ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މާލެއަތޮޅު ގުރައިދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ގުރައިދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ގުރައިދުއަކީ އާބާދީ ބޮޑު ރަށެއްކަމާއި، ވަރަށް ބޮޑަށް ފުރިފައިވާ ރަށެއްކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރަށުގެ އާބާދީ ބޮޑުކަމުގައިވިޔަސް، ރަށުގެ މީހުން އެހެން ރަށަކަށް ބަދަލުކުރުމަކީ ޙައްލެއް ނޫން ކަމަށާއި، ރަށް ތަނަވަސް ކުރުމުގެ ސިޔާސަތުގެ ދަށުން ރަށުގެ ބިން ބޮޑުކޮށް، ނަރުދަމާގެ ނިޒާމެއް ޤާއިމްކޮށް، ކުނި ނައްތާލުމުގެ ނިޒާމެއްވެސް ޤާއިމްކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ގުރައިދުއަކީ ރާއްޖޭގެ މޫނުމަތި ދައްކައިދޭ އެއްރަށް ކަމަށާއި، ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ ޢަދަދެއްގެ ފަތުރުވެރިން ގުރައިދުއަށް ޒިޔާރަތް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، ޤައުމުގެ މޫނުމަތި ފެންނަން ޖެހޭނީ، ތަނަވަސް ރަށެއްގެ ގޮތުގައި ކަމަށާއި، މާލެއަތޮޅުގައި މީހުން އުޅޭ، އާބާދީ ގިނަ އެހެން ރަށްރަށަށްވެސް އިތުރު ސަމާލުކަމެއްދީގެން މަސައްކަތް ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުން ވަކިރަށަކަށް، ވަކި ޕާޓީއަކަށް، ވަކިބަޔަކަށް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށާއި، ސަރުކާރުން ކުރައްވަންޖެހޭ ކަންތައްތައް، ހުރިހާ ރަށަކަށްވެސް ވީހާވެސް އިންޞާފުވެރިކަމާއި ޢަދުލުވެރިކަމާއި ހަމަހަމަކަމާއެކު ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ބައެއް ކަންކަމުގެ މައްޗަށް ބައްލަވާލައްވައި، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ގުރައިދޫ ޞިއްޙީ މަރްކަޒުގެ ޚިދްމަތް، މިހާރަށްވުރެ ފުޅާކޮށް، ޚިދްމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ރަށުގެ ބަނދަރުވެސް ހެދޭނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މިހާރު ޢިމާރާތް ކުރަން ފެށިފައިވާ މިސްކިތްވެސް، އަންނަ އަހަރުގެ ތެރޭގައި ނިމޭވަރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މާލެއަތޮޅު ގުރައިދުއަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ. އެރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ގުރައިދޫން ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރައްވާނީ ގުޅިއަށެވެ. ގުޅިއަށް ވަޑައިގެން، އެރަށު ރައްޔިތުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.