އ.ދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް، އޮސްކާ ފަރނާންޑޭޒް-ޓެރެންކޯ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، އ.ދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލަށް މަޢުލޫމާތު ދެއްވިއެވެ. އަދި އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު، ވަރަށް އޮމާންކަމާއެކީގައި ކުރިއަށްދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އ.ދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، އ.ދ. ގެ އަބަދުވެސް އަމާޒަކީ ކޮންމެ ޤައުމެއްގައިވެސް ޑިމޮކްރަސީ ހަރުދަނާކުރުންކަން ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި އެޖަމްޢިއްޔާއިން ވެދެއްވެން އޮތް އެހީތެރިކަމެއް ފޯރުއްވައި ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.