އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދަރު ކުމާރު ގުޖްރާލް އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޑިއާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، މި ޚަބަރު އެއްސެވީ ވަރަށް ފުންހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި  ބޮޑުވަޒީރު ގުޖްރާލްގެ ޢާއިލާގެ މެންބަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، އިންދަރު ކުމާރު ގުޖްރާލްގެ ކުލަގަދަ އަދި ދިގު ސިޔާސީ ޙަޔާތްޕުޅުގައި، އިންޑިއާއަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނުގެ ހަނދާންތައް އަބަދަށް ދެމިހުންނާނެ ކަމުގައި ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރުކަން އިންދަރު ކުމާރު ގުޖުރާލް ކުރައްވާފައިވަނީ 22 އޭޕްރިލް 1997ން 19 މާޗް 1998 އަށެވެ. 1997 ވަނަ އަހަރުގެ މެއިމަހު ރާއްޖޭގައި ބޭއްވުނު ސާކް ސަމިޓްގައި ގުޖުރާލްވަނީ ބައިވެރިވެވަޑައިގެންފައެވެ.