އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދިފާޢު ކުރުމާއި، އެ ޙައްޤުތައް އެކަކު އަނެކަކަށް ފޯރުވައިދިނުމަކީ، ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިކަންކަމަށް ރައްޔިތުންގެ މަޖިލީހުންނާއި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންވެސް ސަމާލުކަން ދެއްވަންޖެހޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާއިރު، ހެދޭ ޤާނޫނުތަކާއި ޤަވާޢިދުތައް ހުންނަންޖެހޭނީވެސް، އެ ޙައްޤުތައް ދިފާޢުކުރެވޭ ގޮތަށް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައިވެސް މިގޮތަށް ހެދިފައިވާ ބައެއް ޤާނޫނުތަކާއި ޤަވާޢިދުތައް އެބަހުރި ކަމަށާއި، ކަމާބެހޭ ފަރާތްތަކުންނާއި، ހިއުމަން ރައިޓްސް ކޮމިޝަނުން ބައްލަވައި، ސަރުކާރުގެ ސަމާލުކަމަށް، އެކަންކަން ގެންނަވަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އިންސާނީ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތް ކުރަންޖެހޭ، ވަރަށް މުހިންމު ދެފަރާތެއް އެބައޮތްކަން ފާހަގަކުރައްވަމުން، އެއީ އެއިރެއްގައި ވެރިކަންކުރާ ސަރުކާރާއި، އެއިރެއްގައި އޮންނަ ރައްޔިތުންގެ މަޖިލިސް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ހަމައެޔާއެކު، އިންސާނީ ޙައްޤުތައް ފުރިހަމައަށް ހޯދައިދިނުމުގައި، ހިއުމަން ރައިޓްސް ކޮމިޝަންގެ ޒިންމާ ވަރަށްބޮޑު ކަމަށް ވިދާޅުވެ، މިރޮނގުން ކުރެވޭ މަސައްކަތްތަކުގައި، ސަރުކާރަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަން ނައިބު ރައީސް ހާމަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިއަދު ޤާއިމް ކުރެވިފައިވާ ޑިމޮކްރަސީގެ ދަށުން ކޮންމެ ކަމެއްވެސް ފުރިހަމައަށް ތަންފީޛު ކުރެވިގެންދާނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޚިޔާލުފުޅާއި، އެބޭފުޅުންގެ ވޯޓާ އެކީގައި ކަމަށް ވިދާޅުވިއެވެ. އަދި އިންސާނީ ޙައްޤުތައް ފުރިހަމައަށް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުމުގައިވެސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ވަރަށްބޮޑު ޒިންމާއެއް އެބައޮތްކަން ނައިބު ރައީސް ބަޔާންކުރެއްވިއެވެ. އަދި އެއްވެސް ކަމެއް ފޮރުއްވުމަށާއި، އެކަމަކަށް ހުރަސްއެޅުއްވުމަށް ސަރުކާރުން މަސައްކަތް ނުކުރައްވާނެ ކަމަށާއި، ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.