بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ގެމަނަފުށީގެ ލޮބުވެތި އަޚުންނާއި އުޚުތުން، ގެމަނަފުށީގެ ކައުންސިލްގެ މެންބަރުން، އަދި ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުންނާއި، ދައުލަތުގެ ބަންޑާރަ ނައިބު، ރައްޔިތުންގެ މަޖިލީހުގެ މެންބަރު، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މި ގެމަނަފުށްޓަކީ މިއީ މިކަހަލަ ވަގުތެއްގައި އަންނަ ކަހަލަ ރަށެއް ނޫންކަން އަޅުގަނޑަށް އެނގިއްޖެ މިއަދު. ވަރަށް ކުޑަކުޑަ ވަގުތުކޮޅަކަށް އަޅުގަނޑުމެންނަށް މިއާދެވުނީ، ހުކުރު ދުވަހެއްގެ ހެނދުނުގެ ވަގުތުގެ ތެރޭގައި. އެހެން ނަމަވެސް، މި ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ، ގެމަނަފުށްޓަކީ ހަމަ އާދަޔާ ޚިލާފު ރަށެއްކަން. މި ރަށުން ފެނުނު ޖޯޝާއި ހިތްވަރާ، މިއީ އާދަޔާ ޚިލާފު ހިތްވަރެއް ކަމަށް އަޅުގަނޑަށް ބެލެވެނީ. އަޅުގަނޑުގެ ވަރަށް އުފާވެރި ވާޖިބެއް، ތިޔަ ހުރިހާ ބޭފުޅުންނަށް، މިއަދު އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ޝުކުރު ދެންނެވުން.

އާދެ! މިރަށް، މިރަށުގެ ހުރި ޖޯޝާއި ހިތްވަރާއި ކެރޭކަން ދައްކަވައިދެއްވާ ބޭފުޅެއް، މިދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އިލްހާމަކީ. އިލްހާމަށް މިއަދު މިޖަލްސާއަށް ވަޑައިނުގެންނެވުނު ކަމުގައިވިނަމަވެސް، އިލްހާމްގެ ފަރާތުން ކޮއްކޮ ވަޑައިގެން އެބަ ހުންނެވި. އަދި ހަމައެއާއެކީގައި، މިރަށުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ހަމަ އިލްހާމް ކަހަލަ ޖޯޝީ ހިތްވަރާއި ކުޅަދާނަކަން. އެނގިވަޑައިގަންނަވާނެ، ތިޔަބޭފުޅުން ހަމަ އެއްބަސްވެވަޑައިގަންނަވާނެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އަރާހުރި ބޭފުޅެއް އިލްހާމަކީ. ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި، ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށްޓަކައި އިލްހާމް ވަރަށް ޖޯޝާއެކީގައި މަސައްކަތް ކުރައްވާ، ވަރަށް ކުޅަދާނަ ޒުވާން މެންބަރެއް.

އާދެ! އަޅުގަނޑު ވަރަށް އުފާކޮށްފިން، މިރަށުގެ ރައްޔިތުންގެ މެދުގައި އޮތް އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަން ފެނިފައި. މިރަށް މިއޮތީ އެކީގައި. ރަށުގެ ތަރައްޤީއަށްޓަކައި ހުރިހާ ރައްޔިތުން އަތުގުޅާލައިގެން މަސައްކަތް ކުރަމުންދާތަން އަޅުގަނޑަށް އެބަ ފެނޭ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އަޅުގަނޑަށް ފެނިގެން މިދިޔައީ، މިރަށަކީ ވަރަށް އެއްބައިވަންތަ، ވަރަށް އުޚުއްވަތްތެރި ރަށެއްގެ ގޮތުގައި. އެހެންވީމާ، އެކަމަށްޓަކައި ރަށުގެ ހުރިހާ ރައްޔިތުންނަށާއި ވެރިންނަށް އަޅުގަނޑު މަރްޙަބާ ދަންނަވަން.

އާދެ! މިރަށަށް ލެފިއިރުގައި އަޅުގަނޑުމެންނަށް ފެނިއްޖެ، ރަށުގެ ބަނދަރު އޮތް ހާލު. އެއްގޮތަކަށްވެސް މިކަހަލަ ރަށެއްގެ ބަނދަރު އޮންނަންވާ ގޮތަކަށް ނޫން މިއޮތީކީ. މިކަން މިގޮތަށް ދިމާވެފައި މިއޮތީ، ބަޔަކު ހަމަ ޤަޞްދުގައި މިރަށް އިހުމާލު ކޮށްފައި އޮތީމަ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަމާއެކުގައި ދަންނަވަން، އެދުވަސް މިހާރު މިފާއިތުވީޢޭ. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ވަރަށް އަހަންމިއްޔަތުކަން ދެން ދޭނަމޭ. އިރާދަކުރެއްވިއްޔާ، މިހާރު މިއަހަރު މިނިމެނީ. މިއަހަރު ނިމުމުގެ ކުރިންވެސް މަސައްކަތް ފެށޭނެ. އަދި އަންނަ އަހަރު ކުރީކޮޅު ވަރަށް ފޯރިއާ އެކީގައި، މިރަށުގެ ބަނދަރު ހަދަމުން ގެންދާނެ. ގެންގޮސް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި ބަނދަރު މުޅިން ހަދާ ނިމޭނެ.

