އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިޝެލް ޖޭ. ސިސޯން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، އެމެރިކާ ސަފީރާ ހިއްސާ ކުރެއްވިއެވެ. އަދި ރިޔާސީ އިންތިޚާބު މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހެއްދެވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ އަފްރާޝީމް ޢަލީ، އޮކްޓޯބަރ މަހު 1 ވަނަ ދުވަހުގެ ރޭ ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމާ ގުޅިގެން، އެ މައްސަލަ ތަޙުޤީޤު ކުރުމަށް އެމެރިކާ ސަރުކާރުގެ ފަރާތުން ވެދެއްވި އެހީތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކީގައި ޝުކުރު އަދާކުރެއްވިއެވެ.