بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

ނިލަންދޫގެ ކައުންސިލްގެ ރައީސް، މިއަތޮޅު އަތޮޅު ކައުންސިލްގެ ރައީސް، ޢިއްޒަތްތެރި ވަޒީރުން، ބަންޑާރަ ނައިބު، ނިލަންދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑާއި އަޅުގަނޑާ އެކުގައި މިރަށަށް ވަޑައިގެންނެވި ބޭފުޅުން ވަޑައިގަތުމުން މަރްޙަބާ ދެންނެވުމަށްޓަކައި މިރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ވަރަށްހޫނު މަރްޙަބާއެއް ވިދާޅުވެ ތަރުޙީބު ދެއްވި ކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ އަޅުގަނޑު ޙަވާލުވިފަހުން މިއީ މިރަށަށް އަޅުގަނޑުކުރާ ފުރަތަމަ ދަތުރު. އެހެންވީމާ، އަޅުގަނޑުގެ ފުރަތަމަ ދަތުރު ކަމަށްވާތީ، ދަންނަވާލަންޖެހޭ ބައެއް ވާހަކަތައް އެބަހުރޭ، ކޮންމެ ރަށަކަށްވެސް އަޅުގަނޑު ގޮއްސަ. އެގޮތުން އަޅުގަނޑު ކޮންމެހެން ދަންނަވާލަންޖެހޭ ވާހަކައަކީ، އަޅުގަނޑުމެން މި ސަރުކާރާ ޙަވާލުވެގެން މި މަސައްކަތްކުރަނީ، އަޅުގަނޑުމެންނަށް ވެވުނު އެންމެ އިޚްލާޞްތެރިކަމަކާއެކީގައި، ރައްޔިތުންނަށް ޚިދްމަތްކޮށްދޭން. އެއްވެސް ހާލެއްގައި އަޅުގަނޑުމެން ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ނުބަލައި، އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް އެ ދޭންޖެހޭ ޚިދްމަތްތައް އަޅުގަނޑުމެން ބަރާބަރަށް ކޮށްދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން. އަދި އެއްވެސް ރަށެއްގައި، އެއްވެސް ރަށެއްގައި، އެރަށެއްގެ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމުގައި އިހުމާލުނުވެ، އެއްވެސް ތަފާތެއްނެތް ނުގެންގުޅެ، އަޅުގަނޑުމެން ޚިދްމަތްކޮށްދޭނެ ވާހަކަ ދަންނަވަން. މީގެކުރިން ކުރާ ދަތުރުތަކުން އިވެމުންދާ އަޅުގަނޑުމެންނަށް އަޑަކީ، މިރަށަށް އެއްވެސް ކަމެއްގައި އަޅައެއްނުލައޭ. އެއީ މިރަށުގެ ކައުންސިލް ވަކި ކުލައެއްގައި އޮންނާތީ. ނޫނީ މިވެނި ރަށްރަށަކަށް ކަންކަންވަނީ، މިވެނި ޕާޓީއެއްގައި ކައުންސިލް މެންބަރުން ތިއްބަވާތީއޭ. އެދުވަސް މިހާރު ފާއިތުވެއްޖެ. އަޅުގަނޑުމެން އެކަމަކަށް މިހާރު ސަމާލުކަމެއް ނުދެން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ކޮންމެ ޕާޓީއެއްގައި ތިއްބަސް، ކޮންމެ ކުލައެއްގެ ދިދައެއް ހުރި ކަމުގައިވީނަމަވެސް، އަޅުގަނޑުމެން އެންމެންނަކީވެސް ދިވެހި ރައްޔިތުން. އެހެންވީމާ، ދިވެހި ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް ލިބިދިނުމުގައި، ދައުލަތުގެ ފަރާތުން އަބަދުވެސް ޖެހޭނެ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކީގައި މަސައްކަތް ކުރަން.

