بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދެއްވަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، ދައުލަތުގެ ވަޒީރުން، ދައުލަތުގެ ބަންޑާރަ ނައިބު، ދެއްވަދޫ ކައުންސިލްގެ ރައީސް، އަދި މިއަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސް، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު ވަރަށް ހޫނުގަދަ ވަގުތެއްގައި، މިރަށުގެ ކުދިބޮޑު އެންމެހާ ބޭފުޅުން، އަޅުގަނޑާއި އަޅުގަނޑާ އެކީގައި މިރަށަށް ވަޑައިގެންނެވި ޓީމަށް މަރްޙަބާ ދެންނެވުމަށް ނުކުމެވަޑައިގެންނެވި ކަމަށްޓަކައި، އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމައެހެން، މި ހޫނު ވަގުތުގައި، އަޅުގަނޑުމެން ދައްކަން ހުރި ވާހަކަތައް، އަޑުއައްސަވާލެއްވުމަށްޓަކައި މިތަނަށް ވަޑައިގެންނެވީތީވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުމެން މިކުރާ ދަތުރުތަކުގައި އަޅުގަނޑުމެންދާ ކޮންމެ ރަށެއްގައިވެސް އިވެމުންދާ އަޑުތަކަކީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ހުރީ ޙާޞިލް ނުކުރެވިއޭ. ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި، ބޯފެނާއި، ނަރުދަމާއާއި، ބަނދަރާ، މިހެންގޮސް ދެން ޢާންމު ދިރިއުޅުމެއް އުޅުމަށްޓަކައި ބޭނުންވާ އަސާސީ ގިނަ ޚިދްމަތްތައް ހަމަނުޖެހި ހުރި ވާހަކަ، ގިނަ ރަށްރަށުން އިވެމުން މިދަނީ. މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ، ރާއްޖޭގެ ރައްޔިތުންގެ ޙައްޤެއްކަން، މިދެންނެވި އަސާސީ ޚިދްމަތްތަކަކީ. އަޅުގަނޑުމެންނަށް މި ޙައްޤުތައް ލިބިދިނުމަށްޓަކައި، ރައްޔިތުން ވަރަށްގިނަ ޒަމާންވަންދެން ކުރި މަސައްކަތުގެ ސަބަބުން ރާއްޖެއަށް މިއަދު މިވަނީ އާ ޤާނޫނުއަސާސީއެއް ލިބި، އެ ޤާނޫނުއަސާސީގައިވާ ބިލް އޮފް ރައިޓްސްގެ ތެރެއިން ރާއްޖޭގެ ރައްޔިތުންގެ ޙައްޤުތައް މިވަނީ ގެރެންޓީ ކުރެވިފައި. އެހެންވީމާ، ކޮންމެ ދައުލަތެއްގެވެސް، ކޮންމެ ސަރުކާރެއްގެވެސް އެންމެ ފުރަތަމަ މަސްއޫލިއްޔަތަކަށްވާން މިޖެހެނީ، މިދެންނެވި ޙައްޤުތައް ރައްޔިތުންނަށް ލިބިދިނުން. އެކަން ކުރުމަކީ ފަސޭހަކަމެއް ނޫން. ސަބަބަކީ އެއިން ކޮންމެ ކަމަކީވެސް ފުދޭވަރެއްގެ ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަކަށްވާތީ. ރަށެއްގައި ބަނދަރެއް އަޅާލުމަށްޓަކައި، އެބަ ބޭނުންވޭ، ތިރީހަކަށް، ސާޅީހަކަށް މިލިއަން ރުފިޔާ. ރަށެއްގައި ނަރުދަމާ އަޅާލުމަށްޓަކައި، އެބަ ބޭނުންވޭ، ހައެއްކަ، އަށެއްކަ މިލިއަން ރުފިޔާ. އަގުތައް މިހެން ހުރިއިރުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ 195 ރަށުގެ ތެރެއިން ގިނަ ޢަދަދެއްގެ ރަށްރަށަކީ، މިދެންނެވި ޚިދްމަތްތައް ނެތް ތަންތަން. ކޮންމެ ސަރުކާރެއް އޮތަސް، ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް، އެބަޔަކަށް ޤާނޫނުއަސާސީ ލިބިދޭ ބާރުތަކާއި ޙައްޤުތަކުގެ ތެރެއިން، އެބަޔަކު ކުރަންޖެހޭ ކަންކަމުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން، މިދެންނެވި ކަންކަމަކީ މިއަދު ކުރަން ޖެހިފައި ހުރި ކަންކަން. އެހެން ނަމަވެސް، އެކަން ކުރުމަށްޓަކައި ކޮންމެ ސަރުކާރަކަށްވެސް އެބަ ބޭނުންވޭ، ވަގުތުވެސް ބޭނުންވޭ، އެކަމާ ވިސްނާނެ ތަނަވަސް ކަމެއްވެސް ބޭނުންވޭ. އެކަންކަން ކުރާނެ ބަޖެޓުގެ ފައިސާގެ ތަނަވަސްކަންވެސް އެބަ ބޭނުންވޭ.

