بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وأصـحَابِه أجمعـين.

ރާއްޖޭގެ ހީވާގި މުރާލި މަސްވެރިން، މަސްވެރިކަމުގެ ދާއިރާގައި ތަފާތު އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅުން، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް އަޙްމަދު ޝަފީޢު، އެމިނިސްޓްރީގެ ވެރިންނާ އެންމެހާ މުވައްޒަފުން، އަދި ދައުލަތުގެ ބަންޑާރަ ނައިބު، ވަޒީރުން، މިޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، ވިލިނގިއްޔާއި އަދި މިއަތޮޅުގެ ލޮބުވެތި ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ރާއްޖޭގެ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް މިރޭ މިބޭއްވޭ ޚާއްޞަ ރަސްމިއްޔާތުގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ރާއްޖޭގެ ތަފާތު ކަންކޮޅުތަކުގައި، ހީވާގިކަމާއެކު މަސްވެރިކަމުގެ ތަފާތު މަސައްކަތްތައް ކުރައްވަމުން ގެންދަވާ ރާއްޖޭގެ މަސްވެރިންނަށާއި، މިދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް އެކިރޮނގުރޮނގުން މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް، ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު އަދާކުރުން.

ރާއްޖޭގެ މަސްވެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ޤައުމީ ފެންވަރެއްގައި، އެކަންކަން ފާހަގަކުރުމަކީ، މަސްވެރިންނަށް މުޖުތަމަޢުގައި ދެވިފައިވާ އިޙްތިރާމާއި ޤަދަރު އިތުރުވެގެންދާ ކަމެއް. ރާއްޖޭގެ މަސްވެރިން، ރާއްޖޭގެ އިޤްތިޞާދުގައި އަދާކުރަމުންދާ ދައުރަކީ، ވަރަށްވެސް މުހިންމު ދައުރެއް.

މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަން މިވަނީ ވަރަށް ބޮޑަށް ތަރައްޤީވެފައި. އެކަމުން ރާއްޖޭގެ އިޤްތިޞާދަށްވެސް ބޮޑެތި ފައިދާތަކެއް ދަނީ ލިބެމުން. ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް އިތުރުވެގެން ދިޔުމަކީވެސް، ޙަޤީޤަތުގައި ރާއްޖެއަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް. މިއަދު މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގައި މަސްވެރިކަން ތަރައްޤީ ކުރުމަށް، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. މިގޮތުން، އަޅުގަނޑު އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކުރަނީ، ރާއްޖޭގައި ދޮށީގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަމަށް މެރިން ސްޓްވަރޑްޝިޕް ކައުންސިލް (އެމް.އެސް.ސީ.)ގެ ސެޓްފިކެޓް ލިބިގެންދިޔަކަން. މިކަމުގެ ސަބަބުން ކަނޑުމަހަށް ލިބޭ އަގު، އެތައް ގުނައަކަށް އިތުރުވެގެންދާނެ. އަދި ރާއްޖޭގައި މަހުގެ އުފެއްދުންތައް އުފައްދައި، ދަޅުގައި ބަންދުކޮށްގެންނާއި އެހެނިހެން ގޮތްގޮތުން ޕްރޮސެސްކޮށް އެކްސްޕޯޓުކުރުމުގެ ފުރުޞަތު ވަރަށް ބޮޑުތަން އިތުރުކުރެވިދާނެ. އަޅުގަނޑުމެންގެ އަމާޒަކަށްވާންވީ ރޯމަހުގެ ގޮތުގައި މަސް ރާއްޖެއިން ބޭރުކުރުމުގެ ބަދަލުގައި ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކޮށް، ޔޫރަޕަށް އެކްސްޕޯޓުކުރެވޭނެ މަގު ތަނަވަސްކުރުމަށް މަސައްކަތްކުރުން. މިކަމުގައި މަހުގެ ވިޔަފާރިކުރާ އެންމެހާ ފަރާތްތަކުން ފުރިހަމަ އެއްބާރުލެއްވުންދެއްވައި، ރާއްޖެއަށް ލިބިފައިވާ މި މުހިންމު ސެޓްފިކެޓާއެކު ދުނިޔޭގައި ދިވެހިރާއްޖޭގެ މަސްވެރިކަމަށް ލިބިފައިވާ ރީތި ނަން ދަމަހައްޓަން މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެއް. އަދި އެމް.އެސް.ސީ ސެޓްފިކެޓް ލިބުމާއެކު ދުނިޔޭގެ ފެންވަރުގައި މިކަންތައްތައް ފާހަގަކޮށް، މަސްވެރި ޤައުމުތަކުންދަނީ އަޅުގަނޑުމެންނަށް މަރުޙަބާ ކިޔަމުން. ދިވެހިރާއްޖެއިން ބާނާ މަސް، ޔޫރަޕުގެ ބޮޑެތި ސުޕަރމާރކެޓްތަކުގެ ހަރުގަނޑުތަކުން ފެންނަ މިންވަރު މިކަމުގެ ސަބަބުން އިތުރުވެ، ދިވެހި ކުންފުނިތަކަށް ޔޫރަޕުގެ ޤައުމުތަކުން ލިބޭ އޯޑަރުތައްވެސް އިތުރުވެފައިވާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކޮށްލަން. ހަމައެއާއެކު، މި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި، ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށްވެސް ރާއްޖޭގެ މަސްވެރިންނަށާއި، މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އަޅުގަނޑު މިރޭ ދަންނަވަން.

