އިޤްތިޞާދީ ރޮނގުންނާއި އިޖުތިމާޢީ ރޮނގުން ރައްޔިތުން ދެކެމުންދާ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ސާކުން މަގުފަހިކޮށްދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރަމުންދާ ސާކް ޗާޓަރ ޑޭގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. ސާކް އުފެދުނުތާ މިއަދު 27 އަހަރު ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި މެސެޖުގައި ސާކް ޤައުމުތަކުގެ ސަރުކާރުތަކަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އެމަނިކުފާނުގެ މެސެޖުގައި، ސާކްގެ ސަބަބުން މިޞަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އުފެދިފައި އޮންނަ ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރު އައްޑޫ ސިޓީގައި ބޭއްވުނު 17 ވަނަ ސާކް ސަމިޓްގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅިގެން ހޯދިފައިވާ ކުރިއެރުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަލިއަޅުއްވައިލައްވާފައިވެއެވެ. މިގޮތުން، މިޞަރަޙައްދުގެ ޞިއްޙީ ކަންކަން ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށާއި، ޞަރަޙައްދީ އަމާންކަމާއި ރައްކާތެރިކަން ޤާއިމުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށާއި، ދެކުނު އޭޝިޔާ ސަރަހައްދުގެ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބައްލަވާލައްވާފައިވެއެވެ.

ސާކަށް މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކަންކަމުން އަރައިގަތުމަށް ޒަމާނީ އާ ގޮތްތައް ހޯދުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ސާކްގެ އުސޫލުތަކަށް ރާއްޖެއިން ފުރިހަމައަށް ބޯލަނބާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށް، ދެކުނު އޭޝިޔާގެ މުސްތަޤްބަލަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރެވޭނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.