މިއަދު އަޅުގަނޑުމެންނަށް މި މުހިންމު މަރްޙަލާ ކަޑައްތުކޮށް، އާ ޤާނޫނުއަސާސީއެއް ފާސްކޮށް، މިކަންކަން ކުރަން ޖެހިފައިވާ ވަގުތެއްގައި، މިދެންނެވި ޙައްޤުތައް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް، ކުރަންޖެހޭ އެންމެ މުހިންމު ވަގުތުގައި، ޤައުމު ބައިބައިވެ، ޤައުމުގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށްޓަކައި ގިނަބަޔަކު މިދަނީ މަސައްކަތް ކުރަމުން. ރާއްޖޭގައި ޑިމޮކްރަސީ ގެނެވުނީކީ، ރާއްޖޭގައި ހަލަބޮލިކަން އުފައްދާކަށް ނޫން. ރާއްޖޭގައި ޑިމޮކްރަސީ ގެނެވުނީކީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން، އެކަންކަން ނުކޮށް، އެކަންކަމުން ރައްޔިތުން މަޙްރޫމްކޮށްފައި ބެހެއްޓުމަކަށް ނޫން. ޑިމޮކްރަސީ ގެނެވުނީކީ، އަޅުގަނޑުމެންގެ ތެރޭގައި ތަޅާފޮޅާކަށް ނޫން. އަޅުގަނޑުމެންގެ ތެރޭގައި، އެއް ޢާއިލާއެއްގެ ތެރޭގައި އެކަކު އަނެކަކަށް ޒުވާބުކުރާކަށް ނޫން. ޑިމޮކްރަސީއެއްގެ ބޭނުމަކީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން އެދޭ ތަރައްޤީ ގެނައުން. ތަރައްޤީއަކާނުލާ ކޮން ޑިމޮކްރަސީއެއްތޯ؟ އަޅުގަނޑުމެންގެތެރެ ބައިބައިވެ، ފަސާދަވެ، ހަލާކުވެގެންދާން ކޮން ޑިމޮކްރަސީއެއްތޯ؟

އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި، އެންމެ ކުޑަކުޑަ ރަށުން ފެށިގެން މާލެއާ ހަމައަށް، އެންމެ ކުޑަކުޑަ ޖަމާޢަތުން ފެށިގެން ގޮސް އެންމެ ބޮޑެތި ޖަމާޢަތްތަކާ ހަމައަށްވެސް، އެންމެ ކުޑަކުޑަ ކައުންސިލްތަކުން ފެށިގެން ގޮސް ރައްޔިތުންގެ މަޖިލީހާ ހަމައަށްވެސް، މިއަދު އަޅުގަނޑުމެން ވިސްނަން އެބަޖެހޭ، މި ޤައުމުގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތައް ލިބިދިނުމަށްޓަކައި، އެމީހުންނަށް ރަނގަޅު ފެންވަރެއްގައި ދިރިއުޅެވޭނެ ގޮތް ހަދައިދިނުމަށްޓަކައި، ކުރަންޖެހޭ މަސައްކަތް ކުރުމަށް ބޭނުންވާ ވަގުތާއި، ތަނަވަސްކަމާއި، ފައިސާވެރިކަމާއި، ފޯރުންތެރިކަމާއި، ހަމަޖެހުން، އަޅުގަނޑުމެން ހޯދަން އެބަޖެހޭ. މިކަންކަން ނުކޮށް، ތަނުގައި ހަމަނުޖެހުން އުފެއްދުމަށްޓަކައި ބަޔަކު މަސައްކަތް ކުރުމަކީ، އަޅުގަނޑު މިދެންނެވި ރައްޔިތުންގެ ޙައްޤުތައް ޙާޞިލް ކުރުމަށްޓަކައި ކުރަންޖެހުނު ކޮންކަމެއްތޯ؟ ރައްޔިތުންނަށް ލިބިދޭންޖެހޭ މިދެންނެވި ޙައްޤުތައް ލިބިދިނުމަށްޓަކައި އެޅޭ ހުރަސް ނޫން ކޮންކަމެއްތޯ؟

