بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ދައުލަތުގެ މިނިސްޓަރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މަސްވެރިންނާއި، މަސް އެކްސްޕޯޓް ކުރައްވާ ފަރާތްތަކާއި، މަސް ވިއްކަވާ ފަރާތްތަކާއި، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޙާލަތާއި މިހާރު އޮތްގޮތް ދެނެގަނެ، އަދި ކުރިމަގު ބައްޓަންކުރަންވީގޮތާ ދޭތެރޭގައި ޚިޔާލުކޮށް، މަޝްވަރާ ކުރުމަށްޓަކައި މިއަދު މި ހުޅުވިގެންދާ ޤައުމީ މަސްވެރިކަމުގެ ފޯރަމް، މާތްﷲގެ ރަޙްމަތްފުޅާއެކުގައި ހުޅުވުމުގެ އުފާ ލިބިގަންނަން.

ދިވެހިރާއްޖޭގެ މަސްވެރިކަން މިވަނީ މިވޭތުވެދިޔަ ސާޅީހަކަށް، ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި، ވަރަށްބޮޑު ކުރިއެރުންތަކެއް ހޯދާފައި. މަހަށްފުރާ އަޅުގަނޑުމެންގެ ދޯނިފަހަރުތައް، ތިރީހަކަށް ފޫޓް، ސާޅީހަކަށް ފޫޓްގެ ދޯނިފަހަރުގައި ރިޔާ ނަގައިގެން ގޮސް މަސްވެރިކަންކުރި މީހުން މިއަދު މިވަނީ ވަރަށް ބޮޑެތި ދޯނިފަހަރު ބަނދެ، ސަތޭކަ ފޫޓަށްވުރެ ބޮޑެތި ދޯނިފަހަރު ބަނދެ، އެދޯނިފަހަރުގައި ވަރަށް ވަރުގަދަ އިންޖީނު އަޅައިގެން، އެތައް ދުވަހަކު ކަނޑުމަތީގައި މަސްވެރިކަން ކުރަން އުޅެވޭގޮތަށް، މަސްވެރިކަން ބައްޓަންކޮށްފައި. މިއަދު މަސްދޯނިފަހަރުގައި ފިޝް ފައިންޑަރާއި އަދި ޖީ.ޕީ.އެސް އާއި، އެނޫންވެސް ޓެކްނޯލޮޖީގެ އެކިއެކި ވަސީލަތްތައް ހަރުކޮށްގެން މިހާރު އަޅުގަނޑުމެން މަސްވެރިކަން ކުރަމުން މިގެންދަނީ. މިކަން މިގޮތަށް ކުރަމުން ގޮސް، މިހާރު އަޅުގަނޑުމެންނަށް މިއަހަރު މިލިބުނު ކާމިޔާބުތަކަކީ، ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމެއް. އާދެ! މެރިން ސްޓްވެޑްޝިޕް ކައުންސިލްގެ ސެޓްފިކެޓް، ދިވެހިރާއްޖޭގެ މަހަށް ލިބުނުކަން އެއީ، ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚުގައި އަލަށް އަޅުގަނޑުމެންނަށް ޙާޞިލު ކުރެވުނު ވަރަށްވެސް މުހިންމު، ވަރަށްވެސް މުހިންމު ކާމިޔާބީއެއް. އެކަމަށްޓަކައި އެންމެ ފުރަތަމަ އޭގެ ޙައްޤު ޝުކުރު، އޭގެ ޝަރަފު ދާންޖެހޭ ފަރާތަކީ ހަމަ ރާއްޖޭގެ މަސްވެރިން. އެއާއެކީގައި އެމަސް އެކްސްޕޯޓް ކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކެއް. ދިވެހި ސަރުކާރުން އެފަރާތްތަކަށް އެހީވެދީގެން، މި ސެޓްފިކެޓް ހޯދުމުގެ މަސައްކަތް ކުރައްވާފައި މިވަނީ، މިވޭތުވެދިޔަ ގާތްގަނޑަކަށް ފަސްއަހަރު ދުވަހުގެ ތެރޭގައި. އެހެންވީމާ، އެމަސައްކަތުގައި މިނިސްޓްރީ އޮފް ފިޝަރީޒްގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އާދެ! މިފޯރަމް ބާއްވަން މާލަސްވެސްވެއްޖެ. މިނިސްޓަރ އެ ވިދާޅުވިފަދައިން، 1974 ވަނަ އަހަރުން ފެށިގެން ބޮޑު މަހާސިންތާއެއް މަސްވެރިކަން ކުރިއެރުވުމަށްޓަކައި ނުބޭއްވި ގިނަ ދުވަސްތަކެއްވެގެން މިދަނީ. އެހެންވީމާ، ވަރަށްގިނަ ދުވަސްތަކެއް މިދިޔައީ މިކަމުގައި. އެހެންނަމަވެސް، މަސްވެރިކަން ހުއްޓިއޮތީކީ ނޫން. މަސްވެރިކަން މިދިޔައީ ހަމަ ވަރަށްވެސް ބޮޑަށް ކުރިއަށް. އަދި މިހާރު މިދަނޑިވަޅުގައި އަޅުގަނޑުމެން އެންމެން އެއްތަނަކަށް އައިސް، މިކަމާ ދޭތެރޭގައި މަޝްވަރާ ކުރުން މިއީ، ވަރަށް މުހިންމު ކަމެއް. ދިވެހިރާއްޖޭގެ މަސްވެރިކަން މިއޮތީ އަނެއްކާވެސް އެހެން މަރްޙަލާއަކަށް ދިޔުމަށް ތައްޔާރަށް. ރާއްޖޭގައި ހިފާ މަސް މިދޭތެރެއިން ކުޑަކޮށް ދަށަށްދިޔަ ކަމުގައިވީ ނަމަވެސް، މިހާރުގެ ތަފާސް ހިސާބުތަކުން ދައްކަނީ މަސްވެރިކަން ކުރިއަށްދާކަން. އަދި ޚާއްޞަކޮށް، މިއަހަރު މަސް ވަރަށް ރަނގަޅަށް ބާނައިފި. ޚާއްޞަކޮށް، ދެކުނުގެ އަތޮޅުތަކުގައި.

އާދެ! މަސްވެރިކަން ކުރިއެރުވުމަށްޓަކައި ފުރަތަމަ މިޖެހެނީ، މިހާރު ހުރި މައްސަލަތައް ދެނެގަންނަން. މިހާރުހުރި އެކިއެކި ގޮންޖެހުންތައް ދެނެގަންނަން. އެއަތޮޅުގައި އެކަންކަން ރަނގަޅު ކުރެވޭނެ ގޮތްތަކެއް ހޯދުން. އެކަންކަން ހޯދުމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުން، އެކުވެރިކަމާ އެކީގައި ޚިޔާލުފާޅުކުރައްވައި، އެކަންކަން ރަނގަޅު ކުރެވޭނެ ގޮތްތައް، އެކީގައި މަޝްވަރާ ކުރައްވައިގެން ހޯއްދެވުން އެއީ މިވަގުތު ވަރަށް މުހިންމު ކަމެއް. އާދެ! ދިވެހިރާއްޖެ މަޝްހޫރުވެގެން މިދިޔައީ، ދެމެހެއްޓެނިވި މަސްވެރިކަމަށް. އެއީ އަބަދުވެސް އަޅުގަނޑުމެން އެކަން ކުރަމުން އައިގޮތް. އަޅުގަނޑުމެންގެ މިޤައުމުގެ ވެރިންނާއި، މިޤައުމުގެ މަސްވެރިންނާ، މަސްވެރިކަން ކުރިއެރުވުމަށްޓަކައި ވިސްނުމެއްނެތި ބޭރުގެ ފަރާތްތަކަށް ބޮޑެތި ހުއްދަތައް ދޫކޮށްލައި، މަސްވެރިކަން ބޭރު ބައެއްގެ އަތަށް ދޫކޮށްނުލީތީ، މިއަދު އަޅުގަނޑުމެންނަށް މި ދެމެހެއްޓެނިވި މަސްވެރިކަން ދެމެހެއްޓިފައި މިވަނީ. އެހެންވީމާ، ކުރިއަށް އޮތް ތާނގައިވެސް އެގޮތަށް އަޅުގަނޑުމެން އަމިއްލައަށް މަސައްކަތް ކޮށްގެން، މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް. ރާއްޖޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކާހުރެ މިހާރު މަސްވެރިކަމަށްވެސް އޭގެ އަސަރު ކުރަމުން އެދަނީ. އެހެންވީމާ، މިބާވަތުގެ މަޝްވަރާތަކެއް ކުރެވޭއިރުގައި، ރާއްޖޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކާ ބެހޭގޮތުންވެސް އަޅުގަނޑުމެން އެބަޖެހޭ ޚިޔާލުކުރަން. އެގޮތުން، ޚާއްޞަކޮށް، ސަރުކާރުގެ ދާއިރާގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި، މިނިސްޓްރީ އޮފް އެނަރޖީ އެންޑް އެންވަޔަރަންމަންޓާ ގުޅިވަޑައިގަންނަވައިގެން، މިކަންކަމާ ދޭތެރޭގައި މަޝްވަރާ ކުރައްވައި، ކުރިއަށް ވިސްނާވަޑައިގަތުން ވަރަށް މުހިންމު.

