އެއިޑްސްއަށް އޮތް އެންމެބޮޑު އެއްޙައްލަކީ، މި ނުރައްކާތެރި ބަލިން ސަލާމަތްވުމަށް، މިބައްޔާމެދު ހޭލުންތެރިކުރުވުން ކަމަށާއި، މިއީ ސަރުކާރާއި، އަމިއްލަ ޖަމާޢަތްތަކާއި ފަރުދީގޮތުންވެސް އެންމެހާ ފަރާތްތައް ގުޅި ލާމެހިގެން، ވަރަށް އެކުވެރިކަމާއެކު ކުރިއަށް ގެންދަން ޖެހިފައިވާ، އިޖުތިމާޢީ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން، ނޭޝަނަލް ޑްރަގް އޭޖެންސީން އިސްނަންގަވައިގެން، ޖޯންކީލްސްއާއި ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިސީޒް ކޮންޓްރޯލްއާ ގުޅިގެން، އެއިޑްސް ބައްޔާއި މަސްތުވާތަކެއްޗާ ހުރި ގުޅުމާ ބެހޭގޮތުން ހިންގެވި އެއްދުވަހުގެ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، އެއިޑްސް ބައްޔަށް ދާއިމީ ޙައްލެއް ނުވަތަ ދާއިމީ ޝިފާއެއް ހޯދުމަށް ދުނިޔެ މިވަނީ ނުކުޅެދިފައިކަން ފާހަގަކުރައްވަމުން، އެމަގުން ކާމިޔާބީއަށް އެދި ކުރިއަށް ވަޑައިގަތުމަށް، އެޕްރޮގްރާމްގެ އެންމެހާ ބައިވެރިންނަށް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ.

އެއިޑްސްއާއި މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއަކީ، މިކުޑަކުޑަ ދިވެހިރާއްޖެއަށްވެސް މިހާރު ކުރިމަތިވެފައިވާ، އަދި އަވަސް ޙައްލެއް ބޭނުންވެފައިވާ ޤައުމީ މައްސަލައެއް ކަމުގައި ވިދާޅުވަމުން، އެއިޑްސް ބައްޔަށް އަމާޒުހިފާ ނުރައްކާތެރި އެތައް ކަމެއް، ދިވެހި ޒުވާނުންގެ ކިބައިން ފެންނަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވިޔަސް، އަދުގެ ޒުވާނުންގެ ތެރޭގައި އުފެދެމުން އަންނަ ލާދީނީ އޮއިވަރުތަކާއި ވިސްނުންތަކުގެ ސަބަބުން، ދީނީގޮތުން އަންގަވާފައިވާ ރިވެތި އުޞޫލުތައް ދޫކޮށް، ލާދީނީ އޮއިވަރުތަކަށް ޒުވާނުން ހެއްލެން ފަށާފައިވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. މިގޮތުން، އެއިޑްސް ބަލި ފެތުރުމުގައި ދިވެހިރާއްޖެއަށް މިހާރު އެންމެ ނުރައްކާތެރިކަން ބޮޑުވެފައި މިވަނީ، ހަށިގަނޑުގެ ތެރެއަށް އިންޖެކްޓްކޮށްގެން، ޒުވާނުން މަސްތުވާތަކެތި ބޭނުންކުރުން ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.