بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއަރމަން ޑޮކްޓަރ ޢަބްދުﷲ ޝިހާމް، ބޯޑް އޮފް ޑިރެކްޓަރުން އަދި ބޭންކްގެ މެނެޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ މިސްޓަރ ޕީޓަރ ހޯޓަން އަދި މި ބޭންކްގެ ހީވާގި ސްޓާފުން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ މެހްމާނުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރެއަކީ ވަރަށް އުފާވެރި ރެއެއް. ދިވެހިރާއްޖޭގެ ޤައުމީ ބޭންކަށް 30 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރާ ރޭ. މިފަދަ މުއައްސަސާއެއްގެ އަހަރީ ދުވަހަކީ، އަބަދުވެސް އެ މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ޚިދުމަތް ޤަބޫލުކޮށް، އެ ރެކޮގްނައިޒް ކުރުމަށް އޮތް އެންމެ ރަނގަޅު އެއް ފުރުބަތު. އެގޮތުން މިރޭ މި ބޭންކްގައި 15 އަހަރަށްވުރެ ދިގު މުއްދަތަށް މަސައްކަތް ކޮށްދެއްވާފައި ތިއްބެވި އެކިއެކި މުވައްޒަފުންނަށް އެވޯޑުތައް ދެއްވި ކަމަށްޓަކައި އަޅުގަނޑު، ބޭންކްގެ ވެރިންނަށް ވަރަށްވެސް ޝުކުރު ދަންނަވަން. އަދި ހަމައެހެން މިރޭ އެ އެވޯޑުތައް ލިބިވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް ވަރަށް ހޫނު މަރްޙަބާއާއި ތަހުނިޔާ ދަންނަވަން.

އާދެ! މިއަދު ބޭންކް އޮފް މޯލްޑިވްސްއަށް 30 އަހަރު ފުރިގެން، އެކަމުގެ އުފާ އަޅުގަނޑުމެން ފާހަގަކުރާއިރުގައި، އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން، މިއަދު ބޭންކް އޮތީ ވަރަށް ހަރުދަނާ ފިޔަވަޅެއްގެ މަތީގައި. ބޭންކްގެ މުސްތަޤްބަލް އިރާދަކުރެއްވިއްޔާ އޮތީ ވަރަށް ރަނގަޅަށް. އާދެ! މި ބޭންކަކީ މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި، ތަރައްޤީ ކުރުމަށްޓަކައި ވަރަށް ބޮޑެތި ޚިދްމަތްތަކެއް ކޮށްދީފައިވާ ބޭންކެއް. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް އަގުބޮޑު، ވަރަށްރީތި ރިޒޯޓްތަކެއް ހެދި، އަދި ހަމައެހެން، މަސްވެރިކަމުގެ ދާއިރާގައިވެސް އެތަކެއް ދޯނިފަހަރު އުފެއްދި، އެ ދޯނިފަހަރުގައި އިންޖީނު އެޅި، އަދި ހަމައެހެން، މި މާލެއިން މިފެންނަ ރީތި ޢިމާރާތްތައް ޢިމާރާތް ކުރެވި، މިފަދަ ކިތަންމެ ތަރައްޤީގެ މަޝްރޫޢުތަކެއްގައި މި ބޭންކްގެ ފަރާތުން ވަނީ އެހީތެރިވެދީފައި. ވީމާ، ބޭންކުން އަޅުގަނޑުމެންގެ ދިވެހި ބޭންކުން ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ވަނީ ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައި. މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި، ތިޔަ މުވައްޒަފުން، އާދެ! މި ބޭންކުގައި މިހާތަނަށް މަސައްކަތް ކުރައްވައި ވަކިވެވަޑައިގެންފައި ތިއްބެވި ބޭފުޅުންވެސް، މީގައި ވަރަށްބޮޑު ޙިއްޞާއެއްވާކަން އަޅުގަނޑު ޤަބޫލުކުރަން. އެހެންވީމާ، އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރާ އަނެއް ކަމަކީ، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އިޖުތިމާޢީ ގޮތުން ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކުރަމުން ގެންދޭ. އަޅުގަނޑުމެންނަށް ކުއްލިއަކަށް އެކަން ނޭނގި އޮތުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގައި އެކިއެކި ކަންކަމުގައި ޢިނާޔަތް ލިބޭ ފަރާތްތަކަށް ޚާއްޞަކޮށް، ދުވަސްވީ މީހުންނަށް ދޭ ޢިނާޔަތްތައް ދިނުމުގައި، ބޭންކް މެދުވެރިކޮށް، ބޭންކުގެ ހީވާގި މުވައްޒަފުން، ކޮންމެ މަހަކު ރަށްރަށަށް ދަތުރުކޮށް، އަތުން އަތަށް މި ފައިސާ އެބަ ރައްދުކޮށްދޭ. މިއީކީ އެއްގޮތަކަށްވެސް ކުޑަކަމެއް