ތުރުކީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ ސަރޕިލް އެލްޕްމަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ތުރުކީއާ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަކުރައްވައި، އެގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ތުރުކީން އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ތުރުކީން ރާއްޖެއަށް ވައިގެ ދަތުރުތައް ފެށިގެން ދިޔުމަކީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.