ފަލަސްޠީނަށް އ.ދ. ގެ ނޮން-މެމްބަރ އޮބްޒަރވަރ ދައުލަތެއްގެ ދަރަޖަ ދިނުމަށް ފާސްކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ފަލަސްޠީންގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާހަށް ތަހުނިޔާ ވިދާޅުވެ ސިޓީފުޅެއް ފޮނުއްވައިފިއެވެ. މިސިޓީފުޅުގައި، މިއުފާވެރި މުނާސަބަތުގައި، ފަލަސްޠީނުގެ ރައީސަށާއި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ހޫނު މަރުޙަބާއެއްވެސް ވިދާޅުވެފައިވެއެވެ. އ.ދ. ގެ މި ނިންމުމާ ގުޅިގެން އ.ދ. ގެ ފުރިހަމަ މެންބަރަކަށްވުމަށް ފަލަސްޠީނުން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބި، އެކަމަށް މަގުފަހިވެގެން ހިނގައްޖެކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އ.ދ. ގެ އާންމު މަޖިލީހުން އިއްޔެ ފާސްކުރި މި ޤަރާރަށް ދިވެހިރާއްޖެއިން ތާއީދުކުރީ ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ޙައްޤު ފަލަސްޠީނަށާއި އެޤައުމުގެ ރައްޔިތުންނަށް ލިބެންޖެހޭނެކަމަށް ދެކޭތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އަދި ފަލަސްޠީނަށް އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް، ފަލަސްޠީނާ އެއްކޮޅަށް ތެދުވުމަކީ، ތަހުޒީބުވެފައިވާ ކޮންމެ ޤައުމެއްގެ ވާޖިބެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.