بســم اللّـه الرّحمـن الرّحيــم

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އަދި އެ ކޮމިޝަންގައި މަސައްކަތް ކުރައްވާ ހީވާގި ބޭފުޅުން، އަދި ކުރީގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް ކަމުގައިވާ އަޙްމަދު މުޖުތަބާ، ވަޑައިގެން ތިއްބެވި މިނިސްޓަރުން، ޙާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން.

الســّلام عليــكم

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ފެށުމުގެ ކުރީގައި، ވަރަށް އިޚްލާޞްތެރިކަމާއެކީގައި ފާހަގަކޮށްލަން ބޭނުން، ހިއުމަން ރައިޓްސް ކޮމިޝަނުން މިއަހަރު ތިޔަ ކުރައްވާފައި ހުރި އަގުހުރި މަސައްކަތްތައް. އެއްވެސް ޝައްކެއްނެތްގޮތުގައި، ތިޔަބޭފުޅުން ތިޔަ ކުރެއްވި މަސައްކަތްޕުޅަކީ، ބަޖެޓް އަދި ފުދޭވަރަށް ލިބިވަޑައިނުގަތް ކަމުގައިވިޔަސް، އަޅުގަނޑު ދަންނަވާނީ ވަރަށް އަގުހުރި މަސައްކަތްތަކެކޭ. އަދި ޚާއްޞަކޮށް، އެ ކުރެއްވި ސަރވޭއަކީ، މިވަގުތު އަޅުގަނޑުމެންނަށް ވަރަށް ވަރަށް މުހިންމު ސަރވޭއެއް. ހިއުމަން ރައިޓްސް، ދިވެހިންނަށް އެނގޭ މިންވަރާއި އަދި ހިއުމަން ރައިޓްސްގެ ބޭނުމާއި، އެއިން ކުރާ ފައިދާއާއި އަދި އެއިން ކުރަންވީ ފައިދާ އަދި އޭގެ އިޞްލާޙުވާންވީ ކަންތައްތަކާ، ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ދޭހަވެގެން ހިނގައްޖެ. ވީމާ، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި، އެކުރެއްވި ބުރަ މަސައްކަތްޕުޅަށް ހަމަ ޝުކުރު އަދާކުރަމުން އަދި އެ މަސައްކަތްޕުޅުގައި އެހީވެދެއްވި އެހެން ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ! އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ އިންސާނީ ޙައްޤުތަކާބެހޭ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު، މި ޤައުމުގެ ހުރިހާ ރައްޔިތުންނަށް ރައްދުކުރުން.

އާދެ! ހިއުމަން ރައިޓްސް ކޮމިޝަން ފެށިގެން އައި ދުވަސްވަރު، މާތްﷲގެ ރަޙްމަތްފުޅުން އަޅުގަނޑަށްވެސް އެ ކޮމިޝަންގައި އުޅުމުގެ ފުރުޞަތު ވަނީ ލިބިފައި. އާދެ! އަޅުގަނޑު ދަންނަވާނީ، އެދުވަހާއި މިދުވަސް ތަޞައްވުރުކޮށްލުން ނުވަތަ ވިސްނާލުމަކީ ނެތް ކަމެއް ނޫނޭ. އެދުވަހު އެންމެ ބޮޑަށް ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނާ ދިމާއަށް އަމާޒުކުރެވި، ބުނެވެމުން އައީ، މިއީ ޖަލުގައި ތިބޭ ކުށްވެރިން ޙިމާޔަތް ކުރަން ތިބި ބަޔެކޭ. ޝައްކެއްނެތް. އެހެން އެކަން ދިމާވީވެސް ސަބަބެއް ނެތިއެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް. ހިއުމަން ރައިޓްސް ކޮމިޝަން ފެށުނުއިރު ނުވަތަ ދުނިޔޭގެ އަލިކަން ދުށްއިރު، މި ޤައުމުގައި ކުށްވެރިވެގެން ޖަލަށްލެވޭ މީހަކީ، އެއީ އިންސާނެއް ކަމަށް ދެކޭ ފަރާތްތައްވެސް، އަޅުގަނޑު ދަންނަވާނީ މަދޭ. އަދި ވަކިން ޚާއްޞަ ގޮތެއްގައި، ސިޔާސީ ކުށްވެރިއެއް ވެއްޖެއްޔާ، އޭނަ އުޅެންޖެހޭނީ ވަރަށް ނިކަމެތި ޙާލުގައި. އަޅުގަނޑުމެން މިކަންތައް ދެކެ، އަޅުގަނޑުމެން މިކަންތަކުގެ އަތުގައި ވަނީ ހިފާފައި.

