މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މިއަދު އުވާލައްވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން މި އުވާލެއްވީ، އައު ޤާނޫނުއަސާސީގެ ފަހުން ވުޖޫދަށް އައި ބައެއް ޤާނޫނުތަކާ ގުޅިގެން އުފެދިފައިވާ ބައެއް މުއައްސަސާތަކުގެ މަސައްކަތްތަކުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަނުން ކުރަމުންދިޔަ ބައެއް މަސައްކަތްތައް ހިމެނޭތީ ސަރުކާރުގެ ވަކި އިދާރާއެއް ޤާއިމުކޮށްގެން ކުރަން އެކަށީގެންވާހައި ފުޅާ ދާއިރާއެއްގެ މަސައްކަތްތަކެއް އެ ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ތެރޭގައި މިހާރު ނެތުމާއި،         އެ ޑިޕާޓްމަންޓުން މިހާރު ކުރަމުންގެންދާ މަސައްކަތްތައް، ކަމާގުޅުންހުރި ސަރުކާރުގެ އެހެން މުއައްސަސާތަކުން ކުރަމުންގެންދާގޮތަށް ހަމަޖެއްސެވުމުން، ސަރުކާރުގެ ޚަރަދުތަކަށް ލުޔެއް ލިބޭނެކަމަށް ފެނިވަޑައިގަންނަވާތީކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އުވާލެއްވުމާގުޅިގެން، އެ ޑިޕާޓްމަންޓުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ދިވެހިރާއްޖޭގެ މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީކުރުމާއި، މީޑިއާގެ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، އެދާއިރާ ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުމުގެ މަސައްކަތާއި، ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރާބެހޭ މަސައްކަތާއި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކުރުމުގެ މަސައްކަތާއި، މީޑިއާގެ ރޮނގުން ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެ ތަމްސީލުކުރުމާބެހޭ މަސައްކަތް ކުރައްވަމުންގެންދަވާނީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެ ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ދިވެހިރާއްޖޭގައި ހިނގާ ކަންކަމާ ގުޅޭގޮތުން، ރާއްޖެއިން ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.