އާދެ! އަޅުގަނޑުމެންނަށް މިކުރެވޭ ދަތުރުތަކުގައި، ވަރަށް ތަފާތު ޖަމާޢަތްތަކާ މި ކުރިމަތިލާންޖެހެނީ. ވަރަށް ތަފާތު ރަށްރަށަށް މި ދެވެނީ. ބައެއް ރަށްރަށް، ވަރަށް އެކުވެރިކަމާ އެކީގައި، އެއްބާރުލުން ދެމުން މިގެންދަނީ. މަސައްކަތްތައް ކުރަމުން ގެންދަނީ. އަނެއްބައި ރަށްރަށުން މި ފެންނަނީ ވަރަށް ތަފާތު މަންޒަރެއް. ރަށް ބައިބައިވެ، ރަށުތެރޭގައި ކޯޅުން އުފެދިފައިވާތަން. ނަމަވެސް، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިވޭތުވެދިޔަ ދިހަމަސްދުވަހުގެ ތެރޭގައި، މި ތަޙައްމަލް ކުރަމުން އައީ، ވަރަށްވެސް އުނދަގޫ ދުވަސްވަރެއް. ރާއްޖޭގެ ސަރުކާރު ބަދަލުވާންޖެހުނީ، އޭރު ސަރުކާރު ހިންގަން ތިބި މީހުންނަށް، އެކަން ނުކުރެވިގެން. ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި ބޭފުޅަކަށް، ރައީސް ކަމުގެ މަސްއޫލިއްޔަތުތައް އުފުއްލެވޭނެ ޤާބިލިއްޔަތުކަން ނެތުމުގެ ސަބަބުން، އަމިއްލައަށް އިސްތިޢުފާ ދެއްވާފައި ދުރަށް ވަޑައިގަތުމުން. އަދި އެއަށްފަހުގައި، ރާއްޖޭގައި ހަމަނުޖެހުން އުފެއްދުމަށްޓަކައި އެނބުރި ވަޑައިގެން، އަނެއްކާވެސް އިތުރު ހަމަނުޖެހުންތައް އުފައްދަވަމުން ގެންދަވަނީ.

އަޅުގަނޑު މިއަދު މި މަޤާމުގައި ތިޔަބޭފުޅުންނާ މުޚާޠަބުކޮށް ވާހަކަ ދައްކަނީކީ، ޕާޓީއެއްގެ މީހަކަށް ވެގެނެއް ނޫން. އަޅުގަނޑު މިތަނަށް އައީކީ ވަކި ޕާޓީގެ ޖަލްސާއަކަށްވެސް ނޫން. އަޅުގަނޑު މިތަނަށް މިއައީ، މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޤާނޫނީގޮތުން ޙަވާލުވެހުރި މީހަކީ އަޅުގަނޑު ކަމަށްވާތީ. އެހެންވީމާ، އެގޮތުން ދައްކަންޖެހޭ ވާހަކައެއް ތިޔަބޭފުޅުންނާ ދެއްކުމަށްޓަކައި. އަދި މިރަށުގެ ރައްޔިތުންގެ ޙާލު ދެނެގަތުމަށްޓަކައި. އަޅުގަނޑު ދެންނެވިން، ހަމަ އެންމެ ފުރަތަމަ ދުވަހުވެސް، އަޅުގަނޑު ސަރުކާރު ހިންގާނީ، ހުރިހާ އެންމެން ބައިވެރިކޮށްގެންނޭ. އެގޮތުން، އަޅުގަނޑު ހުރިހާ ސިޔާސީ ޕާޓީތަކަށް ދަޢުވަތު ދިނުން، ސަރުކާރުގައި ބައިވެރިވާން. އަޅުގަނޑަށް އިޖާބަދިން ހުރިހާ ޕާޓީތަކެއް އަޅުގަނޑު ބައިވެރިކުރިން. އެގޮތުން، ސަރުކާރު އުފައްދައިގެން މިހާތަނަށް އަޅުގަނޑު މަސައްކަތް ކުރަމުން މިއަންނަނީ. އަޅުގަނޑު ދަންނަވާފައި އޮންނާނީ ތިޔަބޭފުޅުންނަށް، ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނީ، ހުރިހާ ރައްޔިތުން ހަމަހަމަކޮށޭ. ހަމަހަމަކަމާއި އިންޞާފާ އެކީގައި، ރައްޔިތުންނަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދިނުމުގައި، އަޅުގަނޑު ފަހަތަށްނުޖެހި މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ވާނީ ތިޔަބޭފުޅުންނަށް ދަންނަވާފައި.

މިވޭތުވެދިޔަ ދިހަމަސް ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ކަންކަން ކޮށްފައި ހުރިގޮތުން، ތިޔަބޭފުޅުންނަށް އެކަން މިހާރު ކަށަވަރުވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ހީކުރަން. އާދެ! އަޅުގަނޑަށް އެނގޭ، ކުރަންހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި. އެހެން ނަމަވެސް، އެހުރިހާ ކަމެއް، ހުރިހާ ރަށެއްގައި އެއްއަހަރު ދުވަހުގެ ތެރޭގައި ކޮށް ނުނިންމޭނެ. އެކަން އަޅުގަނޑުމެން ޖެހޭނެ ޤަބޫލުކުރަން. އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަމުން މިގެންދަނީ، ވީހާވެސް ގިނަ ރަށެއްގައި، ދައުލަތުގެ ބަޖެޓް ތަންދިން މިނަކުން، ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަކުން ވީހާވެސް ގިނަ ކަންތައްތަކެއް ކޮށްދެވޭތޯ. އެގޮތުން، މިއަންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށްފައި އޮންނާނީ، މިދެންނެވި އުޞޫލުގެ މައްޗަށް ބިނާކޮށްގެން، ވީހާވެސް ގިނަ ޖަމާޢަތްތަކަކަށް، ގިނަ ރަށްރަށަށް ކަންތައް ކޮށްދިނުމުގެ މަޤްޞަދުގައި. އަދި ވީހާވެސް ބޮޑަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާވެސް މަޝްވަރާކޮށްގެން. އެބަޖެޓް މިހާރު މިވަނީ ރައްޔިތުންގެ މަޖިލީހާ ޙަވާލުކުރެވިފައި. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން އެ ބަޖެޓް ދިރާސާ ކުރައްވައި، އެއަށް ގެންނަވަން ފެނިވަޑައިގަންނަވާ ބަދަލުތައް ގެންނަވަމުން ގެންދަވަނީ. ދިވެހިރާއްޖޭގެ މަޞްލަޙަތާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހޯދައިދޭންޖެހޭ ކަންކަން ހޯދައިދިނުމާ، މިކަންކަމަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި މިއަދު އެޅިފައިވާ މަސްއޫލިއްޔަތެއް ނޫން. މިކަމަކީ އެއީ ދައުލަތް ހިންގުމަށްޓަކައި އިސްކުރެވިފައިވާ ހުރިހާ އެންމެންގެ މަސްއޫލިއްޔަތެއް. މިއީ ރައްޔިތުންގެ މަޖިލީހުގެވެސް މަސްއޫލިއްޔަތެއް. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަން، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބަޖެޓަކީ އެއީ، ރައްޔިތުންނަށް އެންމެ ރަނގަޅު ބަޖެޓް ކަމަށްވާނެކަމަށް. އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި، ނިންމަވާ ބަޖެޓްވާނީ، މިވަގުތަށް ދިވެހިރާއްޖެއަށް ކަނޑައެޅެން އޮތް ހަމަ އެންމެ ރަނގަޅު ބަޖެޓް ކަމަށް. އަޅުގަނޑު މިހިރީ ވަރަށް ފޯރިއާއެކީގައި، ވަރަށް ހިތްވަރާ އެކީގައި، އެ ބަޖެޓް