ނޫން. މިކަން ބޭންކުން ކޮށްދެއްވަމުން ގެންދަވަނީ ވަރަށް ރަނގަޅަށް. އަޅުގަނޑު އަތޮޅުތެރެއަށް ކުރާ ދަތުރުތަކުގައި، ޢާންމުކޮށް އެކިއެކި ޢިނާޔަތްތައް ލިބޭ ފަރާތްތަކުން ސާފުކުރަން، އެ ޢިނާޔަތްތައް ބަރާބަރަށް ލިބެމުންދޭތޯ. އަޅުގަނޑު ދަންނަވާނީ، ވަރަށްމަދު ފަހަރެއްގައި މެނުވީ، އަބަދުވެސް އޮންނަނީ، އެ ޢިނާޔަތްތައް ރައްދުކުރެވިފައި. އެގޮތުން، އެމަސައްކަތް އެގޮތަށް ކުރުމަކީ އެއީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫން. އެކަމަށްޓަކައިވެސް އަޅުގަނޑު ބޭންކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އިޖްތިމާޢީ އިތުރު ޚިދުމަތެއްގެ ގޮތުގައި، ބޭންކުން އަލަށް ތަޢާރުފް ކުރާ ސީ.އެސް.އާރު ޕްރޮގްރާމަކީ، މުޖްތަމަޢަށް ފައިދާހުރި ޕްރޮގްރާމަކަށް ވެގެންދާނެ. އާދެ! މިވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި، މި ބޭންކް ވަނީ ދިވެހި ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމުގެ ގޮތުން، އާ ކިތަންމެ ކަންތައްތަކެއް ތަޢާރުފްކޮށްދީފައި. އެންމެފަހުން އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ، ބީ.އެމް.އެލް ލައިޓްގެ ނަމުގައި އާ ވައްތަރެއްގެ ބޭންކިންގ ބްރާންޗެއް ހުޅުވިގެންދިޔަތަން. އަޅުގަނޑަށް މިހާރު މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޭންކިންގ ޚިދުމަތް ދިނުމަށްޓަކައި އަދިވެސް އިތުރު އިނޮވޭޝަނެއް ތަޢާރުފް ކުރުމަށް މިހާރު ބޭންކުން ދަނީ ރާވަމުން. އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ތެރޭގައި، މިދެންނެވި ދެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލިބެމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! މިހާ ހިސާބަށް ބޭންކް އައިސްފައިވަނީ، ފަސޭހަ ގޮތަކަށް ނޫން. ބޭންކަށް ދިމާވި އެތައް ގޮންޖެހުންތަކެއް އެބަހުރި. މެނެޖިންގ ޑިރެކްޓަރގެ ވާހަކަފުޅުގައި، އެކަމަށް އިޝާރާތް ކުރެއްވި. ޤައުމީ ބޭންކަކީ އެއީ، ޤައުމުގެ ވަރަށްގިނަ ބައެއްގެ އިތުބާރު އޮންނަންޖެހޭ ބޭންކެއް. މި ބޭންކަކީ މިއީ ވަރަށްގިނަ ބައެއްގެ އަމާނާތްތަކެއް ރައްކާތެރިކޮށް ބަލަހައްޓާ ތަނެއް. ވަރަށްގިނަ ބަޔަކު ރެޔާ ދުވާލު މަސައްކަތްކޮށް، ދާއޮހޮރައިގެން ހޯދާ އާމްދަނީ، ކުދި ޢަދަދުތަކުން ފެށިގެން ބޮޑެތި ޢަދަދުތަކާ ހަމައަށް ބޭންކްގައި ރައްކާކުރަނީ ވަރަށްވެސް ފޮނި އުންމީދުތަކަކާ އެކީގައި. އެހެން ނަމަވެސް، މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ބޭންކުން މަދު ބަޔަކު، ބޭންކުން ފައިސާ ނަގައި، އެފައިސާ ނުދެއްކުމުގެ ސަބަބުން ބޭންކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. އަޅުގަނޑު ދަންނަވާނީ، މިހެންވާން މިޖެހެނީ، ޕްރޮފެޝަނަލްކޮށް ވިޔަފާރީގެ އުޞޫލުން، ބޭންކިންގ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިނގަންވާ މުއައްސަސާއެއްގެ ތެރެއަށް އެކިއެކި ސިޔާސީ ނުފޫޒުތައް ވަނުމުގެ ސަބަބުން ދިމާވާ ކަމެއް. ﷲ އިރާދަކުރެއްވީތީ، މިހާރު މިދެންނެވި އުނދަގޫތަކުން ބޭންކް ސަލާމަތްވުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތުގެ ނަތީޖާ ފެންނަމުން އެބަދޭ. އޭގެ ސަބަބުން މިއަހަރު ބޭންކްގެ ފައިދާ، ކުރީ އަހަރަށްވުރެ ރަނގަޅަށް ދައްކާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. އަދި އަޅުގަނޑު ދިވެހި ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ސަރުކާރުގެ އެއްވެސް ސިޔާސީ ނުފޫޒެއް މި ބޭންކް ހިންގުމުގެ ތެރެއަށް އަޅުގަނޑުމެން ނުވައްދާނެ ވާހަކަ.

އާދެ! ދިވެހި ބޭންކްގެ ވެރިންނަށް އަޅުގަނޑު ވަރަށް ޝުކުރު އަދާކުރަންޖެހޭ އެހެން ކަމެއް އެބައޮތް. އެއީ މި ބޭންކަކީ މިއީ ގާތްގަނޑަކަށް ދަންނަވާނަމަ، ސަތޭކައަކުންސަތޭކަ ބޭންކެއް. މުޅިން އެހެން ނުވިނަމަވެސް، ދިވެހި މުވައްޒަފުން މަސައްކަތްކުރާ ބޭންކެއް. 99 ޕަސެންޓަށްވުރެ މަތީ ދަރަޖައަކަށް، މި ބޭންކުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ، އަޅުގަނޑުމެންގެ ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުން. އަދި ބޭންކަކީ ވަރަށް ޕްރޮފެޝަނަލްކޮށް، ވަރަށް މަތީ ތަޢުލީމް ލިބިފައި ތިބި ދިވެހިންތަކެއް މަސައްކަތް ކުރަމުންދާ ތަނެއް. ބޭންކުގައި މަސައްކަތް ކުރުމުގެ ސަބަބުން، އެބޭފުޅުންގެ ކެރިއަރއަށް އިތުރު ކުރިއެރުމެއް ލިބި، އިތުރު ތަމްރީނު ލިބި، ޕްރޮފެޝަނަލް ބަޔަކަށްވުމުގެ ފުރުޞަތުތައް ހުޅުވިގެންދާ ތަނެއް. އެހެންވީމާ، އެ ފުރުޞަތު ލިބެމުންދާ ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ތާނގައިވެސް ބޭންކިންގގެ ދާއިރާގައި އަދި ވިޔަފާރީގެ ދާއިރާގައި ކިޔަވާ ޒުވާނުން މި ބޭންކަށް މަސައްކަތް ކުރުމަށް ޝައުޤުވެރިވާނެ ކަމަށް.

އާދެ! ވަރަށް މަދު މުވައްޒަފުންކޮޅަކާއެކީގައި، 30 އަހަރުގެ ކުރިން މި ބޭންކް އުފެދުނީ. ގާތްގަނޑަކަށް ބާރަވަރަކަށް، ދިހަވަރަކަށް މުވައްޒަފުންނާއެކީގައި. މިއަދު މި ބޭންކް މިވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު އެއް ތަނބު ކަމަށްވެފައި. ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި މި ބޭންކްގެ ފަރާތުން ދެމުންގެންދާ ޚިދުމަތްތައް އެއީ، ކޮންމެހެން ނުލިބި ނުވާނެ އެއްޗަކަށްވެފައި.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މި ބޭންކަށް ފަހަކަށްއައިސް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، ރަނގަޅަށް ފައިދާވާ ކުންފުންޏަކަށް ބޭންކް އޮފް މޯލްޑިވްސް ބަދަލުކުރުމުގައި، ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުގެ ބޭފުޅުންނާއި، މެނޭޖްމަންޓް އަދި ޚާއްޞަކޮށް، ބޭންކްގެ މެނެޖިންގ ޑިރެކްޓަރާއި، ޑެޕިއުޓީ މެނެޖިންގ ޑިރެކްޓަރ މި ބޭންކަށް ކޮށްދެއްވާފައިވާ ޚިދުމަތް، ވަރަށް ޝުކުރުވެރިކަމާއެކީ އަޅުގަނޑު ފާހަގަކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ބޭންކް އޮފް މޯލްޑިވްސްއަށް އިތުރު ކުރިއެރުން ލިބުން. އަދި ދިވެހިރާއްޖޭގެ ވިޔަފާރިއަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ލިބެމުންދާ ޚިދުމަތް، ދުވަހަކަށްވުރެ ދުވަހެއް ފުޅާވެ، ފައިދާކުރަމުން ދިޔުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.