ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް މާފަންނު ވެސްޓްސައިޑް އަލްފާޟިލް އަޙްމަދު ސަރީރު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މަޤާމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އ.ދ.އާ ދެމެދު އޮންނަ ގުޅުމާއި، ރާއްޖެއާއި އެހެން ޤައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވުމަށް ދާއިމީ މަންދޫބުގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއަށް ބޭނުންވާ އެކިކަންކަމުގައި، އ.ދ.ގެ އެހީތެރިކަމާއި އެއްބާރުލެއްވުން ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

އަޙްމަދު ސަރީރު، އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިންނެވެ.