މަހިންދަ ރާޖަޕަކްސަ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ހޯދުމާ ގުޅިގެން، އެޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ޓީމު، މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ، މިއަދު ހަވީރު ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި، ޕާކިސްތާނުގެ 23 އަހަރުން ދަށުގެ ޓީމާ ބައްދަލުކޮށް، 2 ލަނޑު 1 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
ފައިނަލް މެޗް ބައްލަވާލެއްވުމަށް ސްރީލަންކާއަށް ވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފާ ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި، އެމަނިކުފާނު މެދުވެރިކުރައްވައި، ޓީމުގެ ހުރިހާ ކުޅުންތެރިންނަށާއި، ޓީމުގެ ކޯޗަށާއި، މެނޭޖަރަށާއި، އެހެން އޮފިޝަލުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި އެ ޓީމު، މުބާރާތުގެ ޗެމްޕިއަންކަން ހޯދިކަން އެއީ، ރާއްޖެއަށް އެޓީމު ހޯދައިދިން ވަރަށްބޮޑު ޝަރަފެއް ކަމަށް ވިދާޅުވެ، މިއަދުގެ މެޗުގައި ޓީމުގެ ކުޅުންތެރިން ކުރި ހިތްވަރަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.