ކަނޑައެޅުމަށްފަހުގައި، އެތަންފީޛުކޮށްދޭން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއަންނަ އަހަރު، އަޅުގަނޑުމެންނަށް ލިބިފައިވާ ވަގުތުކޮޅުގެ ތެރޭގައިވެސް، ރައްޔިތުންނަށް ކޮށްދޭންޖެހޭ ތަރައްޤީގެ ކަންތައް ކޮށްދިނުމުގައި ކުޑަކޮށްވެސް ފަސްނުޖެހި، ކުރީ އަހަރުތަކަށްވުރެ ބާރުމިނެއްގައި، އެމަސައްކަތް ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. އަދި މިވީ ދިހަމަސް ދުވަހުގެ ތެރޭގައިވެސް އަޅުގަނޑުމެން ވަނީ މަޑުން ތިބެފައެއް ނޫން. އަޅުގަނޑުމެންނަށް ދިމާވި ދަތި ކަންތައްތަކުގެ ތެރޭގައިވެސް ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގޮސްފައިވަނީ. އަލަށް ފަށަންޖެހޭ މަޝްރޫޢުތައް ފަށާފައި، ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައި. އެހެންވީމާ، ރަށްރަށުގައި ހަމަ ބަނދަރުވެސް ހެދެމުންދަނީ. ބައެއް ރަށްރަށުގައި ނަރުދަމާވެސް ހެދެމުން ދަނީ. ބައެއް ރަށްރަށުގައި ފެންވެސް ލެވެމުންދަނީ. އަދި މިވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި، އިތުރު ރިޒޯޓްތައްވެސް ހުޅުވިއްޖެ. އިތުރު އެއަރޕޯޓްތައްވެސް ހުޅުވިއްޖެ. މިކަންކަންވެސް ހަމަ މިދަނީ ކުރެވެމުން. ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި އަދި މިއަށްވުރެ ގިނަ ކަންކަންވެސް ހަމަ ކުރެވޭނެ.

މިރަށް މިއީ އަޅުގަނޑު ވަރަށް ލޯބިވާ ރަށެއް. އެއީ އަޅުގަނޑުގެ ޢާއިލާގެ ބަޔަކުވެސް ރަށުގައި އުޅޭތީ. އަޅުގަނޑު ކީއްވެގެންތޯ، މިރަށަށް ތަފާތު ގެންގުޅެންވީ. އަޅުގަނޑު މިއީ އެއްވެސް ގޮތަކަށް ތަފާތު ގެންގުޅެން ބޭނުންވާ މީހެއް ނޫން. އެހެންވީމާ، ހަމަ މިރަށަށްވެސް، މިރަށް ކޮންމެ ކުލައެއްގައި އޮތަސް، މިރަށު ކައުންސިލްގައި ކޮންމެ ޕާޓީއެއްގެ ބޭފުޅުން ތިއްބެވި ކަމުގައިވީނަމަވެސް، އިރާދަކުރެއްވިއްޔާ، ހަމަ މިރަށަށް ބޭނުންވާ ހުރިހާ ކަމެއްވެސް އަޅުގަނޑުމެންނަށް ކެރިފޯރުނުވަރަކުން އިރާދަކުރެއްވިއްޔާ ކޮށްދޭނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.

އާދެ! މިރަށުގެ ބަނދަރު މިހާރު މިއޮތީ ފެށިފައި. އިރާދަކުރެއްވިއްޔާ، މި ބަނދަރު މިއަންނަ އަހަރުގެ ތެރޭގައި ނިމޭނެ. މިހާރު މި ބަނދަރު ނިމޭއިރުގައި، ބަނދަރުގެ ހުރިހާ، އެ ލާންޖެހޭ އެއްޗެތިތަކެއްވެސް ހުންނާނީ ލެވިފައި. އެންމެ ތޮށިގަނޑެއްވެސް ވައްޓާނުލައި، އިރާދަކުރެއްވިއްޔާ، ހަމަ ހުރިހާ ތޮށިގަނޑުތަކެއްލައި، މި ބަނދަރުވެސް ހެދޭނެ. އަދި ހަމައެހެން އިރާދަކުރެއްވިއްޔާ، އަންނަ އަހަރު، މިރަށުގައި މިސްކިތެއްވެސް ހަމަ ބިނާކުރެވޭނެ.

