އިންސާނިއްޔަތަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ދުނިޔެއަށް މަޝްހޫރު ބޭފުޅެއް ކަމަށްވާ އިންޑިއާގެ ސްރީސްރީ ރަވީ ޝަންކަރުގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ޙަފްލާއެއް ބާއްވަވައިފިއެވެ.

ރޭ މުލީއާގޭގައި ބޭއްވެވި މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަވީ ޝަންކަރަކީ މުޅި އިންސާނިއްޔަތަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި، މުޅި އިންޑިއާގައިވެސް އޭނާއަކީ މިރޮނގުން ވަރަށް ފާހަގަކުރެވޭ ޝަޚްޞިއްޔަތެއް ކަމަށް ވިދާޅުވިއެވެ. އަދި އެންމެން އެއްބައިވެ، އެއް ރޫޙެއްގައި އެކުވެރިކަމާއެކު މަސައްކަތް ކުރެއްވުމުގެ މައްޗަށް ބާރުއަޅުއްވައި، ރަވީ ޝަންކަރު ކުރައްވަމުން ގެންދަވާ ޚިދުމަތްތައް، ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެންމެން އެއްބައިވެ، އެކުވެރިކަމުގެ ރޫޙެއްގައި ރާއްޖޭގައިވެސް މިއަދު މަސައްކަތް ކުރަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަވީ ޝަންކަރު އިންސާނިއްޔަތަށް ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އޭނާއަށް ރައީސުލްޖުމްހޫރިއްޔާ، މި ޙަފްލާގައި ހަނދާނީ ފިލައެއް އެރުވިއެވެ. ރަވީ ޝަންކަރަށް މީގެކުރިން ވަނީ އޭނާގެ ޚިދްމަތް ވަޒަންކޮށް، އިންޑިއާއިންނާއި، ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުންނާއި، ޖަމާޢަތްތަކުންވެސް އެކިއެކި ލިޔުން އަރުވާފައެވެ.

[ދި އާޓް އޮފް ލިވިންގ]ގެ ނަމުގައި އިންޑިއާގައި އުފެދިފައިވާ ޖަމްޢިއްޔާގެ ބާނީއަކީވެސް ރަވީ ޝަންކަރެވެ. އެ ޖަމްޢިއްޔާއިންވެސް މިވޭތުވެދިޔަ ތާނގައި އިންސާނިއްޔަތަށް ޚިދްމަތް ކުރުމުގެ ރޮނގުން ދުނިޔޭގެ ސަތޭކަ ފަންސާހަށްވުރެ ގިނަ ޤައުމުގައި، ފުޅާ ދާއިރާއެއްގައި ތަފާތު ޙަރަކާތްތައް ވަނީ ހިންގާފައެވެ. އަދި މިހާރުވެސް ދަނީ ހިންގަމުންނެވެ. މިގޮތުން، ހާލުގައި ޖެހޭ މީހުންނަށް އެހީވުމުގަޔާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން، އަނބުރާ މުޖްތަމަޢަށް ގެނައުމަށް އެހީތެރިވެދިނުމުގެ ތަފާތު ޕްރޮގްރާމްތައްވެސް ވަނީ ހިންގާފައެވެ. ޚާއްޞަކޮށް، ޢިރާޤުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވެދިނުމަށް ހިންގި ޙަރަކާތްތައް ފާހަގަކުރެވެއެވެ.

ރޭގެ މި ޙަފްލާގައި، އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީތަރި ވިނޯދުކަންނާއާއި، އޭނާގެ ޢާއިލާވެސް ބައިވެރިވެވަޑައިގަތެވެ. އަދި ރާއްޖޭގައި ތިއްބަވާ އިންޑިޔާގެ ހައިކޮމިޝަންގެ ބޭފުޅުންނާއި، ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަން މި ޙަފްލާގެ ސަބަބުން އިތުރަށް ބަދަހިވެގެންދާނެކަމަށް ބެލެވެއެވެ.