އާދެ! ޝައްކެއްނެތް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ހިއުމަން ރައިޓްސް ކޮމިޝަން އުފެދިގެން ދިޔައީ ކޮން ދުވަސްވަރެއްގައިކަން. އަދި ކިހިނެއް، ކޮންކަހަލަ ކަންތައްތަކެއް ދިމާވެގެންކަން. ޝައްކެއްނެތް، އެއީ އެދުވަސް. މިއަދު ވަނީ ވަރަށް ބޮޑެތި ބަދަލުތައް އައިއްސަ. މިވެސް އަޅުގަނޑުމެން މިއަދު ހަމަ ޝުކުރު ކުރުން ޙައްޤު ކަމެއް. ހިއުމަން ރައިޓްސް ކޮމިޝަން އުފެދިގެން އައި ދުވަހުން ފެށިގެން ނުވަތަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އެ ކޮމިޝަންގައި މަސައްކަތް ކުރެއްވި ފަރާތްތަކާއި އަދި އޭރުގެ ސަރުކާރުންވެސް ދެއްވި އެއްބާރުލެއްވުމާއެކު، ހަމަގައިމުވެސް ޖަލުގައި އަނިޔާކުރުން، އަޅުގަނޑު ދަންނަވާނީ ވަނީ އެއީ ހުއްޓިފައިވާ ކަމަކަށޭ. އިރާދަކުރެއްވިއްޔާ، މިހާތަނަށް އަޅުގަނޑުމެންނަށް ދެ ދައުރާއި އަދި ވޭތުވެދިޔަ ދައުރުވެސް ފެނިއްޖެ. އަދި މިހާރު މިއޮތީ ތިންވަނަ ދައުރެއްގައި، ހިއުމަން ރައިޓްސް ކޮމިޝަން ހެދުނު ފަހުން. މާތްﷲގެ ރަޙްމަތްފުޅުން އަޅުގަނޑުމެންނަކަށް ނުފެނޭ، ނުވަތަ ނުއިވޭ، ޖަލުގައި އަނިޔާކުރެވިގެންދާ އަޑެއް. ނުވަތަ ޖަލުގައި އަނިޔާކުރާ ވާހަކަ ނުވަތަ ތަޙުޤީޤުގައި ފުލުހުން، އެ ތަޙުޤީޤު ކުރެވޭ ފަރާތަށް އަނިޔާކުރާ ވާހަކަ. މިއީ އަޅުގަނޑުމެން މިއަދު އަހާ ވާހަކައެއް ނޫން. ވީމާ، ތަފާތު ގޮންޖެހުންތައް ހުރި ކަމުގައިވިޔަސް، މިކަމަށްޓަކައި އެފަރާތްތަކަށްވެސް އަދި އެ އުޞޫލުތައް ގެންގުޅުއްވާ ފަރާތްތަކަށްވެސް، ތަންފީޛު ކުރައްވާ ފަރާތްތަކަށްވެސް މިއަދު އަޅުގަނޑުމެން ޝުކުރު އަދާކުރުމަކީ ނުވަތަ މިކަން ގަބޫލު ކުރުމަކީ، އަޅުގަނޑު ދަންނަވާނީ ނުވަތަ މިކަން އެކްނޮލޮޖް ކުރުމަކީ، މިއީ އަޅުގަނޑުމެންނަށް ހަމަ ޙައްޤު ކަމެކޭ. އެހެން ނަމަވެސް، އުފެދޭ ސުވާލަކީ، ކިހިނެއްތޯ، އަޅުގަނޑުމެން ޔަޤީންކުރާނީ، ދެން އަންނަ ކޮންމެ ސަރުކާރަކުންވެސް އިރާދަކުރެއްވިއްޔާ، އެންމެފަހުން ނިމިގެންދިޔަ ރައީސް މައުމޫންގެ ސަރުކާރުގައިވެސް، ރައީސް ނަޝީދުގެ ސަރުކާރުގައިވެސް އަދި މިހާތަނަށް މި ސަރުކާރުގައިވެސް މިތަނެއް އަޅުގަނޑުމެންނަކަށް ނުފެނުނު. އެކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައްތައް، މިއަދު ހިއުމަން ރައިޓްސް ކޮމިޝަނުން އެކުރައްވަނީ. އެއީ ވަރަށް މުހިންމު ކަމެއް. ދެން ދިވެހި ޤައުމުގައި، ޖަލުގައި ޓޯޗަރ ކުރުން ނުވަތަ މަޖުބޫރު ކުރުން، ތަޙުޤީޤުކުރާ މީހަކަށް، ބައެއް ކަންތައްތައް، މިއީ ކުރެވިގެންވާނޭ ކަމެއް ނޫން. އެކަމަކު މިއަދު އެކަންތައް ދަމަހައްޓައި، ދެން އަންނަ ސަރުކާރަކުންވެސް އެކަން ކުރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބަ އޮންނަންޖެހޭ. މިކަން އަޅުގަނޑުމެންނަށް ކުރެވޭނީ، ކޮން ގޮތްތަކަކުންތޯ، އަޅުގަނޑުމެން މިއަދު ވިސްނަން އެބަޖެހޭ.

