަށްވެސް ކުރެވޭނެ ކަމެއް ނޫން. އެހެން ނަމަވެސް، މި ޤައުމުގެ މިދެންނެވި ތިން މުއައްސަސާ އެބަޖެހޭ، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދީގެން އުޅެން. އެއްބަޔަކު އަނެއް ބައެއްގެ ފައިދޮށުން ދޫލަ ދަމައިގަންނަ ގޮތަށް، ނޫނީ އެއްބަޔަކު އަނެއް ބަޔަކަށް ޙަމަލާދޭގޮތަށް މަސައްކަތްކޮށްގެނެއް، މި ޤައުމު އަޅުގަނޑުމެންނަކަށް ސަލާމަތެއް ނުކުރެވޭނެ. ތިމާމެންގެ އަމިއްލަ މަޞްލަޙަތު އޮންނަ ކަމެއްގައި، ތިމާ ބޭނުންވާ ގޮތަށް ކަންތައް ނުވީމާ، ދެން ނުކުމެ ޤައުމު ހަލާކު ކޮށްލަން ދިމާކުރުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެންނަށް އެތަން މިހާރު އެބަފެނޭ. ތިމަންނަ ބޭނުންވާ ކޮންމެވެސް މަޝްރޫޢެއް ހަމަނުޖެހުނީމާ، ތިމަންނަ ބޭނުންވާ ފަޅުރަށެއް ނުލިބުނީމާ، ނޫނީ ތިމަންނައަށް ދޫކޮށްފައި އޮތް ކޮންމެވެސް އެހެން ޢިނާޔަތެއްގެ ކަންތައް، ސަރުކާރުން ތިމަންނަ ބޭނުންވާގޮތަށް އެއީ ޤާނޫނާ ޚިލާފުވި ކަމުގައިވިޔަސް ހަމަނުޖެހުނީމާ، ދެން ނުކުމެ ރައީސުލްޖުމްހޫރިއްޔާއާ ދިމާއަށް އެއްޗެހި ކިޔަން، ހުރިހާ ފަނޑިޔާރުންނާ ދިމާއަށް އެއްޗެހި ކިޔައި، މުޅި ޤައުމު ހަލާކުކޮށްލުމަށްޓަކައި މަސައްކަތް ކުރުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫން. ތިމާ ޤާނޫނުއަސާސީއާ ޚިލާފުވީމާ، ދެން ލިބެންވާ އަދަބެއް ތިމާއަށް ލިބެންޖެހޭނެ. އެ އަދަބު ލިބެން ފެށީމާ، ދެން ނުކުމެ ޤައުމު ހަލާކުކޮށްލަން މަސައްކަތް ކުރުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫން. އެކަމަށް އަޅުގަނޑުމެން ތަންދީގެންވެސް ނުވާނެ. އެކަމަށް ތަންދީ، އެކަން ދޫކޮށް، އެކަން ބަލަހައްޓައިގެން ތިބުމަކީ، އެއީ ހަމައެކަނި އޭނާގެ ޙައްޤުތައް ބެލެހެއްޓުމެއް ނޫން. އެއީ، އެހެން ހުރިހާ އެންމެންގެ ޙައްޤުތައް ނިގުޅައިގަތުން.

އެހެންވީމާ، ޤާނޫނުގެ ބާރު ރާއްޖޭގައި އެބަ ދެމެހެއްޓެންޖެހޭ. ޤާނޫނުގެ ބާރު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، ޢަދުލު އިންޞާފް ޤާއިމު ކުރުމުގެ ހުރިހާ މުއައްސަސާތަކުން ބަރާބަރަށް އެބަ ކުރަންޖެހޭ. ޤައުމުގައި ޢަދުލު އިންޞާފު ޤާއިމް ނުކުރެވުނީމާ، ޤާނޫނުގެ ބާރު ނުހިންގުނީމާ، ދެން ދޫވަމުން ދޫވަމުން ދޫވަމުން ގޮސް އެންމެފަހުން ޖަންގަލީގެ އުޞޫލަށް ކަން ބަދަލުވެގެންދާނީ. ގަދަފަދަ މީހާ، ބަލިމީހާ ބަލިކޮށްލައިގެން، އަޑުގަދަމީހާ އަޑު އުފުލައިގެން، އެހެން މީހުންގެ މައްޗަށް ވެރިވެގަނެގެން އުޅޭ ނިޒާމަކަށް ތަން ބަދަލުވެގެންދާނީ. އެ ފުރްޞަތު އަޅުގަނޑުމެންދީގެން ނުވާނެ. އެކަމަށްޓަކައި ކުރެވެންހުރި މަސައްކަތްތަކެއް ކުރުމަކީ އެއީ ޚާއްޞަކޮށް، ދައުލަތް ހިންގުމަށްޓަކައި، އެ މަސްއޫލިއްޔަތު ޙަވާލުވެފައިވާ ހުރިހާ މުއައްސަސާތަކުން ބަރާބަރަށް ކުރަންޖެހޭ ކަމެއް. އެކަން ކުރަން އެބަޖެހޭ ފުލުހުންވެސް. އެކަން ކުރަން އެބަޖެހޭ ބަންޑާރަ ނައިބުގެ އޮފީހުންވެސް. އެކަން ކުރަން އެބަޖެހޭ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް. ކޯޓުތަކުންވެސް. މިހުރިހާ ތަނަކުން އެބަޔަކު ކުރަންޖެހޭ މަސައްކަތްތައް ބަރާބަރަށް އެބަ ކުރަންޖެހޭ. އަޅުގަނޑުމެންނަކަށް މިއަދަކު ނެތް ދޫކުރެވޭކަށް. މާބޮޑަށް ދޫކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް މިހާހިސާބަށް މިކަން އައިސްފައިވެސް މިއޮތީ.
އެހެންވީމާ، ރަށުގެ ފެންވަރުގެ ފެންވަރުގައިވެސް، ރައްޔިތުން ވިދާޅުވާނެ، ތިމަންނަމެން ކީއްހޭ ކުރާނީ؟ ތިމަންނަމެން އެ ތިބީ މުސާރަދީފައި، އެކިވަރުވަރުގެ ވެރިން ތަންތަނަށްލާފައޭ. ދަންނަވަންތޯ، ތިޔަބޭފުޅުންނަށްވެސް ވިދާޅުވެވޭނެ، ތިމަންނަމެން ގަބޫލެއް ނުކުރާނަމޭ ތި ކަންކަމެއް. ތިމަންނަމެންނަށް ގަބޫލެއް ނުކުރެވެއޭ، މިރަށަށް އައިސް މިރަށުގައި މަސްތުވާތަކެތި ވިއްކާތަން ދެކޭކަށް ތިމަންނަމެން ގަބޫލެއް ނޫނޭ. މިރަށުން ފައިބާށޭ. ތިޔަބޭފުޅުން ވިދާޅުވޭ، ތިމަންނަމެން ތެރޭގައި، ތިމަންނަމެންގެ ކުރިއެރުމުގެ މަޝްރޫޢުތައް ހުއްޓުވާ ބަޔަކު އުޅޭކަށް ބޭނުމެއް ނޫނޭ. މިރަށަށް އަރައިގެން ނުވާނޭ.

މިރަށުގައި ކީއްވެގެންތޯ، މިރަށުގެ ގެދޮރު އެޅުމުގެ މަޝްރޫޢު ހުއްޓިފައި މި އޮންނަން ޖެހުނީ. އެއީ ކީއްވެގެންތޯ؟ އޭގެ ތެރޭގައި ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ރޯލެއް އެބައޮތޭ. އެކަން ހުއްޓުވާލައިގެން އެތިބެނީ ކިހާ ދުވަހެއްތޯ މިހާރު. ސަރުކާރުގެ ފަރާތުން ބޭރުގެ ފަރާތްތަކަކަށް ގޮސް އެހީ ހޯދައިގެން އައިސް، 298 ގެ މިއަތޮޅުގައި އެޅުމަށްޓަކައި ކުރަމުންގެންދާ މަސައްކަތް ހުއްޓުވާލާފައި މިއޮތީ ކިހިނެއްތޯ؟ މި ހަމަ ސިޔާސީ ބައެއް މިކަން މިކުރަނީ. އެކަމަކު ހަމަ ރުޅިއައްސަ ނިކުމެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، އެހެން މީހުންނާ ދިމާއަށް އެއްޗެހިކިޔައި، އަޅުގަނޑުމެން މަގުމައްޗަށް ނުކުންނަ ފަހަރަކު، އަޅުގަނޑުމެންނާ ދިމާއަށް ހަޅޭއްލަވައި، މިކަންތައް ކުރަމުން އެގެންދަނީ. ހަމަ އެމީހުން މިރަށަށްވެސް އައިސް އަރާނެ. އަރާއިރުގައި ހަމަ ތިޔަބޭފުޅުން ހަމަ އެމީހުންނަށް ހަމަ ތަރުޙީބު ވިދާޅުވާން ވަޑައިގެން ތިއްބަވާނެ. އެހެން ނަހައްދަވާ. ރައްޔިތުންނަށް ޚިޔާނާތްތެރިވާ މީހުން، ރައްޔިތުންގެ މަޝްރޫޢުތައް ހުއްޓުވައި، އެއިން އަމިއްލަ ފައިދާ ނަގަންއުޅޭ މީސްމީހުން މިތަނަށް އެރިޔަ ނުދެއްވާ. މިއީ ތިޔަބޭފުޅުންގެ ރަށް.

ހަމައެހެން، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންވެސް ކުރެވޭތޯ ބަލާނަން. އަޅުގަނޑު ނުދަންނަވާނަން. އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ކުރެވެނީކީ އެންމެ ރަނގަޅަކަށޭ. އަޅުގަނޑު އެކަމަށްޓަކައި އިޢުތިރާފްވަން. ނަމަވެސް، މިއަދު އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ކަނޑައެޅިފައި އޮތްގޮތުން، ދިވެހިރާއްޖޭގެ ވެރިޔަކު މިހާތަނަކަށް އަދި ނެތް މިހާ ބާރުކަނޑުވާލާފައި ހުރި ވެރިޔަކު ހުރި ޒަމާނެއްވެސް، ދިވެހިރާއްޖޭގެ ތާރީޚަކުވެސް. ދިވެހިރާއްޖޭގެ މޮޅު ޤާނޫނުއަސާސީ ހެއްދެވުމަށްޓަކައި، އެއްވެސް ތަޖުރިބާއެއް ނެތް، ޒުވާން ބޭފުޅުންތަކެއް ޤާނޫނުއަސާސީ އެކުލަވައިލީ. އެކުލަވައިލި އެކުލަވައިލުމުގައި ރާއްޖޭގައި ޢަދުލު އިންޞާފް ޤާއިމް ކުރުމުގެ އެންމެމަތީ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތް ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ކަނޑުވާލައި، ރައްޔިތުންނަށް ކުރަންޖެހޭ ކަންކަން ކުރުމުގައި، ކަންތައް ނުކުރެވޭހާ ގޮތެއް ބަލައިގެން ކަންތައް ކޮށްފައި މިހިރީ. އެކަމުން އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައި މަސައްކަތް ކުރަން ބަލާއިރުގައި ހުރި ގޮންޖެހުންތައް ވަރަށްގިނަ. ނަމަވެސް، އެކަންވެސް އަޅުގަނޑުމެން ކުރަން އެބަޖެހޭ.
މިޤައުމު ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހިތްވަރު އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އެ ހިތްވަރު ލިބޭނީ، ތިޔަ ރައްޔިތުންގެ ފަރާތުން. ތިޔަ ރައްޔިތުން އެކަން ކުރައްވަން ތިއްބެވި ކަމަށްވާނަމަ، އަޅުގަނޑުމެންނަށް އެ ހިތްވަރު ލިބިގެން، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރާނަން. އަޅުގަނޑުމެންނަށް މިޤައުމު ހަމައަކަށް އެޅުވޭނެ. އިރާދަކުރެއްވިއްޔާ، އެކަމުގައި އަޅުގަނޑުމެން ފަހަތަކަށްވެސް ނުޖެހޭނަން.

މިވާހަކަތައް އަޅުގަނޑަށް މިދެންނެވެނީ، ހަތަރު ދުވަސް ވަންދެން މިއަތޮޅުގައި އުޅުމަށްފަހުގައި، އެންމެފަހުން އަޅުގަނޑު ވާހަކަ ދައްކާ ޖަލްސާ ކަމަށްވާތީ. އަޅުގަނޑަށް ފެނޭ، މިއަތޮޅަކީ ވަރަށް މުއްސަނދި އަތޮޅެއްގެ ގޮތުގައި. މިއަތޮޅަކީ އެންމެ ގިނައިން މަސްބާނާ އަތޮޅު. މިއަތޮޅަކީ އެންމެ ރީތި ފަޅުރަށްތައް ހުރި އަތޮޅު. އެންމެ ގިނަ ފަޅުރަށްތައް ހުރި އަތޮޅު. އެކަމަކު އަދިވެސް މިއުޅެނީ މިތަންތާނގައި ކުރަންޖެހޭ އަސާސީ ކަންތައްތައް ނުކުރެވިގެން ނޫންތޯ. އެކަން މިނުކުރެވިގެން އުޅޭ ސަބަބު އަޅުގަނޑުމެން އެބަޖެހޭ ވިސްނާލަން. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެން މިކަމާ ދޭތެރޭގައި ވިސްނައި، އަޅުގަނޑުމެންގެ ޢަޒުމް މިހާރަށްވުރެ ވަރުގަދަކޮށް، އަޅުގަނޑުމެން ކުރަންހުރި ކަންކަން ކުރުމަށްޓަކައި ކުރިމަތިލަމާ ހިންގަވާ.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވާނަން، މިރަށުގެ ކައުންސިލްގައި ކޮންމެ ކުލައެއް ޖެހިފައި ތިބި ބަޔަކު ތިއްބަސް، އަޅުގަނޑަށް ވަރިހަމަ. ދައުލަތުގެ ފަރާތުން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކުރުމުގައި، އަޅުގަނޑުމެން ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނަން. އެގޮތުން، އިރާދަކުރެއްވިއްޔާ، ގެދޮރު އެޅުމުގެ މަޝްރޫޢުވެސް މާލަހެއްނުވެ ފެށޭނެ. އެކަން މިހާރު ޙަވާލުކޮށްފައިވާ ފަރާތަށް އެކަން ނުކުރެވޭ ކަމަށްވަންޏާ، އެމީހުން އަތުން އެ ނަގާފައި، އެކަން ކުރެވޭވަރުގެ ބަޔަކާ ޙަވާލުކޮށްގެންވެސް، އަޅުގަނޑުމެން އެކަން ކުރާނަން.

އާދެ! ދެންމެ އަޅުގަނޑު މިއައީ، މިރަށުގެ ހެލްތް ސެންޓަރަށް ގޮއްސަ. ޞިއްޙީ މަރްކަޒުގެ ޙާލަތުވެސް ވަރަށްދެރަ. މިވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، އެތަނެއް ނެތް ކުޑަވެސް މަރާމާތެއް ކޮށްލާފައެއް. ހަލާކުވި އެއްވެސް އެއްޗެއް ހަދާފައެއް. އެތާނގެ ލެބްގެ އެއަރކޮންޑިޝަނަރ މިހާރު ހަލާކުވެފައި ހުންނަތާ އެއްއަހަރު މިވީ. އެތަނަށް ޓެސްޓް ކުރަން ގެނައި މެޝިން ބޭނުންނުކޮށް ހުންނަތާ ތިންއަހަރު މިވީ. ކާކުތޯ މީގެ ޒިންމާ އުފުލަނީ. އެތާ ތިއްބަވާ ބޭފުޅުން ވިދާޅުވަނީ، ރީޖަނަލް ހޮސްޕިޓަލްގައި ހުންނަ މީހެކޭ މިކަން ކުރަން ޖެހޭނީ. އަޅުގަނޑަށް ޔަޤީން، ހަމަ ރީޖަނަލް ހޮސްޕިޓަލަށް ގޮއްސަ އެވާހަކަ އަހާލާއިރަށް ބުނާނެ، ނޫނެކޭ ހެލްތް މިނިސްޓްރީގައި ހުންނަ މީހަކު ކަމެއް ނުކޮށްގެނޭ މިކަން ނުކުރެވިގެން މިއުޅެނީ. އަބަދުވެސް ކޮންމެވެސް އެހެން މީހެއްގެ ބޮލަށް މި ޒިންމާ ދިނުން ނޫން އެހެން ކަމެއް ނުކުރޭ. އެއްއަހަރު ދުވަސް ވަންދެން ހެލްތް ސެންޓަރުގެ ލެބް އެއަރ ކޮންޑިޝަން ހަލާކުވެފައި ހުރެގެން ނުވާނެ. އެކަން އެހެންވެގެން ނުވާނެ. އަޅުގަނޑުމެން ހާދަ ބޮޑު ޚަރަދެކޭ ކުރަނީ ޞިއްޙަތަށް މި ރާއްޖޭގެ. މި ރާއްޖޭގެ ޞިއްޙަތުގެ ބަޖެޓަކީ ގާތްގަނޑަކަށް ދެބިލިއަން ރުފިޔާއޭ. އެހެންވީމާ، ކީއްވެތޯ އެ އެއަރ ކޮންޑިޝަން ނެހެދި ހުންނަންވީ އެހާ ދުވަސް ވަންދެން. އެކަމަކު އެތަންވެސް އެހެރީ. އެތާނގެ ދޮރުތަކުގައި އެހެރީ ފިލާ ޖަހާފައި. އެއެއް ނުއެއް ހުޅުވޭ. މިޙާލަތަށް ކަންތައް މިދަނީ، އަޅުގަނޑު ދަންނަވާނީ، ހަމަ ކަންކަން ޙަވާލުވެފައި ތިބޭ މީހުން، އެކަންކަން ނުކުރާތީއޭ. އެހެންވީމާ، މި މައްސަލަ އަޅުގަނޑު ނަގާނަން. އަދި ކޮންމެ މީހަކު އެކަން ކުރިކަމުގައިވީ ނަމަވެސް، ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މިކަން އަޅުގަނޑު ކުރުވާނަން.

އާދެ! ތަޢުލީމް، އަޅުގަނޑު އުފާކުރަން، ގިނަ ސްކޫލްތަކެކޭ އެއްގޮތަށް، މި ސްކޫލްގައިވެސް ކޮންމެވެސްވަރެއްގެ މަސައްކަތްތަކެއް ކުރެވެމުންދާތީ. އެހެން ނަމަވެސް، ތަޢުލީމީ ދާއިރާއަކީވެސް ހަމަ މިދެންނެވި ގޮތަށް ކުރަންޖެހޭ މަރާމާތުގެ ކަންތައްތައް ނުކުރެވި ހުރި ދާއިރާއެއް. ސްކޫލްތަކުގެ ފާޚާނާތައް މަރާމާތު ނުކުރެވި، ގިނަ ތަންތާނގައި ހުރީ. އަޅުގަނޑު މިސްކޫލްގެ ފާޚާނާތައް މިއަދު ބަލައިލިން. ނަޞީބަކުން އެތަން މަސައްކަތްކުރާގޮތަށް ހުރީ. އެކަމަކު ގިނަ ރަށްރަށުގެ ޙާލަތު ހުރީކީ އެހެނެއް ނޫން. މިތާނގައިވެސް ލެބުވެސް ބޭނުންވޭ. އަދި ކޮމްޕިއުޓަރުވެސް ބޭނުންވޭ. އަދި މިއަހަރު އަޅުގަނޑުމެންގެ ބަޖެޓުގައި، އެންމެބޮޑު އަހަންމިއްޔަތުކަމެއް ދީފައިވަނީ، ތަޢުލީމީ ދާއިރާއަށާއި، ޞިއްޙަތުގެ ދާއިރާއަށް. އަދި މިއިން ކޮންމެ ބަޖެޓަކުންވެސް ސްކޫލްތަކަށް ބޭނުންވާ މިބާވަތުގެ ތަކެތި ހޯދުމާއި އަދި ސްކޫލްތައް މަރާމާތުކުރުން އެއީ، އިސްކަމެއް ކަމުގައި އަޅުގަނޑުމެން އޮންނާނީ ބަލާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި ސްކޫލްގައިވެސް މަރާމާތު ކުރަންޖެހޭ ތަންތަން މަރާމާތުކޮށް، ލެބުގެ މަސައްކަތްތަކާއި އަދި ކޮމްޕިއުޓަރުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! މިރަށުގައިވެސް ކުށްކުރުމުގެ ކަންތައް ކޮންމެވެސްވަރަކަށް ގިނަވަމުންދަނީ. އެހެންވީމާ، ޢަދުލު އިންޞާފް ޤާއިމު ކުރުމުގެ ކަންކަމުގައި ތަންކޮޅެއް ބޮޑަށް އަޅުގަނޑުމެން އެބަޖެހޭ ސަމާލުވާން. ވީމާ، މިރަށުގައި ފުލުހުންގެ ޕޯސްޓެއް އެބަ ޤާއިމްކުރަންޖެހޭ. އަދި ފުލުހުންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރަން އެބަޖެހޭ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން. އަދި ހަމައެހެން، ކޯޓުގެ މަސައްކަތްވެސް އެބަ ކުރަންޖެހޭ. ކޯޓަށް މިހާރު ބިމެއް ނެގިފައި އޮތީ. އެހެންވީމާ، އެތަން ވަށާފާރުލުމާއި، ޢިމާރާތް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ! ދެން އިޤްތިޞާދީ ގޮތުން ދެކަމެއްގެ ވާހަކަ ތިޔަބޭފުޅުން ވިދާޅުވެއްޖެ. އެއްކަމަކީ މަސްވެރިންނާ ބެހޭގޮތުން. މިއަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް. މިރަށަކީވެސް މަސްވެރިކަމުގެ ރަށެއް. އެހެންވީމާ، މިތާނގައި އެބަ އިންނެވި، އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ. އަޅުގަނޑުމެން މިހާރު ވާހަކަ ދައްކަމުން މިގެންދަނީ، މަސްވެރިންނަށް އަނެއްކާވެސް ލޯނު ލިބޭނެ ގޮތްތަކެއް ހަމަޖެއްސޭތޯ. އެގޮތުން، އަލަށް ދޯނިފަހަރު ބަންނަން ބޭނުންވާ މީހުންނަށް، ނޫނީ އިންޖީނު އަޅަން ބޭނުންވާ މީހުންނަށް ލޯނު ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެން އެބަޖެހޭ ހޯދަން. އަދި ހަމައެހެން، މިހާރު ލޯނު ނަގާފައި ތިބި މީސްމީހުންވެސް އަޅުގަނޑުމެން މަސައްކަތް ކުރާނަން، އެމީހުން ނަގާފައި ހުރި ލޯނުތަކަށް ކޮންމެވެސްކަހަލަ ލުޔެއް ހޯދައިދެވޭތޯ. އެއީ، އަޅުގަނޑަށް ހީވަނީ މިހާރު މަސްވެރިން ވަރަށް ބޮޑަށް އެދިފައިވާ ކަމެއްހެން. ދެން މީގެއިތުރުން، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި، މިރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ ބޭންކިންގ ޚިދްމަތް ލިބޭނެ.

އާދެ! މިދެންނެވި ކަންކަން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުން ގެންދާނަން، މިކަންކަން މިރަށުގައި ވޭތޯ. ދެން އަޅުގަނޑުގެ އުންމީދަކީ، އަނެއްކާވެސް މާގިނަ ދުވަސްތަކެއްނުވެ، އަޅުގަނޑުމެންނަށް މިރަށަށް އާދެވުން. އަޅުގަނޑުމެން ބުނި ކަންތައްތައް މިރަށުގައި އަޅުގަނޑުމެންނަށް ކުރެވޭތޯ، ތިޔަބޭފުޅުން ބައްލަވަންވާނެ. އަދި އެކަންކަން ކުރެވެމުންދާއިރުގައި، އަޅުގަނޑުމެންނަށްވެސް މިރަށަށް އާދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. އަޅުގަނޑުމެން މިރަށަށް އައުމުން، މިރަށުގެ ހުރިހާ ބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރްޙަބާއާއި ތަރުޙީބަށްޓަކައި އަޅުގަނޑު އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލެއްވުން. އަދި ތިޔަ ހުރިހާ ބޭފުޅުންނަކީ، ފުރިހަމަ ޞިއްޙަތެއްގައި، އުފާވެރިކަމާއެކީގައި ދިރިއުޅުއްވާ ރައްޔިތެއް ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.