ކަންކަން ނިންމުމުގެ ފުރްޞަތު އަންހެނުންނަށް ނުދީ، ޤައުމާއިގެން ކުރިއަށް ނުދެވޭނެ ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އަންހެން ކައުންސިލަރުންގެ ފޯރަމް 3 އިފްތިތާޙުކޮށްދެއްވުމަށް ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޤައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށްވާއިރު، ހަމަވިސްނޭ ކޮންމެ މީހަކުވެސް މިކަން ގަބޫލުކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަންހެނުން ބާރުވެރިކުރުވުމުގައި ދިމާވާ އެއް މައްސަލައަކީ، އެންމެފަހު ބަސް ބުނާ މަރްޙަލާގައި ހުންނަ އެކިއެކި މަޤާމުތައް އަންހެނުންނަށް ދިނުމަށް، ޖެހިލުންވާ ޖެހިލުވުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށް ރާއްޖޭގައި ވެރިކަން ކޮށްފައިވާ އެކި ސަރުކާރުންތަކުން ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، އަދި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތައްވެސް ހެދިފައި ހުރީ، އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ މައްޗަށް ރިޢާޔަތް ކޮށްގެން ކަމުގައި ވިދާޅުވިއެވެ. މިކަން މިހެން އޮތް ކަމުގައިވިޔަސް، މިކަން ރަނގަޅަށް ގެންދިޔުމަށްޓަކައި ބޭނުންވަނީ، ބައެއް ބޭފުޅުންގެ ވިސްނުމަށް ބަދަލެއް ގެނައުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އަންހެން ކައުންސިލް މެންބަރުން މަދުކަން ފާހަގަކުރައްވައި، މުހިންމު މަޤާމުތަކަށް އަންހެނުން ހަމަޖެއްސުމުގެ ބޭނުންތެރިކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ލޯކަލް ގަވަރނަންސް ނިޒާމު ޤާއިމު ކުރުމަށް ކުރެއްވި މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވުމަށް، އެ ނިޒާމު ޤާއިމު ކުރުމުގައި، ވަރަށްގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވިދާޅުވިއެވެ. އޭގެ ސަބަބަކީ އެ ނިޒާމަކީ ރާއްޖޭގައި ބޭނުންކުރެވޭނެ ނިޒާމެއް ނޫންކަން ބައެއް ފަރާތްތަކުން ގަބޫލު ކުރެއްވުން ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.