އަޅުގަނޑު ފާހަގަކޮށްލަން، މި ޤައުމުގައި ތިބި 15 އަހަރުން ފެށިގެން ގޮސް 21 އަހަރާ ނުވަތަ 20 އަހަރާ ހަމައަށް، ވަރަށް ޒުވާން ދަރިންތަކެއް ބޮޑެތިވަމުން އެބައާދޭ. ވަރަށްފަހުން އަޅުގަނޑާ ބައްދަލުވި، މިއަންނަ އަހަރު، އާދެ! އޭޕްރިލް ނުވަތަ މާޗްގައި 18 އަހަރު ފުރޭ ހައެއްކަ ކުދިންނާ އަޅުގަނޑު ބައްދަލުވެގެން، އަޅުގަނޑު އެކުދިންނާ ވާހަކަ ދައްކާލާފައި، އަޅުގަނޑު އަހާލިން، މިކުދިންނަކީ ވަރަށް އިންޓަލިޖަންޓް، ވަރަށްމޮޅު ކުދިންކޮޅެއް. އަދި މިކުދިންގެ މައިންބަފައިންނަކީވެސް ހަމަ އެހާ ތަޢުލީމީ، ކުޅަދާނަ، ހުނަރުވެރިން. އަޅުގަނޑު އަހާލިން، ކޮބާ މިއަންނަ އަހަރު ވަރަށްބޮޑު ބާރުތަކެއް އެބަ ލިބޭދޯއޭ. ބުނީ ކޮން ބާރެއްހެއްޔޭ؟ ދެން އަޅުގަނޑު ދެންނެވީ، ވޯޓްވެސް ލެވޭނެ ނޫންހެއްޔޭ؟ ވަރަށް އަގުގައި ވިކޭނެ ވާހަކަވެސް އެބަ އިވެޔޭ. ދެން އެކުދިން އަޅުގަނޑު ކައިރީގައި ބުނީ، ވޯޓްގައި ބައިވެރިވެސްނުވާނަމޭ. ބޭނުމެއް ނޫނޭ. އެކަން ވާނުވާގޮތް އަދި މާރަނގަޅަކަށް ނުވެސް އެނގެއޭ. އަދި އެކަކުވެސް ކަމަކުނުދެއޭ.

އެދުވަހު އަޅުގަނޑު ހިތަށްއެރި، މިއީ ހަމަގައިމު އަޅުގަނޑުމެންގެ ތެރޭގައި ކުރަންވީ ކަމެކޭ. ކަންދިމާވިގޮތުން، [މައި ވޮއިސް ކައުންޓްސް] މިއޮންނަނީ ޝިޢާރެއްގެ ގޮތުގައި. އަޅުގަނޑުގެ ސުވާލަކީ، އެދަރިންގެ ވޮއިސް ކައުންޓް ކުރާނީ ކިހިނެއްތޯއޭ؟ އެދަރިންގެ ވޮއިސް އަޑުއަހާނީ ކިހިނެއްތޯއޭ؟ ޝައްކެއްނެތް، [ވޮއިސް އޮފް ދަ ޔޫތު] މި ޢުމުރުގެ ކުދިންގެ އަޑު އަޅުގަނޑުމެން އެންމެންނަށް އެހޭނެގޮތެއް އަދި އެކުދިންގެ ބައިވެރިވުން ޤައުމުގައި، މުސްތަޤްބަލުގައި އަޅުގަނޑުމެން ހިމަނަންޖެހޭނެ. މިއީ، އަޅުގަނޑުމެންނަށް މިއަދު ދިމާވެފައިވާ ގޮންޖެހުމެއް. އެއީ، މިދަރިންނާ އަޅުގަނޑުމެންނަށް އަޅާނުލެވިއްޖިއްޔާ، ދެންމެ އަޅުގަނޑު ދެންނެވި، ކިހިނެއްތޯ ދެމިއޮންނަނިވި ގޮތަކަށް ޖަލުގައި އަނިޔާ ކުރުމާއި، ތަޙުޤީޤުގައި އަނިޔާ ކުރުމާ، މިކަންތައްތައް ހުއްޓާނީ. އަބަދުވެސް ދެން އަންނަ ޖީލަކަށް، މިކަންތައް އުނގަންނައިދީ، އަޅުގަނޑުމެން ފޯރުވައިދޭން އެބަޖެހޭ. މިއަދު މި އޮތް ޖީލަކަށް އެކަންޏެއް ނޫން. އެއީ އަޅުގަނޑު މިދަންނަވާ ވާހަކައަކީ. ވީމާ، އަޅުގަނޑުމެންގެ ހަނދާނުން ފަހަރެއްގައިވެސް މިޢުމުރުފުރާގެ ކުދިން ހަނދާންނެތިގެން ގޮސްގެން ނުވާނެ.

އާދެ! އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ، ކޮންގޮތަކަށްތޯ، ކޮން ސިފައެއްގައިތޯ، އަޅުގަނޑުމެންގެ ކަންތައްތަކުގައި، އެކުދިން ބައިވެރިކުރާނީ. އަދި ހަމަ އެހާމެ މުހިންމު ބައެއް، މަތީ ގްރޭޑްތަކުގައި އުޅޭ ކުދިންނަކީ. އޯ ލެވެލްގައި އިށީނދެ އަދި އޭ ލެވެލަށްދާ ކުދިންނަކީ. އެއީ، އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ އިނގޭތޯ. އިންސާނީ ޠަބީޢަތެއް. މާތްﷲ އުފައްދަވާފައިވަނީ، އެއްވެސް އިންސާނަކު އަބަދު ތާއަބަދަށް ދުނިޔޭގައި ހުންނާކަށް ނޫން. އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ، އަޅުގަނޑުމެން ވެރިކަމުގައި ތިއްބަވާ ބޭފުޅުން ހަނދުމަފުޅު ކުރައްވަންޖެހޭނެ، ދާއިމަށް ތިޔަބޭފުޅުންނަކަށް ނުތިއްބެވޭނެކަން. އަޅުގަނޑުމެން އުފައްދަންޖެހޭނެކަން ޖީލެއް، ރީތިގޮތުގައި، ރަނގަޅު ގޮތުގައި، ހެޔޮގޮތުގައި، އެ ވެރިކަން އެފަރާތަށް ފޯރުވައިދޭނެ. މިގޮތަށް އަޅުގަނޑުމެންނަށް ކަންތައް ނުކުރެވުނީމަ، ވަރަށްގިނަ ހިތާމަވެރި ނަތީޖާތައް އެބަ ފެނޭ. އަޅުގަނޑުމެންނަށް މިޑްލް އީސްޓުން އެބަ ނަތީޖާ ފެނޭ. ހަމަ އަޅުގަނޑުމެން ކަހަލަ އިސްލާމީ ބްރަދަރސް އެންޑް ސިސްޓަރސް. ކޮން ޙާލެއްގައިތޯ، އެމީހުން މިއަދު އެއުޅެނީ. އެއީ ތާއަބަދަށް ވެރިކަމުގައި ހުންނަން އެމީހުން ބޭނުންވީތީ. އަނެއް އިންސާނާގެ ޙައްޤު، އެމީހުންގެ ހިތަކު ނެތޭ. އެމީހުން ހީކުރީ، ވެރިކަމަކީ މާތްﷲ ތިމަންމެންނަށް ދެއްވާފައިވާ ތަރިކައެކޭ. އޭގެ ނަތީޖާ މިޑްލް އީސްޓުން މިއަދު އަޅުގަނޑުމެން މިދެކެނީ.

މިޑްލް އީސްޓްގެ ވާހަކަ ދައްކައި ހުއްޓާލެވޭކަށް ނެތް. މިޤައުމުގައިވެސް ހަމަ ސުވާލު އުފެދެމުންދާ އެތައް ދިމާއެއް މިގޮތުން އެބަހުރި. މިއީ ކީއްވެގެންތޯ. މިއީ އެހެން ބައެއްގެ ޙައްޤު އެއީ ޙައްޤުކަން އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވޭތީ، އަމިއްލަ ބޭނުމާއި، އަމިއްލަ އެދުމާއި، އަމިއްލަ ކުރިއެރުމާއި، އަމިއްލަ ތަރައްޤީއާއި، އަމިއްލަ ބާރު އަޅުގަނޑުމެން ބޭނުންވާތީވެ. އެކަމަކު މިއީ ހިއުމަން ރައިޓްސްގައި ހަމަ ކަނޑައެޅިގެން އެކަން ނުކުރަންވީގޮތް. އަބަދުވެސް އިންސާނީ ޙައްޤުތައް ދިފާޢު ކުރުމާއި، އަނެކާގެ ޙައްޤު އޭނާއަށް ފޯރުވައިދިނުމާ، މިއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، މިއީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް ކަމަށް. މިއީ ކޮންމެ ފަރުދެއްގެވެސް މަސްއޫލިއްޔަތެއް. އެހެން ނަމަވެސް، ކޮންމެ ޤައުމެއްގައިވެސް، އެއިރެއްގައި ތިބޭ ވެރިންނާއި، އެއިރެއްގައި އޮންނަ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި މިނޫންވެސް ޤާނޫނުހަދާ މުއައްސަސާތަކުން މިފަދަ ކަންތައްތަކަށް ސަމާލުކަންދޭން އެބަޖެހޭ.

އާދެ! ކުޑަކުދިންނާއި ކުޑަކުދިންނަށްދޭ އަނިޔާއާއި، ކުޑަކުދިންނަށް ލިބޭ ގެއްލުމުގެ ވާހަކަ އަޅުގަނޑުމެން ދެންމެ ވަނީ އަހާފައި. އާދެ! އަޅުގަނޑު ކުޑަ ހިސާބެއް ދަންނަވާލާނަން. އެއީ 2011 ވަނަ އަހަރު އަދި 2012 ވަނަ އަހަރަށް ބަލާއިރު، ރާއްޖޭގައި އަހަރެއްގައި، ގާތްގަނޑަކަށް ފަސްދޮޅަހަކަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވޭ. އަދި 2011 އަދި 2012 އަށް ބަލައިލާއިރު، ގާތްގަނޑަކަށް ސަތޭކަވަރަކަށް އަންހެނުންނަށް ގެވެށި އަނިޔާ ކުރެވިފައިވޭ. މި ދެޢަދަދަކީ، ހަނދުމަފުޅުކުރައްވާތި، މިއީ ޙަޤީޤީ ޢަދަދަކަށް ނުވާނެ. އެއީ ދެންމެގައި އަޅުގަނޑުމެންނަށް ރިޕޯޓްގައި އަޑުއިވިގެންދިޔަ، ލަދުގަންނާތީ، މީހުން ގަބޫލުނުކުރާތީ އަދި މިނޫންވެސް ސަބަބުތަކަށްޓަކައި ސިއްރު ކުރެވޭކަން.

އާދެ! މިއަދު މިފަދަ ފަރާތްތަކަށް އަޅުގަނޑު ދަންނަވާނީ، ކެރިގެން ނުކުމެވަޑައިގަންނަވާށޭ. ކެރިގެން އެވާހަކަ ވިދާޅުވާށޭ. އެއީ ކީއްވެގެންތޯ؟ ލަދުފުޅުނުގަންނާށޭ. އެއީ، އެހެން ދަރިއެއް، އެހެން އަންހެނަކު އެކަމުން ސަލާމަތްކުރަން ބޭނުންވާތީވެ، އެ ސަބަބަށްޓަކައި. ތިމާއަށް އެކަން ދިމާވީމާ، އެކަން ކުރި މީހާއަށް އަދަބެއް ލިބުމަކަށް ނޫން. މުޖުތަމަޢުން އަދި ކީއްތޯ، މިފަދަ ކަންތައްތައް ދެން ތަކުރާރު ނުކުރުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެއީ، އެއްގޮތަކަށްވެސް ލަދުގަންނަންޖެހޭ ކަމެއް ނޫން. ޙަޤީޤަތުގައި އޭނައަށް އެކުރެވެނީ ޖިހާދެއް. އެތައް ބައެއް، އެކަންކަމުން ސަލާމަތް ކުރުމުގެ ފިޔަވަޅެއް އޭނައަށް އެ އެޅެނީ. އަޅުގަނޑު ދަންނަވާނީ، މިފަދަ އަންހެނުންނަކީ ވަރަށް ހިތްވަރުގަދަ، ވަރަށް ކެރޭ އަންހެނުންނޭ.

އާދެ! އިންސާނުންގެ ޙައްޤުތަކުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ވިސްނާލަންޖެހޭ، ޤައުމެއްގައި ހެދޭ ގަވާއިދާއި ޤާނޫނުތަކާ، މި އުޞޫލުތައްވެސް ހުންނަންޖެހޭނީ، އެ ޙައްޤު ދިފާޢު ކުރެވޭގޮތަށް. އެކަމަކު ހިތާމައަކީ، މިއަދުވެސް ދިވެހިރާއްޖޭގައި ބިލްޑިންގ ކޯޑް ނުވަތަ ޢިމާރާތް ކުރުމުގައި، ވީލް ޗެއަރއެއްގައި އުޅޭ މީހަކު، އެ ޢިމާރާތަކަށް ވަދެފައިވާނެ ގޮތަށްތޯ އަޅުގަނޑުމެން ޢިމާރާތްތައް ބައްޓަން ކޮށްފައި ހުރީ. އަޅުގަނޑުމެންގެ ހަނދާން އެކަމަކަށް ނެތޭ. އަޅުގަނޑުމެންނަށް ހަނދާންވަނީ، ކޮންމެވެސް އެކްސިޑެންޓެއްވެގެން މިއުޅެނީ، މިއިން ގޮނޑިއެއްގައި އިންނަންޖެހުނީމާ، ދެން ހިތަށްއަރާ، ކިހިނެއްބާވައޭ މިތަނަށް ވަދެފައި، ދެން މައްޗަށް އަރާނީ. އަޅުގަނޑުގެ ވާހަކައަކީ މިއީ ވަރަށް ކުދިކުދި ކަންތައްތަކޭ. އެހެން ނަމަވެސް، އެ ދަތިކަން އުފުއްލަންޖެހޭ މީހާއަށް އެއީ ވަރަށްދަތި އުނދަގޫ ޙާލެއް. މިފަދަ ކަންތައްތައް އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ. ކިހިނެއްތޯ އެ ގަވާއިދާއި އުޞޫލުތައް ހަމަޖެހިގެންދާއިރުގައި އަދި މިކަން މިހެން ހަމަޖެހިގެންދާއިރުގައި، ވަކިފަރާތްތަކުން އެކަން ނުކުރެއްވިޔަސް، މިހާރު އެބަ ހުންނެވި ދޮއެއްތޯ، ހިއުމަން ރައިޓްސް ދިފާޢު ކުރުމުގައި ހިއުމަން ރައިޓްސްއާބެހޭ ވަޒީރެއް. ނޫނިއްޔާ ހިއުމަން ރައިޓްސްއާ ބެހޭގޮތުން އެކަން ދިފާޢުކޮށްދެއްވުމަށްޓަކައި އޮންނަ މުއައްސަސާއެއް އެބައޮތް. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިފަދަ ކަންތައްތައް، ޗެކްސް އެންޑް ބެލެންސަސް އޮވެގެންދާންޖެހޭނީ. އެހެންވީމާ، މިފަދަ ކަންތަކަކީ، އެފަރާތްތަކުން ބައްލަވައި އަދި އެކަން ވާނުވާގޮތް ބައްލަވަންޖެހޭ ބައެއް. އަދި ހަމަ ހިއުމަން ރައިޓްސް ކޮމިޝަނަކީ، މިފަދަ ކަންތައްތައް ސަރުކާރުގެ ސަމާލުކަމަށްވެސް ގެނެސްދެއްވަންޖެހޭނެ ބޭފުޅުން، އެބޭފުޅުންނަކީވެސް. ހަމަ މިހާރުވެސް ވަރަށްގިނަ މަސައްކަތް އެގޮތުން ކުރައްވާކަން އަޅުގަނޑު ފާހަގަކުރަން. އެހެން ނަމަވެސް، މިހެންހުރި ކަންތައްތައް، ގޮންޖެހުންތައް އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި.

އާދެ! ދެންމެ ރިޕޯޓުގައިވެސް ދިޔަ ޞިއްޙަތުގެ ވާހަކަ. މިއަދު އަޅުގަނޑުމެންނަށް ހިއުމަން ރައިޓްސް އިޝޫއެއް ގޮތުގައި ނެގޭ، އަތޮޅުތަކާއި މާލެއާ ދޭތެރޭގައި ހުރީ ޞިއްޙީ ފަރުވާ ދިނުމުގެ މުއައްސަސާތައް. އަޅުގަނޑު ހިތުގައި އުފެދޭ ސުވާލަކީ، މާލޭގައި ވަކިމިންވަރަކަށް ނުވަތަ ވަކިފެންވަރަކަށް ހުރެފައި، އަތޮޅުތަކުގައި ވަކިފެންވަރަކަށް ހުރުން މިއީ، މިއީވެސް ހަމަ އިންސާނީ ޙައްޤުތޯއޭ؟ އެހެންވީމާ، މިވެސް އަޅުގަނޑުމެން ހަމަ ވިސްނާލަންޖެހޭ ކަމެއް. ކޮންގޮތަކަށްތޯ އެކަންތައް ފުރިހަމަކުރެވޭނީ. އަޅުގަނޑަށް ހީވަނީ، ގަވާއިދެއް އޮވޭހެން، ތެލަސީމިއާ ޓެސްޓްކޮށްފައި ނޫނީ ކައިވެނި ނުކުރުމަށް. އަޅުގަނޑުގެ ސުވާލަކީ، ކިތައް ކައިވެނިތޯއޭ، ތެލަސީމިއާ ޓެސްޓްކޮށްގެން މިއަދު ކުރަނީ. އަދި ޓެސްޓް ކުރެވެންހުރީ، އަތޮޅުތަކުގައި ކިތައް ރަށުގައިތޯއޭ؟ މިއީ މިއަދު އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތައް. ޤާނޫނެއް ގަވާއިދެއް ހެދިއްޖިއްޔާ، އެ ތަންފީޛު ކުރެވޭނެފަދަ އުޞޫލުތަކާއި ކަންތައްތައް، ސަރުކާރުން އެކަން ކުރަންޖެހޭނެ. ދެން މިއަދު މިހެން ދަންނަވާއިރު، އަޅުގަނޑަށް އެނގޭ، އަޅުގަނޑުވެސް މިހުރީ ހަމަ ސަރުކާރުގެ މަސްއޫލިއްޔަތު ބޮލުގައި އަޅަންޖެހޭ މީހެއްގެ ޙައިޘިއްޔަތުން، އެގޮތަށްކަން. ވީމާ، އަޅުގަނޑު މަސައްކަތް ކުރާނަން، ބަނދަރުތަކަށްވުރެ ޞިއްޙީ ކަންތައްތަކަށް އިސްކަންދެވޭތޯ.

އާދެ! ދެން އަޅުގަނޑުމެންގެ ތެރޭގައި، ދެންމެގައި އަޅުގަނޑުމެންނަށް ރިޕޯޓުންވެސް ފެނިގެންދިޔަ، ޚާއްޞަ އެހީއަށް ބޭނުންވާ އެކިއެކި ފަރާތްތައް. ހަމަ އޭގެތެރޭގައި އެބަތިބި ދޮއެއްތޯ! ތުއްތު ކުދިންތަކެއް، ކިޔެވުމުގެ ފުރުޞަތު ނުލިބިފައި ތިބި ކުދިންތަކެއް، އެކުދިންނަށް ދިމާވެފައި ހުރި ބަލިތަކެއްގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން. އާދެ! މިއީ ހައްތަހާ އަޅުގަނޑުމެން އިންސާނީ ޙައްޤުތައް ފުރިހަމައަށް ހޯދައިދޭންޖެހޭއިރު، އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައް. އަޅުގަނޑު ދަންނަވާނީ، މިއީ އަސާސީ ކަންތައްތަކޭ. ވީމާ، މިކަންތައްތައް އަޅުގަނޑުމެން، އަސާސީ ކަންތައްތައް ކަމުގައި ދެކިގެން، އަޅުގަނޑުމެން ކުރުމަކީ، އަޅުގަނޑުމެން ވިސްނަންޖެހޭނެ ކަމެކޭ.

އާދެ! އަޅުގަނޑު ދަންނަވާލަން ބޭނުން، ވަރަށްގިނަފަހަރަށް އަޅުގަނޑުމެންނަށް ހީވަނީ، އިންސާނެއްގެ ޙައްޤަށް އަރައިގަނެވޭއިރު، ނުވަތަ އިންސާނެއްގެ ޙައްޤު ފުރިހަމައަށް އޭނާއަށް ހޯދައިނުދީ، އޭނަގެ ޙައްޤަކަށް އަރައިގަންނައިރު، ފުލުސް އޮފީހަށް ނޫނީ ޝަރީޢަތަށް ނުގެންގޮއްސިއްޔާ ނުވަތަ އެހިސާބުން ނުގެންގޮއްސިއްޔާ އެއީ ދެން މައްސަލައެއް ނޫން. އަޅުގަނޑުގެ ސުވާލަކީ، އަޅުގަނޑުމެން ކޮންމެ އިންސާނަކީވެސް މަރުވާނޭ އިންސާނެއްކަން އަޅުގަނޑުމެން ގަބޫލުކުރޭ. ހަމަގައިމުވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެއް އިންސާނެއްގެ ޙައްޤަށް އަނެއް އިންސާނަކަށް އަރައިގަނެވިފައި އޮވެއްޖިއްޔާ، މަޙުޝަރު ދުވަހުން އަޅުގަނޑުމެންނާ އެސުވާލު ކުރެވޭނެއަދި އަޅުގަނޑުމެންނަށް ޙައްޤު ޖަޒާ އެދުވަހުން ލިބޭނެ. އަޅުގަނޑު ދަންނަވާނީ، މިވެސް އަޅުގަނޑުމެން އިސްލާމުންނަށްވީތީ، އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަމެކޭ. އަޅުގަނޑުމެން ވިސްނަންޖެހޭނެ ކަމެކޭ. ހުސްއެކަނި ދުނިޔެމަތީގައި، އޭނައާ ސުވާލުކުރެވިގެން ކުށްވެރި ނުވިޔަސް، ކުށްވެރިއަކަށް ނުވިޔަސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިއީ އަޅުގަނޑުމެން ކޮށްގެންވާނޭ ކަމެއް ނޫންކަން. އެއީ މިއިން ކޮންމެ ކަމަކީވެސް އަޅުގަނޑުމެންނަށް މަޙުޝަރު ދުވަހުން ސަލާމަތްވެވޭނެ ކަމެއް ނޫންކަން.

ހަމަ މިވާހަކައިގެ ތެރޭގައި، އަޅުގަނޑު ދަންނަވާލަން ބޭނުން، ރައްޔިތުންގެ ފައިސާގައި ޖެހުން. ތަންކޮޅެއް ކުރިން، އެޓޮލްސް މިނިސްޓްރީގައި އަޅުގަނޑު ހުރިއިރުގައި، ކޮންމެ ބޭފުޅަކުވެސް ވިދާޅުވާނެ، ސަރުކާރުގެ ފައިސާއޭ، ސަރުކާރުގެ ފައިސާއޭ. އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވަން، ނޫން ސަރުކާރުގެ ފައިސާއެއް ނޫން އިނގޭތޯއޭ، ރައްޔިތުންގެ ފައިސާއޭ. އެއީ، ސަރުކާރުގެ ފައިސާއޭ ބުނީމަ، އެއްވެސް މައްސަލައެއް ނެތް، އެއަށް ކޮންމެ ގޮތެއްހެދިޔަސް، އެ ބޭނުންކޮށްލިޔަސް. ރައްޔިތުންގެ ފައިސާއޭ ބުނެގެންވެސް، އެ ވިސްނައިދޭން އަޅުގަނޑުމެންނަށް އެބަޖެހޭ، ރައްޔިތުންގެ ފައިސާގައި ނުޖެހޭނެ. ރައްޔިތުންގެ ފައިސާއަށް ކޮންމެގޮތެއް ނަހަދަން. އެއީ، ރައްޔިތުންގެ ޙައްޤެއްކަން. މަޙުޝަރު ދުވަހުން ތިންލައްކަ ފަންސާސްހާސް އެތައް މީހުންނެއް، އެފައިސާގެ ދަޢުވާ، އެ އިންސާނަކާ ދޭތެރޭގައި ކުރާނެކަން އަޅުގަނޑުމެން ހަނދާންކޮށްލަން އެބަޖެހޭ. މިއަދު ޝަރީޢަތުގެ ކުރިމަތީގައި، އަޅުގަނޑުމެންނަށް ނިޔާކަނޑަނޭޅިދާނެ. އެހެން ނަމަވެސް، އެއީ ދާއިމީގޮތަށް އޭނައަށް ސަލާމަތްވެވޭނެ ކަމެއް ނޫންކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ. އާދެ! މިއީވެސް އަޅުގަނޑުމެން ހިއުމަން ރައިޓްސްއާ ބެހޭގޮތުން ވާހަކަ ދައްކާއިރު، އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ގަބޫލުކުރަން، މިއަދު ފާހަގަކޮށްލަން ހަމަ ޙައްޤު ކަމެއް.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލަން ބޭނުން، ހިއުމަން ރައިޓްސް ކޮމިޝަން ނުވަތަ މި ރާއްޖޭގެ އިންސާނީ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދިނުމުގައި މަސައްކަތް ކުރަންޖެހޭ ވަރަށް މުހިންމު، އަޅުގަނޑު ދަންނަވާނީ، ދެފަރާތެއް އެބައޮތޭ. އެއީ އެއިރެއްގައި ވެރިކަންކުރާ ސަރުކާރާއި، އެއިރެއްގައި އޮތް ރައްޔިތުންގެ މަޖިލީހާ. އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ، ކޮންމެ ކަމެއްވެސް މިއަދު އަޅުގަނޑުމެން ޤާއިމްކޮށްފައި މިއޮތް ޑިމޮކްރަސީގެ ދަށުން ފުރިހަމައަށް ތަންފީޛު ކުރެވިގެންދާނީ، ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޚިޔާލުފުޅާ އެއްކޮށް، އެބޭފުޅުންގެ ވޯޓާ އެއްގޮތަށް. ވީމާ، އެބޭފުޅުންގެ ވަރަށްބޮޑު ޒިންމާއެއް އެބައޮތް، އިންސާނީ ޙައްޤުތައް ފުރިހަމައަށް އިންސާނުންނަށް ހޯއްދަވައިދެއްވުމުގައި މަސައްކަތް ކުރެއްވުމަށް. އަޅުގަނޑު ދަންނަވާނީ، ސަރުކާރުގެ ފަރާތުން މިގޮތުން އަޅުގަނޑުމެންނަށް ދެވެން އޮތްހާ ބާރެއް އަޅުގަނޑުމެން ދޭނަމޭ. އެހީތެރިކަމެއް ބަހައްޓާނަން. އަދި މިގޮތުން، އަޅުގަނޑުމެން މިހާރު އުފެއްދިފައި ހުރި މުއައްސަސާތަކުގެ ތެރެއިން، އެއީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނެއް އެބައޮތް. އަދި އޭ.ސީ.ސީ އަޅުގަނޑުމެންގެ ތެރޭގައި އެބައޮތް. އެންޓި-ކޮރަޕްޝަން. އާދެ! މިގޮތުންހުރި ކޮމިޝަންތަކުގެ ތެރެއިން މިއީ މިނިވަން މުއައްސަސާތަކެއް. މިބޭފުޅުން ބަލަހައްޓަވަމުން ގެންދަވާނެ މިކަންތައްތައް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، މިއަދުގެ މިސަރުކާރަކުން މިއިން އެއްވެސް ކަމެއް ފޮރުވުމަކަށް ނުވަތަ މިއިން އެއްވެސް ކަމަކަށް ހުރަސްއެޅުމަކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަމޭ. އެއީ، އަޅުގަނޑުމެންގެ ކޯލިޝަންގައި ތިއްބެވި ޕާޓީގެ މެންބަރަކަށްވިޔަސް އަދި އިންޑިޕެންޑެންޓް މެންބަރަކަށްވިޔަސް. ޤާނޫނުގެ ކުރިމަތީގައި އެންމެންވެސް އެއީ ހަމަހަމަ ބައެއްކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ.

ވީމާ، މިވާހަކަކޮޅާ އެކުގައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުކުރަން، މިއަދުވެސް އަޅުގަނޑަށް މި ފުރުޞަތު ލިބުނީތީ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ދެއްވީތީ. ވީމާ، އަޅުގަނޑު އުންމީދު ކުރަން، މިއަންނަ އަހަރުވެސް އަޅުގަނޑަށް މި ފުރުޞަތު ދެއްވާނެ ކަމަށް.

ޝުކުރިއްޔާ!