މަސްވެރިންގެ ދުވަހުގެ އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ހީވާގި މުރާލި މަސްވެރިންނަށާއި، މަސްވެރިކަމުގެ ދާއިރާގައި ތަފާތު މަސައްކަތްތަކުގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، މި މުނާސަބަތުގެ ހެޔޮއެދުންތައް ފޮނުވަމެވެ. އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް އަޙްމަދު ޝަފީޢަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި އެންމެހާ މުވައްޒަފުންނަށްވެސް މި މުނާސަބަތުގެ ތަހުނިޔާ އަރިސްކުރަމެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރަން ފެށުނީ މީގެ 31 އަހަރު ކުރިން 1981 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މަސްވެރިންގެ ދުވަހެއް ފާހަގަކުރުމުގެ އެންމެބޮޑު ބޭނުމަކީ، މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ފުރިހަމައަށް ވަޒަންކޮށް، މަސްވެރިންނަށް ޙައްޤު ޤަދަރު ހޯދައިދިނުމެވެ.

މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި މަސްވެރިކަން ތަރައްޤީ ކުރުމަށާއި، މަހުން އުފައްދާ އުފެއްދުންތައް އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އަދި އެކަމުގެ ނަތީޖާވެސް މިދަނީ ފެންނަމުންނެވެ. މިއަދު މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގައި ދޮށީގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަމަށް މެރިން ސްޓްވަރޑް ކައުންސިލް (އެމް.އެސް.ސީ)ގެ ސެޓްފިކެޓް ލިބުނުކަމީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށްބޮޑު ފަޚުރެކެވެ. މި ސެޓްފިކެޓް ރާއްޖެއަށް ލިބުމަކީ، މަހާއި މަސްވެރިކަމުގެ އުފެއްދުންތަކަށް މާކެޓްގައި އެހެން މިންގަނޑަކުން ބެލެވި ނުވަތަ މިހާރަށްވުރެ މަތި އަގު ލިބޭނެގޮތް ތަނަވަސްވެގެންދާނޭ ކަމެކެވެ. އަދި ރާއްޖެ މި ހާސިލުކުރި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި، ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް ރާއްޖޭގެ މަސްވެރިންނަށާއި، މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރައްވާ ފަރާތްތަކަށް، މިފުރުޞަތުގައި އަޅުގަނޑު އިލްތިމާސް ކުރަމެވެ.

ހަމައެއާއެކު، ފާނައިގެ މަސްވެރިކަން ތަރައްޤީ ކުރެއްވުމަށްވެސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އަޅުގަނޑު ހަނދާންކުރަމެވެ. ފާނަ މެނޭޖްމަންޓް ޕްލޭނެއް އެކުލަވައިލެވި، އެ ޕްލޭނަށް ޢަމަލުކުރުމުގެ ތައްޔާރީތައް ވަމުންދާއިރު، މިއީ ރާއްޖޭގައި މިވާ ޤުދުރަތީ މަދު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެޅޭނެ ވަރަށް ހަރުދަނާ ފިޔަވަޅެއްކަން ޔަޤީނެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތް ދުވަހެއް ދުވަހަކަށް ތަރައްޤީވަމުންދާއިރު، ތިމާވެށްޓާ ރަޙްމަތްތެރި ގޮތެއްގައި، މި ޞިނާޢަތް ތަރައްޤީ ކުރުމަށް ސަމާލުކަން ދިނުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ. ތިމާވެށްޓަށް ގެއްލުންދޭ ގޭސް ބޭނުންކުރުން ހުއްޓުވުމަށް ސަރުކާރުން އެކުލަވައިލާފައިވާ ސިޔާސަތުގެ ދަށުން މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ އެކި ކުންފުނިތަކުންވެސް މަސް ޕްރޮސެސް ކުރުމުގަޔާއި، މަސް ފިނިކޮށް ރައްކާކުރުމުގައި ބޭނުންކުރާ ގޭހުގެ ބަދަލުގައި ތިމާވެށްޓާ ރަޙްމަތްތެރި ގޭސް ބޭނުންކުރަން ފެށުމަކީ މިވަގުތު އަހަންމިއްޔަތުކަން ދޭންޖެހިފައިވާ ކަމެކެވެ.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ މަސްވެރިކަމަށް މިއަދަށްވުރެ ފާގަތި ދުވަސްތަކެއް މާތްﷲ ދެއްކެވުމެވެ. ރާއްޖޭގެ މަސްވެރިކަމަށް ޒަމާނީ އާގޮތްތައް ތަޢާރުފްކޮށް، މަސްވެރިކަމުގެ ފައިދާ ވީހާ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ރައްޔިތުންނަށް ލިބެމުން ދިޔުމުގެ ހެޔޮ ތައުފީޤު އެކަލާނގެ ދެއްވުމެވެ.