އާދެ! ދެންވެސް ކުރަންހުރި ކަންތައްތައް އަޅުގަނޑުމެންނަށް ކުރެވެންހުރި ވަރަކުން ކުރަމުން ގެންދާނަން. މިއަހަރުގެ ބަޖެޓްގައި އެންމެބޮޑު ސަމާލުކަމެއް ދީފައިވަނީ، ތަޢުލީމަށާއި ޞިއްޙަތަށް. އަޅުގަނޑު ޔަޤީންކުރަން، މިރަށުގެވެސް ޞިއްޙީ މަރްކަޒު، މިހާރަށްވުރެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް. އަދި ހަމަ އެއާއެކީގައި، މިރަށުގެ މަދްރަސާވެސް، އެއަށްވުރެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! އަޅުގަނޑުގެ އެދުމަކީ، ތިޔަބޭފުޅުންގެ މެދުގައި މިވާ ތަފާތުތައް ކުޑަކުރެއްވުން. ސިޔާސީ އަޑުތައް ތަންކޮޅެއް މަޑުކޮށްލެއްވުން. ސިޔާސީ ކުލަތައް ތަންކޮޅެއް މަދުކޮށްލެއްވުން. މިހުރިހާ ކުލަތަކާއި، މިހުރިހާ އަޑުތަކެއްގެ މައްޗަށް ދިވެހި ދިދައާއި، ދިވެހި ކުލަތައް ތިޔަބޭފުޅުން އުފުއްލަވައިދެއްވުން އަޅުގަނޑު އެދެން. އަދި މިހުރިހާ އަޑުތަކާއި ލަވަތަކުގެ މައްޗަށް، ދިވެހި ލަވަ، ޤައުމީ ލަވަ ކުރިއަށް ޖައްސަވައިދެއްވުން އަޅުގަނޑު އެދެން. އަޅުގަނޑުމެންގެ ކޮންމެ ރަށަކީވެސް މިއީ އެއްރައްޔިތެއްގެ ގޮތުގައި، އެއްބައެއްގެ ގޮތުގައި، އެއްބަނޑުއެއްބަފާ، އުޚުއްވަތްތެރި، އެއްބައިވަންތަ ބައެއްގެ ގޮތުގައި އަޅުގަނޑުމެން އެބަޖެހޭ މަސައްކަތް ކުރަން. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހުރި ފިކުރީ ތަފާތުތަކަށްވުރެ، އަޅުގަނޑުމެންނަށް ބޮޑަށް ބޭނުންވެފައިވަނީ، އަޅުގަނޑުމެންގެ ރަށް ތަރައްޤީ ކުރުން. އަޅުގަނޑުމެންގެ ރަށްރަށަކީ، ފަސޭހަކަމާއެކީ ދިރިއުޅެވޭނޭ ތަންތަން ކަމުގައި ހެދުން. މިއޮތް ބޯޅަދަނޑު ރީތިކޮށް، އެތާނގައި ޒުވާނުންނަށް ހިތްފަސޭހަކަމާ އެކީގައި ކުޅެވޭނެ ފުރްޞަތު ލިބުން. އަޅުގަނޑުމެންގެ ކުދިންނަށް ރަނގަޅު ޕްރީސްކޫލެއް ޤާއިމްވުން. އަޅުގަނޑުމެންގެ ނަރުދަމާއާއި ފެން ލިބުން. މިހެންހުރި އަސާސީ ކަންކަން ކުރެވޭނީ، އަޅުގަނޑުމެން އެންމެންވެސް އެކުވެރިކަމާއެކީގައި، އެއްބައިވަންތަކަމާއެކީގައި މަސައްކަތް ކޮށްގެން. އަޅުގަނޑުމެން ރައްޔިތުންގެ ކަންކަމަށް އިސްކަންދީ، ރަށަށްޓަކައި މިއޮންނަ ލޯބި ބޮޑުކޮށްގެން. އެހެންވީމާ، އެގޮތަށް ހުރިހާ ރައްޔިތުންވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް، މިރަށުގެ ހުރިހާ ރައްޔިތުންނަށް މާތްﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ، ރަނގަޅު ޞިއްޙަތެއްގައި، އުފާވެރިކަމާއި، ފާގަތިކަމާއެކީގައި ދިރިއުޅުއްވާ ބޭފުޅުން ކަމުގައި ލެއްވެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.