ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި، ހުރިހާ ފަރާތްތަކުން އެއްބާރުލެއްވުން ދެއްވުމަށާއި، ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކަށް އެއްވެސް ފުރުޞަތެއް ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލައްވާފައިވަނީ، މިއަދަކީ، ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސްކަމަށްވުމާއެކު މިއަދުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ތަރައްޤީގެ މަގުގައި ޤައުމެއް ކުރިއަށް ދިޔުމުގައި އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ، އެޤައުމަކުން ކޮރަޕްޝަން މުޅިން ފުހެލުން ކަމަށާއި، އެޤައުމެއްގައި ކޮރަޕްޝަންގެ ޢަމަލުތައް އިންތިހާއަށް އިތުރުވެއްޖެނަމަ، އެކަމުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއްބަޔަކީ އެޤައުމެއްގެ ރައްޔިތުން ކަމުގައި ވިދާޅުވެފައިވެއެވެ. ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަކީ، ސަރުކާރުންވެސް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށާއި، އެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމުގެ ފައިދާއަށްޓަކައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާގޮތުގައި، ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އަދި ސަރުކާރާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ އެކި ފެންވަރުގެ މުވައްޒަފުން، ފައިސާއަށާއި ތަކެއްޗަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، ނާޖާއިދު ފައިދާ ހޯދުންފަދަ ޢަމަލެއް ހިންގައިފިނަމަ، އެކަމެއް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް، ކަމާބެހޭ ހުރިހާ ފަރާތްތަކުން އަޅަން ޖެހޭނެއެވެ. އެކަމުގައި އެއްވެސް އިސްތިސްނާއެއް އޮވެގެނެއް ނުވާނެއެވެ.

ރާއްޖެއިން ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ވަރަށް ހީވާގިކަމާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވައި، އެކޮމިޝަންގެ ރައީސަށާއި، މެންބަރުންނަށާއި، އެކޮމިޝަންގެ ހުރިހާ މުވައްޒަފުންނަށް، ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި އެކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް ދެއްވާފައިވެއެވެ.