ކަނޑުދަތުރުފަތުރާ ގުޅޭ ތިން މުޢާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ލަފާއަރުއްވައިފިއެވެ. މި ތިން މުޢާހަދާގެ ތެރެއިން ދެ މުޢާހަދާއަކީ، ބައިނަލްއަޤްވާމީ ދަތުރުތަކުގައި ޙަރަކާތްތެރިވާ ބޯޓުފަހަރާއި އެކި އުޅަނދު ޙިމާޔަތްކޮށްދިނުމަށް މަގުފަހިކުރުމާއި، ކަނޑުމަތީގައި، ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އެކި ބޯޓުފަހަރާމެދު ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭ މުޢާހަދާ [އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ސަޕްރެޝަން އޮފް އަންލޯފުލް އެކްޓްސް އެގެއިންސްޓް ދަ ސޭފްޓީ އޮފް މެރިޓައިމް ނެވިގޭޝަން 1988] (ސޫއާ ކޮންވެންޝަން) އާއި، [ޕްރޮޓޮކޯލް ފޮރ ދަ ސަޕްރެޝަން އޮފް އަންލޯފުލް އެކްޓްސް އެގެއިންސްޓް ދަ ސޭފްޓީ އޮފް ފިކްސްޑް ޕްލެޓްފޯރމްސް ލޮކޭޓެޑް އިން ދަ ކޮންޓިނެންޓަލް ޝެލްފް 1988] (ސޫއާ ޕްރޮޓޮކޯލް 88) އެވެ. އަނެއް މުޢާހަދާއަކީ ކަނޑުމަތީގައި ދިމާވާ ޙާދިޘާތަކުގައި ހާލުގައިޖެހޭ ފަރާތްތައް ނުވަތަ ގެއްލިގެން ހޯދަންޖެހޭ އުޅަނދުފަހަރާއި މީހުން ހޯދުމުގެ މަސައްކަތްތަކަށް ދުނިޔޭގެ އެކި ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމާބެހޭ މުޢާހަދާ ކަމަށްވާ [އިންޓަރނޭޝަނަލް ކޮންވެންޝަން އޮން މެރިޓައިމް ސާރޗް އެންޑް ރެސްކިއު 1979] (ސަރ ކޮންވެންޝަން) އެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މި މުޢާހަދާތަކުގައި ރާއްޖެ ބައިވެރިވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އަތުލައިގަނެވޭ ކަނޑުފޭރޭ މީހުންނާމެދު ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ރާއްޖޭގައި ހެދޭ މިފަދަ ޤާނޫނާއި ގަވާއިދުތަކުގެ ދަށުން ޢަމަލުކުރެވޭނެކަން ފާހަގަކުރެއްވިއެވެ. އަދި ކަނޑުމަތީގައި ހާލުގައިޖެހޭ މީހުން، ނުރައްކަލުން ސަލާމަތް ކުރުމަށް އެހީތެރިވެދިނުމާއި، ކަނޑުމަތީގައި ދިމާވާ ޙާދިޘާއެއްގެ ސަބަބުން ތިމާވެށްޓަށް ލިބޭނެ ގެއްލުން ވީހާ ކުޑަކުރުމަށް އެހީތެރިކަން ލިބިގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.