މަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލުންފަދަ ބޮޑެތި ޖަރީމާތައް، މިރާއްޖޭގައި އިތުރަށް ހިންގާކަށް އެއްވެސް ފުރްޞަތެއް ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ އެންމެފަހު މަންޒިލް ކަމަށްވާ ދާންދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގައި ހުންނެވި އެންމެ ފުންނާބު އުސް އެއް ޢިލްމުވެރިޔާ އަވަހާރަކޮށްލުމުގެ ފަހަތުގައިވަނީ، ސިޔާސީ ސަބަބުތަކެއްކަން ބަޔާން ކުރައްވަމުން، އެކަންކުރީ ބަޔަކު ރާވައިގެން، އެކަމުގެ ފަހަތުގައި ބަޔަކު ތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބަޔަކު އަޑީގައި ތިބެގެން، އެހެން ބަޔަކަށް ލާރިދީގެން ގޮސް، މީހަކު މަރާލައި، މިވަރުގެ ބޮޑު ޖަރީމާއެއް، ރާއްޖޭގެ ތާރީޚުގައިވެސް ބަޔަކު އަދި ހިންގާފައި ނެތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަން މިވަނީ ސިޔާސީ ކަމަކަށްވެފައި ކަމަށާއި، އަދި މިކަމުގެ ޙަޤީޤަތް ވަރަށް އަވަހަށް ރައްޔިތުންނަށް ސާފުވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ފިކުރުގެ ސަބަބުން މިއީ ކުރަންވާވަރު ކަންތައްތަކެއްތޯއާއި، މިވަރުގެ ކަމެއް ކުރީމާވެސް، ރައްޔިތުން މަޑުމަޑުން ތިބެންވީތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ވަރަށް ކެތްތެރިކަމާ އެކީގައި ކަމަށާއި، މިކަމުގެ ޙަޤީޤަތް ސާފުކުރައްވަމުން ގެންދަވަނީ، ދުނިޔޭގެ އެކިދިމަދިމާއިން އެހީތެރިކަން ހޯއްދަވައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިފަދަ ޙާދިޘާތައް ހިނގާކަމީ، ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި، މިއީ ދިވެހިންނަށް ދިމާވެފައި އޮތް ވަރަށްބޮޑު މުޞީބާތެއް ކަމުގައި ވިދާޅުވިއެވެ. މިކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން އެންމެން މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން އެބަޖެހޭ ކަމަށާއި، މިއީ ކުޑަކުޑަ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހިރާއްޖެ އިތުރަށް ގޯސްވެގެން ހިނގައްޖެނަމަ، އަޅުގަނޑުމެންނަކަށް މާބޮޑު އުންމީދެއް ނޯންނާނެއެވެ. އަޅުގަނޑުމެން މިއުޅޭ ހިތްހަމަޖެހޭ، ހިތްފަސޭހަ މާޙައުލުގައި އަޅުގަނޑުމެންނަކަށް ނޫޅެވޭނެއެވެ. ދިވެހިރާއްޖެއަކީ ވަރަށްބޮޑު ހަމަނުޖެހުމުގެ އަނދަވަޅެއްގެ ތެރޭގައި އޮތް ޤައުމަކަށްވެގެން ހިނގައިދާނެއެވެ. މިމޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިކަމަށް އަޅުގަނޑުމެން އެންމެން ސަމާލުވެ، އަޅަންޖެހޭ ފިޔަވަޅުތައް އެބަ އަޅަންޖެހޭ ކަމަށް ވިދާޅުވެ، މިކަންކަން ސަރުކާރުންވެސް މިގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންކަން ހާމަކުރެއްވިއެވެ.

ރާއްޖެ ދާޚިލީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް، ބޮޑު އަނދަވަޅެއްގެ ތެރެއަށް ވައްޓާލާކަށް ޖާގައެއް ނުދެއްވާނެ ކަމަށާއި، ޤާނޫނީ ގޮތުންނާއި، އެހެނިހެންވެސް ގޮތްގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ ރައްޔިތުންނަށް ދެއްވިއެވެ.