މާތްﷲގެ އިރާދަފުޅާއި އެކަލާނގެ ރަޙްމަތްފުޅުން، ރާއްޖޭގެ މަސްވެރިކަން މިދަނީ ރަނގަޅުވަމުން. 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން ދަށްވަމުން އައި އައުން ރަނގަޅުވާން ފަށާފައިވާ ކަމުގެ ނިޝާންތައް މި އަހަރު ނިމެމުންދާއިރު މިދަނީ ފެންނަމުން. މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް 84 މިލިއަން ޑޮލަރުގެ މަހުގެ ބާވަތް އެކްސްޕޯޓް ކުރެވިފައިވޭ. އަދި މިއަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް މިހާރުވެސް 90 އަށްވުރެ ގިނަ މިލިއަން ޑޮލަރުގެ މަހުގެ ބާވަތް އެކްސްޕޯޓް ކުރެވިފައިވޭ.

މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގައި އެކުއަރކަލްޗަރ ތަޢާރުފުކޮށް، ޞިނާޢީ ފެންވަރުގައި މަސް ވިއްސާ އާލާކޮށް އެކުއަރކަލްޗަރުގެ އުފެއްދުންތައް ގެނައުމަކީވެސް، ކޮންމެހެން މުހިންމުކަމެއް. މިގޮތުން، އަންނަ އަހަރު، ބޭރުގެ ހިލޭ އެހީއާއި ސަރުކާރުގެ ބޮޑު ހޭދައަކާއެކު 5 އަހަރު ދުވަހުގެ މަޝްރޫޢެއް ފެށުމަށް މިހާރުވަނީ ހަމަޖެހިފައި. މިމަޝްރޫޢުގެ މައިގަނޑު މަޤްޞަދަކަށްވާނީ، ރާއްޖޭގައި އެކުއަރކަލްޗަރ ޞިނާޢަތެއް ޤާއިމުކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ ޤާބިލުކަން އުފައްދައި، ހިންގާ ބެލެހެއްޓުން. މި ފުރުޞަތުގައި، އެކުއަރކަލްޗަރފަދަ އާ ގޮތްގޮތަށް މަސްވެރިކަން ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް މަސައްކަތް ކުރެވޭނެ ލުއި ގޮތްތައް ހޯއްދަވައި ސަރުކާރުގެ އެހީތެރިކަން އިތުރުކުރެއްވުމަށް އަޅުގަނޑު ގޮވާލަން.

ރާއްޖޭގެ މަސްވެރިކަން ބެލެހެއްޓުމުގައި ތިމާވެށްޓާ ރަޙްމަތްތެރި ގޮތަކަށް އެކަންތައް ކުރުމަކީ ރާއްޖެއަށް އެންމެ ފައިދާކުރުވަނިވި ގޮތްކަމާމެދަކު އެއްވެސް ޝައްކެއްނެތް. ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަކީ އެހެން ޤައުމުތަކުން ނަކަލުކޮށް މިސާލު ނަގަންޖެހޭ ކަމެއްކަމަށް ތިމާވެށި ޙިމާޔަތްކުރުމުގައި ދުނިޔޭގެ ފެންވަރުގައި ޙަރަކާތްތެރިވާ ޖަމާޢަތްތަކުން ދަނީ ފާހަގަކުރަމުން. މީގެއިތުރުން، ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމުގައި ކޯމަހާއި ވެލާ، އެއްވެސް މިންވަރަކަށް ނުހިފޭކަން އަޅުގަނޑު ފާހަގަކޮށްލަން. މިކަންތައްތަކަކީ ދިވެހިރާއްޖެއިން ކުރާ މަސްވެރިކަމުގައިވެސް އަދި އެހެނިހެން އިޤްތިޞާދީ މަސައްކަތްތަކުގައިވެސް އަޅުގަނޑުމެންނަށް ލިބިފައިވާ ކަނޑުގެ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި އަންނަން އޮތް ޖީލުތަކަށް ފޯރުވައިދިނުމަށް އެޅޭ ވަރަށް ބޮޑެތި ފިޔަވަޅުތަކެއް. އަދި މިއަހަރު ރިއޯ-ޑި ޖެނެއިރޯގައި ބޭއްވުނު ތިމާވެށްޓާބެހޭ ކޮންފަރެންސްގައި އަޅުގަނޑުވާނީ މުޅި ދިވެހިރާއްޖެއަކީ ބައޯސްފިއަރ ރިޒަރވެއްގެ ގޮތުގައި 2017 ވަނަ އަހަރު ހަމަޖެހޭނެކަން އިޢުލާންކޮށްފައި. މިކަމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޤުދްރަތީ މުއްސަނދިކަން ކުރިއަތް އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުވައިދިނުން. ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން ވަރަށް ބޮޑު ސަމާލުކަމެއް ދެމުންގެންދާނެކަން އަޅުގަނޑު ފާހަގަކޮށްލަން.

ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސްވެރިކަމުގެ ވައްޓަފާޅި މިދަނީ ބަދަލުވަމުން. ކުރިން ފަތިހު ތެދުވެ، އެންދަމައިގެން މަހަށް ނުކުމެ، އެދުވަހު މަސްބާނައިގެން ރަށަށް ލެފި ކަމުގައިވިޔަސް، މިއަދު މަސްވެރިން މަހަށް ނުކުމެ ހަފްތާ ދެހަފްތާ މާކަނޑުގައި ދަނީ ހޭދަކުރަމުން. އަދި މަސްވެރިކަމުގެ ޞިނާޢަތުގައި ޒުވާނުންގެ ބައިވެރިވުންވެސް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން. މިހާރު މަހަށް ނުކުންނަ ޒުވާނުންނަކީ، ކިޔަވައިގެން އެކަމުގެ ތަޢުލީމު ލިބިގެން މަހަށް ނުކުންނަ ޒުވާނުންނަށް އެބަ ވާންޖެހޭ. މޫސުމަށް އަންނަ ބަދަލުތަކާއި އަދި އަޅުގަނޑުމެން ބާނާ މަހުގެ ޢިލްމު އެނގުމަކީ، މަސްވެރިކަން ކުރިއެރުވުމަށް ލިބޭ އިތުރު ބާރަކަށްވާނެ. އަދި މަސްވެރިކަމުގެ ޞިނާޢަތަކީ މިހާރު ހަމައެކަނި ދޮށި އަޅައިގެން މަސްވެރިކަން ކުރުމެއްނޫން. މައިކްރޯބައޮލޮޖިސްޓުން ފެށިގެން ގޮސް އެކައުންޓެންޓުންނާއި އަދި މެނެޖީރިއަލް ވަޒީފާތައްވެސް މަސްވެރިކަމުގެ ސިނާޢަތުގައި ތަނަވަސްވަމުން ދާކަން އަޅުގަނޑު ފާހަގަކޮށްލަން. މީގެ އިތުރުން، އެކުއަރކަލްޗަރގެ ޞިނާޢަތް ހުޅުވި، ތަރައްޤީވެގެންދާއިރުގައި، މަސް ވިއްސާ އާލާކުރުމާއި، މަހަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމާއި އަދި މަސް ޕްރޮސެސްކުރުމުގެ ދާއިރާގެ ގިނަ ވަޒީފާތަކެއް ހުޅުވިގެންދާނެ.

