بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ގުޅީގެ ލޮބުވެތި އަޚުންނާއި އުޚުތުން، ރައްޔިތުންގެ މަޖިލީހުގެ މިދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު އިބްރާހީމް ރިޒާ، ގުޅީ ކައުންސިލްގެ ރައީސް އަދި މިއަތޮޅު ކައުންސިލްގެ ރައީސް، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު މިރަށަށް އާދެވުމާއެކީގައި، މިރަށުގެ ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އުފަލާއެކު ޝުކުރު ދަންނަވަން. މިރަށުގެ ކުދިބޮޑު އެންމެހާ ބޭފުޅުން ނުކުމެވަޑައިގެން، އަޅުގަނޑުމެންނާ ބައްދަލުކުރައްވައި، އެކަމުގައި އަޅުގަނޑުމެންނަށް ތިޔަ ދެއްކެވި މެހްމާންދާރީއާއި، ރަޙްމަތްތެރިކަމާއި، ލޯތްބާއި ތަރުޙީބަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކޮށްފިން. އަދި މިރަށުން މިވީ ކުޑަވަގުތުކޮޅުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ، މިރަށަކީ ވަރަށް ހިތްހެޔޮ، ވަރަށް އުޚުއްވަތްތެރި، ވަރަށް އެއްބައިވަންތަ ރައްޔިތެއް ދިރިއުޅޭ ރަށެއްކަން. ހުރިހާ ރަށެއްގައިވެސް މިހާރު އެކި ތަފާތު ފިކުރުގެ ބޭފުޅުން އުޅުއްވާ. އަޅުގަނޑަށް ހަމަ ޔަޤީން، މިރަށުގައިވެސް ތިއްބަވާނެ، ތަފާތު ފިކުރުގެ ބޭފުޅުން. އެހެން ނަމަވެސް، އެކަހަލަ އެއްވެސް ތަފާތެއް ނުދައްކަވައި، އަޅުގަނޑުމެން އައުމުން، ހަމަ ހުރިހާ ރައްޔިތުން ވަރަށް އެކުވެރިކަމާއެކީގައި ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ތި މަރްޙަބާ ވިދާޅުވީ. އަޅުގަނޑު ދަންނަވާނީ، މިއީ އަޅުގަނޑުމެން އެންމެން ވަރަށް އުފާކުރާ ކަމެކޭ.

ރަށެއްގެ ތަރައްޤީ ބިނާވެފައިވަނީ، އެރަށެއްގެ ރައްޔިތުންގެ މެދުގައި އޮންނަ އެއްބާރުލުމާއި އެއްބައިވަންތަކަމެއްގެ މައްޗަށް. މިރަށަކީ ކުޑަ ރަށެއް ކަމުގައިވިނަމަވެސް، މި ރަށުގެ ރައްޔިތުންގެ މުރާލިކަމާއި، ރައްޔިތުންގެ ހިތްވަރުން މިހާތަނަށްވެސް މިރަށުގެ ތަރައްޤީއަށް ލިބިފައިވާ ކުރިއެރުމެއް ލިބިފައި މިވަނީ. އަޅުގަނޑު، މާލެއަތޮޅުގެ ދެކުނުގައި އޮތް މީހުން އުޅޭ ތިން ރަށަށް އިއްޔެއާއި މިއަދު މި ޒިޔާރަތްކުރީ. މި ތިން ރަށުގެ ހާލަތު އަޅުގަނޑު ދަންނަވާނީ، ހަމަ އަޅުގަނޑަށް މިފެންނަނީ ގާތްގަނޑަކަށް އެއްގޮތަކަށޭ. މާލެއާ ވަރަށް ގާތުގައި އޮތް، ގާތްގަނޑަކަށް ސާޅީސް ފަސްމިނެޓުން، ގަޑިއެއްގެއިރުން ދެވޭ ތިން ރަށް މިއީ. އެހެން ނަމަވެސް، މިރަށްރަށުގެ ތަރައްޤީ މިހިރީ އެއްގޮތަކަށްވެސް މާލޭ ކައިރީގައި ހުންނަ ރަށްރަށާ ދޭތެރޭގައި މީހުން ދެކޭގޮތަކަށް ނޫން. ވަރަށްބޮޑު ތަފާތު ފެނިގެން މިދަނީ. މާލޭގައި އަޅުގަނޑުމެންނަށް މިފެންނަ ތަރައްޤީއާއި މިރަށްރަށުގެ ކުރިއެރުން. ކުރިންދިޔަ ދެރަށުގައި ނަރުދަމާވަނީ ޤާއިމް ކުރެވިފައި. އެކަމަކު މިރަށަކު ނަރުދަމާ ހެދިފައެއް ނެތް. މިރަށުގައި ބޯފެނުގެ ނިޒާމެއް ޤާއިމް ކުރެވިފައެއް ނެތް. ދެން ކަރަންޓް އެބަހުރި. އެހެން ނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި، އަސާސީ ޚިދުމަތްތަކުގެ ތެރޭގައި، އެންމެބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ކަންކަމަކީ، ނަރުދަމާގެ ނިޒާމާއި، ބޯފެނާއި، ކަރަންޓް. އަދި ހަމައެހެން، ލަފާފުރުމުގެ ފަސޭހަކަން.

މިރަށުގައި ތިޔަބޭފުޅުންނަށް އެންމެ ބޮޑަށް އުނދަގޫވާ އެއްކަމެއް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ، މިރަށުގެ ބަނދަރުގެ މައްސަލަ. ހުޅަނގު މޫސުމުގައި މިރަށުގައި ލަފާފުރުމަކީ އެއީ، ވަރަށް އުނދަގޫ ކަމަކަށްވެފައި މިއޮންނަނީ. އެއީ، މިރަށުގެ ބަނދަރުގެ ބޭރުތޮށި ހަލާކުވެފައި އޮތުމުގެ ސަބަބުން. އެހެންވީމާ، އަޅުގަނޑު މި އުންމީދު ކުރަނީ، މި ކުރިއަށް އޮތް އަހަރުގެ ތެރޭގައި، މިރަށުގެ ބަނދަރުގެ ބޭރުތޮށި ލެވޭނެ ކަމަށް. އިރާދަކުރެއްވިއްޔާ، އެކަން ކުރެވޭނެ. އާދެ! އޭރުން ކޮންމެވެސްވަރެއްގެ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ދެން މީގެކުރިންދިޔަ ރަށެކޭވެސް އެއްފަދައިން، މާލެއާ ކައިރިވުމުގެ ސަބަބުން މާލެއަތޮޅުގެ ތެރޭގައި މިހިރީ ގިނަ ރިޒޯޓުތައް. އެހެންވީމާ، ވަރަށްގިނަ ޢަދަދެއްގެ ބޭރުގެ ފަތުރުވެރިން މި ރަށްތަކަށް އަންނަމުން އެބަދޭ. އަޅުގަނޑަށް ޔަޤީންކުރެވޭ ގޮތުގައި، މިރަށަށްވެސް ކޮންމެވެސް ވަރަކަށް ފަތުރުވެރިން އަންނާނެ. އެހެން ނަމަވެސް، މިރަށްރަށަށް ފަތުރުވެރިކަމުގެ ސަބަބުން ލިބެންވާ ކުރިއެރުން ލިބިފައި އޮތް ކަމަކަށް ނުފެނޭ، ބަލާ ބެލުމަކުންނެއް. ފަތުރުވެރިކަމުގެ ސަބަބުން މިރަށްރަށަށް ވަންނަންވާ އާމްދަނީވެސް މިރަށްރަށަކަށް ނުވަދޭ. އެހެންނޫނީ ކަންތައް ހުންނާނީ މިހެނެއް ނޫން. ރައްޔިތުންގެ އާމްދަނީ ރަނގަޅުވުމުން، ރައްޔިތުން އަމިއްލައަށް މީގެކުރިންވެސް އެރަށްރަށުގައި ރައްޔިތުން ކޮށްފައި ހުންނަ މަސައްކަތް އެ ހުންނަނީ. ރައްޔިތުންގެ އަމިއްލަ މަސައްކަތުން އެބަހުރި ސްކޫލްގެ ޢިމާރާތްތައްވެސް ކޮށްފައި. އެކިއެކި މަރުކަޒުތައްވެސް ހަދާފައި. އަދި ބައެއް ރަށްރަށުގައި އަމިއްލައަށް ނަރުދަމާވެސް އަޅާފައި އެބަހުރި. މިބާވަތުގެ ކަންތައް ކުރެވޭނީ، ރައްޔިތުންގެ އާމްދަނީ ރަނގަޅުވެގެން. އާމްދަނީ ލިބޭނެ ގޮތްގޮތް ހުރެގެން. އެހެންނަމަވެސް، އެކަން ކުރުމަށްޓަކައި ކޮންމެވެސްކަހަލަ އެހީތެރިކަމެއްވެސް އެބަ ބޭނުންވޭ. އެގޮތުން އެންމެ ފުރަތަމަ އެއްކަންތައް، ބަނދަރު ރަނގަޅުވުން. އޭރުން މީހުންނަށް މިތަނަށް އާދެވޭނީ.

ދެން އޭގެއިތުރުން، މިރަށްރަށުގައިވެސް ފަތުރުވެރިންނަށް އަމާޒުކޮށްގެން ދެވޭ ޚިދުމަތްތަކެއްވެސް ހުރުން އެއީ މުހިންމު ކަމެއް. އެގޮތުން، ފަތުރުވެރިން އައިސް، އެމީހުންނަށް ގަންނާނެ ތަކެތި ލިބެން ހުރުން، ރާއްޖޭގެ އެކިއެކި އުފެއްދުންތައް އެމީހުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ހުރުން. އޭރުން ކޮންމެވެސްވަރެއްގެ ވިޔަފާރިއެއްވެސް މިރަށުގައި ހިނގާނެ. އަދި މިހާރު މިއަތޮޅުން އަޅުގަނޑުމެންނަށް މިފެންނަނީ ގެސްޓްހައުސް ހަދައިގެން، ގެސްޓްހައުސްތަކުގައިވެސް ޓުއަރިސްޓުން ތިބޭތަން. އެހެންވީމާ، ގެސްޓްހައުސް ހެދުމުގެ ކަންތަކުގައިވެސް ރަށްރަށަށް ކޮންމެވެސް ކަހަލަ ލުޔެއް ލިބި، އެހީތެރިކަމެއް ލިބޭނަމަ، އެރަށްރަށުގައި ތިބޭ މީހުންގެ ޢަދަދުވެސް ގިނަވެގެންދާނެ. އަދި މިހާރު އެހެން ތިބޭ ރަށްރަށުގައިވެސް، މިސާލަކަށް، އަޅުގަނޑުމެން މިދިޔައީ މާފުށްޓަށާއި މިއަދު ގުރައިދުއަށް. މި ދެރަށުގައިވެސް ފަތުރުވެރިންގެ ފަރާތުން ލިބޭނެ ކޮންމެވެސް އާމްދަނީއެއް، ރަށަށް ލިބޭނެ އާމްދަނީއެއް އޮންނަ ކަމަށްވާނަމަ، ރަށުގެ ތަރައްޤީ މިހާރަށްވުރެ ރަނގަޅުވެދާނެ ކަމަށް ޔަޤީންކުރެވޭ. އެހެންވީމާ، އެކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. އިރާދަކުރެއްވިއްޔާ، މިނިސްޓްރީ އޮފް ޓުއަރިޒަމާއެކުގައި އަޅުގަނޑުމެން ވިސްނައި، މި ތިން ރަށަށްވެސް އަދި މާލެއަތޮޅުގެ އެހެން ރަށްރަށަށްވެސް ފަތުރުވެރިކަމުގެ ސަބަބުން މިހާރަށްވުރެ ރަނގަޅު ފައިދާއެއް ލިބޭނެ ގޮތްތަކެއް އޮތްތޯ އަޅުގަނޑުމެން ވިސްނައި، އެކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން.

އާދެ! ވަރަށް ކުދި ރަށްރަށް މިއީ. އެހެން ނަމަވެސް، މިއިން ކޮންމެ ރަށަކުންވެސް އަޅުގަނޑަށް އަނެއްކާވެސް މިފެންނަނީވެސް، ހަމަ މިރަށުންވެސް މިފެންނަނީ، މިރަށުގެ އަޞްލު އާބާދީއަށްވުރެ ދިރިއުޅޭ މީހުންގެ ޢަދަދު ގިނަވެގެންދާތަން. ކުރިންދިޔަ ދެރަށުގައިވެސް، ދެން މިރަށުގައިވެސް، ދެން އަޅުގަނޑަށް މިހާރު ލަފާކުރެވެނީ، މާލެއަތޮޅުގެ އެހެން ރަށްރަށްވެސް ހަމަ އެގޮތަށް ކަމަށް އޮންނާނީ. އެރަށެއްގެ އާބާދީއަށްވުރެ މާބޮޑުތަން މިއޮންނަނީ މީހުން އުޅޭ ޢަދަދު ގިނަވެފައި. އޭގެ ސަބަބަކީ، އެހެން ރަށްރަށުން މީހުން އައިސް، މިރަށުގައި އުޅުން. އަދި ހަމައެހެން، އެކިއެކި މަސައްކަތްކުރަން މީހުން އައިސް މިތާނގައި ތިބުން. މިރަށުގައިވެސް ފުދޭވަރެއްގެ ބޮޑު ޞިނާޢީ މަސައްކަތެއް ހިނގަމުން އެބަދޭ. އެހެންވީމާ، އޭގެ ސަބަބުން މިރަށުގައިވެސް ބޭރުން އައިސް ތިބޭ ބަޔަކު އެބަތިބޭ. އާބާދީ އިތުރުވުމުގެ ސަބަބުން ތަނަށް ދިރުންވެސް ލިބޭ. ނަމަވެސް، ހަމައެއާއެކީގައި، މީހުން ގިނަވުމުގެ ސަބަބުން ނިކުންނަ ދަތިތައްވެސް އެބަހުރި. އެހެންވީމާ، މިއިން ކޮންމެ ރަށެއް މިވަނީ މިހާރު އާބާދީ ވަރަށް ބޮޑަށް ބޮޑުވެ، ރަށް ފުރިފައި. މިރަށުގައިވެސް ތަނެއް ނެތް. އެހެންވީމާ، މިހުރިހާ ރަށަކަށްވެސް އެބަޖެހޭ އަޅުގަނޑުމެން ވިސްނަން، ކިހިނެއްތޯ ހަދާނީ. ކިހިނެއްތޯ ބިން ދޫކުރާނީ. ކިހިނެއްތޯ ގިނަ ބޮޑު އާބާދީ ތަންތާނގައި އަރާމުގައި ފަސޭހަކަމާއެކީގައި ދިރިއުޅެވޭނީ. އެހެންވީމާ، އެކަންވެސް އެއީ އަޅުގަނޑުމެން މިހާރު ތަންކޮޅެއް ބޮޑަށް ދިރާސާކޮށްގެން، ރަނގަޅު ކުރެވޭތޯ ބަލަން ޖެހިފައި އޮތް ކަމެއް.

އާބާދީ ގިނަވުމުގެ ސަބަބުން އަރާ ކުރިއެރުމަކާ އެއްވަރަށް އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ، އޭގެ ސަބަބުން ނިކުމެދާނެ އެހެންކަހަލަ މައްސަލަތަކަށްވެސް. ޚާއްޞަކޮށް، އެކިއެކި އިޖުތިމާޢީ މައްސަލަތަކަށްވެސް. މިރަށަށް ވިސްނާއިރުގައި، މިރަށަކީ ވަރަށް އާދަޔާ ޚިލާފު ރަށެއް. އެއީ ކީއްވެގެންތޯ؟ އެއީ އަޅުގަނޑަށް ލިބިފައި ހުރި ތަފާސް ހިސާބު ދައްކާ ގޮތުގައިވިއްޔާ، މިވޭތުވެދިޔަ ދެއަހަރުގައިވެސް މިރަށުގެ ރައްޔިތުންނަކީ ކުށްކުރާ ބައެއް ނޫން. އެއްގޮތަކަށްވެސް މިރަށަކުން މީހުން މަސްތުވާތަކެތި ބޭނުންކޮށްގެން، އެމީހުން ބަންދުކުރަންޖެހި، ގޭގެއިން ވައްކަން ކުރާތީ ބަންދުކުރަންޖެހި، މިކަހަލަ ކަމެއް ކުރާކަށް ނުޖެހޭ މިރަށަކު. މިއީ ވަރަށް އާދަޔާ ޚިލާފު ކަމެއް. އެހެންވީމާ، އެހާ ރަނގަޅު ރައްޔިތެއް އުޅޭ ރަށަކަށްވީތީ، ތިޔަ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ތަޢުރީފުކޮށް މަރްޙަބާ ދަންނަވަން. އާބާދީ ގިނަވެގެންދާއިރުގައިވެސް، އަޅުގަނޑު ހީކުރަން، އަޅުގަނޑުމެންނަށް އެގޮތަށް މިރަށުގެ އަޚްލާޤީ ކަންތައްތައް، ސްލޫކީ ކަންތައްތައް ދެމެހެއްޓޭނެ ކަމަށް.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ތާނގައި، ސަރުކާރުގެ ފަރާތުން މިވޭތުވެދިޔަ ތަނަށްވުރެ ރަނގަޅަށް، މިރަށާ ދޭތެރޭގައި ކަންތައް ކޮށްދެވޭނެ ކަމަށް. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމުން މިދަނީ، އަޅުގަނޑުދާ ހުރިހާ ތަނެއްގައިވެސް، ކުރިއާ އެއްގޮތަކަށް އަޅުގަނޑުމެން ކަންތައްތައް ނުކުރާނަމޭ. ވަކި ޕާޓީއެއްގެ ކައުންސިލެއް އޮންނާތީ، ނޫނީ ވަކި ކުލައެއްގެ ދިދަތަކެއް ހުންނާތީ، އެހެންވެގެން އަޅުގަނޑުމެން އެރަށަށް އަހަންމިއްޔަތުދީ، ނޫނީ އަހަންމިއްޔަތު ނުދީ، މި ތަފާތުތަކެއް އަޅުގަނޑުމެން ނުގެންގުޅޭނަމޭ. އިރާދަކުރެއްވިއްޔާ، ދައުލަތުގެ ފޯރުންތެރިކަން ހުރިވަރަކުން އަޅުގަނޑުމެން ކޮންމެ ރަށަކަށްވެސް، އެރަށަކަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތައް ކޮށްދެވޭތޯ މަސައްކަތް ކުރަމުން ގެންދާނަން. އެކަން އަޅުގަނޑުމެން ކުރާނީ، ވީހާވެސް އިންޞާފުވެރިކަމާއި، ހަމަހަމަކަމާއި އަދި އެއްވެސް ތަފާތެއް ނެތް ގޮތެއްގައި.

އެހެންވީމާ، މިދެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ، މިރަށުގައިވެސް ކުރަންހުރި އަސާސީ ކަންތައްތައް ފާހަގަކޮށް، ކަމަކަށްފަހު ކަމެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރަމުން ގެންދާނަން. އެގޮތުން، ފުރަތަމަ ބަނދަރުގެ ކަންތައްތައް. ދެން ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ، ބަނދަރުގެ ތޮށިލުމުގެ ކަންތައް ފެށިގެން، އެކަން ކުރިއަށްދާނެ. ދެންވެސް ހުރި ކަންކަން އަޅުގަނޑުމެން ބަލާނަން. މިރަށުގައި ނަރުދަމާގެ ކަންތައްވެސް ހަމަޖެއްސޭތޯ. އަދި ހަމައެހެން، ބޯފެނުގެ ކަންތައްވެސް ހަމަޖެއްސޭތޯ. ކަނޑައެޅިގެން މިވަގުތު އަޅުގަނޑަށް ދަންނަވާކަށް ނުކެރޭނެ، މިދެންނެވި ދެކަންތައް ފެށޭނެ ތާރީޚެއް. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، އެކަންވެސް ލަހެއްނުވެ ކުރެވޭނެ ގޮތެއް ހޯދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ! އަދިވެސް އެއްފަހަރު، އަޅުގަނޑުމެން މިރަށަށް އައުމުން، ތިޔަ ހުރިހާ ބޭފުޅުން ތިޔަ ވިދާޅުވި ހޫނު ތަރުޙީބަށްޓަކައި، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ގަބޫލުކުރަން، ތިޔަބޭފުޅުންގެ ހިތްހެޔޮކަމާއި، އިޚްލާޞްތެރިކަން އަޅުގަނޑުމެންނަށް މިއަދު ފެނިއްޖެ ކަމަށް. އަދި ހަމައެހެން، މިތަނަށް މިވަގުތު ތިޔަބޭފުޅުން ވަޑައިގަތް، އަޅުގަނޑުމެންނާ ބައްދަލުކޮށްލެއްވި ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ހެޔޮ ދުޢާއަކީ، اللّـه سبحـانـه وتعـالى ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ރަޙްމަތް ލެއްވުން. އަދި ތިޔަ ހުރިހާ ބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއި ފާގަތިކަމާ އެކީގައި ދިރިއުޅުއްވާ ރައްޔިތެއް ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه