މަހިންދަ ރާޖަޕަކްސަ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު މިރޭ ރާއްޖެ އައުމާ ގުޅިގެން، އެޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވަރަށްހޫނު ތަހުނިޔާއެއް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް، މަހިންދަ ރާޖަޕަކްސަ ޓްރޮފީ ހިފައިގެން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ފޭބުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކުރައްވައި، މަރްޙަބާ ވިދާޅުވެ، ސަލާމް ކުރެއްވިއެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއެކު، އެއަރޕޯޓްގެ ވީ.އައި.ޕީ ލައުންޖްގައި މަޑުކޮށްލައްވައި، ޓީމާ އެކީގައި ފޮޓޯފުޅެއް ނެންގެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާލެއަށް ދަތުރުފުޅު ކުރެއްވީ، 23 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމާ އެކީގައެވެ. ޓީމު މާލޭ ރަސްމީ ފާލަމަށް ފޭބުމާއެކު، ރައްޔިތުންގެ ފަރާތުންވެސް ވަރަށް ހޫނު މަރްޙަބާއެއް ޓީމަށް ކިޔެވެ. ވަރަށްގިނަ ޢަދަދެއްގެ ބަޔަކު ރަސްމީ ފާލަންދޮށަށް އެއްވެ، ޓީމު ހޯދި ކާމިޔާބީއާ ގުޅިގެން އުފާފާޅުކުރަމުން ގެންދިޔައެވެ.

23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް، މަހިންދަ ރާޖަޕަކްސަ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ސްރީލަންކާގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި، ޕާކިސްތާނުގެ 23 އަހަރުން ދަށުގެ ޓީމާ ބައްދަލުކޮށް، 2 ލަނޑު 1 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.