ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި އެންމެ ބޮޑަށް ބައްލަވަނީ، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ހާލުއަހުވާލު ބައްލަވާލެއްވުމަށް، ރައްޔިތުންނާ އެކީގައި ވަގުތު ހޭދަކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލެއަތޮޅު މާފުށްޓަށް މިއަދު ކުރެއްވި ޒިޔާރަތުގައި، މިއަދު ހަވީރު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާފުށީގެ ރައްޔިތުންނަކީ އެހެން މީހުންނަށް ކަމޭހިތައި، މެހްމާންދާރީ އަދާކުރާ، އަދި މީހުންދެކެ ލޯބިވާ ރައްޔިތަކު ދިރިއުޅުއްވާ ރަށެއްކަން ބަޔާންކުރައްވަމުން، މިއީ ވަރަށް މަދު ރަށެއްގައި ނޫނީ ވާނޭ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. ރަށުގެ އާބާދީއަކީ ރަސްމީ ގޮތުން އެންމެ ފަނަރަސަތޭކަ ކަމަށްވިޔަސް، ރަށުގައި ގާތްގަނޑަކަށް ހަތަރުހާހެއްހާ މީހުން ދިރިއުޅޭކަން އެއީ، ރަށުގެ ރައްޔިތުންދޭ ތަރުޙީބުގެ ބޮޑުކަން ފެނިގެންދާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާފުށްޓަކީ ފަތުރުވެރިކަމުގެ ދާއިރާގައި މުޅިން އާ ތަޖުރިބާއެއް ކުރަމުންދާ ރަށެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ރަށުގައި ސަތޭކަ ހަތްދިހަ ފަތުރުވެރިން އެބަތިބި ކަމުގައި ވިދާޅުވިއެވެ. މިއީ، މީހުން އުޅޭ އެހެން ރަށަކުން ފެންނަ ކަމެއް ނޫން ކަމަށާއި، ރަށުގައި ގިނަ ޢަދަދެއްގެ ގެސްޓްހައުސްތައް ހުރިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަތުރުވެރިކަމުން ރަށަށް ލިބޭ ފައިދާ އިތުރުވާ ގޮތަކަށް، އެކަން ކުރެވޭނެ ގޮތެއްވެސް ބައްލަވަން ބޭނުންފުޅުވާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ފަތުރުވެރިންނަށް ބޭނުންވާ ކަންކަން ރާވަންޖެހޭ ކަމަށާއި، ފަތުރުވެރިންނަށް އިތުރު ހިތްފަސޭހަކަން ލިބިދިނުމަށްޓަކައި ކުރެވެން ހުރި ކަންތައްތައްވެސް ބަލައި، ދެނެގަނެ، މާފުށްޓަކީވެސް ފަތުރުވެރިން ވަރަށް އުފަލާ އެކީގައި، ރަށުގެ ރައްޔިތުންނާ އެކީގައި އުޅޭ ތަނަކަށް ހަދަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، މާފުށީގައި މިކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ، އެހެން ރަށްރަށުގައިވެސް މިކަން ކާމިޔާބުކަމާއެކު ގެންދެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުން މިކަން ކުރާގޮތް ބަލައި، އެގޮތަށް މި މަސައްކަތް ކުރެވޭތޯވެސް ބަލަންޖެހޭ ކަމަށް ރައީސލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާފުށީ ޖަލު ބެލެހެއްޓުމުގެ ވަޒީފާގައިވެސް މާފުށީގެ ގިނަ ޢަދަދެއްގެ މީހުން އެބަ ތިބިކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ރައްކާތެރިކަމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުން، މާފުށި ޖަލުގެ ވަށާފާރުލުމުގެ މަސައްކަތާއި، ޢުމްރާނީ ބައެއް މަސައްކަތްތައް، އަންނަ އަހަރު ފެށޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މާފުށި ބޮޑުކުރުމުގެ ޚިޔާލާ ދޭތެރޭގައިވެސް އަލުން ވިސްނުމަކަށް ދާންޖެހޭ ކަމަށް ވިދާޅުވެ، ކަމާބެހޭ ފަރާތްތަކުގެ ދިރާސާއަށްފަހު، އެކަން ކުރެއްވެން އޮތް ގޮތެއް އޮތްތޯ ބައްލަވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ރަށުން ގޯތި ދެވެން އޮތް ގޮތަކާ ދޭތެރޭގައިވެސް ވިސްނާވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.