އާދެ! މިހާރު އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެއަކީ މަސްވެރިކަމާއި ފަތުރުވެރިކަން، ބޮޑު ދެ ޞިނާޢަތެއްގެ ގޮތުގައި އޮންނަ ތަނެއް. އޮންނައިރުގައި، ދެ ޞިނާޢަތުގެވެސް ބަލަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ތިމާވެށްޓަށް ރައްކާތެރި ގޮތަކަށް އެ ޞިނާޢަތުތައް ހިންގަމުން ގެންދިޔުން. ތިމާވެށި ރައްކާތެރި ކުރުމަކީ، ފަތުރުވެރިކަމަށްވެސް ވަރަށްބޮޑު ކުރިއެރުމެއް ލިބޭ ކަމެއް. އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެން ރާއްޖޭގެ ތިމާވެށީގެ ސިޔާސަތު ބިނާކުރުމުގައި، މިހާރު ވިސްނަމުން މިގެންދަނީ، މިއަށްވުރެ ރަނގަޅަށް ކަންކަން ރާވައިގެން، ރާއްޖޭގެ އެކިތަންތަން ފާހަގަކޮށް، އެކިކަންކަމަށް ފާހަގަކުރެވިގެން، ބައެއް ތަންތަނަކީ އެއީ ޙިމާޔަތް ކުރެވިފައި ހުރި ތަންތަން ކަމުގައި ހަދައިގެން ކުރިއަށްދާން. އެގޮތުން، މިހާރު އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގެ އެއްއަތޮޅެއްގައި ވަނީ ޔުނެސްކޯ ބައޮސްފިއަރ ރިޒަރވެއް އުފެދިފައި. އަދި މުސްތަޤްބަލުގައި އަޅުގަނޑުމެން ޤަޞްދުކުރަނީ، މުޅި ރާއްޖެއަކީވެސް ބައޮސްފިއަރ ރިޒަރވަކަށް ހަދަން. އެކަން ކުރުމުގައި އެބަޖެހޭ ރާއްޖޭގެ އެކިއެކި ތަންތަން ކަނޑައަޅަން އެކިކަންކަމަށް. މިސާލަކަށް، މަސްވެރިކަމުގައި މިހާރު އެންމެ ބޮޑަށް ތިޔަބޭފުޅުން ޚިޔާލުކުރައްވާ އެއްކަމަކަށް މިއޮތީ އެންވެރިކަން. އެން ނުލިބުމުގެ މައްސަލައަކީ، މިހާރު އެނގެމުންދާ މައްސަލައެއް. ނަމަވެސް، އެންވެރިކަން އިތުރުކުރުމަށްޓަކައިވެސް އެން އުފެދޭ ދިމަދިމާ ޙިމާޔަތްކޮށް، އެތަންތަނަކީ ހަމައެކަނި އެން އުފެދޭ ތަންތަން ކަމުގައި، އެކަމަށް ދޭންޖެހޭ ޚާއްޞަ ސަމާލުކަމެއްދީގެން، އެތަންތަން ބެލެހެއްޓުން އެއީ، ވަރަށް މުހިންމު ކަމެއް.

ދެން އަދި އޭގެއިތުރުން، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، އެމަކީ އެއީ އެހެން ގޮތަކަށް އުފެދިދާނެ އެއްޗެއްކަން. މިސާލަކަށް، އެއީ އެކުއަރކަލްޗަރގެ ތެރެއިން އުފެއްދިދާނެ އެއްޗެއްތޯވެސް އަޅުގަނޑުމެން ބަލަން އެބަޖެހޭ. މި އާ ޓެކްނޮލޮޖީ އެބަ ގެންނަންޖެހޭ މީގެތެރެއަށް. އާދެ! ޓެކްނޯލޮޖީގެ ވާހަކަ ދައްކާއިރުގައި، މިއަދު މަސްވެރިކަމަށް ކުރިމަތިވާ އެންމެބޮޑު އެއްކަމަކީ، އެންމެ ބޮޑު މައްސަލައަކީ ތެލުގެ އަގު ބޮޑުވަމުން ދިޔުން. ތެލުގެ އަގަކީ އެއީ މަހުގެ އަގުގެ ވަރަށްބޮޑު ބައެއް މިހާރު. ދުވަހަކަށްވުރެ ދުވަހެއް ތެޔޮ މިދަނީ އަގު މައްޗަށް. އެހެންވީމާ، ޓެކްނޮލޮޖީ ހޯދުމުގައިވެސް އަޅުގަނޑުމެންގެ ދޯނިފަހަރަށް ވީހާވެސް ޚަރަދުކުޑަގޮތަކަށް، ވީހާވެސް އެފިޝެންޓް ގޮތަކަށް މަސް އައިނާ ހަމައަށް ދެވޭނެ ގޮތެއް ހޯދުމަކީ އެއީ، މުހިންމު ކަމެއް. އަދި ހަމައެހެން، މިއަދު އަޅުގަނޑުމެން މަސް ރައްކާތެރިކުރުމަށްޓަކައި އައިސް އުފެއްދުމާއި، ރެފްރިޖަރޭޓް ކުރުމާ، މިކަންކަން މިކުރަނީވެސް ހަމަ ޑީސަލް އިލެކްޓްރިސިޓީން ކަރަންޓް އުފައްދައިގެން. އޭގެ ބަދަލުގައި އައިސް އުފެއްދުމާ، މިބާވަތުގެ ކަންކަން ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން ކުރެވޭނެ ގޮތެއް ހޯދަން އަޅުގަނޑުމެން އެބަޖެހޭ. އެހެންވީމާ، އެކަމަށްވެސް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ، އަޅުގަނޑަށް ހީވާގޮތުގައި، ކުރަންޖެހޭ ކަމެއް.

އާދެ! ދެން އަޅުގަނޑު ނިންމާލުމުގެ ކުރިން އެއްޗެއް ދަންނަވާލާނީ، މި މަސްވެރިކަން މެނެޖްކުރުމާ ބެހޭގޮތުން. އަދިވެސް ރާއްޖޭގައި ފައިދާހުރި ގޮތެއްގައި ގިނަބަޔަކު އެކުވެގެން، މަސްވެރިކަން ކުރާ ކުންފުނިތަކެއް އަދި ނެތް. އަޅުގަނޑު މިދެންނެވީ، މިހާރު އަޅުގަނޑުމެން އަދިވެސް މިގެންދަނީ ހަމަ މީގެކުރިންވެސް ގެންދިޔަގޮތަށް ކޮންމެ ދޯންޏެއް ވަކިން، އެދޯންޏެއްގެ ކެޔޮޅުންނާއި މަސްވެރިންނާ، އެދޯނި ބަލަހައްޓާ ގޮތަކަށް މިގެންދަނީ. ނަމަވެސް، ބޮޑެތި ދޯނިފަހަރު ހުރުމުގެ ސަބަބުން، ޚާއްޞަކޮށް، ތެލަށް މިކުރަންޖެހޭ ޚަރަދު، އެންމެ ދޯންޏަކުން އެކަނި ބެލެހެއްޓުންވަނީ އުނދަގޫ ކަމަކަށްވެފައި. މަހަށް ނުފުރޭ ދުވަހެއްވިއްޔާ، ހަމަ އެދޯނީގެ ވެރިން، އެދޯނީގެ އޮޑިވެރިން، ކެޔޮޅުން މިޖެހެނީ އެކަމުގައި މުޅި ޢާއިލާއަށް ބުރައެއް އުފުލަން. އެހެން ނަމަވެސް، މުސްތަޤްބަލުގައި ގިނަ ދޯނި އެކީގައި ބަލަހައްޓާ މަސްވެރި ކުންފުނިތަކުން މިކަންކުރާ ކަމަށްވާނަމަ، މިދެންނެވި ކަހަލަ ޚަރަދުތައް ހަމަޖެއްސުން ތަންކޮޅެއް ފަސޭހަވެގެންދާނެ. އެއީ ކޮންމެވެސްވަރެއްގެ އިކޮނޮމިކް ސްކޭލެއް ހޯދި، މަސް ގިނައިން ބާނާ ދުވަހުން މަސް ނުބޭނޭ ދުވަހުގެ ތެލުގެ ޚަރަދު ބެލެހެއްޓޭނެ ގޮތެއް އޭރުން ހަމަޖެހިގެން ހިނގައިދާނެ. އެހެންވީމާ، ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، މިހާރަށްވުރެ ތަންކޮޅެއް ބޮޑު ސްކޭލެއްގައި މަސްވެރިކަން ކުރުމުގެ ޚިޔާލު، މަސްވެރިކަން މެނެޖް ކުރުމުގެ ޚިޔާލު ނެރުމަށްޓަކައި. މިއީވެސް އަޅުގަނޑު ހީކުރަން، ތިޔަބޭފުޅުން ކޮންމެވެސްވަރަކަށް މިކަމާ ދޭތެރޭގައި ޚިޔާލުފުޅު ކުރައްވާނެ ކަމެއް ކަމަށް.

އާދެ! އަޅުގަނޑުގެވެސް އުންމީދަކީ މި ފޯރަމަކީ މިއީ ތިޔަ ހުރިހާ ފަރާތްތަކެއްގެ ވަރަށް ތަނަވަސް އެކި ޚިޔާލުފުޅުތަކާއެކީގައި، ރާއްޖޭގެ މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި، ރާއްޖޭގެ މަސްވެރިކަމުގެ ސިޔާސަތު ބައްޓަން ކުރުމަށްޓަކައި އިތުރު އެހީތަކެއް ލިބިގެންދާނެ ފޯރަމެއް ކަމަށް.

May I also thank our colleagues who’ve come from abroad to this gathering, and also to celebrate Fishermen’s Day in the Maldives. I especially thank the Marine Stewardship Council for trusting us, and for awarding Maldives its certificate.

I want to also thank a special thanks to Sainsbury chain of supermarkets, for trusting the Maldives and for making Maldives a household name in England. We will try our best to maintain our side of the bargain and to be able to maintain the standards that you require. Thank you very much for your support, and I hope this support will continue in the future.

Thank you for being here.

އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެދެނީ، މި ފޯރަމަކީ ކާމިޔާބު ފޯރަމަކަށްވުން. ދިވެހި މަސްވެރިންނަށް އަދަށްވުރެ ފެހި މާދަމައެއް.

والســّلام عليــكم ورحـمــة اللّـه وبـركاتـه