މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ކުއްޔަށް ދިނުމަށް 2010 ޖޫން 28 ވަނަ ދުވަހު، ޖީ.އެމް.އާރ އެމް.އޭ.އެޗް.ބީ ކޮންސޯޓިއަމްއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، ދިވެހި ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުން ރޫޅާލުމަށް 2012 ނޮވެމްބަރ 27 ވަނަ ދުވަހު ވަނީ ނިންމާފައެވެ.

އެއްބަސްވުން ރޫޅާލައި، އެއަރޕޯޓް ޙަވާލުކުރުމަށް ޖީ.އެމް.އާރަށް ދެވިފައިވާ މުއްދަތު ހަމަވާއިރު، ޖީ.އެމް.އާރުން އެ އެއަރޕޯޓް، މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑާ ޙަވާލުކުރުމުގެ އެންމެހާ ކަންތައްތައް ޞުލްޙަވެރިކަމާއެކު ދިޔުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކެވެ. އަދި އެއްވެސް ފަރާތަކުން މިކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ނުވައްދަވައި، ހަމަނުޖެހުމެއް ހިނގިޔަނުދީ، އޮމާންކަމާއެކު މިކަން ނިމިގެން ދިޔުމުގައި އެއްބާރުލުން ދެއްވުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސް ކުރަމެވެ.

އެއަރޕޯޓްގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެއްވެސް މުވައްޒަފެއްގެ ވަޒީފާއަށް ޖީ.އެމް.އާރު އެއްބަސްވުން ރޫޅާލުމުގެ ސަބަބުން އެއްވެސް ބުރުލެއްނާރާނެ ކަމުގެ ޔަޤީންކަންވެސް މިފުރުޞަތުގައި އެ މުވައްޒަފުންނަށް އަރުވަމެވެ.

އެއަރޕޯޓްގައި ވަޒީފާ އަދާކުރައްވާ އިންޑިއާގެ ރައްޔިތުންނާއި އަދި ރާއްޖޭގައި އެކިވަޒީފާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ފުރިހަމަ ރައްކާތެރިކަމާއެކު، މި ޤައުމުގައި ދިރިއުޅުއްވޭނެކަމުގެ ޔަޤީންކަންވެސް، މި ފުރުޞަތުގައި އެރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަރުވަމެވެ.

ޖީ.އެމް.އާރު.ގެ އެއްބަސްވުމަކީ، ވިޔަފާރީގެ އެއްބަސްވުމެކެވެ. އިންޑިއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ އެއްބަނޑުއެއްބަފާކަމާއި، އެއްބާރުލުމުގެ ގުޅުމަށް މި އެއްބަސްވުން ރޫޅާލުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން، އެއްވެސް ބުރުލެއްނާރާނެ ކަމަށް ޔަޤީން ކުރަމެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ގުޅުން، ކުރިއަށް އޮތް ތާނގައިވެސް އިތުރަށް ބަދަހިވެ، ފުޅާވެގެން ދިޔުމަކީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ވަރަށްބޮޑު އުންމީދެކެވެ.

ޖީ.އެމް.އާރު.ގެ މައްސަލައަކީ، އެކަމުގައި ވަރަށް ބޮޑަށް ޤައުމީ މަޞްލަޙަތު އޮތް ކަމަކަށްވުމާއެކު، މި މައްސަލައިގައި ދިވެހި ސަރުކާރުން ޢަމަލުކުރަމުން ގެންދިޔައީ ވަރަށް ވިސްނުންތެރިކަމާއެކުގައެވެ. އަދި މިވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި، ސަރުކާރުން ޢަމަލުކުރަމުން ގެންދިޔަ ގޮތް ދިވެހި ރައްޔިތުން ވަރަށް ކެތްތެރިކަމާއެކު ބައްލަވަން ތިއްބަވައި، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރައްވައި، ސަރުކާރަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށް، ދިވެހި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.