ގަލޮޅު މަދްރަސާ ޕްރައިވަޓައިޒް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމެވުމާ ގުޅިގެން ކުރިމަތިވެދާނެ މައްސަލަތައް، އެ މަދްރަސާގެ އިސްވެރިންނާއި، އެ އަވަށުގެ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ޙިއްޞާ ކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، ގަލޮޅު މަދްރަސާގެ އިސްވެރިންނާއި، އެ އަވަށުގެ އިސްބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ގަލޮޅު މަދްރަސާއަކީ، ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން ހަދައި، ހިނގަމުންދާ ތަނެއް ކަމަށާއި، އެހެންކަމުން، މަދްރަސާއާ ގުޅޭ ކަމެއްގައި، އެއްވެސް ނިންމުމެއް ނިންމަންވާނީ، ރައްޔިތުން އެދޭގޮތަށް ކަމުގައި ވިދާޅުވިއެވެ. ޕްރައިވަޓައިޒް ކުރުމަކީ ތަރައްޤީއަށްޓަކައި މުހިންމު ކަމެއް ކަމަށްވީނަމަވެސް، ޕްރައިވަޓައިޒް ކުރުމުން ނުކުންނާނެ ނަތީޖާއާ ދޭތެރޭގައިވެސް ވިސްނަންޖެހޭކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އެ މަދްރަސާގެ ޕްރީސްކޫލްގައި ވަރަށްގިނަ ޢަދަދެއްގެ ކުދިން ކިޔަވަމުންގެންދާ ކަމާއި، ކުއްލިއަކަށް މިކަހަލަ ބަދަލެއް އައުމަކީ، އެކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމުގައިވެސް އެބޭފުޅުން ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގަލޮޅު މަދްރަސާއަކީ ވަރަށްގިނަ ބައެއްގެ ޙިއްޞާ އޮވެގެން އުފެދުނު މަދްރަސާއެއް ކަމަށާއި، އަވަށުގެ ރައްޔިތުން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މި މައްސަލަ ޙައްލު ކުރުމުގައި ޤާނޫނީގޮތުން ބަލަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެކަންކަން ބައްލަވައި، މިކަމުގައި ކުރިއަށް ދެވެން އޮންނާނެ ގޮތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯއްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާޞިމް އަޙްމަދާއި، އެޓަރނީޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރ، ޕޮލިޓިކަލް އެފެއާޒް އަލްފާޟިލް އަޙްމަދު ތައުފީޤާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑޮކްޓަރ އަޙްމަދު ޝުކުރީ ޙުސައިން ބައިވެރިވެވަޑައިގެންނެވިއެވެ.