بســم اللّـه الرّحمـن الرّحيــم

ޔޫ.އެން.ޑީ.ޕީ.ގެ ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް، މިޒް ކުބޯޓާ، ރެޕްރެޒެޓެޓިވްސް ޔޫ.އެން. އޭޖެންސީސް، އެން.ޖީ.އޯސް އަދި ޖެންޑަރ މިނިސްޓްރީގެ ބޭފުޅުން، ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން، ވަޑައިގެން ތިއްބެވި ކައުންސިލަރސް.

السّــلام عليــكم

އާދެ! ޝައްކެއްނެތް، މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. އެހެންނަމަވެސް، ހިތާމައަކީ އުފާކުރަންވީ ވަރަށް އަދި އުފާކުރެވޭކަށް ނެތް. އެއީ، އަންހެން ކައުންސިލް މެންބަރުން މަދުކަމުން. އާދެ! ކައުންސިލް މެންބަރުންނަށް ތިޔަބޭފުޅުން ވަޑައިގެން ތިޔަ ތިއްބެވީ، ދެންމެގައި ކުބޯޓާ ވިދާޅުވިގޮތަށް، ވަރަށް ވަރުގަދަ ޢަޒުމަކާއި ޝަޚުޞިއްޔަތަކާއެކުގައި، އެކަމަށް ކުރިމަތިލައްވައިގެން. މިކަމަށްޓަކައި ތިޔަބޭފުޅުންގެ ޖިހާދަށް، ތިޔަބޭފުޅުން ތިޔަ ހޯއްދެވި ކާމިޔާބަށް، ލިބިވަޑައިގެންނެވި ކާމިޔާބަށް އަޅުގަނޑުގެ ހިތުގެ އަޑިން މަރްޙަބާ ކިޔަން.

އާދެ! ޙަޤީޤަތުގައިވެސް މިއަދަކީ އަޅުގަނޑަށް ވަރަށް އުފަލާއި ހިތްހަމަޖެހުން ލިބޭ ދުވަހެއް. އާދެ! އެއީ ކީއްވެގެންކަން، ޝުކުރީފަދަ އަދި ހިއުމަން ރައިޓްސްގެ ބޭފުޅުން ކަހަލަ، އަޅުގަނޑާ އެކީގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެއީ ޢާންމު ގޮތެއްގައި، އަޅުގަނޑަށް ގޮސް ހުންނަންޖެހެނީ، ހުސް ގިނަ ފިރިހެން ބޭފުޅުން ތިއްބަވާ ތަނެއްގައި. އެކަމަކު މިއަދު މިހާގިނަ އަންހެން ބޭފުޅުންނާ އެޑްރެސްކޮށް ވާހަކަ ދައްކަން ލިބުނު ކަމަކީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ސަބަބުތަކެއް ނެތިއެއް ނޫން. ލޯކަލް ގަވަރންމަންޓްސްގެ ނިޒާމު، ދިވެހިރާއްޖޭގައި ޤާއިމު ކުރުމުގައި، އަޅުގަނޑުމެން ވަރަށްގިނަ ދަތިތަކަކާ ކުރިމަތިލީމު. އަދި ވަރަށް ގިނަ ފަރާތްތަކެއް ގަބޫލު ކުރަމުން އައީ، ލޯކަލް ގަވަރނަންސް ނިޒާމަކީ، އެއީ ދިވެހިރާއްޖޭގައި ގެންގުޅެވޭނެ ނުވަތަ ބޭނުންކުރެވޭނެ އުޞޫލެއް ނޫން ކަމަށް. އެހެން ނަމަވެސް، އޭރުގައި އަޅުގަނޑު ކައިރީގައި މަސައްކަތް ކުރަން ހުންނެވި، ހަމަ ތިޔަކަހަލަ ހިތްވަރުގަދަ ސަލްމާ ފިކުރީ ކިޔާ ބޭފުޅެއްގެ ސަބަބުން އަޅުގަނޑަށްވެސް ވަރަށް ގަދަ އިތުރު ހިތްވަރުތަކެއް ލިބުނު. އެބޭފުޅާ ކުޑަވެފައި، ކެތްތެރިކަމަކަސް، އެބޭފުޅާގެ ޢަޒުމަކީ، ވަރަށް ވަރުގަދަ ޢަޒުމެއް. ގޮތްދޫނުކުރުމުގެ، ކާމިޔާބު ކުރަން ކެރޭ ލީޑަރޝިޕެއް އެބޭފުޅާގެ ހުންނަނީ. ނަތީޖާއަކަށްވީ، ވަރަށް ތަފާތު ޚިޔާލުތަކުގެ ތެރެއިންވެސް އަޅުގަނޑުމެންނަށް ލޯކަލް ގަވަރނަންސް ނިޒާމު ޤާއިމް ކުރެވުން.

އާދެ! ދިވެހިރާއްޖެ ވަނީ ތަފާތު އިންޓަރނޭޝަނަލް ނުވަތަ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ސޮއިކޮށްފައި. މި ސޮއިކުރުމުގައި، ދިވެހި ސަރުކާރު ވަނީ ގަބޫލުކޮށްފައި، އަންހެނުންނާއި ފިރިހެނުންނަށް އެއް ޙައްޤެއް، އެއް އުޞޫލުތަކަކުން، އެއް ގިންތިއެއްގައި ކަންތައް ކޮށްދިނުން އެއީ ކުރަންޖެހޭ ކަމެއް ކަމުގައި. 2008 ވަނަ އަހަރު ވަނީ މުޢާހަދާއެއްގައި ސޮއިކޮށްފައި. އަދި އޭގައި އެ ބުނަނީ، އަންހެނުންނަށް ހުރިހާ ޙައްޤެއްވެސް އެއްގޮތަށް، ހަމަހަމަ، ފިރިހެނުންނާ ހަމަހަމައަށް ދިނުމަށް ގެރެންޓީކޮށްދިނުން. އަޅުގަނޑުގެ ސުވާލަކީ، އެކަން މިހާރު އޮތީ ކިހާ ހިސާބެއްގައިތޯއޭ؟ އާދެ! އަޅުގަނޑު މިހެން މިދެންނެވީ ސަބަބުތަކެއް ނެތިއެއް ނޫން. މިއަދުވެސް އަޅުގަނޑުމެންގެ ޤައުމަށް ދިމާވެފައި އޮތް އަދި ދުނިޔޭގެ ގިނަ ޤައުމުތަކަށްވެސް ދިމާވެފައި އޮތް އެންމެބޮޑު އެއް މައްސަލައަކީ، ޑިޒިޝަން މޭކިންގ ނުވަތަ އެންމެފަހު ބަސް ބުނާ ބާރު ހުރި މަޤާމުތައް އަންހެނުންނަށް ދޭން ފިރިހެނުން ބިރުގަންނަކަން. މިއީ ޙަޤީޤަތެއް. އަޅުގަނޑުމެން ލޯބިވެސްވަމު. ފިނިފެންމާވެސް ދެމު. ލަވަވެސް ހަދަމު. އަދި އެއަށްވުރެ ރީތި ތަރިތަކާއި ހަނދުތަކާ އެއްވަރު ކުރަމު. އެހެން ނަމަވެސް، މަޤާމަށް އައީމަ، ހަމަ ޖެހިލުންވަނީ އިނގޭތޯ. އެކަން މިއަދުގެ ޕާލަމަންޓުން ފެނިވަޑައިގަންނަވާނެ، އެންމެ ފަސްބޭފުޅުން. ސަރުކާރުގެ ކެބިނެޓުން އެކަން ފެނިވަޑައިގަންނަވާނެ. އެއީ އަޅުގަނޑުމެން މިއަދު ލަދުގަންނަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ މަޤާމުގައި ތިބީ، ކަންތައް ނިންމަން ތިބީ ފިރިހެނުންނަށްވާއިރުގައި، އަޅުގަނޑުމެންގެ ޅަދަރިންނަށް، އަންހެން ދަރިންނަށްވެސްވީ އަންހެނުން ކަމަށްވާތީ، މަންމައަކަށްވީ އަންހެނަކު ކަމަށްވާތީ، ބޮޑުދައިތައަކަށްވެސްވީ އަންހެނަކު ކަމަށްވާތީ، އަޅުގަނޑުމެން ހަމަހަމަ އުޞޫލުތަކެއް ގެންގުޅުމަކީ އެއީ އަޅުގަނޑުމެންނަށް ވާޖިބު ކަމެއް. އެހެން ނަމަވެސް، އެ ހަނދާނެއް ނުހުރޭ.

އަދި މިއަށްވުރެ ހިތާމަހުރި ވާހަކައެއް، އަޅުގަނޑު ދަންނަވާނަން. ބައެއް ކަނބަލުންނަށް، ބައެއް ޢާއިލާތަކަށް، ބައެއް ފެމިލީތައް އަމިއްލަފުޅަށްވެސް ގަބޫލު ކުރައްވާ، އަންހެން ކަނބަލުން ގަބޫލު ކުރައްވާ، ތިމަންމެން ކުރަންޖެހޭނީ މި މަސައްކަތްކަން. ތިމަންނަމެން ކުރަންޖެހޭނީ ފިރިމީހާ ބުނި މިވެނި ކަމެއްކަން. ޝައްކެއްނެތް. ފިރިންނަށް ޤަދަރުކުރަން ޖެހޭނެ. އިތުބާރު ކުރަން ޖެހޭނެ. އެހެން ނަމަވެސް، ހަނދުމަފުޅު ކުރައްވާތި. ފިރިއަކާއި އަންބަކާ ދޭތެރޭގައި އޮންނަން ޖެހޭނީ ޕާޓްނަރޝިޕެއް. ހަމަހަމަ ގުޅުން. މާތްވެގެންވާ އިސްލާމްދީނުގައިވެސް އެކަން އޮތް ގޮތް އެއީ. އެކަމަކު ހިތާމައަކީ، އަޅުގަނޑުމެންގެ ތެރޭގައި މިހާރު އުފެދެމުންދާ ޚިޔާލަކީ، އަންހެނުން ކުރަންޖެހޭނީ ވަކިކަމެކޭ. އަންހެނުން ތިބެންޖެހޭނީ ވަކި ގޮޅިއެއްގައޭ. އަންހެނުންނަކަށް ވަކި މަސައްކަތެއް، ވަކިކަމެއް ނުކުރެވޭނެއޭ. ނޫނީވިއްޔާ އެކަން އޮތީ އެގޮތަށޭ. މިއީ މިއަދުގެ ދުނިޔެ ގަބޫލުކުރާ އެއްޗެއް ނޫން. ޔޫ.އެން.ޑީ.ޕީ އިން އަދި ދުނިޔޭގެ އެހެން ހުރިހާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކެއް މަސައްކަތް ކުރަނީ، މިދޭތެރޭގައި މިއޮތް ނަހަމަކަން، ހަމަހަމަކުރެވޭތޯ. ނަހަމަގޮތް ހަމަހަމަ ކުރެވޭތޯ. މިހެން މިކަން ކުރަންޖެހޭ ސަބަބަކީ، މިހެން މިކަން ކޮށްގެން ނޫނީ، ޤައުމެއްގެ ތަރައްޤީ ކުރިއަށް ނުގެންދެވޭނެތީ.

އަޅުގަނޑުމެން އެބަ އަހަމު، ޤައުމެއްގައި އަންހެނުން ތިބީ ކޮން ޢަދަދަކަށްކަން. ކިހިނެއްތޯ އަންހެނުންނަށް ޑިޒިޝަން މޭކިންގ ޕޮޒިޝަންސް، ނޫނީވިއްޔާ ކަންތައްތައް ނިންމުމުގެ ފުރްޞަތު އަޅުގަނޑުމެން ނުދީ، އަޅުގަނޑުމެން ޤައުމާއިގެން ކުރިއަށްދާނީ. ޤައުމުގެ ދެބައިކުޅަ އެއްބައިހާ ޕޮޕިއުލޭޝަން މިއޮތީ އަންހެނުން. ހަމަވިސްނޭ، ހަމަ ގަބޫލުކުރާ އިންސާނަކުވިއްޔާ، މިކަން ގަބޫލުކުރާނެ. ވީމާ، މިހިރީ އަޅުގަނޑުމެންގެ މުޖްތަމަޢުގައި ހުރި ކަންތައްތައް. އެހެން ނަމަވެސް، އަޅުގަނޑުމެން މިއަދު ޝުކުރު ކުރަން. ވަރަށް ފަޚްރުވެރިވަން. ސައުތު އޭޝިއާގެ ޤައުމުތަކަށް ބަލައިލާއިރު، ސާކް ޤައުމުތަކަށް ބަލައިލާއިރު، ދިވެހިރާއްޖޭގައި އަންހެނުންނާ ދޭތެރޭގައި، ކޮންމެ ސަރުކާރަކުންވެސް ދެކެފައި އޮތީ ވަރަށް ރަނގަޅަށް. އަދި ޤާނޫނާއި ގަވާއިދުތައް ހެދިފައި މިހިރީ، އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި. ހަމައެކަނި ބޭނުންވަނީ، ޑިޒިޝަން މޭކަރސް، ނުވަތަ ބައެއް ބޭފުޅުންގެ ސިކުނޑީގައި ހުންނަ ކުޑަކުޑަ ވިސްނުން. އެ ވިސްނުމަށް ބަދަލުގެންނެވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އަންހެނުންގެ ފުރިހަމަ މަޤާމު އަންހެނުންނަށް ދެވޭނެ. އާދެ! އަޅުގަނޑު ހިސާބުތަކެއް ދަންނަވާލާނަން. ޔޫ.އެން.ޑީ.ޕީ.ގެ ބޭފުޅުންނަށްވެސް އެނގިވަޑައިގަތުމަށްޓަކައި އަޅުގަނޑު އިނގިރޭސިބަހުން ދަންނަވާލާނަން.

Women comprise only 6.5 percent of parliamentarians. 5 Women of total of 77 seats and hold 14 percent of ministerial positions. In addition women are starkly under-represented at the local level, 56 out of one thousand local councillors.

މިއީ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މިއަދު ވިސްނާލަންޖެހޭ ކަމެކޭ. އަންހެނުންގެ މަޤާމު ނުވަތަ އަންހެނުންނަށް، އެ ފުރްޞަތު ދޭންޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫން. އަޅުގަނޑުވެސް ގަބޫލުކުރަން، ފިރިހެނުންނަށްވެސް ޝުޢޫރުތައް ފާޅުކުރެވޭނެ. އެހެން ނަމަވެސް، ގެވެށި އަނިޔާ، ކުއްޖަކަށް ލިބޭ ގެއްލުން، އަންހެނުންނަށް ދިމާވާ ހިތާމަވެރި ޙާދިޘާތައް، މިކަންތައްތައް ހަމަ ރީތިކޮށް، ފުރިހަމައަށް ޚިޔާލުފާޅުކުރެވޭނީ، އަޅުގަނޑު ދަންނަވާނީ، ހަމަ އަންހެނުންގެ ދުލުންނޭ. އަދި އަންހެނެއްގެ ދުލުން، އަންހެނެއްގެ ޝުޢޫރުތަކުން، އަންހެނެއްގެ އަޑުން އެވާހަކަ ދެއްކީމާ، އޭގައި ހުންނަ އަސަރާއި އަދި އޭގައި ހުންނަ ޢިއްފަތްތެރިކަމާއި، ބަލާޣާތްތެރިކަމެއް، އަޅުގަނޑު ދަންނަވާނީ، ގިނަ ފިރިހެނުންގެ ދުލުން ބުނުމަކުން އިޙްސާސެއް ނުކުރެވޭނެއޭ. އެހެންވެގެން ދޮއެއްތޯ، އަންހެން ލަވަކިޔުންތެރިންގެ އަޑުވެސް އެހާ ރީތިވެފައި، އެހާ އަޑުއަހާހިތްވަނީ.

އާދެ! ލޯކަލް ގަވަރނަންސް ގަވާއިދު، ޤާނޫނު އަޅުގަނޑުމެން ގެނައިއިރުގައި، އަޅުގަނޑުމެން މަސައްކަތްތަކެއް ކުރީމު. ކަންދިމާވި ގޮތުން، އޭރުގައި ޚާއްޞަ މަޖިލިސް ކިޔާ މަޖިލީހެއް އޮވޭ. އެ މަޖިލީހުން މި ޤާނޫނު އިޞްލާޙުކޮށް، މިކަންތައް ކުރަނީ. އަޅުގަނޑު އެ މަޖިލީހުގައި ވަރަށް މަސައްކަތް ކުރިން، ކައުންސިލަރުންގެ ތެރެއިން ހިންގަވާށޭ، 30 ޕަސެންޓް ކޯޓާ، ވަކި ޢަދަދެއް އަންހެނުން ކުރުވާ ގޮތަށް ހަމަޖެއްސުމަށް. ހިތާމައަކީ އެއްކަލަ ހަމަ އަންހެނުންދެކެ އިޚްލާޞްތެރިކަމާއެކު ލޯބިވެވަޑައިގަންނަވާ ބޭފުޅުންވެސް، އެކަމަކަށް އެއްބަސްވެވަޑައިނުގެންނެވި. އަޅުގަނޑު ހީކުރީ އެއީ އެދުވަހު ވީގޮތޭ. ފަހުން ރަނގަޅުވާނޭ. އަޅުގަނޑުވެސް އުންމީދު ކުރިން، ފަހުން ރަނގަޅުވާނެ ކަމަށް. ދެން އަޅުގަނޑާއި ސަލްމާއާ ދިޔައިން ޙުސްނުއްސުޢޫދު އެޓަރނީ ޖެނެރަލް ކަމުގައި ހުންނެވިއިރު އޮތް ބައްދަލުވުމަކަށް. މިބައްދަލުވުން އޮތީ ރައީސް އޮފީހުގައި. ކަންދިމާވި ގޮތުން، މިއަދު އަޅުގަނޑަށް މަސައްކަތް ކުރަން ޖެހިފައި އޮތްވެސް އޮފީހުގައި. އެތާނގައި އޮތް ސްޓިއަރިންގ ކޮމިޓީއެއްގައި، ވަރަށްގަދަ، ބާރުގަދަ ހުރިހާ ބޭފުޅުންނެއް ތިއްބެވި. ޑިޒިޝަން މިއަދުން މިއަދަށް މިހެން ނިންމާށޭ ބުނީމަ، ނިންމޭނެވަރުގެ ބޭފުޅުން އެތާ އެތިއްބެވީ. ނިކަމެތި އަޅުގަނޑު ހުރީ އިންސްޓިޓިއުޓް އޮފް ގަވަރނަންސްގެ އިސް މީހެއްގެ ގޮތުގައި. ކަންދިމާވި ގޮތުން އެދުވަހު އަޅުގަނޑު ހުރީކީ މިފަދަ މަޤާމެއްގައި ނޫން. އަޅުގަނޑުމެން ވަރަށް ވަކާލާތު ކުރިން. އަޅުގަނޑުމެން ދެންނެވިން، ތިޔަ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާއިރުގައި، މިހެން ލިޔުއްވާލައްވާފައި ބާއްވަވާށޭ. އެވަރު ކޮށްދެއްވާށޭ. އަޅުގަނޑުމެން އަނެއްބައި ކުރިއަށް ގެންދާނަމޭ. އެބަޔަކީ ކޮބައިތޯ؟ އެއީ ޕާލަމެންޓް މެންބަރުންނާ ވާހަކަ ދެއްކުމާއި، ލޮބީ ކުރުމާ، މިކަންތައްތައް. ހިތާމައަކީ ކޮބައިތޯ. ބިލް ދިޔައިރުގައި، އިންސްޓިޓިއުޓް އޮފް ގަވަރނަންސެއް ހުންނަންޖެހޭކަމުގެ ވާހަކައެއްވެސް ނެތް. އަންހެނުންނަށް 30 ޕަސެންޓް ދޭނެ ވާހަކައެއްވެސް ނެތް. އަދި އެންމެ ހިތާމަހުރި ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ބާރު، އަޅުގަނޑުމެން އެންމެ ފުރަތަމަ ލޯކަލް ގަވަރނަންސް ޤާނޫނު ހެދިއިރު ހިމަނާފައި އޮންނާނީ. ކަންދިމާވިގޮތުން އެއެއްވެސް ނެތް. ނަތީޖާއަކަށްވީ ޕާޓީއަށް ކައުންސިލް މެންބަރުން ކޮންޓްރޯލް ކުރެވޭ. ކައުންސިލް މެންބަރު ކައިރީގައި ބުނިގޮތަކަށް، ޕާޓީން ބުނިގޮތަކަށް ނަހަދައިފިއްޔާ، އެމީހުން ވަކިކުރެވޭ. އެ ބާރުވެސް ނެތް. އަޅުގަނޑު މިދެންނެވީ، އަޅުގަނޑުމެންގެ ވިސްނުން ބަދަލުވެގެން ބަދަލުވެގެން އަންނަނީ. މާތްﷲ ރަޙްމަތްފުޅުން ތިން ރައީސެއްގެ ޚިޔާލުފުޅު ނުވަތަ ހަތަރު ރައީސެއްގެ ޚިޔާލުފުޅު، ނިކަމެތި އަޅުގަނޑަށްވެސް ވަނީ ފެނިފައި. އެއީ އިބްރާހީމް ނާޞިރުގެ ދުވަސްވަރު އަދި އޭގެކުރިން މުޙަންމަދު އަމީންގެ ދުވަސްވަރު. މިހެން ދެންނެވީމާ ހިތްޕުޅަށް އަރާނެ، ހާދަ މުސްކުޅިއެކޭ މިތާ މިހިރީ. ޝައްކެއްނެތް. މުސްކުޅި އެއީ ޢަދަދެއް އިނގޭތޯ. ޢުމުރަކީ ޢަދަދެއް.

އާދެ! ކޮންމެއަކަސް މިހުރިހާ ދައުރެއް ފެނިފައި އަޅުގަނޑު މިހުރީ. މި ބަދަލުވުން ބަދަލުވުން އައިގޮތް އަޅުގަނޑު ދުށިން. އަޅުގަނޑު ދަންނަވާނީ، ވަރަށް ރަނގަޅު ފުރްޞަތުތަކެއް، ދިވެހި ސަރުކާރަށް ލިބުނޭ. މި ބަދަލު ބަދަލު، ރަނގަޅު ބަދަލެއްގެ ގޮތުގައި ގެނެސް، ރައްޔިތުންނާ ހަމައަށް ގެނައުމަށްޓަކައި. ދެން މިއަދު މިވާހަކަ ދައްކާއިރު ބިރުވެސްގަނޭ. މިއަދުގެ ބަދަލުވެސް ދާނީ ކިހާ ހިސާބަށްކަން، ކޮންގޮތަކަށްކަން، އަދި އޭގެ އެންމެ އިމުގައި ހުންނަ މީހަކަށް މިއޮތީ އަޅުގަނޑަށްވެސް ޖެހިފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ޔަޤީންކޮށްދެން. އަޅުގަނޑު މި މަޤާމުގައި ހުއްޓަސް، ނެތަސް، އަޅުގަނޑު މަސައްކަތް ކުރާނީ، ރައްޔިތުންގެ ޙައްޤުތައް، ރައްޔިތުންގެ ބާރުވެރިކަން، މައި ސަރުކާރުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން. އަދި އަންހެނުންނާއި ފިރިހެނުންނާ އެއްވެސް ތަފާތެއް، މަސައްކަތް ކުރުމުގަޔާއި، ވަޒީފާގެ ގޮތުންނާއި، މުސާރައިގެ ގޮތުން އޮވެގެން ނުވާނެކަން، މިކަމާ އަޅުގަނޑު ލޮބީކުރާނަން. މިކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑު ޤާއިމް ކުރެވޭތޯ މަސައްކަތް ކުރާނަން. އަދި އަޅުގަނޑު އެއްގޮތަކަށްވެސް އުންމީދު ކަނޑައެއްނުލަން.

ދަންނަވަންތޯ، މީހާގެ ޙަޔާތުގައި އިނގޭތޯ، މީހާގެ އުންމީދު ކެނޑިއްޖިއްޔާ، ދެން އޭނާ މަރުވުމެކޭ ހަމަ އެއްގޮތް. އުންމީދު ކަނޑާނުލައްވާތި، ތިޔަބޭފުޅުން. އެއްގޮތަކަށްވެސް އުންމީދު ކެނޑިގެން ނުވާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އުންމީދު ކުރަން، ދެން އަލަށް ކައުންސިލަރުން ހޮވޭ، އެއީ ގާތްގަނޑަކަށް އަޅުގަނޑު ހަނދާންވަނީ، ދޮޅުއަހަރު، ދެއަހަރު ދުވަހުގެ ތެރޭގައި އަލަށް ހޮވަންޖެހޭނެ. އެހިސާބަށްދާއިރު އަޅުގަނޑު މަސައްކަތް ކުރާނަން، ޤާނޫނުއަސާސީ އަނެއްކާވެސް ބަދަލުކުރެވޭތޯ. އާދެ! މި ޤާނޫނުއަސާސީއަކީ މިއީ ބަދަލުކުރަންވެސް އޮންނަ އެއްޗެއް އިނގޭތޯ އެއީ. އެނގިވަޑައިގަންނަވާނެ، 17 އަހަރުން ޤާނޫނުއަސާސީއެއް ބަދަލުވި ވާހަކަވެސް، ތަންކޮޅެއް ކުރީގައި ތިޔަބޭފުޅުން އައްސަވާފައި އޮންނާނީ. އެހެންވީމާ، ޤާނޫނުއަސާސީއަކީ އެއީ ބަދަލުވާންޖެހޭ އެއްޗެއް. ޤާނޫނުއަސާސީ ބަދަލުވާންޖެހެނީ، ޤައުމުގެ އިޤްތިޞާދީ ތަރައްޤީ، ސިޔާސީ ތަރައްޤީ، މީހުންގެ ކުރިއެރުން، ދުނިޔޭގެ އެހެން ކަންތައްތައް ކުރިއަރަމުންދިޔަ ގޮތަކަށް، މި ޤައުމުގެ ޤާނޫނުއަސާސީވެސް ބަދަލުވާންޖެހޭނެ. އެ އިޞްލާޙު އަންނަންޖެހޭނެ. އިޞްލާޙު ގެންނަންޖެހޭނެ. އެހެން ނޫނިއްޔާ، އަޅުގަނޑުމެން ތިބޭނީ މާފަހަތުގައި. އެހެންވީމާ، މިއީ އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވި ނުކުތާއެއް.

ތިޔަބޭފުޅުންގެ ޓްރޭނިންގގައި، ދެންމެ ވާހަކަ ދެއްކެވި ދެބޭފުޅުން ވިދާޅުވިގޮތަށްވެސް، ތިޔަބޭފުޅުންގެ ޓްރޭނިންގގައި، ވަރަށް މުހިންމު ބޭފުޅުންތަކެއް ނުވަތަ ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން، ތިޔަބޭފުޅުންނާ ބައްދަލުކުރައްވާނެ، ވާހަކަ ދައްކަވާނެ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އެ ދައްކަވާ ވާހަކަ ތިޔަބޭފުޅުން ރަނގަޅަށް ގަބޫލު ކުރައްވައި، ތިޔަބޭފުޅުންގެ ތެރޭގައި ރަނގަޅު ނެޓްވާރކެއް އަޅަން. އަދި ކޮންމެ ޕާޓީއަކުން، ކޮންމެ ރަށަކުން އަދި ކޮންމެ އަވަށަކުން އައި ކަމުގައިވިޔަސް، ތިޔަ ހުރިހާ ކަނބަލުންނަކީ އަންހެން ކަނބަލުން. އެ ގުޅުން ތިޔަބޭފުޅުން ޤާއިމް ކުރައްވަންޖެހޭނެ. އެ ނެޓްވާރކް ތިޔަބޭފުޅުންނަށް ޤާއިމް ކުރެއްވެވޭނެ. އޭގެ ނަތީޖާއަކަށްވާންވާނެ ގޮތަކީ، ކޮންމެކަހަލަ އިޝޫއެއް، ކޮންމެ ޕާޓީއަކުން އަޔަސް، އަންހެނެއްގެ ތަރައްޤީއާއި ކުރިއެރުމަށް، އަންހެނެއްގެ ސަލާމަތާއި ތަރައްޤީއަށް އޮތް ކޮންމެ ކަމެއްގައި ތިޔަބޭފުޅުން އެކައްޗެއް ވިދާޅުވާގޮތަށް ތިއްބަވަންޖެހޭނީ. މިހާރުވެސް އަޅުގަނޑަށް ބައެއްފަހަރަށް، އީވާއާއި ރޮޒައިނާއާވެސް އެއްބަސްވާތަން ފެނޭ، ރައްޔިތުންގެ މަޖިލީހުގައި. އެހެންވީމާ، އަޅުގަނޑަށް އެނގޭ، މިއީ ނުވާނެ ކަމެއް ނޫންކަން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން މި ފުރްޞަތު ހޯއްދަވާނެ ކަމަށް.

އާދެ! މީގައި އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅުންނާއި އަދި ސަރުކާރުގައި ތިއްބެވި ފަރާތްތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި އެން.ޖީ.އޯތަކާއި އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުގައި މި މަސައްކަތްކުރާ އެކިއެކި ޖަމްޢިއްޔާތަކާ އެކުގައި މަސައްކަތް ކޮށްފިއްޔާ، އަޅުގަނޑުމެންނަށް މިކަމުގައި ކާމިޔާބު ލިބޭނޭ. ކާމިޔާބު ލިބޭނެ ކަމުގެ ހެތްކެއް އިނގޭތޯ، މިއަދު ތިޔަބޭފުޅުން މިތާ ތިޔަ ތިއްބެވީ. މީގެ 30 އަހަރު ކުރިން ނުވަތަ މީގެ 33 އަހަރު ކުރިން، ތިޔަބޭފުޅުން އުންމީދު ކުރެއްވިންތޯ، މިތާ ތިއްބަވަން. އަޅުގަނޑު ހަނދާން އެބަހުރި، އެޓޮލްސް މިނިސްޓްރީގައި، ގަވާއިދެއް ބަދަލުކުރިއިރުގައި، އަޅުގަނޑު އެ ގަވާއިދަށް ގެނައީ، ކައުންސިލް، ރަށް ކުރިއަރުވާ ކޮމިޓީގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މިއީ ގަވާއިދުން ހިމަނަންޖެހޭނެ ކަމަށް، އަޅުގަނޑު ގަވާއިދު ބަދަލުކުރީ. ކަންދިމާވިގޮތުން، އޭރު އަޅުގަނޑު އެޓޮލްސް މިނިސްޓްރީގައި ހުރީ. ވަރަށްގިނަ ބޭފުޅުން ވިދާޅުވި، ކީއްވެހޭ ތިހެން ޖަހަންޖެހެނީ ކޮންމެހެން. އަންހެނުންވެސް ވާދަކޮށްގެން އަންނާނެ ނޫންހެއްޔޭ. އެއްކަލަ ލޯބިވާއިރަކު، ވާދަކުރާ ވާހަކައެއް ނުދައްކާ. އެކަމަކު މަޤާމަކަށް އަންނަންވީމާ ވާދަކުރަންޖެހޭނެ. މިއީ ކިހާ ހެއްވާ ކަމެއްތޯ. ރައްޓެހިވާން އުޅޭއިރަކު އެއްވެސް ވާދަކުރުމެއް ނެތް. އާދޭސްވެސް ކުރަނީ. ކުޑަކަކޫވެސް ޖަހަނީ. މިއީ ޙަޤީޤަތް. އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އަންނަންވީ، ކައުންސިލް މެންބަރަކަށް އަންނަންވީ، ހޯހޯ ވާދަކުރަންޖެހޭނެ. އަހަރުމެންނާ އެއްސަފެއްގައި ހިނގަންޖެހޭނެ. ކޮބައިތޯ ހަމަ.

އާދެ! ކޮންމެއަކަސް އެގޮތަށް އަޅުގަނޑުމެން ބަދަލުކުރީ، އޭގައި އަޅުގަނޑުމެން އެހެން ޖެހީ އެއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީތަކުގެ ރައީސުން، ކޮންމެހެންވެސް އެ ކޮމިޓީ، އޭގައި ހިމަނަންވެގެން. އަދި ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެކަންވެސް ނިމިގެންދިޔަގޮތް. ބައެއް ކޮމިޓީތަކުގައި ހަމައެކަނި އެބޭފުޅާ އެކަނި އިންނެވީ އަންހެން ބޭފުޅަކަށް. އެހެންވީމާ، މިއީ އަޅުގަނޑުމެން ތަޖރިބާ ކޮށްފައި ހުރި ކަންތައްތައް.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ތަންކޮޅެއް ދިގުވެސްވެއްޖެ. އެހެން ނަމަވެސް، މި މަޥްޟޫޢަކީ މިއީ އަޅުގަނޑުގެ ހިތާ ވަރަށް ކައިރީގައި އޮންނަ ކަމެއް. ކޮންމެހެން އަންހެން ބޭފުޅުންވީމަކާ ނޫން. ހުރިހާ ކައުންސިލްތަކުގެ ކަންތަކަކީވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައިވިއްޔާ ޑިމޮކްރަސީއެއްގެ އަސާސް. ޑިމޮކްރަސީއެއް ޤާއިމެއް ނުކުރެވޭނެ، ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދޫކޮށްގެން ނޫނީ. އެ ބާރުތައް ދޫކުރުމުގެ ނިޒާމަކީ، ލޯކަލް ގަވަރނަންސް މެކޭނިޒަމް.

އާދެ! ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ނިންމާލުމުގެ ކުރީގައި، އެއްވެސް އިންސާނަކު މާތްﷲ ނިކަމެތިކޮށް އުފައްދަވާފައެއް ދުނިޔެއަށް ފޮނުއްވާފައެއް ނެތޭ. އަންހެނުންވެސް އަދި ފިރިހެނުންވެސް މިއީ ހަމަ އެއްވަރެއްގެ ކުޅަދާނަކަން، އެއްވަރެއްގެ އިންޓެލިޖަންޓް ނުވަތަ އެއް އުޞޫލަކަށް، އެއްގޮތަކަށް ކަންތައް ކުރުމުގެ އިޚްތިޔާރާއި، ބާރާއި، އުފެއްދުންތެރިކަން، އެ އަންހެނެއްގެ، މާތްﷲ ހުރީ ލައްވާފައި. އެހެންވީމާ، ރަނގަޅަށް ހަނދުމަފުޅު ކުރައްވާތި! އަޅުގަނޑު މިވާހަކަ އިނގިރޭސި ބަހުންވެސް ދަންނަވާލާނަން.

God did not discriminate. God created all equal.

އެހެންވީމާ، ތިޔަބޭފުޅުންނަށް އެ މަގުން މަސައްކަތް ކުރުމުގެ ޙައްޤު، ތިޔަބޭފުޅުންނަށް ފުރިހަމައަށް އެބައޮތް. މިއަދު ޢަޒުމް ކަނޑައަޅުއްވަންވީ، ހަމަހިލާ ތިމަންނަ ދޫނުކުރާނަމޭ. ހަމަހިލާ ތިމަންމެން މަސައްކަތް ކޮށްގެން، އިތުރު އަންހެން ކައުންސިލަރުން ހޯދާނަމޭ. ދެން އަންނަ ފަހަރަކު ތިމަންމެން ކެމްޕޭން ކުރާނަމޭ. އަދި ކެމްޕޭންގައި މަސައްކަތް ކޮށްގެން، އަންހެން ކައުންސިލަރުން އިތުރުކުރެވޭތޯ، ތިމަންމެން މަސައްކަތް ކުރާނަމޭ. އެއީ ފަހަރެއްގައިވެސް ފިރިހެނުންނާ ޖަދަލު ކުރުމުގެ ގޮތަކުން ނޫން އިނގޭތޯ. ފިރިހެނުންނަށް އެހީވުމުގެ ގޮތުން. ޙަޤީޤަތުގައި މީގައި ވަރަށް މުހިންމު ތަންކޮޅެއް އަޅުގަނޑު ދަންނަވާލާނަން. ހެޔޮވިސްނޭ ފިރިހެނަކު ވިއްޔާ، ބުއްދިވެރި ފިރިހެނަކު ވިއްޔާ، އަންހެނަކަށް ވިސްނުންތެރި، އަހުލުވެރި އަދި މަސައްކަތެއް ހޯދައިދޭނެ. އެއީ ކީއްވެގެންތޯ؟ އެއީ އޭނާއަށްވެސް އެކަމުން ފަސޭހަވެސްވާނެތީ. އަދި ލުއިފަސޭހަވާނެތީ. އަދި މުޖްތަމަޢުގައި އޭނާގެ އަގު ވަޒަންކުރާތީ. ކިހާ ރީތި އުފަލެއްތޯ؟ ތިމަންނަގެ އަނބިމީހާ ކައުންސިލަރަކަށް ވެގެން، ޤައުމުގެ މަސައްކަތް ކުރަންދާތަން ފެނުން އެއީ. ނުވަތަ ކުންފުންޏެއްގައި ސީ.އީ.އޯ އަކަށް ނުވަތަ މަސައްކަތަށް ނުކުތުން އެއީ ކިހާބޮޑު ޝަރަފެއްތޯ އެއީ ފިރިހެނަކަށް ލިބޭ. އެހެންވީމާ، ހެޔޮ ބުއްދި ވިސްނޭ މީހުން އަބަދުވެސް މަސައްކަތް ކުރާނީ، ހަމަހަމަ އުޞޫލެއް. އަންހެނަކަށްވިޔަސް، ޚާއްޞަ އެހީއަށް ބޭނުންވާ މީހަކަށްވިޔަސް އަދި މިނޫން ދިމާއަކަށްވިޔަސް، ހަމަހަމަ އުޞޫލަކީ ތިމާ ގަބޫލުކުރާ އުޞޫލެއް ކަމަށް.

އާދެ! އަޅުގަނޑު އުންމީދު ކުރަނީ، ތިޔަބޭފުޅުން ވަރަށް ކާމިޔާބު ބައްދަލުވުންތަކަކަށް މި ދާނެ ކަމަށް. އަދި ތިޔަބޭފުޅުން މީގެ ކާމިޔާބު ހޯއްދަވާނެ ކަމަށް. އަދި އަޅުގަނޑު އެއްވެސް ޝައްކެއްނެތް. ތިޔައިގެ ތެރެއިން ހުރިހާ ބޭފުޅުން، މީގެ ކާމިޔާބާއި ސަކްސަސް އެއީ، ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި އޮތް އެއްޗެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.


والســّلام عليــكم