މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އުވާލައްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން މި އުވާލެއްވީ، އައު ޤާނޫނުއަސާސީގެ ފަހުން ވުޖޫދަށް އައި ބައެއް ޤާނޫނުތަކާ ގުޅިގެން އުފެދިފައިވާ ބައެއް މުއައްސަސާތަކުގެ މަސައްކަތްތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަނުން ކުރައްވަމުން ގެންދެވި ބައެއް މަސައްކަތްތައް ހިމެނޭތީ، ސަރުކާރުގެ ވަކި އިދާރާއެއް ޤާއިމުކުރައްވައިގެން ކުރައްވަން އެކަށީގެންވާހާ ފުޅާ ދާއިރާއެއްގެ މަސައްކަތްތަކެއް، އެ ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ތެރޭގައި މިހާރު ނެތުމާއި، އެ ޑިޕާޓްމަންޓުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް، ކަމާ ގުޅުންހުރި ސަރުކާރުގެ އެހެން މުއައްސަސާތަކުން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖެއްސެވުމުން، ސަރުކާރުގެ ޚަރަދުތަކަށް ލުޔެއް ލިބިވަޑައިގަންނަވާނެ ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އުވާލެއްވުމާ ގުޅިގެން، އެ ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގެ މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީ ކުރުމާއި، މީޑިއާގެ ދާއިރާ ތަރައްޤީ ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، އެ ދާއިރާ ތަރައްޤީ ކުރުމަށް މަގުފަހިކޮށްދިނުމުގެ މަސައްކަތާއި، ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރާބެހޭ މަސައްކަތާއި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފުތަރު ކުރުމުގެ މަސައްކަތާއި، މީޑިއާގެ ރޮނގުން ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެ ތަމްސީލު ކުރުމާބެހޭ މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖައްސަވާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުންނެވެ. އަދި އެ ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގައި ހިނގާ ކަންކަމާ ގުޅޭގޮތުން ރާއްޖެއިން ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ފޮނުއްވަންޖެހޭ މަޢުލޫމާތު ފޮނުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖައްސަވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންނެވެ.