ބޭންކް އޮފް މޯލްޑިވްސްގެ ހިންގުމުގެ ތެރެއަށް ސަރުކާރުގެ ސިޔާސީ އެއްވެސް ނުފޫޒެއް ނުވައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއަށް 30 އަހަރު ފުރުމުގެ މުނާސަބަތުގައި ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމީ ބޭންކަކީ ޤައުމުގެ ވަރަށްގިނަ ބައެއްގެ އިތުބާރު އޮންނަންޖެހޭ ބޭންކެއް ކަމަށް ވިދާޅުވެ، އެ އިތުބާރު ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ބޭންކުން މަދު ބަޔަކު ފައިސާ ނަގައި، އެފައިސާ ނުދެއްކުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ބޭންކަށް ލިބިފައިވާ ކަމަށާއި، މިހެންވާން މިޖެހެނީ، ޕްރޮފެޝަނަލް ގޮތެއްގައި ވިޔަފާރިއާއި ބޭންކިންގ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިނގަންވާ މުއައްސަސާއެއްގެ ތެރެއަށް އެކިއެކި ސިޔާސީ ނުފޫޒުތައް ވަނުމުގެ ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޭންކް އޮފް މޯލްޑިވްސްއަކީ، ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައިވާ ބޭންކެއް ކަމަށް ވިދާޅުވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް މިއަދު އޮތީ ވަރަށް ހަރުދަނާ ފިޔަވަޅެއްގެ މަތީގައި ކަމަށާއި، އިރާދަކުރެއްވިއްޔާ، ބޭންކްގެ މުސްތަޤްބަލް އޮތީ ވަރަށް ރަނގަޅަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ވޭތުވެދިޔަ 30 އަހަރު ބޭންކުގައި ޚިދުމަތް ކުރައްވާފައިވާ ހުރިހާ ބޭފުޅުންގެ ވަރަށްބޮޑު ޙިއްޞާއެއް ބޭންކުގެ ކުރިއެރުމުގައިވާ ކަމަށް ވިދާޅުވެ، އެހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގައި މިއަދު ވަޒީފާ އަދާކުރައްވާ ބޭފުޅުންނަކީ، ވަރަށް ޕްރޮފެޝަނަލް ބޭފުޅުންކަން ފާހަގަކުރައްވަމުން، ބޭންކްގައި މަސައްކަތް ކުރެއްވުމުގެ ސަބަބުން އެބޭފުޅުންނަށް އިތުރު ކުރިއެރުމާއި ތަމްރީނު ލިބިވަޑައިގަތުމުގެ ފުރްޞަތު ހުޅުވިގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ބޭންކިންގގެ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިން ތަޢުލީމް ޙާޞިލްކުރާ ޒުވާނުން ބޭންކްގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ބޭންކް އޮފް މޯލްޑިވްސް ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު އެއް ތަނބަށްވެފައި ކަމަށާއި، ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ބޭންކްގެ ފަރާތުން ދެމުންގެންދާ ޚިދްމަތްތައް އެއީ ކޮންމެހެން ނުލިބި ނުވާނެ އެއްޗަކަށްވަނީ ވެފައި ކަމުގައިވެސް ވިދާޅުވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއަށް ފަހަކަށްއައިސް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، ރަނގަޅަށް ފައިދާވާ ކުންފުންޏަކަށް، އެ ބޭންކް ބަދަލުކުރެއްވުމަށް ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުގެ ބޭފުޅުންނާއި، ބޭންކްގެ މެނޭޖްމަންޓުން ކޮށްދެއްވާފައިވާ ޚިދްމަތްތައް ފާހަގަކުރައްވައި، އެހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހަނދާނީ ފިލައެއް އެރުވިއެވެ. މި ފިލާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ޑޮކްޓަރ ޢަބްދުﷲ ޝިހާމް ޙަސަނެވެ.
މިރޭގެ ރަސްމިއްޔާތުގައި، ބޭންކް އޮފް މޯލްޑިވްސްއަށް 15 އަހަރު ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށާއި، 20 އަހަރު ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށާއި، 25 އަހަރު ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށާއި، 30 އަހަރު ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް އެވޯޑް ދެއްވުން އޮތެވެ. 30 އަހަރު ޚިދްމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަށް ތަޢާރުފް ކުރެއްވި އާ އެވޯޑާއި، އިޖްތިމާޢީ ޒިންމާ އަދާކުރުމުގެ ގޮތުން، ބޭންކުން އަލަށް ފަށްޓަވާ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވިއެވެ.