އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖޯން ރެންކިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ވަރަށްފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި އަންނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިޚާބު ބޭއްވުމަށްޓަކައި ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ސަފީރާ ޙިއްޞާ ކުރެއްވިއެވެ.

އިނގިރޭސިވިލާތުގެ ސަފީރުގެ ވާހަކަފުޅުގައި، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު މިނިވަންކަމާއި އިންޞާފުވެރިކަމާއެކު، ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް، އެޤައުމުން އަބަދުވެސް އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމުގައިވެސް ސަފީރު ވިދާޅުވިއެވެ.