ރާއްޖެއަށް އައިސްފައިވާ ޑިމޮކްރެޓިކް ނިޒާމަކީ އެއީ އެ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތައް ހިމެނި، ދައުލަތް ހިންގަން ތިބޭ ވެރިން، ދައުލަތުގެ ޚާދިމުން ވަކިޕާޓީއަކަށްވާތީ، ވަކި ކުލައަކަށްވާތީ، ތަފާތު ގެންގުޅެންޖެހޭ ސަބަބެއް ނޫން. ކޮންމެ ޕާޓީއަކުން މަޤާމަކަށް އިންތިޚާބުވީ ކަމުގައިވީ ނަމަވެސް، އިންތިޚާބުވުމަށްފަހުގައި، ދެން ކަންތައް ކުރަމުންދާންޖެހޭނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން. ރާއްޖޭގޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން. ރާއްޖޭގެ ޤާނޫނުއަސާސީގައި އެބަބުނޭ، ރައްޔިތުންނަކީވެސް ހަމަހަމަ ބައެއްކަމާއި، ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ލިބިދޭންޖެހޭނީ، ހަމަހަމަގޮތެއްގައި ތަފާތެއްނެތިކަން ވަރަށް ރަނގަޅަށް ބަޔާންވެފައި އެބައޮތް އެހެންވީމާ، ރަނގަޅު ހެޔޮވެރިކަމެއް ކުރާ ކަމަށްވާނަމަ، އެ ވެރިކަން ކޮށްދޭންޖެހޭނީ، ކުލައަކަށް، ޕާޓީއަކަށް، ދިދައަކަށް ނުބަލާ. އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންނަކީވެސް، ދިވެހި ރައްޔިތުންކަން ފުރަތަމަ ދެނެގެން، ދިވެހި ދިދައިގެ ދަށުގައި ތިބޭ ބައެއް ކަމުގައި ދެކިގެން. އެހެންވީމާ، އަޅުގަނޑުގެ ސިޔާސަތަކަށް އަބަދުވެސްވާނީ އެސިޔާސަތު. އެއީ ޤާނޫނުއަސާސީ ސިޔާސީ ލީޑަރުންނަށް ލާޒިމްކުރާ ސިޔާސަތެއް.

އާދެ! މިރަށަކީ މިރަށަށް އައުމުންވެސް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އިޙްސާސްވެގެން ހިނގައްޖެ، ވަރަށް ނިކަމެތި ކަންތައްތަކާ ކުރިމަތިލާން ޖެހިފައިވާ ރަށެއްކަން. އާދެ! 2004 ވަނަ އަހަރުގެ ސުނާމީގެ ކާރިސާގައި ވަރަށްބޮޑު ގެއްލުން ލިބުނު ރަށެއް މިރަށަކީ. އަދި އަދަށްދާންދެންވެސް މިރަށުގެ ރައްޔިތުން އެކަމުގެ ތަޙައްމަލް ކުރަމުން އެގެންދަނީ. އެހެންވީމާ، އެކަމަށްޓަކައި ދައުލަތުގެ ފަރާތުން އެބަޖެހޭ، ޚާއްޞަ ސަމާލުކަމެއްދީ، އެކަންކަން އަވަހަށް ހަމަޖެއްސޭނެ ގޮތެއް ހޯދަން. އަޅުގަނޑު ވަރަށް ހިތާމަކުރަން، މިހާ ގިނަ ދުވަސް ވަންދެން، މިރަށުގައި ޢިމާރާތް ކުރަން ފެށިފައިވާ ގެތައް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން،އެއްވެސް ޙާލެއްގައި އެގޮތަށް އެކަން ހުއްޓިފައި އެހުރީކީ ދައުލަތުގެ އިހުމާލަކުން ނޫން. އެއްގޮތަކަށްވެސް އަޅުގަނޑުމެން މި ސަރުކާރުގެ ފަރާތުން ތަފާތެއް ގެންގުޅޭތީއެއްނޫން. އެހެން އެއްގޮތަކަށްވެސް ހީފުޅު ނުކުރެއްވުން އަޅުގަނޑު އެދެން. އެކަން އެގޮތަށް ދިމާވެފައިވަނީ، އެމަސައްކަތް ޙަވާލުކުރެވިފައިވާ ފަރާތުން އެކަން ގެންދަންވާ ގޮތަށް ނުގެންދިޔުމުގެ ސަބަބުން. އަދި ސަރުކާރުގެ ފަރާތުން އޭރުވެސް ގެނައި ބަދަލަކާ ގުޅިގެން، ހަމަ އެކީގައި ހަމަޖައްސަންޖެހޭ ބައެއް ކަންކަން ހަމަނުޖައްސާ ހުރީމަ. ދެން މިހާރު ސަރުކާރުގެ ފަރާތުން އެފަރާތާ ވާހަކަ ދައްކައިގެން މަސައްކަތް ކުރިއަށްދާނެގޮތެއްވަނީ އިންތިޒާމުކޮށްފައި. އަޅުގަނޑަށް ޔަޤީންކަން ދެއްވާފައިވަނީ، އަންނަ އަހަރުގެ، 2013 ވަނަ އަހަރުގެ މެއި މަހުގެ ކުރިން ހުރިހާ ގެތައް ނިމޭނެ ކަމަށް. އެހެންވީމާ، އެ އުންމީދުގައި އަޅުގަނޑު މިހުރީ. އެހެން ނަމަވެސް، މިރަށަށް އަޅުގަނޑު އައުމާ އެކުގައި، އަޅުގަނޑަށް ކުރިއަށްވުރެ ބޮޑަށް މިކަމުގެ ޙައްލު ސާފުވެގެން ހިނގައްޖެ. ވީމާ، އެކަމުގައި ޙައްލުކުރަންޖެހޭ ކަންކަން އަދިވެސް ހުރި ކަމަށް އަޅުގަނޑު ދެކެން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެކަންކަން ޙައްލުކުރުމަށްޓަކައި ހައުސިންގ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ، މިގެތައް ހަމަ ނިމޭނެ.

ހަމައެހެން އަޅުގަނޑަށް މިރަށުން ލިބުނު މަޢުލޫމާތުން އެނގިފައިވަނީ، ސުނާމީ ކާރިސާއަށްފަހުގައި، މިރަށުގެ ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުންނަށްވަނީ ލުއި ލޯނުތަކެއް ދީފައިކަން. މިލޯނުތަކުގެ ޢަދަދު ކުޑަކަމާއެކީގައި، ލޯނުތަކުން ކުރެވިފައިވަނީ ކޮންމެހެން ކުރަންޖެހޭ އަވަސް މަސައްކަތްތަކެއް. މިސާލަކަށް، ގޭ ފުރާޅުހެދުން، ނޫނީވިއްޔާ ފާރެއް ރާނައިލުން، މިހެން ކުރަންޖެހޭ ކުދިކުދި ކަންތައްތަކެއް ކުރެވިފައި ހުރީ. މި ލޯނުތައް މިހާރު މިއޮތީ އަނބުރާ ދައްކަންޖެހިފައި، ވަރަށްބޮޑު އިންޓްރެސްޓަކާއެކީގައި. އެހެންވީމާ، މިކަންވެސް އެބަޖެހޭ ޙައްލުކުރަން. ރަށެއްގެ ރައްޔިތުންނަށް ކުރެވޭނެ ވަރަކަށް ކަންތައް ކުރެވޭނީ. އެހެންވީމާ، އެކަމުގައިވެސް ލުޔެއް ފެނޭތޯ އަޅުގަނޑު ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަ ދައްކައިގެން، ކޮންމެވެސް ރަނގަޅު ގޮތެއް ފެނޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ! ދެން ފަހަކަށްއައިސް، ވަރަށްގިނަ ރަށްރަށުގައި މިސްކިތްތައް މިހިރީ ބާޠިލް ކުރެވިފައި. ޒަމާނުއްސުރެ ބޭނުންކުރަމުން އައި އަދި ބޮޑުކުރަމުން އައި މިސްކިތްތައް މިއަދު އަޅުގަނޑުމެންނަށް މިހިރީ ބާޠިލުކުރަން ޖެހިފައި. އެ މިސްކިތްތަކުގެ ދަށުން ޤަބުރު ފެންނާތީ. މިރަށުގެ ހުކުރު މިސްކިތްވެސް މިވަނީ މިގޮތަށް ބާޠިލު ކުރެވިފައި. އެހެންވީމާ، އެގޮތަށް ބާޠިލުކުރެވޭ މިސްކިތްތަކަށް ޚާއްޞަ ސަމާލުކަމެއްދީގެން އެބަޖެހޭ، ސަރުކާރުގެ ފަރާތުން އެ މިސްކިތްތައް ހެދޭނެގޮތެއް ހޯދަން. އަޅުގަނޑު އެހެންވީމާ، މިރަށުގެ ހުކުރު މިސްކިތް ހެދުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން، އެކަމުގައި އަވަސްގޮތެއް ފެނޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ! މިރަށުގެ އިޤްތިޞާދަކީ ރާއްޖޭގެ ނިސްބަތުން ބަލާއިރުގައި، މެދު ޢަދަދަކަށް އާބާދީ އޮތް ރަށެއް މިރަށަކީ. މާ ކުޑަކުޑަ ރަށެއްވެސް ނޫން. އެހެން ނަމަވެސް، ބޮޑު ރަށެއްވެސް ނޫން، އާބާދީގެ ގޮތުން. މިރަށުގެ އިޤްތިޞާދަށް ދިމާވެފައި މިއޮތީ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދަތިތައް. މިރަށަކީ މަސްވެރިކަން ކުރަމުން އައި ރަށެއް. އެހެން ނަމަވެސް، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިރަށުގައި މިހާރު މަހަށްފުރަނީ އެންމެ ދޯންޏެއް. ބައެއް ދޯނި ހުރީ އިންޖީނުގެ މައްސަލަޖެހި، އެހެން ނަމަވެސް އެހެނިހެން ކަންކަން ދިމާވެގެން މަހަށް ނުފުރޭގޮތަށް ދިމާވެފައި. މަސްވެރިކަމަކީ މިއަތޮޅުގައި، ޚާއްޞަކޮށް، ވަރަށްބޮޑު އާމްދަނީއެއް ލިބެމުން އަންނަ މަސައްކަތެއް. މަހެއްގެ މައްޗަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ މަސްވެރިން އެބަ ހޯދާ ތަފާތު މަސްވެރިން. ބައެއް ދޯނިފަހަރުގައި، ހަފްތާއަކު ފަންސަވީސްހާސް ރުފިޔާވެސް މީހެއްގެ މައްޗަށް އެބަޖެހޭ. އެހެންވީމާ، މަސްވެރިކަމަކީ އެއީ ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް. މިކަން އެއްގޮތަކަށްވެސް އަޅުގަނޑުމެން ދޫކޮށްލައިގެން ނުވާނެ. އެކަން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެބަހުރި. އެގޮތުން ހަލާކުވެފައިވާ އިންޖީނުތައް ހެދޭނެގޮތެއްވުމުން، މަހަށް ފުރޭނެ ގޮތްތަކެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ ކޮންމެ ރަށަކަށް. ހަމައެއާއެކީގައި، މަސްވެރިކަމަކީ އަދިވެސް އެންމެގިނަ ޢަދަދެއްގެ ބަޔަކަށް އާމްދަނީ ލިބި، ވަޒީފާ ލިބޭ ޞިނާޢަތު. އެހެންވީމާ، މަހަށް ނުފުރުމަކީ އެއީ އެތައް ބަޔަކަށް ވަޒީފާ ގެއްލި، ކަމެއް ނެތިފައި ތިބުމުގެ ސަބަބެއް. ވަރަށް ނިކަމެތިވާންޖެހޭ ކަމެއް. މިކަމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެބަޖެހޭ ވިސްނާވަޑައިގެން، މިހެންހުރި ރަށްރަށުގައި މަހަށް ފުރޭނެގޮތް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން.

ހަމައެހެން، މަސްވެރިކަމަށްވުރެވެސް ބޮޑަށް މިހާރު މިރަށުގައި ކުރެވެމުންދާ މަސައްކަތަކީ ދަނޑުވެރިކަން. އެއީ، ބިންބޮނޑު ބިން އޮތް ރަށަކަށްވާތީ، ވަރަށްގިނަ ޢާއިލާތަކެއް މިދަނީ ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން. ދަނޑުވެރިކަމަށްވެސް އެބަޖެހޭ އެހީތެރިވެދޭން. އެގޮތުން، މިރަށުގައި ޢިމާރާތް ކުރެވިފައި ހުރި އެގްރިކަލްޗަރ ސެންޓަރެއް އެބަހުރޭ. މިތަނަކީ މިއީ އަމިއްލަ ފަރާތްތަކުން، ރަށުގެ ރައްޔިތުންގެ ފަރާތުން ހިންގާގޮތަށް ޢިމާރާތް ކުރެވިފައި ހުރި ތަނެއް. އެހެން ނަމަވެސް، އެކަމުގައިވެސް ވެދޭންޖެހޭ ކުޑަކުޑަ އެހީއެއްވެސް ނެތުމުގެ ސަބަބުން އެތަންވެސް ހުރީ މަސައްކަތެއް ނެތިފައި. ޢިމާރާތް ކުރެވިފައި، ޢިމާރާތުގެ ބޭނުމެއް ނުކުރެވި. އެހެންވީމާ، މިކަމާމެދުގައި އެބަޖެހޭ އަޅުގަނޑުމެން ވިސްނަން. ހަމައެގޮތަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތްޕުޅުން މިކަމަށްޓަކައި އެހީއެއް ވެދޭން. ދައުލަތުން ބައެއްފަހަރަށް އެހާ ބޮޑު އެހީއެއް ނުދެވުނަސް، ދެވެން އޮތް އެހީއެއް ދެވެނިކޮށް މަސައްކަތް ފެށޭނެ. ރައްޔިތުންނާ އެކީގައި، ރައްޔިތުންނާ އަތުގުޅުވާލައިގެން މަސައްކަތް ކުރަން އުޅުނަސް، ކުރެވޭނެ ކިތަންމެ ކަންތައްތަކެއް ހުންނާނެ. އެގޮތުން، މިރަށުގެ ރަށު ކައުންސިލްގެ ބޭފުޅުންނާއި އެގްރިކަލްޗަރ އެންޑް ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުންނާ ގުޅިވަޑައިގަންނަވައިގެން، މިކަން މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. މިދެންނެވިގޮތަށް އެހެންހުރި މިނިސްޓްރީތަކާ ގުޅިގެން ރަށު ކައުންސިލުން މަސައްކަތް ކޮށްދެއްވުމަކީ އެއީ ވަރަށް މުހިންމު ކަމެއް.

ރަށުގެ ތަހުޒީބާއި ތަމައްދުން ކުރިއެރުވުމަށްޓަކައި ކުރެވޭނެ ކިތަންމެ ކަންތައްތަކެއް ހުންނާނެ. މާބޮޑެތި ޢަދަދުގެ ފައިސާތަކެއް އަދި ޚަރަދު ނުކުރެވުނު ކަމުގައިވީ ނަމަވެސް ރަށް ދިރުވުން ކުރިއެރުވުމަށްޓަކައި ކުރެވޭނެ ކަންތައްތަކެއްވެސް ހުންނާނެ. އެއީ އެކަންތައްތައް ކުރެވޭނީ، ރައްޔިތުންނާއި، ކައުންސިލާއި، ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކޮށްގެން. އަދި ރަށް ދިރުވުމަށްޓަކައި އާ ޚިޔާލުތަކެއް އުފައްދައިގެން. އެހެންވީމާ، އެގޮތުން ވީހާވެސް ގިނައިން މިފަރާތްތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އަޅުގަނޑުމެން އަދި އެންމެ އިސްކޮށް ސަރުކާރު ހިންގުމަށްޓަކައި ތިބޭ މީސްމީހުންނަށް މިރަށަށް އެހާ ގިނައިން ނާދެވުނު ކަމުގައިވީނަމަވެސް، އެކިއެކި މިނިސްޓްރީތަކުގެ ބޭފުޅުން އެބަޖެހޭ، ގިނަގިނައިން ރަށްރަށަށް ދަތުރުކުރައްވަން. ރަށްރަށަށް ވަޑައިގެން، އެރަށްރަށުގެ ރައްޔިތުންނާއެކީގައި މަސައްކަތް ކުރަން. މިނިސްޓްރީތަކުގައި ތިބޭ މީހުންނަކީ މިއީ މާލޭގައި ތިބެންޖެހޭ ބައެއް ނޫން. މިނިސްޓްރީގެ އެކިއެކި ފެންވަރުގެ ބޭފުޅުން، ޚާއްޞަކޮށް، ފަންނީ ދާއިރާގައި ތިއްބަވާ އިސްބޭފުޅުން އެބަޖެހޭ ގިނަގިނައިން ރަށްރަށަށް ދަތުރުކުރައްވައި، އެރަށުގެ ރައްޔިތުންނާއެކީގައި ޚިޔާލު ކުރައްވައި، މަޝްވަރާ ކުރައްވައި، ރަށްރަށް ކުރިއެރުއްވުމަށްޓަކައި މަސައްކަތް ކުރައްވަން. ހަމަ ރަނގަޅު ޚިޔާލަކުން، ކުޑަކުޑަ ޚަރަދަކުން ކުރެވޭނެ ކިތަންމެ ކަންތަކެއްވެސް ހުރޭ. އެހެންވީމާ، އެގޮތަށް، އުފެއްދުންތެރި ގޮތަކަށް ޚިޔާލުކޮށްގެން، މާބޮޑު ޚަރަދުތަކެއް ނުކޮށްވެސް ކުރެވެންހުރި ކަންކަން ކުރައްވަމުން ގެންދެވުން އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އެނގިވަޑައިގަންނަވާނޭ ފަދައިން، ޤައުމުގެ އިޤްތިޞާދު މާލަހުން ކުރިއަށްދަނީ. ރާއްޖޭގެ ބަޖެޓް ވަރަށް ތާށިކަމާއެކީގައި، ކޮންމެ އަހަރަކުވެސް މިހާރު އެކުލަވައިލަމުން އެދަނީ. އެހެންވީމާ، ކޮންމެ ކަމަކަށް އަދި ފައިސާތަކެއް، ބަޖެޓެއް ހަމަޖެހިފައި ނެތަސް، ކުރެވެންހުރި ކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އެއްބާރުލައިގެން، ތަރައްޤީ ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރަނިކޮށް، އިރާދަކުރެއްވިއްޔާ، މިހާރަށްވުރެ ރަނގަޅަށް ކަންކަން ކުރެވޭނެ.

އާދެ! ދެންމެ ތިޔަ އެދިވަޑައިގަތް ފަދައިން، އިރާދަކުރެއްވިއްޔާ، އިންޖީނުގެ [ފެނަކާ]ގެ ދަށަށް ގެންދާނަން. އެކަން ކުރުމަށްޓަކައި އަޅުގަނޑު [ފެނަކާ]އާ ވާހަކަ ދައްކާނަން. ވާހަކަ ދައްކައިގެން، އެކަން ކުރުމަށްޓަކައި ކުރަންހުރި ކަންތައް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. ކުދިރަށްރަށުގައި ހުންނަ ކުދި އިންޖީނުގެތައް، ވަކިވަކިން ބެލެހެއްޓުމަކީ އެއީ ވަރަށް އުނދަގޫ ކަމެއް. މީގެކުރިންވެސް އަދި ޔޫޓިލިޓީ ކުންފުންޏެއް އުފެއްދުމުގެ ކުރިންވެސް، [ފެނަކާ] އުފެއްދުމުގެ ކުރިންވެސް، މި އިންޖީނުގެތައް ހިންގަމުން ގެންދަނީ ސަރުކާރުންވެސް ކޮންމެވެސް އެހީތަކެއް ލިބިގެން. އެގޮތުން، ރައްޔިތުންގެ އިންޖީނުގެތަކަށްވެސް އިންޖީނު ގަނެގެންނާއި، އިންޖީނަށް ކޮންމެވެސްވަރެއްގެ ލޯނެއްދިނުމާ، މިހެން ކުރަންޖެހޭ ކަންކަން، ދައުލަތުގެ ފަރާތުން ގެންދަވަނީ ކުރައްވަމުން. މިހާރު ކުންފުނިތައް އުފެދުމުން، ކުންފުނިތައް މެދުވެރިކޮށް، އެކަންކަން ކުރަމުން މިގެންދަނީ. ކުންފުނިތައް އުފެދުމުގެ ބޭނުމަކީ، އެ އިންޖީނުތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސް ހޯދުމާއި، އިންޖީނުތައް ހޯދުމުގައި، ލުއިފަސޭހަ ގޮތްތަކެއް ހޯދުން. އެހެންވީމާ، އަޅުގަނޑަށް ޔަޤީންކުރެވޭ، ކޮންމެ ރަށެއްގެ ކުދި އިންޖީނުގެތައް، ކުދި އިންޖީނުގެތައް ކުންފުންޏާ ގުޅިގެން ކުރިއަށް ގެންދިޔުމުން، އެއިން އިރާދަކުރެއްވިއްޔާ ރަނގަޅު ފައިދާތަކެއް ނުކުންނާނެ ކަމަށް. އަދި އިންޖީނު ހަލާކުވެއްޖިއްޔާ، އެ އިންޖީނު ހެދުމުގެ ކަންތައް އަވަހަށް، އެކަމުގައި ޢަމަލުކުރެވިގެންދާނެ ކަމަށް. މި އުންމީދުގައި އަޅުގަނޑުމެން ކުންފުނި ހަދައިގެން މިއުޅެނީ. އެކަން ނުކުރެވޭ ކަމަށްވަންޏާ، ކުންފުނި އުފެއްދުމުގެ ބޭނުމެއް ނެތް. އިރާދަކުރެއްވިއްޔާ، އެހެންވީމާ، މިރަށުގެ އިންޖީނުގެ މިހާރަށްވުރެ ރަނގަޅަށް ހިނގާނެ، ފެނަކާއަށް ނަގައިގެން، ފެނަކާގެ އެހީތެރިކަމާ އެކީގައި. ދެން މިހާރު ހަމަޖެހިފައި އޮންނަ ގޮތުން، ރައްޔިތުންގެ ތަނެއް، ރައްޔިތުންގެ އިންޖީނުގެއެއް، ފެނަކާއަށް ނަގާކަމަށްވަންޏާ، ފުރަތަމަ ޖެހޭނީ އިންޖީނުގެ އަގުކުރަން. އިންޖީނުގެ އަގުކުރަން. އަގުކުރުމަށްފަހުގައި، އެޖެހޭ ޢަދަދަކީ އެއީ ސީދާ ކުންފުނީގައި މިރަށުގެ ރައްޔިތުންގެ އޮންނަ ޙިއްޞާ. ރައްޔިތުންގެ ޙިއްޞާއެއް އޮންނާނެ ކުންފުނީގައި. އެހެންވީމާ، ތިޔަބޭފުޅުން ދެކެވަޑައިގަންނަވާ، ފެނަކާއަކީ އެއީ ތިޔަބޭފުޅުންގެ ކުންފުންޏެއް ކަމަށް. ﷲ އިރާދަކުރެއްވިއްޔާ، ރަނގަޅަށް ކުންފުނި މެނޭޖް ކުރެވިގެން، ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ކަންތައްތައް، މިހާރަށްވުރެ ރަނގަޅަށް ފުރިހަމަވެގެންދާނެ.

އާދެ! އަދިވެސް އެއްފަހަރު ތިޔަ އެންމެހާ ބޭފުޅުން، އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް، މާތްﷲ ރަޙްމަތްލެއްވުން. އަދި ތިޔަ ހުރިހާ ބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއި ފާގަތިކަމާއެކީގައި ދިރިއުޅުއްވާ ބައެއް ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه