މާލެއަތޮޅުގެ ހުރިހާ ރަށަކަށްވެސް ފަތުރުވެރިކަމުގެ ސަބަބުން މިހާރަށްވުރެ ރަނގަޅު ފައިދާއެއް ލިބޭނެ ގޮތްތަކަކާ ދޭތެރޭގައި ވިސްނާވަޑައިގެން، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރާއެކު، އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލެއަތޮޅު ގުޅިއަށް ވަޑައިގެން، މިއަދު ހަވީރު ގުޅީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މާލެއަތޮޅުގައި ގިނަ ޢަދަދެއްގެ ރިޒޯޓްތައް ހުރި ކަމުގައިވިޔަސްވެސް، ފަތުރުވެރިކަމުގެ ސަބަބުން އެރަށްރަށަށް ލިބެންވާ ކުރިއެރުން ޙަޤީޤަތުގައި ލިބިފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގުޅިއަކީ ވަރަށް ހިތްހެޔޮ، އުޚުއްވަތްތެރި އަދި ވަރަށް އެއްބައިވަންތަ ރައްޔިތަކު ދިރިއުޅުއްވާ ރަށެއްކަން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ރައްޔިތުންގެ ތެރޭގައި ތަފާތު ފިކުރުގެ ބޭފުޅުން ތިއްބެވި ކަމުގައިވިޔަސް، އެއްވެސް ކަހަލަ ތަފާތެއް ނުބަހައްޓަވައި، ހުރިހާ ރައްޔިތުން ވަރަށް އެކުވެރިކަމާ އެކީގައި ނުކުމެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ވިދާޅުވިކަން އެއީ އެމަނިކުފާނު ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރަށުގެ ތަރައްޤީ ބިނާވެފައިވަނީ، އެރަށެއްގެ ރައްޔިތުންގެ މެދުގައި އޮންނަ އެއްބާރުލުމާއި އެއްބައިވަންތަކަމުގެ މައްޗަށް ކަމަށާއި، ގުޅިއަކީ ކުޑަ ރަށެއް ކަމުގައިވީނަމަވެސް، އެރަށަށް ލިބިފައިވާ ކުރިއެރުމެއް ލިބިފައިވަނީ، ރަށުގެ ރައްޔިތުންގެ މުރާލިކަމާއި ހިތްވަރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގުޅިއަކީ ވަރަށް އާދަޔާ ޚިލާފު ރަށެއް ކަމާއި، މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައިވެސް އެއްވެސް ބާވަތެއްގެ ކުށެއް، އެރަށުގެ ރައްޔިތަކު ކޮށްފައިނުވާކަން ފާހަގަކުރައްވައި، އެކަމަށް ތަޢުރީފު ކުރެއްވިއެވެ. އަދި ރަށުގެ އާބާދީ އިތުރުވަމުންދާއިރުވެސް ރަށުގެ ރައްޔިތުންގެ އަޚްލާޤާއި ސުލޫކީ މިންގަނޑު، އެގޮތުގައި ދަމަހައްޓަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގުޅީ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ އެއްކަމަކީ، ބަނދަރުގެ ބޭރުތޮށީގެ މައްސަލަކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ބަނދަރުގެ ބޭރުތޮށި ލެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.