އަޒަރްބައިޖާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އިބްރާހީމް ހާޖިޔެވް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުއްވައިފިއެވެ .

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އަޒަރްބައިޖާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި އަޒަރްބައިޖާނާ ދެޤައުމުގެ ދެމެދު އޮންނަ ގާތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އަޒެރްބައިޖާނާ ދެމެދު އޮތް ގުޅުން، އިބްރާހީމް ހާޖިޔެވްގެ ސަފީރުކަމުގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަކަށް އަބަދުވެސް ހުޅުވާލެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަޒަރްބައިޖާންގެ އާސަފީރު ދެއްކެވި ވާހަކަފުޅުގައި، އަޒަރްބައިޖާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރެއްގެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް ޚިދުމަތްކުރެއްވުމަކީ ލިބިވަޑައިގަތް ވަރަށްބޮޑު ޝަރަފެއް ކަމުގައި ވިދާޅުވިއެވެ. އަދި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކަކީ ކޮބައިތޯ ބައްލަވައި، އެދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ސަފީރުގެ ވާހަކަފުޅުގައި ދާދިފަހުން ރާއްޖެއަށް ކުރިމަތިވި ސިޔާސީ ހަލަބޮލިކަމުން އަރައިގެން ރާއްޖެއަކީ ޞުލްޙަވެރި ތަނެއްގެ ގޮތުގައި އޮތުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ޙިކުމަތްތެރި މަސައްކަތްޕުޅަށް ތަޢުރީފްކުރައްވައި ތަހްނިޔާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ފަސޭހަފުޅު ވަގުތަކުން އަޒަރްބައިޖާނަށް ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅެއް ކުރެއްވުމަށް އެ ޤައުމުގެ ރައީސްގެ ފަރާތްޕުޅުން ދަޢުވަތުއެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ދަޢުވަތު ޝުކުރުވެރިކަމާއެކު ޤަބޫލުކުރައްވައި އަޒަރުބައިޖާންގެ ރައީސަށް ފަސޭހަފުޅު ވަގުތަކުން ރާއްޖެއަށް ދަތުރުފުޅެއްކުރެއްވުމަށް އެދިވަޑައިގަތެވެ.