އާދެ! މިރަށަކީ އަޅުގަނޑު މިހާރު މިދިޔަ ރަށްތަކުގެ ތެރެއިން ވަރަށް ޚާއްޞަ ރަށެއް. ނަމޫނާ ރަށެއް. ޚާއްޞަކޮށް، މަސްވެރިކަމަށް. މިރަށުގެ ދޯނިފަހަރު ގިނަ. އަނެއްކާ މިރަށުގެ ވަރަށްގިނަ ޢާއިލާތައް އުޅެނީ މަސްވެރިކަމުގެ ތެރޭގައި. މުޅި ރާއްޖޭގައިވެސް ކުރެވިގެންދާ ކަމެއް މަސްކެއްކުމާއި، މަސް ހިއްކުމާ މިމަސައްކަތަކީ. އެހެން ނަމަވެސް، މިރަށުގައި ވަރަށް ފޯރިއާ އެކީގައި އެމަސައްކަތް ހިނގަމުން އެބަދޭ. އަނެއްކާ ރަށަށް ވަރަށްބޮޑު އާމްދަނީއެއް ލިބޭ މަސައްކަތަކަށް، މިކަން ވެފައި މިއޮތީ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި އެތައް ޒަމާނެއް ކުރިން އައިސްފައިވާ މަސްވެރިކަމުގެ މަސައްކަތް، މަސް ހިއްކުމުގެ މަސައްކަތް، މަސް ކެއްކުމުގެ މަސައްކަތް މިރަށުގައި ހިނގަމުންދާކަން އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އަދި މީގެ ސަބަބުން އެހެނިހެން ރަށްރަށަށްވެސް މިއީ ނަމޫނާއެއްގެ ގޮތުގައި މިކަން ބެލެން އެބަޖެހޭ. އަޅުގަނޑު އުންމީދު ކުރަން، މިމަސައްކަތް ކުރައްވަމުން ކުރިއަށް ގެންދަވާނެ ކަމަށް. ދިވެހި ސަރުކާރުގެ ފަރާތުން އެމަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި، ތިޔަބޭފުޅުންނަށް ވާންޖެހޭ ހުރިހާ އެހީތަކެއް ވެދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަން.

އެގޮތުން، ފުރަތަމަ ކަމެއްގެ ގޮތުން މިހާރު މިވަނީ މަސްކައްކައި، މަސްހިއްކާ ޢާއިލާތަކުގެ ކޯޕަރޭޓް ސޮސައިޓީއެއް އުފެދިފައި. މި ކޯޕަރޭޓް ސޮސައިޓީ އުފެދުނުކަން އެއީ ވަރަށް ރަނގަޅު ފާލެއް. އެމަސައްކަތުގެ ތެރެއިން، އެމަސައްކަތް ކުރާ ޢާއިލާތަކަށް އެކަށީގެންވާ އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މިހާރު މަސް ވަކިވަކިން ގެންގޮސް ވިއްކުމަކީވެސް، މަހުގެ އަގަށް ހީނަރުކަން ލިބޭ ކަމެއް. އެހެންވީމާ، މި ކޯޕަރޭޓް ސޮސައިޓީގެ ތެރެއިން މަހުގެ ފެންވަރު ކޮންޓްރޯލް ކުރުމާއި އަދި މަހުގެ އަގު ކޮންޓްރޯލް ކުރުން އެއީ، ކުރައްވަންޖެހޭ ކަމެއް. އޭރުން ތިޔަބޭފުޅުން ތައްޔާރު ކުރައްވާ މަހަށް މިހާރަށްވުރެވެސް ރަނގަޅު އަގެއް ލިބިގެންދާނެ. އެހެންވީމާ، އެކަމަށްޓަކައި މި ކޯޕަރޭޓް ސޮސައިޓީގެ ފަރާތުން މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން. އަދި މިނިސްޓަރ އޮފް ފިޝަރީޒް، މިކަމުގައި ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، މިރަށުގެ ކޯޕަރޭޓް ސޮސައިޓީއަކީ މިއީ ކާމިޔާބު ނަމޫނާ ކޯޕަރޭޓް ސޮސައިޓީއަކަށް ހައްދަވައި ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އާދެ! އަނެއްކަމަކީ މިރަށުގެ ތަޢުލީމް. މިރަށަކީ ރައްޔިތުން އެންމެ ގިނަ ދެވަނަ ރަށް، މުޅި އަތޮޅުގައިވެސް. އެހެންވީމާ، މިރަށުގެ ތަޢުލީމަށް އަޅުގަނޑުމެން އެބަޖެހޭ ޚާއްޞަ ސަމާލުކަމެއްދޭން. މި ސްކޫލް މިހާރަށްވުރެ ރަނގަޅު ކުރަން އެބަޖެހޭ. އެހެންވީމާ، އެގޮތުން މިނިސްޓަރ އޮފް އެޑިޔުކޭޝަނަށް އަޅުގަނޑު ދަންނަވާނަން، މިރަށަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، މި ސްކޫލްގެ ކަންތައް މިހާރަށްވުރެ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރައްވަން. ސްކޫލްގެ ފެންވަރު އެބަ ރަނގަޅުކުރަންޖެހޭ. ސްކޫލް މަރާމާތު ކުރަން އެބަޖެހޭ. ސްކޫލްގެ ފާޚާނާތައް އެބަ ހަދަންޖެހޭ. ސްކޫލްގައި ކޮމްޕިއުޓަރ ހުންނަން އެބަޖެހޭ. އެހެންވީމާ، މިކަންކަން އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ތެރޭގައި ކުރެވިގެންދާނެ. އެކަމަށްޓަކައި ބަޖެޓްވެސް އެބަހުރި.

އާދެ! ހަމައެހެން، ދެންމެ ތިޔަ ވިދާޅުވިހެން، މިރަށުގެ ކަރަންޓްގެ ކަންތައް އޮތީ ވަރަށް ނާޒުކު ފައްތަރެއްގެ ތެރޭގައި. އެހެންވީމާ، މިރަށުގެ ކަރަންޓްގެ ކަންކަންވެސް ރަނގަޅު ކުރުމަށްޓަކައި، ފެނަކާގެ ފަރާތުން އިސްކަންދީގެން މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން. މިރަށުގެ ކަރަންޓް ކަންތައް ރަނގަޅުކުރުން ވަނީ، 2013 ވަނަ އަހަރުގެ ފެނަކައިގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނިފައި. އެހެންވީމާ، ސަރުކާރުގެ ބަޖެޓުން މިކަން ފެންނަންނެތް ކަމުގައިވީ ނަމަވެސް، އިރާދަކުރެއްވިއްޔާ އެކަން ރަނގަޅަށް ކުރިއަށްދާނެ.

އާދެ! އަދިވެސް އެއްފަހަރު އަޅުގަނޑު ދަންނަވާލަން ބޭނުން. މިވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ތިޔަބޭފުޅުންނަށް އިހުމާލުވެ، މިރަށުގެ ކަންތައްތައް ސަރުކާރުން ބަލަންވާވަރަށް ނުބަލައި އޮތްކަން އަޅުގަނޑު ގަބޫލުކުރަން. އިރާދަކުރެއްވިއްޔާ، ދެން އެހެނެއް ނުވާނެ. މުސްތަޤްބަލުގައި އަޅުގަނޑުމެން މިރަށަށް ޚާއްޞަ ސަމާލުކަމެއް ދީގެން، މިހެންހުރި ކަންތައް ރަނގަޅު ކުރެވޭތޯ ބަލަމުންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އާދެ! ވަރަށް ބޮޑަށް މަޢާފު ކުރައްވާތި، މިއަދު ވަރަށްކުޑަ ވަގުތުކޮޅަކަށް އަޅުގަނޑުމެންނަށް މިރަށަށް މިއާދެވުނީ. އެހެން ނަމަވެސް، އެއީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ތިޔަބޭފުޅުންދެކެ ލޯބިނުވާތީކީ ނޫން. އަޅުގަނޑު އިރާދަކުރެއްވިއްޔާ، އަނެއްކާވެސް މާލަހެއްނުވެ މިރަށަށް އަންނާނަން. ދެން އިލްހާމަކީ އަޅުގަނޑު ވަރަށް ބޮޑަށް ލޯބިފުޅުވާ ބޭފުޅެއް. އާދެ! ދެ އިލްހާމްވެސް. އާދެ! މިއަދުގެ މިވަގުތުގެ ގޮތުން، އަޅުގަނޑު މާ ވާހަކަ ދިގެއް ނުކުރާނަން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ރަޙްމަތް ލެއްވުން. އަދި ތިޔަބޭފުޅުންނަކީ، ހިތްފަސޭހަކަމާއި، ފާގަތިކަމާއެކުގައި، އުފާވެރިކަމާއެކީގައި ދިރިއުޅުއްވާ ރައްޔިތެއް ކަމުގައި މާތްﷲ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.