މަސްވެރިކަމުގެ ވައްޓަފާޅިއާ މަސައްކަތަށް އައި ބަދަލާ ގުޅިގެން ޒުވާން މަސްވެރިން، މަސްދޯނީގައި މާކަނޑުގައި އުޅޭ ވަގުތާއި ޢާއިލާއާ ވަކިން އުޅެންޖެހޭ ވަގުތު، މިވަނީ އިތުރުވެފައި. މިފަދަ ބަދަލުތަކެއް އަންނަމުންދާއިރުގައި މަސްވެރި ޒުވާނުންގެ ޞިއްޙަތަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ. އެހެންކަމުން، ހެލްތު ދާއިރާއާއި ފިޝަރީޒް ގުޅިވަޑައިގަންނަވައިގެން، މިކަމަށް މަސައްކަތްތަކެއް ކޮށްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

މިއަހަރުގެ މަސްވެރިންގެ ދުވަސް މި ފާހަގަކުރެވެނީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި. މިއަތޮޅަކީ ޚާއްޞަކޮށް، ވިލިނގިއްޔަކީ މަސްވެރިކަމުގެ ދާއިރާގައި ވަރަށް ބޮޑަށް ފާހަގަކުރެވޭ ރަށެއް. އެހެންކަމުން، ވިލިނގިލީގައި މިއަހަރުގެ މަސްވެރިންގެ ދުވަހުގެ އިޙްތިފާލުތައް ބޭއްވެމުންދާއިރު، މި އިޙްތިފާލުތަކުގައި ބައިވެރިވުމަށް މިރަށަށް ޒިޔާރަތް ކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި މިއަދު އަޅުގަނޑު މިރަށަށް އައުމުން، މިރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާގެ ސަބަބުން އަޅުގަނޑަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މި ބާއްވާ އިޙްތިފާލުތަކަށް ރަށް ތައްޔާރުކުރައްވައި ޒީނަތްތެރި ކުރެއްވުމަށް މިރަށުގެ ލޮބުވެތި ރައްޔިތުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި އަދި ކަމާބެހޭ އެންމެހާ މުއައްސަސާތަކުން ކުރައްވާފައިވާ މަސައްކަތްޕުޅުތައް އަޅުގަނޑު ފާހަގަކުރަން. އަދި އެހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިރޭގެ މިރަސްމިއްޔާތުގައި، އެކިއެކި އިނާމުތައް ހާސިލުކުރެއްވި ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު ތަހުނިޔާ ދަންނަވަން.

އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަދިވެސް އެއްފަހަރު ރާއްޖޭގެ މަސްވެރިންނަށާއި މަސްވެރި ޢާއިލާތަކަށާއި، މަހުގެ ވިޔަފާރީގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް އަރިސް ކުރަމުން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތަށް އިތުރު ތަރައްޤީއާއި ކުރިއެރުން މާތްﷲ މިންވަރު ކުރެއްވުން. ރާއްޖޭގެ މަސްވެރިންނަށާއި މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް ތަނަވަސްކަމާއި ފާގަތިކަން ދެއްވުން. މަސްވެރިކަމުގެ ފައިދާ، ވީހާ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ރައްޔިތުންނަށް ލިބެމުން ދިޔުމުގެ ހެޔޮ ތައުފީޤު ﷲ ދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.