ފަލަސްޠީނަށް އ.ދ.ގެ ނޮން-މެމްބަރ އޮބްޒަރވަރ ދައުލަތެއްގެ ދަރަޖަ ދިނުމަށް ފާސްކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާހާ މިއަދު ފޯނުން ގުޅުއްވައި އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި، މި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ފަލަސްޠީނުގެ ރައީސަށާއި ފަލަސްޠީނު ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެ ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި ފަލަސްޠީނަށްވެސް ފުރިހަމަ މިނިވަން ދައުލަތެއްގެ ޙައްޤު ލިބެންޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ގުޅުއްވާލެއްވީތީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މި ވޯޓު ކާމިޔާބު ކުރުމުގައި ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ.