بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

މާފުށީގެ ލޮބުވެތި ރައްޔިތުން، އަދި މިރަށުގެ ރަށު ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް އަދި ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު އިބްރާހީމް ރިޒާ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

އާދެ! އަޅުގަނޑުގެވެސް ފުރަތަމަ ވާޖިބަކީ، މިރަށަށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަޅުގަނޑުމެން އައިއިރު، އަޅުގަނޑަށާއި އަޅުގަނޑުގެ ޓީމަށް ތިޔަ ލޮބުވެތި ރައްޔިތުން، މިރަށުގެ ކުދިބޮޑު އެންމެހާ ބޭފުޅުން ދެއްވި ހޫނު ތަރުޙީބަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ އަޑިން ޝުކުރު ދެންނެވުން.

އާދެ! މިރަށަށް އަޅުގަނޑަށް ނާދެވޭތާ ދުވަސްކޮޅެއް ވުމަށްފަހުގައި މިއާދެވުނީ. އަޅުގަނޑަށް މިރަށަށް އައުމުން ފާހަގަކުރެވުނީ، މިރަށަކީ މިއީ ރާއްޖޭގެ އެހެން ރަށްރަށާ ވަރަށް ތަފާތު، އާދަޔާ ޚިލާފު ރަށެއް ކަމަށް. ފުރަތަމަ ކަމަކީ މިރަށަކީ، މިރަށުގެ ރައްޔިތުން އެހެން މީހުންނަށް ވަރަށް ކަމޭހިތައި، މެހްމާންދާރީ އަދާކުރާ، މީހުންދެކެ ލޯބިވާ ރައްޔިތެއް ތިބި ރަށެއްކަން. އެހެންވީމާ، މިރަށުގެ އާބާދީއަކީ ރަސްމީގޮތުން އެންމެ ފަނަރަސޭތަކަ ކަމުގައިވީ ނަމަވެސް، މިރަށުގައި ގާތްގަނޑަކަށް ހަތަރުހާހެއްހާ މީހުން އެބައުޅޭ. މިއީ ވަރަށް މަދު ރަށެއްގައި ނޫނިއްޔާ ވާކަމެއް ނޫން. އެހެން އެ ވާންޖެހެނީ، މިރަށުގެ ރައްޔިތުން، އެހެން މީހުންނަށްދޭ ތަރުޙީބެއްގެ ބޮޑުކަމުން. އަޅުގަނޑު އެއްގޮތަކަށްވެސް ޙައިރާނެއްނުވޭ، މިރަށުގައި އެހާ ގިނަ ރައްޔިތުން، އެހާ ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެން ބޭނުންވާތީ. އަދި މިއަދު އަޅުގަނޑަށް މަޢުލޫމާތު ލިބުނު ގޮތުގައި، މިހިސާބުގަނޑުގެ އެހެން ރަށްރަށުގެ މީހުންވެސް ހަމަ އެބަ ބޭނުންވޭ އައިސް މިރަށުގައި އުޅެން. މިކަމުގެ ސިއްރު އަދި މުޅިން އަޅުގަނޑަށް ނޭނގެނީކަންނޭނގެ. އެހެން ނަމަވެސް، އަޅުގަނޑަށް ދޭހަވާ އެއްޗަކީ ހަމަ ޔަޤީނުންވެސް މިއީ އާދަޔާ ޚިލާފު ރަށެކޭ.

ކޮންމެއަކަސް އަޅުގަނޑަށް މިރަށުގެ ކައުންސިލާ މިއަދު ހެނދުނު ބައްދަލުކޮށް ވާހަކަ ދެއްކުމުން ދޭހަވީ، މިރަށަށްޓަކައި އަޅުގަނޑުމެން އަލުން ވިސްނުމަކުން ވިސްނައި، އެހެން ގޮތަކަށް ޚިޔާލުކުރަން އެބަޖެހޭކަން. ފުރަތަމަ ކަމަކީ މިރަށް މިއޮތީ ފުރި ބާރުވެފައި. މިރަށުގައި ދެން ނެތް، އިތުރަކަށް އިތުރު ގޯތިތަކެއް ދޭނެ މާބޮޑު ތަނެއް. އެހެން ނަމަވެސް،ފައްސަތޭކައެއްހާ މީހުން އެބަތިބި ގޯއްޗަށް އެދިފައި. އަނެއްކޮޅުން މިރަށަކީ މިއީ ފަތުރުވެރިކަމުގެ ދާއިރާގައި، މުޅިން އާ ތަޖުރިބާއެއް ކުރަމުންދާ ރަށެއް. މިރަށުގައި އެބަތިބި ގާތްގަނޑަކަށް ސަތޭކަ ހަތްދިހައެއްހާ ޓޫރިސްޓުން. މިއީކީ މީހުން އުޅޭ އެހެން އެއްވެސް ރަށެއްގައި ވާކަމެއް ނޫން. މިރަށުގައި ވަރަށްގިނަ ގެސްޓްހައުސްތައް އެބަހުރި. އަދި ހަމައެހެން، ވަރަށް ކުރިއްސުރެ މިރަށަކީ މިއީ ޕެނިޓެންޝަރީގެ ޢިމާރާތްތަކެއް ހުރި އަދި ވަރަށްގިނަ ޢަދަދެއްގެ ޤަޢިދީން ބަލަހައްޓަމުން ގެންދާ ރަށެއް. މި ތަފާތު ސަބަބުތަކަށްޓަކައި މިރަށް މިވަނީ ވަރަށް އާދަޔާ ޚިލާފު، ވަރަށް ތަފާތު، ވަރަށް މުހިންމު ރަށަކަށް. ވީމާ، އަޅުގަނޑުމެން އެބަޖެހޭ، މިރަށާ ދޭތެރޭގައި އަލުން ވިސްނުމަކުން ވިސްނަން.

އާދެ! އެންމެފަހުން ދެންނެވި ކަންތަކާ ބެހޭގޮތުން އަޅުގަނޑު އެއްޗެއް ދަންނަވާނަން. ތިޔަ ބޭކަލުންނާއި ބޭކަނބަލުން މިރަށުގައި، ރާއްޖޭގެ އެތަން މިތަނުން ގެންނަ ކުށްކުރާ މީހުން ބައިތިއްބައިގެން، އެމީހުން ބެލުމުގެ ކަންތައް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ. ޕެނިޓެންޝަރީގެ މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ، މިރަށުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ މީހުން. އެކަމަކީ އެއީ ވަރަށްބުރަ މަސައްކަތެއް. ވަރަށް އުނދަގޫ އަދި ބައެއްފަހަރަށް ނުރައްކާތެރިވެސް މަސައްކަތެއް. އެހެން ނަމަވެސް، އެކަން ކުރައްވަމުން ތިގެންދަވަނީ، އެއްވެސް ޝަކުވާއެއްނެތި. އަޅުގަނޑު ދަންނަވާނީ، ހަމަ އަޅުގަނޑުމެން، މުޅި މި ރާއްޖޭގެ އެންމެންވެސް މިރަށުގެ ރައްޔިތުންނަށް ޝުކުރުވެރިވާންޖެހޭފަދަ ގޮތަކަށް.

އެހެން ނަމަވެސް، މިހާތަނަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މާފުށީ ޖަލުގެ ޕެރިމީޓަރުގެ ފާރެއްވެސް ނުހުރޭ. އަޅުގަނޑު ކުއްލިއަކަށް ޙައިރާންވެގެން ދިޔައީ، އެވާހަކަ އިވުނީމާވެސް. އެހެންވީމާ، ފުރަތަމަ ކަމެއްގެ ގޮތުގައި މިއަހަރު އަޅުގަނޑުމެން މިއުޅެނީ، މި ޖަލުގެ ޕެރިމީޓަރ ފާރުލައި، އެތަނަކީ ސެކިއޯ ތަނަކަށް ހެދުން. އެމަސައްކަތް އިރާދަކުރެއްވިއްޔާ، މިއަހަރު ފެށޭނެ. މިދެންނެވީ އަންނަ އަހަރު، 2013 ވަނަ އަހަރު، ދެން މިއަހަރު، 2012 ނިމެނީ މި. އެހެންވީމާ، 2013ގެ ބަޖެޓްގައި، ޕެނިޓެންޝަރީގައި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތަކެއް، މާފުށީގައި އެބަހުރި. އެގޮތުން، އެތާ ފާރުލުމާއި އަދި އެތާނގެ ބެކަޕް ޖަނަރޭޓަރ ހަރުކުރުމާއި، މިހެންގޮސް އެތާނގެ ޢިމާރާތުގެ ބައެއް މަސައްކަތާއި، މިހެންހުރި ޢިމްރާނީ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި، އެތަނަށް ކުރަންޖެހޭ. އޭގެ ސަބަބުން ކޮންމެވެސްވަރަކަށް ރަށުގެ ތެރޭގައި މަސައްކަތްކުރާ ގްރޫޕްތަކަށް އިތުރު މަސައްކަތް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ދެން އަލުން ވިސްނަވައްޗޭ އަޅުގަނޑު މިދެންނެވީ، އަޅުގަނޑަށް މިރަށުން މަޢުލޫމާތު ލިބުނު ގޮތުގައި، ކޮންމެވެސްއިރެއްގައި ވާހަކަ ދެކެވިފައި މިއޮތީ، މިރަށް ބޮޑުކުރުމުގެ ވާހަކަ. އެހެންވީމާ، އެކަމާ އެބަޖެހޭ އަޅުގަނޑުމެން އަލުން ވިސްނަން. ކޮންމެއަކަސް މިހާރު އަޅުގަނޑުމެންނަށް ފެންނަން ހުރި ޕްލޭންތަކުގެ ތެރޭގައި، އެކަމެއް ހިމެނިފައެއް ނެތް. އަދި އަންނަ އަހަރުގެ ބަޖެޓްގައިވެސް އެކަން ހިމަނާފައެއް ނެތް. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، އަލުން ވިސްނުމަކަށް ދާން އެބަޖެހެއޭ. އަޅުގަނޑުމެން ބަލާނަން. މިތާނގައި އެބަ އިންނެވި ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ. އެހެންވީމާ، އެ މިނިސްޓްރީގެ އެހީތެރިކަމާއި އަދި އެންވަޔަރަންމަންޓް މިނިސްޓަރުވެސް އެބަ އިންނެވި. އެބޭފުޅާގެވެސް އެހީއާ އެކީގައި އަޅުގަނޑުމެން ބަލާނަން، މި ރަށް ބޮޑުކުރެވެން އޮތީ ކިހިނެއްތޯއާއި، އެކަން ކުރެވޭނީ ކޮންއިރަކުންތޯއާ. މިކަންކަން ބެލުމަށްފަހުގައި، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދަންނަވާނަން، އިރާދަކުރެއްވިއްޔާ، ދެން މިކަމުގައި ކުރިއަށް ދެވޭނެ ގޮތެއް. އެއީ މިކަހަލަ ކަމެއްގެ ވާހަކަ ދަންނަވަންޖެހޭނީ، އެކަން ރަނގަޅަށް ބަލާފައި. އަޅުގަނޑު ހަމަ މިތާ ހުރެފައި، އާނ މިކަން ކޮށްދޭނަމޭ އަދި ބުންޏަސް، އެކަން ނުވުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، އެކަން އަޅުގަނޑު ރަނގަޅަށް ދިރާސާކޮށްފައި، އަޅުގަނޑު ބަލާނަން އެކަން ކުރެވެން އޮތީ ކިހިނެއްތޯ. ދެން އަދި މިރަށުގައި ތިބި ރައްޔިތުންގެ ތެރެއިން ގޯތި ނެތް މީސްމީހުންނަށް، ގެދޮރު ލިބޭނެގޮތެއް ރޭވުމާއި އަދި މިރަށަށް އަންނަން ބޭނުންވާ މީހުންނަށްވެސް، އެކަން ފަހިވާނެގޮތެއް އެއީ އަޅުގަނޑުމެން ހޯދަންޖެހޭ ކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

އާދެ! ދެން ދެންނެވީ، މިރަށަކީ މިއީ ފަތުރުވެރިކަމުގެ ގޮތުން، އާ ތަޖުރިބާތަކެއް ކުރަމުންދާ ރަށެއްގެ ވާހަކަ. އެއީ ވަރަށް މުހިންމު ތަޖުރިބާއެއް، މިރަށުން ލިބެމުން މިދަނީ. ރާއްޖޭގެ އެއްވެސް ރަށެއްގައި، މިރަށާ އެއްފެންވަރަކަށް އަދި އެ ރަށެއްގެ ރައްޔިތުންނާއި ފަތުރުވެރިންނާއެކީގައި ދިރިއުޅެމަކުން ނުދޭ. މިރަށުގައި ގިނަ ޢަދަދެއްގެ ފަތުރުވެރިން މިހާރު ދިރިއުޅެމުންދާއިރުގައި، އެކަން ދެން ބައްޓަންވެގެންދާނެ ގޮތް އެއީ އަޅުގަނޑުމެން ވަރަށް ކައިރިން ބަލަންޖެހޭ ކަމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑަށް ލަފާކުރެވޭގޮތުގައި، މިމަސައްކަތުން ފުދޭވަރެއްގެ އާމްދަނީއެއް ރަށަށް މިހާރު ވަންނާނެ. އެކިއެކި ގެސްޓްހައުސްތަކަށް. ދެން އެކަން އެހެން އޮތް ކަމުގައިވިނަމަވެސް، ފަތުރުވެރިކަމުން މިރަށަށް ލިބޭ ފައިދާއަކީ، ހަމައެކަނި އެއީތޯ، ނޫނީ އެއަށްވުރެ ރަނގަޅަށް އެކަން ރޭވިގެން، މިރަށަށްވެސް އިތުރު ފައިދާކުރާ ގޮތަކަށް، އެމަސައްކަތް ކުރެވިދާނެތޯ، އަޅުގަނޑުމެން އެބަޖެހޭ ވިސްނަން. އެހެންވީމާ، މިތާ އެބަ އިންނެވި، އަޅުގަނޑުމެންގެ ޓުއަރިޒަމް މިނިސްޓަރުވެސް. އަޅުގަނޑު ބޭނުން، މިރަށުގެ ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއަށް ދިޔުމުގައި، މިހާރަށްވުރެ ރަށަށް ފައިދާހުރި ގޮތަކަށް، އެކަން ކުރެވޭނީ ކިހިނެއްތޯ ބަލަން. އާމްދަނީއެއްގެ ގޮތުން، މިރަށަށް އެއްޗެއް ލިބިގެން، ރަށުގައި ހުރި އެހެން ކަންކަން ރަނގަޅު ކުރެވޭނީވެސް. ގިނަ ޢަދަދެއްގެ ބޭރުގެ ޢިއްޒަތްތެރިން މި ރާއްޖެއަށް އަންނައިރުގައި، އެމީހުންނަށް ފަސޭހަވާނެ ކަންތައްތަކެއްވެސް ހުންނަންޖެހޭނެ. އެގޮތުން، މިރަށުގައި މިސާލަކަށް، ސަތޭކަ ނޫނީ ދުއިސައްތަ ފަތުރުވެރިން އުޅޭ ކަމަށްވާނަމަ، އެމީހުންނަށް ބޭނުންވާ ބައެއް ކަންތައްތައްވެސް މިރަށުގައި އެބަޖެހޭ ރޭވެންވެސް. އަޅުގަނޑަށް ފެނޭ، ވަރަށް ރީތިކޮށް ހަދާފައި ހުރި ކުޑަކުޑަ ފަރުބަދައަކާ، މިކަހަލަ ތަންތަންވެސް އަތިރިމަތީގައި ހުއްޓާ. އެއީ މިރަށުގެ ޒުވާނުން ހަމަ ވަރަށް އަމިއްލައަށް، އޭގައި އިސްނަގައިގެން ހަދާފައި ހުންނަ ވަރަށް އުފެއްދުންތެރި ތަންތަން. ހަމަ އެ ވިސްނުން އަދި ތަންކޮޅެއް މައްޗަށް ގެންގޮސް، އެއަށްވުރެވެސް ރީތި ތަންތަން ހަދައި، މިރަށަކީ ފަތުރުވެރިން އައިސް، މިހާރަށްވުރެވެސް ބޮޑަށް މިރަށުގެ ހިތްފަސޭހަކަން ލިބޭ ތަނަކަށްވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް ހުރެދާނެ.

އެހެންވީމާ، އެކަންކަން އަޅުގަނޑުމެން ބަލައި އެބަޖެހޭ އެގޮތަށް ކަންތައް ކުރަން. ދުނިޔޭގައި އެބަހުރި ކުދިކުދި ރަށްރަށް، މިގޮތަށް ޓުއަރިސްޓުން ގޮސް، އެރަށެއްގެ ޢާއިލާތަކާއި އާބާދީއާ އެކީގައި ދިރިއުޅޭ ތަންތަން. އެތަންތާނގައި ފަތުރުވެރިކަން ކުރިއަށް ގެންގޮއްސަ ހުރިގޮތް އަޅުގަނޑުމެން ބަލައިލާން އެބަޖެހޭ. ބެލުމަށްފަހުގައި އެތަންތާނގައި ޓުއަރިސްޓުން އުޅުމަށްޓަކައި ހެދިފައި ހުންނަ ގަވާއިދުތަކާއި، މިންގަނޑުތަކާއި އަދި އެމީހުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ކުރާ ކަންތައްތަކާ، މިކަންކަން ދެނެގަނެގެން، އަލުން އެބަޖެހޭ މި މާފުށްޓަކީވެސް މިއީ ފަތުރުވެރިން ވަރަށް އުފަލާއެކީގައި، އަޅުގަނޑުމެންގެ ރައްޔިތުންނާއެކީގައި އުޅޭ ތަނަކަށް ހެދުމަށްޓަކައި ކުރަންހުރި ކަންތައްތައް ކުރަން. މިކަންތައްތައް ކުރެވޭނީ، އާމްދަނީއެއް ލިބިގެން. އެ އާމްދަނީ ހޯދޭނެ ގޮތެއް އަޅުގަނޑުމެން އެބަޖެހޭ ވިސްނަން.

ދެން ހަމަ އެއާއެކީގައި، އަޅުގަނޑުމެން އެންމެން މިހާރުއްސުރެ ވިސްނަންޖެހޭ ކަމެއް، މާފުށީގެ ގެސްޓްހައުސްގެ ފަތުރުވެރިކަންދާ ގޮތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށްބޮޑު އަސަރެއް ކުރާނެ. މިރަށުގައި މި ފަތުރުވެރިކަން ކާމިޔާބުކޮށް ކުރެވިއްޖިއްޔާ، ރާއްޖޭގައި މީހުން އުޅޭ އެހެން ރަށްރަށުގައިވެސް މިމަސައްކަތް، ކާމިޔާބާ އެކީގައި ކުރެވޭނެ. އެކަމަކު މިރަށުގެ ތަޖްރިބާއަކީ، ހިތި ތަޖްރިބާއަކަށް ވެއްޖިއްޔާ، އެމަސައްކަތް އެހެން ތަންތަނަށްދާން ވަރަށް އުނދަގޫވާނެ. އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއްކަމަކީ، ބޭރުގެ ފަތުރުވެރިން އައިސް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުޅޭއިރުގައި، އަޅުގަނޑުމެންގެ އާބާދީއާ އެކުވެ، އޭގެ ސަބަބުން ނުކުމެދާނެ ނޭދެވޭ ނަތީޖާތަކެއްވެސް ހުރުމަކީ އެކަށީގެންވާ ކަމެއްކަން އަޅުގަނޑުމެން މިހާރުއްސުރެ ދެނެގަނެގެން، އެކަމަށްޓަކައި ސަމާލުވެ ތިބުން. މިހާތަނަށް ރާއްޖޭގައި ފަތުރުވެރިން މިއުޅެނީ، ވަކިވަކިން ހުންނަ ރަށްތަކެއްގައި. ވަން އައިލެންޑް، ވަން ރިޒޯޓްގެ ކޮންސެޕްޓް އަޅުގަނޑުމެން ބޭނުންކުރަމުން މިގެންދިޔައީ. އެހެން ނަމަވެސް، މިރަށުން އަޅުގަނޑުމެންނަށް މިފެންނަނީ، ތަފާތު މޮޑެލްއެއް. މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައި އެކަން އޮންނަގޮތް. އެހެން ނަމަވެސް، ރާއްޖެއަށް މިކަމަކީ އާކަމެއްނޫން. ވީމާ، އަޅުގަނޑުމެން އެބަޖެހޭ، ދުނިޔޭގެ އެހެން ޤައުމުތަކުން އެކަން ކުރުމުގައި، އެމީހުން، އެމީހުންގެ މުޖްތަމަޢަށް، އެމީހުންގެ އާބާދީއަށް ފައިދާކުރަނިވި ގޮތެއްގައި އެކަން ކުރަނީ ކިހިނެއްތޯ ބަލައި، އެގޮތަށް އަޅުގަނޑުމެންވެސް ކަންކަން ބައްޓަން ކުރަމުން ގެންދަން.

އާދެ! މިކަން ކުރުމުގައިވެސް ސަރުކާރުގެ ފަރާތުންވެސް އެހީތަކެއް ތިޔަބޭފުޅުންނަށް ބޭނުންވާ ކަމަށް އަޅުގަނޑަށް މިއަދު ފާހަގަކުރެވުނީ. އެއީ މިސާލަކަށް ދަންނަވަންޏާ، މިރަށުގައި އުޅޭ ސަތޭކަ، ދުއިސައްތައެއްހާ ޓުއަރިސްޓުންނަކަށް، މިރަށުގައި މޫދަށް އެރެވޭނެ ގޮތެއް ހަމަޖެހިފައެއް ނެތް. އެހެން ނަމަވެސް، ފަތުރުވެރިން މިއަންނަނީ މޫދަށް އެރުމަށްޓަކައި. ބީޗަށް ދިޔުމަށްޓަކައި ދިވެހިރާއްޖެއަށް އަންނަނީ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އެކަމަށްޓަކައި ގޮތެއް ހޯދަން. ދެން މިއަދު ކައުންސިލްގެ މަޝްވަރާގައި ވިދާޅުވީ، ތިމަންނަމެންނަށް މިތަނުން ކައިރިން ފިނޮޅެއް ނަމަވެސް، ފަޅުރަށެއް ނަމަވެސް، ކުޑަ ރަށެއް ލިބިއްޖިއްޔާ، މިކަމަށް ޙައްލެއް ހޯދިދާނޭ. އެއީ ވިޔަފާރީގެ ނަޒަރަކުން ބެއްޔަސް އަދި އިޖްތިމާޢީ ނަޒަރަކުން ބެއްޔަސް، އަޅުގަނޑަށް ހީވަނީ އެއީ ރަނގަޅު ވާހަކައެއްހެން އެ ދައްކަވަނީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ވިސްނައި، އޭގައި ރަނގަޅު ގޮތެއް ފެނޭތޯވެސް މަސައްކަތް ކުރަން. މިކަހަލަ ކަންތައްތަކެއް އެބަހުރި އަޅުގަނޑުމެން ކުރަން، މިބާވަތުގެ ފަތުރުވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި. އެކަމުގައި ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެން ޙައްލެއް ފެނޭތޯ އަދި އަޅުގަނޑުމެންނަށް ވެވެންހުރި އެހީތަކެއްވެސް ވެދޭނެ ވާހަކަ އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ! ދެން ތިޔަ އެދިވަޑައިގެންނެވި ފަދައިން، އަޅުގަނޑު މަސައްކަތް ކުރާނަން، ބޭންކުގެ ކޮންމެވެސް ޚިދުމަތެއް މިރަށުގައި ދެވޭނެގޮތެއްވޭތޯ. އެހެންވީމާ، ބޭންކް އޮފް މޯލްޑިވްސްގައި ދަންނަވައިގެން، އެންމެ ކުޑަވެގެން ނަމަވެސް، އޭ.ޓީ.އެމް.އެއް ބެހެއްޓޭތޯ މިރަށުގައި ބެހެއްޓޭވަރު ކުރެވޭތޯ. ނޫނީ ބޭންކުގެ ޚިދްމަތް، އެހެން ގޮތަކުން ނަމަވެސް މިރަށުގައި ދެވޭތޯ މަސައްކަތް ކުރާނެ ވާހަކަވެސް އަޅުގަނޑު ދަންނަވަން.

އާދެ! ދެންމެގައި މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ވާހަކަފުޅު ދެއްކެވިއިރުގައި ވިދާޅުވި، މިރަށަކީވެސް މިއީ ވަކި ކުލައެއް ނޫންވީމާ އަޅާނުލެވި އޮތް ރަށެކޭ. އިރާދަކުރެއްވިއްޔާ، ދެނެއް އެހެނެއް ނުވާނެ. އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން. ހަމަ ހުރިހާ ރަށަކަށްވެސް، ކޮންމެ ކުލައެއްގެ، ކޮންމެ ޕާޓީއެއްގެ ބަޔަކު ތިބި ކަމުގައިވީނަމަވެސް، އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ، އިރާދަކުރެއްވިއްޔާ، ހުރިހާ އެންމެންނަށްވެސް ހަމަހަމަކަމާ އެކީގައި، ދައުލަތުގެ ފަރާތުން ކަންތައް ކޮށްދެވޭތޯ. އެހެންވީމާ، އަޅުގަނޑު ވަރަށް ޔަޤީންކަމާ އެކީގައި، ތިޔަބޭފުޅުންނަށް ދަންނަވަން. ﷲ އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ކަންކަމުގައި، މިރަށަށް، މިރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި، އަޅުގަނޑުމެން އެހެން އެއްވެސް ރަށަކާ ތަފާތު ކުރުމެއްނެތި، ހަމަހަމަކަމާ އެކީގައި، އިންޞާފުވެރިކަމާ އެކީގައި، އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންތައް ކޮށްދިނުމުގައި، ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނަން.

އާދެ! އަދިވެސް އެއްފަހަރު، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިއަދު އަޅުގަނޑުމެން މިރަށަށް އައުމުން، ވަރަށް ހޫނު ތަރުޙީބެއް ދެއްވައި، އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވުމަށްޓަކައި، އަޅުގަނޑުމެންނާ ބައްދަލުކުރައްވަން ކުދިބޮޑު އެންމެހާ ބޭފުޅުން ނުކުމެވަޑައިގަތީތީ. އަޅުގަނޑު އެންމެ ބޮޑަށް ހިތްހަމަޖެހޭ އެއްކަމަކީ، ރައްޔިތުންނާ ބައްދަލުކުރުން. އެހެންވީމާ، ތިޔަބޭފުޅުންނަށްވެސް ފާހަގަކުރެއްވޭނެ، އަޅުގަނޑު ރަށަކަށް އައުމުން ވަރަށްގިނަ ވަގުތު ބަލަނީ، އަޅުގަނޑާ ބައްދަލުކުރައްވަން ވަޑައިގަންނަވާ ބޭފުޅުންނާ އެކީގައި ޙާލު އަޙުވާލު އަހާލުމަށްޓަކައި ވަގުތުކޮޅު ހޭދަކުރެވޭތޯ. އެހެންވީމާ، ޚާއްޞަކޮށް، ތިޔަބޭފުޅުން، ޒުވާނުން، ތުއްތު ކުދިންވެސް ގެންނަވައިގެން، އަޅުގަނޑުމެންނާ ބައްދަލުކުރެއްވީތީ، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް ރަޙްމަތް ލެއްވުން. އަދި ތިޔަ ހުރިހާ ބޭފުޅުންނަކީވެސް ހިތްފަސޭހަކަމާ އެކީގައި، ދުޅަހެޔޮކަމާ އެކީގައި، އުފާވެރިކަމާ އެކީގައި ދިރިއުޅުއްވާ ރައްޔިތެއް ކަމުގައި ލެއްވުން.


والســّلام عليــكم ورحـمــة اللّـه وبـركاتـه