بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. އަދި އެއަށްފަހު، އަޅުގަނޑުމެންނާ ހަމައަށް ފޮނުއްވި، ގެނެސްދެއްވި مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެ މާތް ސާހިބާގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ޤައުމުގެ އެންމެ އިސްވެރިޔާ، ޑިފެންސް މިނިސްޓަރ އަދި ވަޑައިގެން ތިއްބެވި ކުރިން ސިފައިންގެ ތެރޭގައި މަސައްކަތް ކުރެއްވި އަގުހުރި ދިވެހި ދަރިން. އަދި މިއަދުވެސް ސިފައިންގެ ތެރޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަގުހުރި އެމް.އެން.ޑީ.އެފް.ގެ ބޭފުޅުން. އަދި އެބޭބޭފުޅުންގެ ޢާއިލާތައް، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّــلام عليــكم

އާދެ! މިރޭ އަޅުގަނޑު ދަންނަވާނީ، ދެންމެގައި އެންމެފަހުން ވާހަކަ ދެއްކެވި ޒާހިރު ވިދާޅުވިގޮތަށް، މިއީ އެތައް ޒަމާނެއް ވަންދެން ދިވެހި ސިފައިންގެ ޢާއިލާތަކާއި އަދި ދިވެހި ޤައުމާއި، ދިވެހި ޤައުމަށްޓަކައި ޖިހާދުވި އަދި ފުރާނަދޭން ތައްޔާރަށް ތިއްބެވި ދިވެހި ދަރިންތަކެއް އެދޭ އެދުމެކޭ. އާދެ! މިދުވަސް ދުނިޔެއަށް އައުމުގައި، އަދި މި ދެ ޖަމްޢިއްޔާވެސް ދުނިޔޭގެ އަލިކަން ދެކި، އަޅުގަނޑުމެންނާ ހަމައަށް އައުމުގައި، ވަރަށްގިނަ ބޭފުޅުންގެ މަސައްކަތްޕުޅުތަކެއް މީގައި އެބަހުރި ކުރައްވާފައި. އެހެންވީމާ، އެހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކީގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މީގެ ކުރިން ވާހަކަ ދެއްކެވި ބޭފުޅަކު ވާހަކަފުޅު ދެއްކެވިއިރު، ފެމިލީ އެސޯސިއޭޝަނަކީ ނުވަތަ ފެމިލީ އެސޯސިއޭޝަނެއްގެ ބޭނުމަކީ، ޢާއިލާތަކުގެ ގުޅުމާއި، ޢާއިލާތަކުގެ އަގު ވަޒަންކޮށް، ޢާއިލާތަކަށް ދިމާވާ އެކިއެކި ހިތާމަވެރި ޙާދިޘާތައް، އެ ހިތާމައިގައި ބައިވެރިވެ، އުފާވެރި ޙާދިޘާތަކުގައިވެސް އުފަލުގައި ބައިވެރިވެ، ޢާއިލާތަކުގެ އެކުވެރިކަމާއި، އެ ގުޅުން ބަދަހިކޮށް، އެފަދަ މާޙައުލެއްގައި އުޅުމުގެ ފުރުޞަތާއި އަދި އެފަދަ މާޙައުލެއް އަޅުގަނޑުމެން އުފެއްދުން. ހަމަގައިމުވެސް ފެމިލީ އެސޯސިއޭޝަންގެ ތެރެއިން ވަރަށްގިނަ ކަންތައްތަކެއް، ވަރަށްގިނަ އެހީތަކެއް އަދި ވަރަށްގިނަ އުފާތަކެއް ޙާޞިލުވެގެންދާނެކަން އަޅުގަނޑަށް ހަމަ ޔަޤީން. މިރޭވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގެންނެވި ލަވަ ހެއްދެވި ފަރާތާއި، މިއުޒިކް ހެއްދެވި ފަރާތާއި، ސިފައިންގެ ތެރޭގައި ހުރި ޓެލެންޓަކީ، އަޅުގަނޑުމެންނަށް މިހާތަނަށް ތަފާތު ގޮތްގޮތަށް ފެނިފައި ހުރި ޓެލެންޓްތައް. އަދި މިފަދަ އެސޯސިއޭޝަނެއްގެ ތެރެއިން މިފަދަ ކަންތައްތައް އަޅުގަނޑުމެންނަށް މާ ރިވެތިކޮށް ފެނިގެންދާނެ. އަދި އޭގެ އަގު ވަޒަން ކުރެވޭނެ.

އާދެ! ފެމިލީ އެސޯސިއޭޝަނެއްގެ ތަފާތު ބޭނުންތަކެއް އެބަހުރި. ތަފާތު ކަންތައްތަކެއް ކުރެވޭ. އަދި އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ، ސިފައިންނަކީ، އެމީހުންގެ ފުރާނަ، އެ ބިރުވެރި ކަމެއްނެތި، ފުރާނަދިޔަޔަސް އެންމެ ރަނގަޅު ކަމުގައި، ޤައުމު ދިފާޢު ކުރުމަށްޓަކައި، ދިމާވާ ކޮންމެ ކަމެއްގައި، ޤައުމު ދިފާޢުކުރަން ނުކުންނަ މީހުން. ޝައްކެއްނެތް، ވޭތުވެދިޔަ ތަނުގައިވެސް ހިތާމަވެރި ޙާދިޘާތައް ދިމާވެފައި އެބަހުރި. މިފަދަ އެސޯސިއޭޝަނެއް އޮތުމުގެ ސަބަބުން އެކަތިގަނޑަކަށްވެ، އެކަކު އަނެކަކަށް ދިމާވާ ކަންތައްތަކުގައި، މިފަދަ އެހީތައް ފޯރުވައިދީ، މިކަންތައްތައް ކުރުމަށް މަގުފަހިވެގެންދާނެ. ހަމަގައިމުވެސް އަޅުގަނޑަށް ޔަޤީންކުރެވޭ، އެ އެސޯސިއޭޝަނުން ކުރައްވަން ޤަޞްދު ކުރައްވާފައި ހުރި ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް ވަރަށް ރީތިކޮށް ފެނިގެން ހިނގައްޖެ، ތިޔަބޭފުޅުންގެ ޢަޒުމާއި، ތިޔަބޭފުޅުންގެ އުންމީދާއި އަދި ތިޔަބޭފުޅުންގެ ލަނޑުދަނޑިތައް. އަޅުގަނޑަށް ހަމަ ޔަޤީން، އެކަންތައްތައް އިރާދަކުރެއްވިއްޔާ ޙާޞިލުވެގެންދާނެ. އޭގެ ކާމިޔާބު ލިބިވަޑައިގަންނަވާނެ. އަޅުގަނޑު ދުޢާކުރަން، މާތްﷲގެ ޙަޟުރަތުގައި، އެ ތައުފީޤު ދެއްވުމަށް.

މިއަދުގެ ދިވެހިރާއްޖޭގެ މާޙައުލު އޮތްގޮތުން، މިފަދަ އެސޯސިއޭޝަނެއް އޮވެ، ރަނގަޅު މާޙައުލެއްގައި، ޢާއިލާތަކާއެކީގައި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތެއް އަދި މާޙައުލެއް އޮތުމަކީ، ވަރަށް މުހިންމު ކަމެއް. ތިޔަބޭފުޅުންވެސް ގަބޫލުފުޅު ކުރައްވާނެ، ސައިކަލެއްގައި ނުވަތަ ހިނގާލަންވެސް މިއަދު ގޮސް ސިފައިންގެ މީހުން އުޅުމުގެ ތެރޭގައި އަދި ޑިއުޓީގައި ނެތް ވަގުތެއްގައިވިޔަސް އަދި ޔުނީފޯމް ނެތް ކަމުގައިވިޔަސް، ވަރަށް ދެރަ ގޮތްގޮތް ދިމާވެފައި އެބަހުރި. ވީމާ، އެ ޢާއިލާތައް ބައްދަލުވެ، ވާހަކަ ދައްކާލާނެ ޖައްވެއް އޮތުމަކީ، އަޅުގަނޑަށް ހަމަ ޔަޤީން އެއީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އުންމީދު ކުރަނީ، މި ފެމިލީ އެސޯސިއޭޝަނާއި، މީގެތެރެއިން އާމްދަނީއެއް ލިބޭނެ ފުރުޞަތުތައްވެސް ބައްޓަން ކުރެވިގެން ދިޔުން. އެއީވެސް، އަޅުގަނޑު ނުދަންނަވާނަން، އެއްގޮތަކަށްވެސް އުނދަގޫ ކަމެކޭ. މިގޮތުން އިރާދަކުރެއްވިއްޔާ، ތިޔަ ފަރާތްތަކުން އެފަރާތްތަކާ އެކީގައި އަޅުގަނޑު މަސައްކަތް ކުރަންހުރި ވާހަކަ މިއަދު ދަންނަވާލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެއީ އަޅުގަނޑުމެންނަށް އެނގޭ، ކޮންމެ ކަމެއްވެސް ހިނގާނީ ފައިސާ ލިބިގެން، ފައިސާ ހޯދައިގެން، ދެމިހުންނަނިވި ގޮތަކަށް ކަންތައްތައް ބައްޓަން ކުރެވިގެން. ވީމާ، މިގޮތަށް މިކަންތައްތައް ބައްޓަން ކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް މިއީ. އަދި މީގެތެރޭގައި، އަޅުގަނޑަށް އެނގޭ، [އާސަންދަ] ވެސް އޮތްކަން. އެހެން ނަމަވެސް، ބަލިވީމާ ބޭސްކުރުމާ، މިކަންތައްތަކުގައިވެސް ރަނގަޅު އިންތިޒާމެއް ހަމަޖައްސައި، މި އެސޯސިއޭޝަން ތެރެއިން ރަނގަޅު ގޮތްތަކެއް އަޅުގަނޑުމެންނަށް ހޯދޭނެ ކަމުގެ ޔަޤީންކަން، އަޅުގަނޑުމެންނަށް އެބަ އެނގޭ. ވީމާ، އިރާދަކުރެއްވިއްޔާ، މިކަމުގެ ކާމިޔާބު ފެމިލީ އެސޯސިއޭޝަނަށް ލިބިވަޑައިގަންނަވާނެ.

އާދެ! ދެން މިލިޓަރީ ވެޓެރަންސް އެސޯސިއޭޝަންގެ ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ފުރަތަމަވެސް ދަންނަވާލަން ބޭނުންވާ އެއްޗަކީ، މިއަދު ވެޓެރަންސްގެ ގޮތުގައި އެތިއްބެވި ބޭފުޅުންނަކީ، މި ޤައުމަށް ވަރަށް ވަރަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައި ތިއްބެވި ބޭފުޅުން. އާދެ! ނިކަން ވިސްނަވާލައްވާ، މީގެ އެތައް ޒަމާނެއް ކުރި، މިހާރު 120 އަހަރުވީ ކަމުގައި އަޅުގަނޑުމެންނަށް އެނގިގެން މި ދިޔައީ. ނިކަން ވިސްނަވާލައްވާ، އެޒަމާނުގައި މުސާރަތަކާއި އަދި އެލަވަންސްތަކާ، މިކަންތައްތައް އޮތްގޮތް. އެހެން ނަމަވެސް، އެދުވަހު އެބޭފުޅުންގެ މަޤާމަށް ވަޑައިގަތީ، މި ޤައުމުދެކެ ލޯބިވާތީ. މި ޤައުމަށްޓަކައި ފުރާނަ ދިނުމަށްޓަކައި، މި ޤައުމަށްޓަކައި ޖިހާދުވުމަށްޓަކައި. އެބޭފުޅުން ވަޑައިގަތީކީ، މާ މަތީ މުސާރަތަކެއް، މާގިނަ ޢިނާޔަތްތަކެއް ލިބިވަޑައިގެން، ނުވަތަ ލިބޭތީކީ ނޫން. ވަޠަންދެކެ ލޯބިވާތީ. ޤައުމު ޙިމާޔަތް ކުރުމުގެ ގޮތުން. އެއީ ޝައްކެއް ހުރި ކަމެއް ނޫން. އެފަދަ ބަޔަކަށް އަޅުގަނޑުމެން ދޭންވީ މަޤާމާއި އަދި އަޅުގަނޑުމެން އެފަދަ ބައެއް، އަޅުގަނޑުމެންގެ ޙަޔާތުގައި ފަހަރެއްގައިވެސް ހަނދާންލެވިގެން ނުދާނެ. ގޮސްގެން ނުވާނެ.

އާދެ! މިރޭ މިއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް، ވެޓެރަންސް އެސޯސިއޭޝަނެއް އިފްތިތާޙުވެ ދިޔުމުގެ ސަބަބުން. އަދި އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ، މި ޤައުމުގެ ދެން އަންނަން އޮތް ޖީލަށް، އެބޭފުޅުން ކުރެއްވި މަސައްކަތްޕުޅު، އެބޭފުޅުންގެ ޖިހާދު، އެބޭފުޅުންގެ އަގުހުރި ޚިދްމަތް، އެފަރާތްތަކަށް އަޅުގަނޑުމެން ދައްކަން ޖެހޭނެ. ހިތާމައަކީ މިއަދުވެސް އަޅުގަނޑުމެންނަށް މި ފެންނަނީ، ވަޠަންދެކެ ލޯބިވުން، ޤައުމުދެކެ ލޯބިވުން، މިކަންކަމުގައި އަޅުގަނޑުމެންނަށް މަދުމަދުން ނަމަވެސް އަދި ބައެއް ފަރާތްތައްވެސް ފަހަތަށްޖެހޭތަން. ފައިސާގެ އަގު ވަޒަން ކުރެވެނީ، ޤައުމުގެ ލޯބި އެއްކައިރީގައި ބާއްވާފައި. ވަޠަނަށްޓަކައި ވާންވީ ޖިހާދު އޮންނަނީ ދުރުގައި. މިއީ ވެޓެރެންސް އެސޯސިއޭޝަން، އާދެ! ވެޓެރަންގައި ތިޔަ ތިއްބެވި ބޭފުޅުން، އެދުވަހު އެބޭފުޅުން ތަމްސީލު ކޮށްދެއްވައި، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އެފަދަ އެއްވެސް ގޮތަކަށް މީގެ ބޭފުޅަކު މަސައްކަތް ކުރައްވާފައި ނެތްކަން. އާދެ! އެއީ އަޅުގަނޑުމެން މިއަދު އަގު ވަޒަން ކުރަންޖެހޭނެ ކަމެއް. އެބޭފުޅުންގެ އަގު ވަޒަން ކުރަންޖެހޭނެ. ވީމާ، މި އެސޯސިއޭޝަން މިގޮތަށް އިފްތިތާޙުވެގެން ދިޔުމަކީ، އަޅުގަނޑު ދަންނަވާނީ، މިއީ ވަރަށް ބޮޑަށް އެބޭފުޅުންގެ އަގު އަޅުގަނޑުމެން މިއަދުގެ ސަރުކާރުން މިއަދު ސިފައިންގެ ތެރޭގައި ތިއްބެވި ބޭފުޅުންނާއި އަދި މިއަދުގެ ޒުވާން ޑިފެންސް މިނިސްޓަރުވެސް ކުރެއްވި އަގުހުރި މަސައްކަތުގެ ނަތީޖާކަން.

އާދެ! މިއީ އެތައް ޒަމާނެއް ކުރިން ވާންޖެހޭނެ، ކޮށްފައި އޮންނަން ޖެހޭނެ، ކުރެވެންޖެހޭނެ ކަމެއް. އެހެން ނަމަވެސް، ކޮންމެ ކަމެއްވެސް މާތްﷲ، އެ ވަގުތެއް، އެ ގަޑިއެއް އައިސް ޖެހުމުން، އެކަންތައް ކުރުމުގެ ތައުފީޤު ދެއްވާނެ. އެހެންވީމާ، މިއަދު މިއީ އަޅުގަނޑުމެން އެކަމުގެ އުފާކުރާ ދުވަސް. އިރާދަކުރެއްވިއްޔާ، މި ވެޓެރަންސް އެސޯސިއޭޝަންގެ ކަންތައްތަކުގައިވެސް އަޅުގަނޑަށް ފުރުޞަތު ދެއްވި ވަރަކުން، އަޅުގަނޑު މިކަމުގައި އެހީތެރިކަން ބަހައްޓަން އަޅުގަނޑު ބޭނުން. ސަބަބަކީ ހަމަ ހުސްއެކަނި ޒުވާނުންނެއް ނޫން އަދި ހުސްއެކަނި ޒުވާނުންގެ މައްޗަކުން ނޫން އަޅުގަނޑުމެން އަބަދު ހަނދާންކުރަންޖެހޭނީ. މިގޮތަށް އަޅުގަނޑުމެންގެ ވެޓެރަންސްގެ ގޮތުގައި ތިއްބެވި ބޭފުޅުން، އެބޭފުޅުންގެ އަގު އަޅުގަނޑުމެން ވަޒަންކުރަންޖެހޭނެ. މިހެން ދެންނެވީމާ، އެއްގޮތަކަށްވެސް ހީފުޅުނުކުރައްވާތި، މުސްކުޅިއެއްގެ ވާހަކަ ނުވަތަ މުސްކުޅިންގެ ވާހަކައޭ މިދައްކަނީ. ޢުމުރަކީ އެއީ ހަމަ ޖަހާލާފައި އޮންނަ ޢަދަދެއް އިނގޭތޯ.

އާދެ! ކޮންމެއަކަސް އޭގައި އިޖުތިމާޢީ ކަންތައްތަކާއި އަދި މީގެއިތުރަށް، އެބޭފުޅުންނަށް ދަތިވާ އެހެން ކަންތައްތަކާއި، ބޭސްފަރުވާ އަދި މީހާ ޢުމުރުން ދުވަސްވަމުންދިޔަހެން ކުރަންޖެހޭ އެކިއެކި ޓެސްޓްތަކާ، މިކަންތަކާ، މިހުރިހާ ކަންތައްތަކެއް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހުޅުވާލެވޭނެ. މިސާލަކަށް، ޑައިބެޓިކްސް ސޮސައިޓީގެ ފަރާތުން އެބޭފުޅުންނަށް ޚިދްމަތްތަކެއް ދެވޭނެ. މިއީ އަޅުގަނޑުމެންނަށް އިންތިޒާމް ކުރެވޭނެ ކަންތައްތަކެއް. އެއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ، މީހާ ޢުމުރުން ދުވަސްވީވީހެން، ފުރިހަމަ ޓެސްޓްތަކާއި، އަދި އުޞޫލުތަކާއި، ކަސްރަތު ކުރުމުގެ ކަންތައްތަކާ، މިއީ ބަދަލުވެގެންދާންޖެހޭނެ ކަމެއް.

ވީމާ، އަޅުގަނޑު އުންމީދު ކުރަން، ޚާއްޞަ ވެޓެރަންސް ޖިމެއް ކޮންމެހެންވެސް ހުންނަންޖެހޭނެ. މިއީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް. އެއީ މިހެން މިދެންނެވީ، ވަކިވަރަކަށް މީހާ ޢުމުރުން ދުވަސްވުމާ ވިދިގެން، އެ ކުރާ ކަސްރަތާއި، އެކަންތައްތައް ބަދަލުވޭ. އެހެން ނަމަވެސް، ކާޑިއޯ އެކްސަރސައިޒަސް ނުވަތަ ހިތަށް ކަސްރަތު ލިބޭ އެވައްތަރުގެ ކަސްރަތުތަކަކީ އެއީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް. ކޮންމެހެން ޢުމުރުގެ ޢަދަދަށް ނަންބަރުތަކެއް އެރީމަ، ގޭގައި އޮށޯންނާކަށް ނުޖެހޭ. އަދި ވަކިން ޚާއްޞަކޮށް، ސިފައިންގެ ތެރޭގައި ތިހާ ޙަރަކާތްތެރިކޮށް އުޅުއްވާފައި، ދެން ކުއްލިއަކަށް އަނެއްކާ ތިޔަބޭފުޅުންގެ މަސައްކަތްތަކާ އެއްޗިހި ހުއްޓިގެނެއް ނުވާނެ. މިއަދު އަޅުގަނޑުމެންނަށް އެނގޭ، ސިފައިންގެ ތެރޭގައި މަސައްކަތް ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ބޭނުން އަޅުގަނޑުމެންނަށް ކުރެވޭނެ އެތައް ދިމާއެއް، އެތައް މަގެއް އެބައޮތް. އެތައް ގޮތަކުން އެބޭފުޅުންނަށް ޚިދުމަތް ކުރެއްވޭނެ. ކޮންމެހެން އެބޭފުޅުން ނުޖެހޭ ގޭގައި ތިއްބަވާކަށް.

ވީމާ، މި ވެޓެރަންސް އެސޯސިއޭޝަންގެ ފަރާތުން މިފަދަ ކަންތައްތައް އަޅުގަނޑުމެން އޮޅުންފިލުވައި އަދި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، ދުނިޔޭގައި ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ތަންތަން އެބަހުރި. އަޅުގަނޑު އުންމީދު ކުރަނީ މިފަދަ ތަންތަނަށް، ބައިނަލްއަޤްވާމީ މިފަދަ ޖަމްޢިއްޔާތަކަށް، މި ވެޓެރަންސް އެސޯސިއޭޝަން އެފިލިއޭޓުވުން. އެފިލިއޭޓުވެގެން އަޅުގަނޑުމެންނަށް ކުރެވޭނެ ވަރަށްގިނަ ކަންތައްތައް އެބަހުރި. މިސާލަކަށް، ދުނިޔޭގެ ވެޓެރަންސް އެސޯސިއޭޝަންގެ، އެހެން ޤައުމެއްގެ ބޭފުޅުންނަށް، މި ޤައުމަށް ވަޑައިގަންނަވަން ދަޢުވަތު އެރުވިދާނެ. އަދި މި ޤައުމުގައި ތިއްބެވި ބޭފުޅުންނަށް، އެހެން ޤައުމަކަށް ވަޑައިގަތުމުގެ ފުރުޞަތު ލިބިދާނެ. އެބޭފުޅުންގެ އެ ލިބިފައި ހުރި އަގުހުރި ތަޖުރިބާ، އެ މުއްސަނދި ތަޖުރިބާ ޙިއްޞާ ކުރެއްވިދާނެ ޒުވާނުންނާ. އަދި އެހެން ޤައުމުތަކުން ވަޑައިގަންނަވާ ބޭފުޅުންނާ. މިއީ އަޅުގަނޑުމެންނަށް މިހާރުވެސް ފެނިގެންދާ ކަމެއް. އެކްސްޗޭންޖް ޕްރޮގްރާމްތައް ހިނގާ، ޒުވާނުންގެ ތެރޭގައިވެސް އަދި ޔޫތު ލީޑަރޝިޕް ޕްރޮގްރާމްތަކުގައިވެސް. އެހެންވީމާ، ހަމަ އެގޮތަށް ވެޓެރަންސް އެސޯސިއޭޝަންތަކާ އަޅުގަނޑުމެން ގުޅެންޖެހޭނެ. ގުޅިގެން އަޅުގަނޑުމެންނަށް ކުރެވޭނެ އެތައް ކަންތައްތަކެއް އޮންނާނެ. ހަމަ ދުނިޔޭގެ އެތަން މިތާނގައި، މިގޮތަށް ތިބޭނެ ވެޓެރަންސް ތިބޭނެ. އަދި އެބޭފުޅުންނާއި މިފަރާތުގައި ތިއްބެވި ވެޓެރަންސްއާ ގުޅިގެން އަޅުގަނޑުމެންނަށް މިޤައުމުގައި ތަރައްޤީގެ މަޝްރޫޢުތަކާއި އަދި ތިމާވެށި މައްސަލަތަކާއި އަދި ވިޔަފާރީގެ ކަންތައްތައްވެސް ކުރުމަކީ، އެއްގޮތަކަށްވެސް ދުރުގައި އޮތް ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. ވީމާ، މިގޮތަށް މަސައްކަތް ކުރެވޭނެ ވަރަށްގިނަ ކަންތައްތައް ހުންނާނެ. ވީމާ، މި ޖަމްޢިއްޔާގެ ފުރިހަމަ ބޭނުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ފެންނާނެ.

ދެން އަނެއްކާ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. ކުރިން އަޅުގަނޑަށްވުރެ ކުރިން ވާހަކަ ދެއްކެވި ވެޓެރަންސް އެސޯސިއޭޝަންގެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމުގައިވާ މުޙަންމަދު ޒާހިރު، އާދެ! އަޅުގަނޑަށް އެނގޭ، އޭނަ ވަރަށް ޙަރަކާތްތެރިކަމާއެކީގައި، މިކަމުގައި އުޅުއްވާނެ ކަމަށް. ވީމާ، އަޅުގަނޑު އުންމީދު ކުރަން، މިފަދަ ކަންތައްތަކުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ޕްރޮޖެކްޓް ހޯޕުން، ވަރަށް އިޚްލާޞްތެރިކަމާއެކީގައި، އަޅުގަނޑުމެން ގާތްކަން ބާއްވާނަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، މުނިފޫހިފިލުވުމުގެ އެކިއެކި ޕްރޮގްރާމްތަކާއި އަދި މިއުޒިކް ގްރޫޕެއްވެސް މި ވެޓެރަންސް އެސޯސިއޭޝަންގެ ތެރެއިން ނުކުތުމަކީ، އަޅުގަނޑު އެދޭ ކަމެއް. ހަމަ ޔަޤީނުންވެސް މިއީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަމެއް ނޫން. އަޅުގަނޑު ލަވަކިޔާނެ ވާހަކައެއް ނޫން މިދަންނަވަނީކީ. އަދި މިއުޒިކް ކުޅޭނެ ވާހަކައެއްވެސް ނޫން. އެހެން ނަމަވެސް، ވަރަށް ކުޅަދާނަ ބޭފުޅުން، މީގެ ތެރޭގައި އެބަތިއްބެވި. އެހެންވީމާ، އަޅުގަނޑުމެންނަށް އެނގޭ، އެކަންތައް އެބޭފުޅުންނަށް ކުރެއްވޭނެކަން. އަޅުގަނޑުމެން ހަމައެކަނި އުފައްދަންޖެހޭނީ މާޙައުލެއް. އަޅުގަނޑުމެން އެކަމުގައި ކުރަންޖެހޭނެ ކަމަކީ، އެފަދަ ކަމެއް ފެސިލިޓޭޓް ކުރުން. މިހާރުވެސް އަޅުގަނޑުމެންނަށް މި ފެނިގެން މިދަނީ، އެތައް އަހަރެއްގެ ފަހުން، މި ޚިޔާލު ކުރެވުނުތާ 20 އަހަރު ފަހުން. ކައިވެނިކޮށްގެން އުޅޭތާ 20 އަހަރު ފަހުން ދަރިޔަކު މިއޮތީ ލިބިފައި. އެހެންވީމާ، މިހާރު އަޅުގަނޑުމެންނަށް އެނގޭ، މިއީ އަޅުގަނޑުމެންނަށް ވަރަށްގިނަ ކާމިޔާބުތަކެއް ހޯދައިދޭނެ ކަމެއް.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ދުޢާއަކީ، މި ދެ އެސޯސިއޭޝަނަށްވެސް ކުރިއެރުމާއި ތަރައްޤީއާއި އަދި އަޅުގަނޑުމެން ލޯބިވާ ދިވެހި ޤައުމަށްވެސް ތަރައްޤީއާއި ކުރިއެރުން ދެއްވައި، އަދަށްވުރެ ފެހި މާދަމައެއް ދެއްކެވުން. މާތްﷲ މިކަމުގެ ތައުފީޤު ދެއްވުން.


والســّلام عليــكم